Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރިޔާސީ އިންތިހާބުގެ ބޮޑު މަންޒަރު

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިޙާބްގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ހަތް ފަރާތަކުންނެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ޔާމީނާއި ރައީސް މުހައްމަދު ނަޝީދާއި ޤާސިމް އިބްރާހިމާއި އުމަރު ނަސީރާއި ކާނަލް މުހައްމަދު ނާޒިމް އަދި ޑރ. މުހައްމަދު މުނައްވަރެވެ. މީގެ އިތުރުން މި އިންތިހާބުގައި ވާދަ ނުކުރެއްވިއަސް ކޯލިޝަން މެދުވެރިކޮށް އިންތިހާބުގައި ބައިވެރިވެ ވަޑައިގަންނަވާނެ މުހިއްމު ފަރާތްތަކުގެ ތެރޭގައި އަދާލަތު ޕާޓީގެ ޝެއިހު އިމްރާނާއި އެމް.އާރް.އެމްގެ ފަރާތުން ރައީސް މައުމޫނާއި އެމް.ޑީ.އޭގެ ފަރާތުން ސަން ޓްރެވެލް އަހުމަދު ސިޔާމް ހިމެނެއެވެ. މީގެ އިތުރުން ޖަމީޔަތުއް ސަލަފަކީ ވެސް، ސިޔާސީ ޕާޓީ އަކަށް ނުވިއަސް، މިފަހަރުގެ އިންތިޙާބުގައި މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ޖަމިއްޔާއެކެވެ. މި 11 ފަރާތަށް ބަލާއިރު އެންމެ އިސްކޮށް އިންތިހާބުގައި ގޮތް ކިޔާނެ ކަމަށް ބެލެވޭ ހަތަރު ފަރާތަކީ ރައީސް ސޯލިހާއި ރައީސް ޔާމީނާއި ރައީސް ނަޝީދާއި ޤާސިމް އިބްރާހިމެވެ. އިބޫ އާއި ޔާމީނާއި ނަޝީދާއި ޤާސިމްގެ ރޭސް ވެގެންދާނީ ހަތަރު އަހުގެ ރޭހަކަށް ވުރެ ބޮޑަށް ކޯލިޝަން ތަކެއްގެ ތެރެއިން ކުޅެވޭ ރާޒުވާ މެޗަކަށް ކަމަށް ބެލެވެއެވެ!

އަދާލަތާއި އެމް.ޑީ.އޭއާ އެކު ކޯލިޝަން ހައްދަވައިގެން ރައީސް ސޯލިހު އެވަނީ ދެކުޅި ކުރިއަށް ކުޅުއްވައިފައެވެ. ރައީސް ސޯލިހާ ދެކޮޅަށް ނިކުންނެވުމުންނާއި އަދި ޤާސިމާ ގުޅުން ބަދަހި ކުރެއްވުމުން، އަދި ޔާމީނާ ގުޅުން ބަދަހިކުރެއްވުމާއެކު ނަޝީދު އެވަނީ ތިން ކުޅި ކުރިއަށް ކުޅުއްވައިފައެވެ. ރައީސްގެ ކޯލިޝަނަށް ފާޑުވިދާޅުވުމާ އެކު، އަދި ނަޝީދާއި ޔާމީނާ ގުޅުން ބަދަހިކުރެއްވުމާ އެކު ޤާސިމް ވެސް އެވަނީ ތިން ކުޅި ކުރިއަށް ކުޅުއްވާފައެވެ. ޔާމީން އެހުންނެވީ ދިގު މުއްދަތުގެ ޖަލު ހުކުމަކާ އެކު މާފުށީގައެވެ. ނަމަވެސް ޔާމީނުގެ ޕާޓީން ތަކުރާރުކޮށް ބުނަމުން އެދަނީ އެމަނިކުފާނުގެ ނަން އިންތިހާބުގެ ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. ޔާމީން އެންމެ ފަހު ވަގުތު ކުޅުުއްވާނެ ކުޅިއެއް އަދި ނޭނގެއެވެ. ކުޅިބައި އަތުރާލެވިފައިވާ ގޮތުން ރިއާސީ އިންތިހާބް ވެެގެންދާނީ ވަރަށް ވަރުގަދަ މައިންޑް ގޭމަކަށެވެ. ވަރުގަދަ ރާޒުވާ ކުޅިގަނޑަކަށެވެ. ކާމިޔާބު ލިބުން ކައިރީ އަޑުގަދަ މީހާ އަށް ވުރެ ބޮޑަށް ހިކްމަތްތެރި، ވިސްނުން ތޫނު މީހާއަށެވެ.

އިންތިޙާބަށް ހަ މަސް ދުވަހަށް ގާތްވެފައިވާއިރު ރައީސް ސޯލިހު އަދިވެސް އެ މަސައްކަތް ކުރައްވަނީ މައުމޫނާއި ޤާސިމްގެ ތާއީދު ރައީސްގެ ކޯލިޝަނަށް ލިބިވަޑައިގަނޭތޯ އެވެ. ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ލަފާކުރެވެނީ ޤާސިމް ކުރިއަށް ނެރުއްވައިގެން ޤާސިމްގެ ރަނިން މޭޓަކަށް ނަޝީދު ވެވަޑައިގެން އިންތިހާބް ކާމިޔާބު ކުރެއްވުމަށެވެ. ޔާމީނުގެ ޖަލުހުކުމުގެ އިސްތިއުނާފް ކާމިޔާބުވެގެން އެމަނިކުފާނު އިންތިހާބުގައި ވާދަ ކުރައްވައިފި ނަމަ ކާމިޔާބު ލިބުން އެންމެ ގާތީ ރައީސް ޔާމީނަށެވެ. ނަމަވެސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއްގައި، ޤާސިމް ކުރިއަށް ނިކުންނަވައިފި ނަމަ ޤާސިމްގެ ރަނިން މޭޓަކަށް ޕީ.ޕީ.އެމްގެ ބޭފުޅަކު ލައްވައިގެން ޤާސިމާއި ޔާމީނާއި ނަޝީދު އަދި ރައީސް މައުމޫނުގެ ކޯލިޝަނަކުން އިންތިހާބް ކާމިޔާބު ކުރެއްވުމަކީ ވުން ވަރަށް ކައިރި ކަމެކެވެ.

އެފަދަ ހާލަތެއްގައި ޤާސިމްގެ ރަނިން މޭޓަކަށް ޑރ. ވަހީދު ލެއްވިއަސް ނުވަތަ ޤައްސާން މައުމޫނު ލެއްވިއަސް މައުމޫނުގެ ތާއީދު އެފަދަ ކޯލިޝަނަކަށް ލިބިވަޑައިގަތުން ވަރަށް ކައިރިއެވެ. ސަބަބަކީ ޑރ. ވަހީދަކީ ވެސް މައުމޫނު ވަރަށް އިތުބާރު ކުރައްވާ ބޭފުޅަކަށް ވެފައި ޤައްސާނަކީ މައުމޫނުގެ ބޭފުޅަކަށް ވުމެވެ. އެފަދައިން ވެއްޖެ ނަމަ ޤާސިމާއި ޔާމީނާއި ނަޝީދާއި މައުމޫނުގެ ކޯލިޝަނަކާ ވާދަކޮށް އިބޫ ސޯލިހުގެ ކުޑަ ކޯލިޝަނަކަށް މާބޮޑު ވޯޓެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ.

ސުވާލަކީ ޤާސިމްގެ ރަނިން މޭޓަކަށް ޕީ.ޕީ.އެމް ބޭފުޅަކު ލައިގެން ޤާސިމާއި ޔާމީން ކޯލިޝަން ހައްދަވައިފި ނަމަ ނަޝީދަށް އެފަދަ ކޯލިޝަނަކުން އޮތީ ކޮން ދައުރެއްތޯއެވެ؟ ޤާސިމްގެ ރަނިން މޭޓުކަން ނަޝީދު ބޭނުންފުޅު ވިއަސް ޕީ.ޕީ.އެމްގެ ތާއީދެއް ނެތި އިންތިހާބް ކާމިޔާބެއް ނުވާނެ އެވެ. އެހެން ކަމުން ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ނަމަ އެންމެ ކުޑަމިނުން ކޯލިޝަންގެ ރަނިން މޭޓުކަން ޕީ.ޕީ.އެމަށް ލިބެންޖެހޭނެ ކަމަށް ޕީ.ޕީ.އެމުން ބުނާނެއެވެ. މިފަދަ ކޯލިޝަނެއްގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެ އެއްޗަކީ (ކުޑައިރުގެ ރަހުމަތްތެރިޔާ އަދި މިހާރުގެ ސިޔާސީ ދުޝްމަން) އިބޫ ސޯލިހު ބަލިކުރެއްވުމުގެ އުފަލެވެ. އަދި އޭގެ އިތުރުން، ދެން އުފެދޭ ސަރުކާރެއްގެ ހިއްސާ ނަޝީދުގެ "ފިކުރު" ފެކްޝަނަށް އޮތުމެވެ.

ފުރަތަމަ ބުރުގައި ކާނަލް ނާޒިމާއި ޑރ. މުނައްވަރު ވާދަ ކުރެއްވިއަސް ދެވަނަ ބުރެއްގައި ޤާސިމްގެ ކޯލިޝަނަކާ މި ދެބޭފުޅުން ގުޅިވަޑައިގަތުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެންކަމުން 2023ގެ ރިއާސީ އިންތިހާބުގެ ކުޅިގަނޑުގައި ހިމެނޭ 11 މަންތިރީގެ ތެރެއިން ސަރުކާރު ފަޅިއަށް އަރާނެ ކަމަށް ބެލެވެނީ ރައީސް ސޯލިހުގެ އިތުރުން އިމްރާނާއި ސަންޓްރެވެލް ސިޔާމް އެކަންޏެވެ. އިދިކޮޅު ކޯލިޝަންގައި ޤާސިމް، ޔާމީނު، ނަޝީދު، މައުމޫނު، އުމަރު، ޑރ. މުނައްވަރު ކާނަލް ނާޒިމް އަދި ޖަމިއްޔަތު ސަލަފު، މި އަށް ފަރާތެވެ. ކުޅިބައި މިގޮތަށް އެތުރޭނީ ޤާސިމާއި ޔާމީނާއި ނަޝީދުގެ ޑީލެއް ހެދިގެންނެވެ. ރައީސް ސޯލިހުގެ އުއްމީދަކަށް ވާނީ ކޮންމެ ގޮތެއް ހައްދަވައިގެން ވިއަސް ޤާސިމާއި މައުމޫން ރައީސް ސޯލިހުގެ ކޯލިޝަނުގައި ބައިވެރި ކުރެއްވުމެވެ. އެކަމުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވެއްޖެ ނަމަ އިންތިހާބް މަތިން ހަނދާން ނައްތަވާލައްވަންވީ އެވެ.

މި އަހަރުގެ ރިއާސީ އިންތިހާބް ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވިއަސް މި އިންތިހާބުގެ އެންމެ ބާރުގަދަ ތިން ފަރާތަކަށް ވާނީ ޔާމީނާއި ޤާސިމާއި ނަޝީދެވެ. މިތިން ބޭފުޅުން އެއްގަލަކަށް އަރުއްވައިފިނަމަ، ދިވެހި އާއްމު ބަހުރުވައިން ދަންނަވާނަމަ ރައީސް ސޯލިހާއި އިމްރާނާއި ސިޔާމަށް ޖެހިވަޑައިގަންނަވާނީ "މަހަށް ދާށެވެ!"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. thee khiyaalee nubai kurehumeh. Thi kurehumuge rongu iboo saalihaaeku gaasimu leeema vani kihinei.yaameenaki thiya enmen ulu byndhi meehaa

  2. mihaaru ves Kan hingaa goi e othee fennan, dhen kon kurhumeh, iboo,gaasim, shiyaam, imraan, maumonn, gulhuneema, othee kon natheejaaeh tho balaala bala

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *