...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އިންތިހާބުން އިންޑިއާ ބަލިވެ ދިވެހިން މޮޅުވާނެ ފޯމިއުލާ!

ދެހާސް އަށާރަ ވަނަ އަހަރުގެ ރިއާސީ އިންތީޙާބްގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ 262،135 މީހުން ތިއްބެވެ. އޭގެ ފަސް އަހަރު ފަހުން، މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިއާސީ އިންތިޙާބުގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޖުމްލަ އަކީ 280،000 އެވެ. އަދި 2018 ގެ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް 135،000 ވަރަކަށް ވޯޓު (58%) ލިބިވަޑައިގަތީ ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީ އާއި ރައީސް މައުމޫނު، އަދި ރައީސް ނަޝީދުގެ ތާއީދާ އެކުގައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ހަމަސް ދުވަހަށް ވެފައިވާއިރު މިފަހަރުގެ އިންތިހާބުގައި ރައީސް ސޯލިހަށް ރައީސް ނަޝީދުގެ ތާއީދު ލިބިވަޑައިނުގަންނަވާނެކަން މިހާރު މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އަދި ރައީސް މައުމޫނުގެ އެމް.އާރު.އެމްގެ ތާއީދު ވެސް މިހާތަނަށް އަދި ކަށަވަރުވެފައެއް ނުވެއެވެ. އަދި އެއަށް ވުރެވެސް މުހިއްމު ނުކުތާއަކީ މަހުޖަނު ގާސިމް އިބްރާހިމުގެ ޖުމްހޫރީ ޕާޓީގެ ތާއީދުވެސް މިހާތަނަށް ރައީސް ސޯލިހަށް ކަށަވަރުވެފައި ނެތްކަމެވެ. ކުރިއަށް މިއޮތް މަދު ދުވަސްކޮޅުގެ ތެރޭ ޤާސިމާއި މައުމޫނުގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވިއަސް ސިޔާސީ މަސްރަހަށް ބަލާއިރު އެއީ ޔަޤީނުން ވެސް ވާނެ ކަމެއް ކަމަށް ނިންމުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިއަދު މެންދުރު ފަހަށް ވަނީ ތާވަލުކޮށްފައެވެ. ހުސްވި ފެބްރުއަރީ މަހުގެ 24 އިން 25 އަށް ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ނިންމާފައި ވަނީ އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވާ ގޮތަށެވެ. ނަމަވެސް ކޮންގްރެސްގެ މި ޤަރާރަށް އަމަލު ކުރެވޭނީ ޕާޓީގެ ކައުންސިލުން އެގޮތަށް ފާސްކޮށްފިނަމައެވެ. މިއަދު އޮންނަ ޖޭ.ޕީގެ ކައުންސިލް ބައްދަލުވުމުގައި މިކަމަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައި ނެތަސް ޖޭޕީގެ ކައުންސިލުން ލަސްތަކެއް ނުވެ މިކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެއެވެ.

ނަޝީދުގެ ތާއީދު ލިބިވަޑައިގެންފައި ނެތުމުން ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ވަރަށް މުހިއްމެވެ. ރައީސްގެ މަންދޫބެއްގެ ގޮތުން އައްޑޫ-ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމް.ޑީ.ޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ސަން އައިލެންޑުގައި ޤާސިމާ ބައްދަލު ކުރައްވައި ޤާސިމްގެ ތާއީދަށް އެދިވަޑައިގެންފައެވެ. އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވެސް ވަނީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ޤާސިމާ ބައްދަލު ކުރައްވައި، ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ހޯއްދެވުމަށް މަޝްވަރާ ކުރައްވައިފައެވެ. މީގެ އިތުރުން މެމްބަރު އަސްލަމް ވަނީ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ނަހުލާއާ ވެސް ވަކިން ބައްދަލު ކުރައްވައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ރޫހު ހުރި ގޮތަށް ބަލާއިރު ޤާސިމް 2023 ގެ ރިއާސީ އިންތިހާބުގައި ވާދަ ނުކުރައްވައި ރައީސް ސޯލިހާ ގުޅިވަޑައިގަތުމަށް ނިންމަވައިފިނަމަ ޤާސިމާ ދެކޮޅަށް ވޯޓުދޭނެ ކައުންސިލް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ޖޭޕީގައި ތިބޭނެ ކަމަށް ފެނެއެވެ. ރައީސް ސޯލިހަށް ޤާސިމްގެ ތާއީދު މިހާ މުހިއްމު ވެފައިވާއިރު ޤާސިމް އިބްރާހިމް އަމިއްލަފުޅަށް ކުރައްވަން ރަނގަޅު ސުވާލެއް އެބައޮތެވެ. އެއީ 2018 ގައި ރައީސް ސޯލިހުގެ ކޯލިޝަނަށް ޤާސިމް ތާއީދު ކުރައްވައި، ރައީސް ސޯލިހު ވެރިކަމަށް ގެންނެވުމުން ދިވެހި ރައްޔިތުންނަށްވީ ކޮން ފައިދާއެއްތޯއެވެ؟ ޤާސިމަށް ފަރުދީ ގޮތުން ފައިދާއެއް ވެފައި އޮވެދާނެއެވެ. އެކަމަކާ އަޅުގަނޑު ބަހުސް ކުރާކަށް ނެތީމެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުގެ ވެރިކަމުން ދިވެހި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު އެއްޗަކީ ދިވެހީންގެ ބިމުން އެތައް ތަނެއް އިންޑިއާގެ ބާރުގެ ދަށަށް ގޮސް، ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު އިންޑިއާގެ އަޅުވެތިކަމުގެ ބާރުގެ ދަށަށް ގޮސް، ދިވެހީންގެ އެތައް ރައްޔިތެއްގެ ނުރުހުން މިސަރުކާރަށާއި އިންޑިއާ އަށް އަމާޒުވުމެވެ. ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު އަތްނުފޯރާފަށަށް ގޮސް، ފަގީރުން އިތުރަށް ފަގީރުވެ، ކުދި ވިޔަފާރިތައް ފުނޑުފުނޑުވުމެވެ. ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުވެ، މެދުފަންތީގެ އާއްމު ރައްޔިތުން އިތުރަށް ބިކަވުމެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާ އަށް ޤައުމު އަޅުވެތިވުމުގެ ނުރައްކަލެވެ.

އެހެންކަމުން 2023 ގައި ރައީސް ސޯލިހުގެ ކޯލިޝަނާ ޤާސިމް ގުޅިވަޑައިގަންނަވަން ނިންމެވިއަސް އެއީ ދިވެހި ރައްޔިތުންގެ ހައްޤުގައި ނިންމެވި ނިންމެވުމެކޭ ވިދާލުނުވުން އެދެމެވެ. ރައްޔިތުން ކެތްމަދުވެފައި ތިބީ ރައްޔިތުންގެ "ބައްޕަ"ގެ ގޮތުގައި ޤާސިމް ރައްޔިތުންގެ ކޮޅު ނަންގަވާނީތޯ ނުވަތަ އަމިއްލަފުޅު މަސްލަހަތު އިސް ކުރައްވައި ސޯލިހުގެ ކޮޅު ނަންގަވާނީތޯ ބަލާށެވެ.

ރައީސް މައުމޫނުގެ އެމް.އާރ.އެމް އަކީ ޖުމްހޫރީ ޕާޓީގެ ނިސްބަތުން ކުޑަ ޕާޓީއެކެވެ. ނަމަވެސް މި އިންތިހާބުގައި ރައީސް މައުމޫނުގެ ތާއީދަކީ ވެސް ހުރިހާ ކޮޅަކަށް ވެސް މުހިއްމު އެއްޗަކަށް ވާނެއެވެ. ޤާސިމާ މެދު ރައްޔިތުން ބަލާ ފަދައިން، ރައީސް މައުމޫނާ މެދު ވެސް ބުނެވޭނީ 2018ގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ރައީސް މައުމޫނު ނިންމެވި ނިންމެވުމުން ދިވެހި ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަަމަށެވެ. އަދި 2023 ގައި ރައީސް މައުމޫނު ނަންގަވާ ކޮޅަކުން އެމަނިކުފާނުގެ ލެގަސީ ލިޔެވިގެންދާނެ އެވެ. ދިވެހި ރައްޔިތުންނާއި ޤައުމަށްޓަކައި މައުމޫނު ދިވެހި ރައްޔިތުންގެ ކޮޅު ނަންގަވާނެތޯ އެވެ؟ ނުވަތަ އަމިއްލަފުޅު އެދުމަށް ރައީސް ސޯލިހުގެ ކޮޅު ނަންގަވާނީތޯއެވެ؟

އަދާލަތު ޕާޓީގެ އިމްރާނާއި އެމް.ޑީ.އޭގެ އަހްމަދު ސިޔާމްގެ ތާއީދު ރައީސް ސޯލިހަށް ލިބިވަޑައިގަތަސް އެ ދެ ޕާޓީން ސޯލިހަށް ލިބިވަޑައިގަންވާނެ ވޯޓު ވަރަށް ބޮޑުތަނުން މަދުވާނެ އެވެ. ރައީސް ސޯލިހަށް އެންމެ މުހިއްމު ސިޔާސީ ތިން ތަނބަކީ ނަޝީދާއި ޤާސިމާއި މައުމޫނެވެ. އެތިން ތަނބުވެސް އަދި ސޯލިހަށް ޔަޤީނެއް ނުވެއެވެ. މިހާރު ލިބިވަޑައިގެންފައިވަނީ ކުޑަކުޑަ ދެ ކަޑަ އެވެ! އެ ދެ ކަޑަ ޖަހައިގެން ދެވަނަ ބުރީގެ ޝީޓު ހިފަހައްޓާލަން ވަރަށް ދަތިވާނެއެވެ. އިމްރާން ފަދަ ބޭފުޅުން ސަން އައިލޭންޑަށް ވަޑައިގެން ޤާސިމުގެ ތާއީދަށް އެދި "ސަލާން" އެ ޖައްސަވަނީ ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގެކޭ އެއްފަދައިން އަދާލަތާއި އިމްރާނުގެ ސިޔާސީ ކުރިމަގު ވެސް ގުޅިފައިވަނީ މި އިންތިހާބާ ކަމަށް ވާތީ އެވެ. އިބޫ ސޯލިހާއި އިމްރާނާ އެކުގައި އިންޑިއާ ވެސް އައުޓްވެދާނެތީ އެވެ. އިންޑިއާއިން ވެސް މަރުފަލި އެޖަހަނީ މިސަބަބާ ހުރެއެވެ. ކޮންމެ ފަދަ އަގެއް ދައްކާފައިވެސް އިންޑިއާ އާއި އިބޫ ސޯލިހު މި އިންތިހާބު ނަގަން ޖެހޭތީ އެވެ!

ރިއާސީ އިންތިހާބުގައި މުހިއްމު ދައުރެއް އަދާކުރައްވާނެ ކަމަށް ބެލެވޭ އެހެނިހެން ފަރާތްތަކުގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރާއި ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމް.އެން.ޕީގެ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކާނަލް މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން އުމަރު ނަސީރަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އިންޑިއާގެ ސިޔާސީ ނުފޫޒާ ދެކޮޅު ބޭފުޅެކެވެ. އަދި އުމަރު ފަދައިން ފާޅުގައި ވިދާޅުނުވިއަސް ޑރ. މުނައްވަރަކީ ވެސް އިންޑިއާއިން ރާއްޖޭގެ ހުރިހާ ކަމެއްގެ ބާރު ނަގާފައިވާ ނެގުމާ ދެކޮޅު ބޭފުޅެކެވެ. ކާނަލް ނާޒިމް ވަރަށް ސާފުކޮށް ވިދާޅުވެފައި ވަނީ ރައީސް ސޯލިހާ ކުރައްވާނެ މަޝްވަރާއެއް ނެތް ކަމަށާއި ކޯލިޝަނެއް ނުހައްދަވާނެ ކަމަށެވެ. ސިޔާސީ ޕާޓީއެއް ނޫން ކަމުގައި ވިއަސް ޖަމީއަތުއްސަލަފުންވެސް ސިޔާސީ ކަންކަމުގައި މަަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާ އަށް ވަނީ ތިލަވެފައެވެ. އެގޮތުން އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީއާ އެކު ސަލަފުން މަޝްވަރާ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އަދި ސަލަފު ޖަމިއްޔާގެ އިސް ހުރިހާ ބޭފުޅުންނަކީ މިސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ފަރާތްތަކެއްކަން ފާހަގަ ކުރަން ޖެހެއެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދީނީ ބަސް ބުނާ އެންމެ މުހިއްމު ޕާޓީގެ ލަގަބު އަމިއްލައަށް ހޯދައިގެން ތިބި، 10 ހާސް މެމްބަރުން ވެސް ހަމަނުވާ އަދާލަތު ޕާޓީ އަކީ މިހާރު މަދު ބައެއްގެ ކޮންޓްރޯލްގެ ދަށުގައި އޮތް، ރައްޔިތުންނާ މާބޮޑު ގުޅުމެއް ނެތް ޕާޓީ އަކަށް ވުމުން ދީނީ ކަންކަމުގައި ސިޔާސީ މައިދާނުގައި ބަސްބުނެވޭނެ، ސަލަފު ޖަމިއްޔާ ފަދަ އިތުރު "ޕާޓީ" އެއް އައުމަކީ މުހިއްމު ކަމެކެވެ. އެހެން ކަމުން ޕީ.ޕީ.އެމްއާ އެކު ނަމަވެސް ޖަމިއްޔަތުއް ސަލަފުގެ ދައުރެއް 2023 ގެ އިންތިހާބުން ފެނުމަކީ މުހިއްމު ކަމެކެވެ.

އިންޑިއާ އިން ނުސީދާ ގޮތުގައި ދިވެހި ރާއްޖެ އަޅުވެތިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާތަން ފެންނަނީ ރައީސް ޔާމީނާއި ޕީ.ޕީ.އެމް/ޕީ.އެން.ސީ އެވެ. އަދި 2023 ގައި ރާއްޖޭގެ "ހޭރިޔާ" އަޅުވެތިކަމުގެ ދަތުރުގެ މިސްރާބު ބަދަލުކޮށް ދިވެހި ޤައުމު ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، ތަފާތު ސިޔާސީ ފިކުރުގެ އެންމެން، ވަގުތީ ގޮތުން ނަމަވެސް، އެއްގަލަކަށް އަރަން އެބަޖެހެއެވެ. މިނޫން ގޮތެއް ހޯދުމުގެ މަޤްސަދުގައި، ތަފާތުތައް އެއްކިބާކޮށް، އެއްގަލަކަށް އަރަންޖެހޭ ފަރާތްތަކަކީ ރައީސް ޔާމީން، ޤާސިމް އިބްރާހިމް، ރައީސް ނަޝީދު، ރައީސް މައުމޫން، އުމަރު ނަސީރު، ޑރ. މުނައްވަރު އަދި ކާނަލް ނާޒިމާއި ޖަމީޔަތުއް ސަލަފެވެ. މި އަށް ފަރާތް އެއްގަލަކަށް އަރައިފި ނަމަ ރައީސް ސޯލިހާއި އިމްރާނާއި ޝިޔާމްގެ ކޯލިޝަން ބޮޑުތަނުން ބަލިވާނެކަން ކަށަވަރެވެ. ހިޔާލް ތަފާތުވުންތައް އެއްކިބާކޮށް އެއްގަލަކަށް ނޭރުމުގެ ސަބަބުން އިދިކޮޅު ފަރާތްތައް ބައިބައިވެ، ބައެއް ފަރާތްތައް ގޮސް ރައީސް ސޯލިހުގެ ކޯލިޝަނާ ގުޅުމުގެ ސަބަބުން ދިވެހި ޤައުމަށް ލިބޭ ދާއިމީ ގެއްލުމުގެ ނުރައްކާ ހުރިހާ ފަރާތަކަށް ވެސް ފެންނާނެ އެވެ.

މިއީ އެންމެންވެސް އުޅެން އޮތް ދިވެހި ފަސްގަނޑެވެ. މި ޤައުމުގެ ހާލުގެ ދުލުން ކުރަމުންދާ އާދޭހަކީ، އަދި ދިވެހި ރައްޔިތުންގެ ބޮޑު ބައެއްގެ ވެސް އާދޭހަކީ އިންޑިއާގެ ކިބައިން ޤައުމު މިނިވަން ކޮށްދޭށޭއެވެ. ކުދި ބޮޑު ހުރިހާ ވެރީން ކުރަމުންދާ ވައްކަމާއި ހިންގަމުންދާ ކޮރަޕްޝަން ހުއްޓުވާދޭށޭއެވެ. ދިވެހި ޤައުމު ދިވެހީންނަށް އަލުން ހޯދައިދޭށޭ އެވެ. މިކަމުގައި އެންމެ މުހިއްމު ނިންމުމެއް މިވަގުތު ނިންމަވަންޖެހޭ ތިން ފަރާތަކީ ޤާސިމް އިބްރާހިމާއި ރައީސް ނަޝީދާއި ރައީސް ޔާމީނެވެ. މި ތިން ބޭފުޅުން އެކައްޗެއް ވިދާޅުވެ ތެދުވެވަޑައިގެން ފިނަމަ، ރައީސް މައުމޫނާއި އުމަރު ނަސިރާއި ޑރ.މުނައްވަރާއި ކާނަލް ނާޒިމާއި ޤައުމު ދެކެ ލޯބިވާ އެހެން ފަރާތްތަކުގެ ތާއިދާ އެކު، 2023ގެ އިންތިހާބުން އިންޑިއާ ބަލިވެ ދިވެހި ރައްޔިތުންނަށް އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.