Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދެއަތަށް ކިރިވަޑައިނުގެން ޤާސިމްވެސް ރައްޔިތުންގެ ކޮޅު ނަންގަވާށެވެ.

އިންތިޙާބް ތަކުގައި އެންމެ ބޮޑު ތާއީދާއި އެންމެ ގިނަ ވޯޓު ލިބެނީ އެންމެ އިޙްލާސްތެރި ކެންޑިޑޭޓަކަށް ނޫނެވެ. އަދި އެންމެ ރަނގަޅު ވާހަތަކެއް ދައްކައި، އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކެންޑީޑޭޓަކަށް ވެސް ނޫނެވެ. މި އަހަރުގެ ރިއާސީ އިންތިޙާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ދިވެހި ރައްޔިތުންނަށް އެންމެ މުހިއްމު ވާހަކަތަކެއް ދައްކަވަނީ އުމަރު ނަސީރެވެ! އެއީ އިންޑޮއާގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރަން ޖެހޭ ވާހަކައާއި، ގޭންގްތައް ރޫޅާލާނެ ވާހަކައާއި، މަސްތުވާ ޑްރަގުން ރާއްޖެ ސަލާމަތް ކުރާނެ ވާހަކައާއި، އިސްލާމީ ޝަރީއަތް ޤާއިމްކޮށް، ޤިސާސް ހިފާނެ ކަމާއި މިފަދަ އެތައް ވާހަކަ ތަކެކެވެ. ދިވެއްސަކަށް ވީތީ، ނުވަތަ މުސްލިމަކަށް ވީތީ ދިވެހި ރައްޔިތަކަށް މިވަގުތު މިއަށްވުރެ ވަކި މުހިއްމު ވާހަކަތަކެއް ނެތެވެ. ނަމަވެސް ރައްޔިތުންގެ ގިނަ ބަޔަކު އަދިވެސް ލޯމަރާލައިގެން ތިބެ ތާއީދު ކުރާނީ ކޮންމެވެސް ސިޔާސީ ކުލައަކަށެވެ. ކޮންމެވެސް ސިޔާސީ ޕާޓީއަކަށެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ ކާނަލް ނާޒިމް ކޮށްދެއްވަން ވައުދުވެވަޑައިގަންނަވާ ކަންތައްތަކަށް ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓަރ ހެންޑުލް އިން ޖޯކު ޖެއްސެވިއަސް ނާޒިމްވެސް ރަނގަޅު ވާހަކަތަކެއް އެބަ ދައްކަވައެވެ. ކައިވެނި ކުރާ އުމުރުގެ ކޮންމެ ދިވެއްސަކަށް 1200 އަކަފޫޓުގެ ބިމެއް ނުވަތަ އެޕާޓްމެންޓެއް ދެއްވައި، ހުރިހާ ދިވެހި ރައްޔިތުންނަށް ރޯދަމަހުގެ އިނާޔަތް ދެއްވާނެ ކަމާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރު ޤައުމަކަށް ވިއްކާ ނުލައްވާނެ ކަމުގެ ވާހަކައެވެ. އަދި ވަޒީފާ ނެތް މީހުންނަށް އަންއެމްޕްލޯއިމެންޓް ބެނިފިޓު ދެއްވާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް ގިނަ ދިވެހިން ކާނަލް ނާޒިމުގެ ހުށަހެޅުއްވުން ތަކަށް ވެސް ޖަހާނީ ޖޯކެވެ.

އެހެން ބައެއް ކެންޑިޑޭޓުންނަަށް ބަލާލާއިރު، ޑރ. މުނައްވަރު ފާހަގަ ވަނީ އިންޑިއާގެ އަޅުވެތިކަމާ ވަރަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ. އަދި ޕާޓީ ސިސްޓަމްގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބައިބައިވުން ނައްތާލައްވައި ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ބޭފުޅެއްގެ ގޮތުގައެވެ. އުމަރު ނަސީރާއި ކާނަލް ނާޒިމަށް ޖޯކު ޖަހާ ދިވެހިން ޑރ. މުނައްވަރަށް ވެސް ޖަހާނީ ޖޯކެވެ. ނަމަވެސް އުމަރާއި ނާޒިމާއި މުނައްވަރަކީ ރާއްޖޭގެ ސިޔާސީ، އިގްތިސޯދީ އަދި އިޖްތިމާއީ ވަތުބަތާނާގައި އަޅާފައިވާ ސިޔާސީ ކޫޑިން ރާއްޖެ ސަލާމަތްކޮށް، އިންޑިއާގެ އަޅުވެތިކަމުން ދިވެހީން ސަލާމަތްކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދެއްވިދާނެ ތިން ބަތޮލުން ކަމަށް އަލުގަނޑަށް ފެނެއެވެ.

އިންތިހާބުން މިތިން ބޭފުޅުން ބަލިވިޔަސް ދެން އަންނަ ސަރުކާރެއްގައި ކޮންމެވެސް ދައުރެއް އޮތުން މުހިއްމު ތިން ބޭފުޅުންނެވެ. އެފަދަ ގޮތަކަށް ބަލާ ނަމަ އިންޑިއާ އައުޓް ކުރަން ފޮރިން މިނިސްޓަރަކަށް ޑރ. މުނައްވަރު، އަދި އިންޑިއާ އައުޓްކޮށް ގޭންގްތައް ނައްތާލަން ޑިފެންސް މިނިސްޓަރަކަށް އުމަރު ނަސީރު ވަރަށް ރަނގަޅުވާނެ ކަމަށް އަޅުގަނޑަށް ފެނެއެވެ. އަދި މަޖިލީހުގައި ނެތް ނަމަ، ސޯޝަލް ސެކިއުރިޓީ މިނިސްޓަރަކަށް ކާނަލް ނާޒިމް ވަރަށް އެކަށީގެންވާ ކަމަށް ފެނެއެވެ.

އުމަރު ނަސީރާއި ޑރ. މުނައްވަރު ފަދައިން، ނުވަތަ އެއަށް ވުރެވެސް ބޮޑަށް އިންޑިއާ އައުޓް ކުރުމުގެ ސިޔާސަތު އިސް ކުރައްވާ ބޭފުޅަކީ ޕީ.ޕީ.އެމްގެ ފަރާތުން ރައީސް ޔާމީނެވެ. ރިޝްވަތުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ރައީސް ޔާމީނަށް އިންތިޙާބުގައި ވާދަ ކުރެއްވޭނެތޯ ނުވަތަ ނޫންތޯ އަދިވެސް ޔަޤީނެއް ނުވެއެވެ. ވާދަ ކުރައްވައިފިނަމަ އެންމެ ގިނަ ވޯޓު ނަންގަވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓަކީ ޔާމީނެވެ. ނަމަވެސް ރައީސް ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ އޭގެ ސަބަބުން ޤާސިމް އިބްރާހިމަށް ތާއީދު ބޮޑުވުމަކީ ވުން އެކަށީގެންވާ ކަމަކެވެ.

ޤާސިމްގެ ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެފައި ވަނީ ޕީ.ޕީ.އެމްއާ އެކު އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ޕާޓީއެއް އޮތް ނަމަ މަޝްވަރާ އަށް އައުމުގެ ކުރިން ސަރުކާރު ކޯލިޝަނުން ވަކިވެ، ކޯލިޝަންގައި ތިބިނަމަ ތިބި އެ ޕާޓީއެއްގެ މިނިސްޓަރުން އިސްތިއުފާ ދެއްވުމަށް ފަހު މަޝްވަރާ އަށް ވަޑައިގަތުމަށެވެ. ދެއޮޑިއަށް ދެފައި ލައްވައިގެން، ހައްދަވާނެ ގޮތެއް ނިންމަވަން އެނގިވަޑައިނުގެން ތިއްބަވައި މަޝްވަރާއެއް ނުކުރެވޭނެއެވެ. ޤާސިމްވެސް ރައްޔިތުންގެ ކޮޅު ނަންގަވާ ނަމަ ވަރަށް ކެރިވަޑައިގެން، މި ލާ ޤައުމީ ކޯލިޝަނުން ވަކިވެވަޑައިގެން، އިންޑިއާގެ އަޅުވެތި ކަމަށް "ނޯ" އޭ ވިދާޅުވެ، ކެރިވަޑައިގެން އިންތިޙާބަށް ކުރިމަތި ލައްވަން ޖެހެއެވެ.

ޤާސިމް ވަަރަށް ގިނައިން ވިދާޅުވާ ވާހަކައެކެވެ! ތިމަންނާމެން ބިރުގަންނަނީ އެންމެ ފަރާތެއް ދެކެ ކަމަށާއި އެފަރާތަކީ ﷲ ކަމަށެވެ. ނަމަވެސް އަމަލުން ފެންނަނީ އަދިވެސް ރައީސް އިބޫ ސޯލިހު ނުވަތަ ސަރުކާރު ދެކެ ޖެހިލުންވެވަޑައިގެން ގޮތެއް ނިންމަވަން ކެރިވަޑައިނުގެން ދެއަތަށް ކިރިވަޑައިގަންނަވާ ތަނެވެ. ދިވެހި ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި، ޤާސިމް، އެގޮތް ދޫކުރައްވައި، މި ކޯލިޝައަށް (ޤާސިމްގެ އިންގްލިޝް އިން) "ގުޑް ބާއި" ވިދާލުވެ، ޖޭ.ޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެޖެއްސެވި ކަހަލަ ގައްބަރު ސިންގުގެ ހިނިގަނޑެއް ޖައްސަވާފައި ވަޑައިގެން ޕީ.ޕީ.އެމް އާ އެކު އިށީނދެވަޑައިގެން މަޝްވަރާ ކުރައްވަން ޖެހެއެވެ. ޖޭ.ޕީ އާއި ޕީ.ޕީ.އެމް ގުޅިގެން ނޫނީ ރައީސް ސޯލިހު އާއި އިންޑިއާގެ ކިބައިން މިޤައުމު ސަލާމަތް ކުރަން ވަރަށް ދަތިވާވާނެ އެވެ.