Support Us

ކޮލަމް ނޫވިލު

މި ލިބުނު ޑިމޮކްރަސީން ގައުމަށްވީ ކޮން ފައިދާއެއް؟

ދެން ބޭނުމީ މޮޅު ޑިމޮކްރަސީ އެވެ. އެއީ އެންމެން ހަމަހަމަ ނިޒާމެވެ. ޤައުމަށް އަމާންކަން ގެނެސްދޭ ނިޒާމެވެ. ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން އޮވެގެން ހިންގޭ ހަމައެކަނި ނިޒާމެވެ. ޤައުމު ކުރިއަރައި، ތަރައްގީވާ ނިޒާމެވެ. ތިން ބާރު ވަކިކޮށްދޭ ނިޒާމެވެ. ފުދުންތެރި ރައްޔިތުން ތަކެއް އުޅޭ ތަނަކަށް މުޅި ޤައުމު ބަދަލުކޮށްލަދޭނެ، ލާބަ ހުރި މޮޅު ނިޒާމެވެ.

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ތޮއްޑޫ މުހައްމަދު ނިޒާމުގެ ނަން ވެސް ފަނޑުވެ، ދިވެހީން އެންމެ ޝައުގުވެރިވި އަދި އެއްބައިވަންތަކަން ގެނެސްދިން ފުޓުބޯޅަ ބެލުން ވެސް ނެތި ދަނޑުތަކާއި ސިޑިބަރިތައްވެސް މޮޅު ޑިމޮކްރަސީގެ ނިޒާމަށް ހުސްކޮށްލިއެވެ. އަދި ޤައުމުގެ އިޖްތިމާއީ ފޭރާން ވީދި، ސުންނާފަތި ވާއިރުވެސް ފަރުވާލެއް ނެތި މޮޅު ޑިމޮކްރަސީގެ ނިޒާމަށް އެދި އިސްލާހަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ގުންފައިޖަހާފައި ދާންފެށީއެވެ.

މި ނިޒާމު ގެންނަންވެގެން ފުރަތަމައިނުންވެސް އިންސާނާގެ ހިތުތެރޭގައި ދަހިވެތިކަން އުފައްދައެވެ. އެ ހިސާބުން ވަގަށާއި ދިގަށާއޭ ކިޔާ އުސޫލުން އެމީހަކަށް ކުރެވެން ހުރި ކަމެއް ކުރަން ފެށުނީއެވެ. ދޭދޭ ފަރުދުންގެ މެދުގައާއި އާއިލާތަކުގެ މެދުގައި ނުތަނަވަސްކަން އުފެދެން ފެށިއެވެ. ޝައިތާނާގެ ނުބައި ވަސްވާސްތައްވެސް ގިނަވާން ފެށިއެވެ. އިބިލީހުގެ ބުރަ މަސައްކަތަށް ލުއިވެ، ހޮޅުއަށިތަކާއި މާލަންތަކުގެ އިތުރުން ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ވެސް އިބިލީހަށް އަރާމުކޮށް ނިދާލަން އޮންނަން ވަގުތު ލިބިއްޖެ އެވެ. އަދި ރާއްޖެއަށް ކަނޑައަޅައިފައި ހުރި އިބިލީހުގެ މެންޑޭޓްގެ ބޮޑު ބަޔެއް ނަގައި، ބައެއް ދިހެވީންގެ ކޮނޑަށް ލައިފިއެވެ. މޮޅު ޑިމޮކްރަސީއަށްޓަކައެވެ. މިކަމާ ދެކޮޅަށް މީހަކު ބަހެއް ބުނެފިނަމަ އެއީ އެހެން މީހަކަށް މޮޅެއް ލިބިދާނެތީވެ އުޅޭ މާ ގޯސް، މާ އަމިއްލަ އެދުން ބޮޑު މީހެއް ކަމުގެ ލަގަބު ދީ ބިރުގަންނަވާލައެވެ.

ބޭރު ބައެއް ކަރަތަކުން ތެޔޮ އަޅަމުންދާ ފިތުނައިގެ ހުޅުގަނޑު މި ޤައުމުގައި ރޯވެ އަނދަން ފައްޓައިފިއެވެ. ނަމަވެސް މި ނުރައްކާތެރި އަލިފާނުގެ ހުޅުގަނޑު ފެންނަ މީހުން މަދެވެ. ވާނީވެސް އެހެންތާއެވެ. އެހެނީ އަތްލެވޭ ހިސާބުގައި ހުރި އެންމެ މޮޅު ނިޒާމު ލިބެން ލަހެއްފަހެއް ދެން ނެތް ކަމަށް ކިޔާ އަޑުތައް ވަރަށް ގަދައެވެ.

މި ޤައުމުގައި އޮތް އެކުވެރިކަމާއި ސުލްހަ މަސަލަސްކަން މާ މުހިންމެއް ނޫނެވެ. އަދި މައިންބަފައިނާއި ދަރީންނާއި އެއްބަނޑު އެއްބަފާކަންވެސް ލިބެން އުޅޭ މޮޅު ޑިމޮކްރަސީއަށްވުރެ މުހިންމެއް ނޫނެވެ.

އެމެރިކާ އާއި ހުޅަނގުގެ އެހީގައި އިރާޤަށް ގެނައި މޮޅު ޑިމޮކްރަސީއަށް 10 އަހަރު ފުރުން ފާހަގަކޮށް ބީބީސީން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މަގުމަތިން ސުވާލު ކުރެވުނު ޢިރާޤު އަންހެނަކު ބުނި ވާހަކައެއް މި މައުލޫއާ ވަރަށް ގުޅެއެވެ.

"އަހަންނަކީ ސައްދާމު ހުސެއިން ދުރުކޮށް މޮޅު ޑިމޮކްރަސީގެ އުންމީދުގައި ނުކުތް މީހަކީމެވެ. ހުޅަނގުގެ މީހުންނާއި ޢިރާޤުގެ ބައެއް ޚާއިނުން އަރާ ޓީވީތަކުން އޭރު ކިޔަމުންދިޔައީ ޢިރާޤަށް ޑިމޮކްރަސީ ގެނެސް، ރައްޔިތުންނަށް އުފާފާގަތިކަމާއި އިންސާފު ލިބި، ހަމަޖެހުން ލިބިގެން އުޅޭނެ ވާހަކަތަކެވެ. އަދި އެތަން ފެނި އަވަށްޓެރި ޤައުތަކުގެ ރައްޔިތުން ވެސް މި ނިޒާމަށް ލަހެއް ނެތި އަމިއްލައަށް ބަދަލުވާނެ ކަމަށެވެ. އެކަމަކު އެއީ ހުސް ބުހުތާނު ދޮގެވެ. މިހާރު މާ ނާމާނެވެ. މާ ނާއިންސާފެވެ. މާ ދައްޗެވެ. އެތައް ބައެއްގެ އަތްދަށުވެ މިނިވަންކަމެއް ވެސް ނެތެވެ. ދަރީން ގޮވައިގެން ވެސް މަގުމައްޗަށް ނުކުމެފައި ސަލާމަތުން ގެއަށް ވަދެވޭނެކަމުގެ އުންމީދެއް ނޯވެއެވެ. އެންމެ ދެރަވަނީ ކޮން ބައެއްކަންވެސް ނޭނގޭ ބޭރު ބަޔަކު އަހަރުމެންގެ މައްޗަށް ބަސްކިޔައި، މުޅި ޤައުމު ނާމާންވެ އަހަރުމެން ބީރައްޓެހީންނަށް ބަދަލުވާތީ އެވެ. އެ ބުނާ އެއްވެސް އުފާވެރިކަމުގެ ކުނޑިފުކެއް ވެސް ނެތެވެ. މީގެ ކުރިން ގޯހީ ސިޔާސީ މީހުންނަށް އެކަންޏެވެ. މިހާރު އާންމު ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ނިކަމެއްޗެވެ. ވަރަށް ނާމާނެވެ. ވަރަށް ނުރައްކާތެރި އެވެ. އެކަމަކު މިޤައުމުގެ މިނިވަންކަން ނަގާލައި، މިނިވަންކަން ވިއްކާލަން ދުވާ ސިޔާސީ މީހުންނަށް މިހާރު މާ ރައްކާތެރިއެވެ. މީ ބަޔަކަށް ހެއްލިގެން ލިބުނު ވަރަށް ހިތްދަތި، ހިތި ތަޖުރިބާއެކެވެ."

ޑިމޮކްރަސީ މިބަހުގެ އަޑަށާއި އަކުރުތަކާ އެއްގޮތަށް އަމަލު ކުރެވެނީ އެކި ޤައުމުގައި އެކި ގޮތަށެވެ. އަޣުލަބިއްޔަތުން ކަންކަން ނިންމަން ހިފާ ފަހަރާއި އަޣުލަބިއްޔަތު ނެތަސް ޚުދުމުހްތާރުކޮށް ނިންމާ ފަހަރެވެ. އިނގިރޭސިވިލާތުގައި ރާނީއެއް ހުންނަވަންޖެހޭ ވާހަކަ އެކަނި ލިއެލިއަސް މޮޅު ޑިމޮކްރަސީގެ ސިފަތައް ސާފުނުވެ، އޮޅޭނެއެވެ. ތާޖުކޮޅުގައި ސޮލީބު ޖެހި ނަސާރާ ޑިމޮކްރަސީއެކެވެ. ހުޅަނގުގެ ބައެއް ޤައުމުތަކާއި އަވަށްޓެރި ބައެއް ޤައުމުތަކުން މި ރާއްޖޭގައި އިސްލާމީ ޑިމޮކްރަސީއެއް ގާއިމް ކުރިޔަނުދޭން ގިނަގުނަ ފިއްތުންތަކާއި ހަދިޔާ ދީ ހަދާ އުޅޭކަން ނުދަންނަ މީހަކު މިހާރަކު ނޫޅޭނެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ އިރާޤް ފަދައިން ދަތުރުކުރަމުންދާ މި ދިވެހިރާއްޖެ މޮޅު ޑިމޮކްރަސީގެ ދަތުރުގައި މިހާރު މި ތިބެވެނީ ކޮން ހިސާބެއްގައިބާއެވެ؟ އަދި މިކަން އެކި މީހުންނަށް ދެނެގަނެވި ގަބޫލުކުރެވޭނީ އެކި ގޮތަށް ކަންވެސް އެއްބަސްވެވެއެވެ. ނަމަވެސް ދެބަސްވެވެން ނެތް ޙަޤީގަތަކީ، ކުރިއާ ހިލާފަށް މިހާރު ދީނީ މިނިވަންކަމާއި ބޭނުން ކޮންމެ ޚިޔާލެއް ފާޅުކުރުމުގެ މިނިވަންކަމާއި ބަދުއަހުލާގީ އަމަލުތައް ހިންގުމުގެ މިނިވަންކަމަށް ގޮވާލުމުގެ އަޑުތައް ދިވެހި ޖައްވުގައި ގުގުމާކަމެވެ. ހުޅަނގުގެ ގިނަ ޤައުމުތަކުގައި އޮތް މިފަދަ ދަށުދަރަޖައިގެ އަމަލުތައްވެސް ހުއްދަކޮށްގެން ނޫނީ މޮޅު ޑިމޮކްރަސީ ނުލިބޭނެ ކަމަށް ބުނެ މި ނިޒާމުގެ ދެވަނަ މަރުހަލާ ކަޑައްތުކުރަން ފާޅުގައި ބަސްބުނަން ވެސް ފައްޓައިފި ކަމެއެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ފެއްޓި ހިސާބު ހަނދާންވެސް ނެތިއްޖެއެވެ. އެންމެން ހަމަހަމަ ނުކުރެވުނު ތާނގައި އަމާން ވެއްޓެއްގެ ކޮޅުމަތިވެސް އަދި ނުފެނެއެވެ. ތިން ބާރޭ ކިޔަނީ ކޮން ފަދަ އެއްޗަކަށްކަންވެސް މިހާރަކު ހަނދާންވެސް ނެތެވެ. ރައްޔިތުންގެ ބައިވެރިވުންވެސް އެކި ބައިބައަށް ބަހާބަހާ އެބުނާ ރައްޔިތުންނަކީ ކޮން ބައެއްކަން މާ ރަނގަޅަށް ސާފެއްނުވެއެވެ. އަދި އަމުދުން އިންތިހާބުތަކުގެ ވޯޓުލާފައި އެ ރައްޔިތުންނަށް ގެޔަށް ދެވުނުތޯ ބެލުންވެސް މުހިންމެއް ނޫނެވެ. ރައްޔިތުންގެ ބައިވެރިވުން ވެސް އޮތީ މި ދަރަޖައިގައެވެ. މޮޅު ނިޒާމު ގެންނަން ތިއްބެވި ވެރިން މާ ބިޒީ ވަނީއެވެ.

ފަނަރަ ވަރަކަށް އަހަރު ފާއިތުވެދާއިރު، އަދި ހަމަ އިތުރުވަނީ ހާސްކުމުގެ ތެރެޔަށް ނުރައްކަލެވެ. އެހެނީ ވިޔަފާރި މުދާ އިމްޕޯޓް ކުރާ ބީދައިން ރައްޔިތުން ތަކެއް އިމްޕޯޓްކޮށް، ސިޔާސީ ދަފްތަރު ކުއްލިއަކަށް ބޮޑުވާން އުޅޭހެންވެސް ހީވާން ފަށައިފިއެވެ. ހަމަ ގައިމުވެސް ޤައުމުގެ މުއްސަނދި ކަމަށްވުރެން ދަރަނި ބޮޑުވެ އަވަށްޓެރިންނަށް ބަރޯސާވާ މިންވަރު ދަނީ އިތުރުވަމުންނެވެ. މާރާމާރީ އާއި ޤަތުލު އާންމު ވަނީ އިތުރެވެ. އެންމެ ކަންބޮޑުވާ އެތައް ކަމެއްގެ ތެރޭންވެސް ބިދޭސީން ފުނިޖެހި ދޭސީން ސިއްސުވާލާން ވެސް ފަށައިފިއެވެ. މޮޅު ޑިމޮކްރަސީއާ އެކު ދިވެހި ދަރީން އަދާކޮށްލާނެ ވަޒީފާގަނޑެއްވެސް ނެތޭ ބުނާ ހިސާބަށް، ކުރިއަށް ކަމެއް، ފަހަތަށް ކަމެއް ނޭނގޭ ހިސާބަށް ޤައުމު އޮތީ ގޮސްފައެވެ. އެކަމަކު ކޮންމެވެސް އެއް ކަމެއް ދެކަމަކަށް ބަދަލެއް ނާދެއެކޭ ނޫނެވެ. ނަމަވެސް ޤައުމުގެ މުހިންމު ބަހާތަކާއި މައިތަނބު ތަކަށް މި ލިބުނު ޑިމޮކްރަސީގެ ސަބަބުން ބޮޑަށްވީ ގެއްލުންކަން ފެންނަން އެބަހުއްޓޭ ބުނާނެ ޖާގަ ދަނީ އިތުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8

5 Responses

  1. ލިޔުންތެރިޔާ ޑިމޮކްރަސީގެ ބަދަލުގާ ގެނެވޭނެ ނިޒާމެއް ބުނެދިނުން މުހިންމު. ހުޅަނގުގެ ފާހިޝް އަމަލުތައް އާލާކުރަން ބުނާ ވަހަކައަކީ އަބަދުވެސް ދައްކާ ބޮޑު ވާހަކައެެއް. މީގެ 45އަހަރު ކުރީ އައިސްގެ ހަދައިން ނަށަން ދާ ވާހަކަ ގައިމުޥެސް އަޑު އަހަން. ޓްއަރިޒަމް ފެށުނުތާވެސް 40 އަހަރު ވެެއްޖެ. އެހެންވީމާ ޑިމޮކްރަސީގެ ބޮލުގާ ތި އިލްޒާމްއެޅުވުން ބަލައެއް ނުގަންނަން.

  2. ރާއްޖެ އަށް ގެނެވުނީ ޱިމޮކްރެސީ ގެ ނަން ޖަހާފަހުރި ނުބައި ޕެކޭޖް އެއް.

  3. ދިވެހި ރާއްޖެއަށް ތާއަފުކޮށްފައި މިވަނީ ދިމާކުރާތީ ނިޒާމް،، ރައްޔިތުން ހަނާ ކުރަމުން، ، ފިތުނަ އުފައްދަމުން ، އާއިލީ ގުޅުމާއި ، އިޖްތިމާއީ ފޭރާން ވީދާ ދިމާކުރާތީ ނިޒާމް. ސީޔާސީ ބޭފުޅުން އިތުރަށް ތަނަވަސްކުރުވާ ނިޒާމް، ނިކަމެތިން އިތުރަށް ބިކަކުރުވާ ނިޒާމް ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *