Support Us

ޢިބްރަތްތެރި ވާހަކަ: ފަޤީރުވީމާ ރަންކަނޑަން ޖެހުމުން ދެރަވި، އެހެނަސް…

އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. ފަޤީރު ޙާލުގައިވެސް އަޅުގަނޑަށް ކިޔަވައިދިނެވެ. ކިޔަވައި ނިމުނުތަނާހެން ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. އެކަމަކުވެސް މަންމަމެން ބަލަހައްޓަންޖެހޭތީ ފައިސާ އިތުރުކުރެވޭނެ ގޮތެއް ނުވެއެވެ. ކޮންމެ މަހަކުވެސް ދެކޮޅު ޖެއްސެނީ ވަރަށް ބަލައިގެން އުޅޭތީއެވެ.

އެއީ އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫނެވެ. އަޅުގަނޑު ވިސްނި ގޮތުގައި މަންމަމެން އަޅުގަނޑަށް ކިޔަވައިދިނީ އެމީހުން ވަރަށް ދަތިޙާލުގައި އުޅެމުންނެވެ. އެމީހުންގެ އުފާތަކަށް ކުރަންޖެހޭ ކަންކަން ނުކޮށް ތިބެގެންނެވެ. އެހެންވީމާ އެމީހުން މުސްކުޅިވި ދުވަހު އެމީހުންނަށްޓަކައި ޚަރަދުކުރަން އަޅުގަނޑު ފަސްޖެހުންވާނީ ވަރަށް ނުބައި ގޮތެއް ކަމަށް ޤަބޫލުކުރީމެވެ.

ޙާލަތު އެގޮތަށް ހުރުމުން ކައިވެންޏެއް ކުރާކަށްވެސް ނުވިސްނަމެވެ. ލޯބިވެރިއަކުވެސް ނުހޯދަމެވެ. އެހެން ހުއްޓައި މީހަކު އަޅުގަނޑު ދެކެ ލޯބިވާ ކަމަށްބުނެ ފަހަތުގައި ވިއްދައިގެން އުޅެން ފެށުމުން އެއީ ތެދެއް ކަމަށް ހީކުރެވި އޭނާގެ ވާހަކަ ޤަބޫލުކުރެވުނެވެ. ލޯބިވާނަމަ ކައިވެނިކުރަން ބުނުމުން ކައިވެނިކުރަން ތައްޔާރުވެ ރަންވެސް ކިޔުއްވިއެވެ.

އެހިސާބަށް ކަންކަން ގެންގޮސްފައި އޭނާ އަޅުގަނޑު ލައްވައި ރަންކަނޑުވައި ކައިވެނިކުރީ ތަނަވަސްކަން ހުރި އަންހެނަކާއެވެ. އެ އަންހެން ކުއްޖާއަކީ ކުޑައިރު އަޅުގަނޑުގެ ގާތް އެކުވެރިއެއްވެސްމެއެވެ.

ކުޑަކޮށް ދެރަވިއެވެ. އެއީ އޭނާ އަޅުގަނޑާ ވަކިވީތީއެއް ނޫނެވެ. މީހަކާ އިންނަން ފުރަތަމަ ކީ ރަން ކަނޑަންޖެހުނީތީއެވެ. ނަމަވެސް އެއީވެސް ދުނިޔޭގައި ހިނގާނެ ކަންކަން ކަމަށް ވިސްނައި އެހައި ބޮޑަކަށް ދެރައެއް ނުވަމެވެ.

އެދުވަސްވަރު ކުރާނެ އިތުރު މަސައްކަތެއްވެސް ލިބުނެވެ. އެއީ އެހެން ކުންފުންޏަކަށް ބިޒްނަސް ޕްރަޕޯސަލެއް ތައްޔާރުކޮށްދިނުމެވެ. ހުސް ވަޤުތު އެ މަސައްކަތްކުރުމުން ރަނގަޅު އާމްދަނީއެއް ލިބުނެވެ. އެކަމާ ވަރަށް އުފަލުން ހުއްޓައި ދެވަނަ މަސައްކަތް ލިބި، ތިން ވަނަ މަސައްކަތްވެސް ލިބުނެވެ. އެހިސާބުން ރިސްކް ނަގައި ވަޒީފާއިން ވަކިވީމެވެ. އެގޮތަށް ލިބޭ މަސައްކަތްތައް ކުރުމަކީ ރަސްމީ މަސައްކަތް ކަމުގައި ބަލައިގެން މަސައްކަތްކުރަން ފެށީމެވެ. މަޑުމަޑުން ކުރިއަރަމުން އައިސް އަހަރެއްހައި ދުވަހުގެ ތެރޭގައި ގޭގައި ކުޑަކުޑަ އޮފީހެއްވެސް ހުޅުވީމެވެ.

އެ ދުވަސްވަރު އަޅުގަނޑު ލޯ ކިޔަވައި ޤާނޫނީ ވަކީލުކަމުގެ ސެޓުފިކެޓްވެސް ހޯދީމެވެ. ހުއްދަ ލިބުނުތަނާހެން ކޭސްތައް ލިބެން ފަށައިފިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުވައްޒިފުން ލައިގެން މަސައްކަތްކުރާ ވަރަށް މަސައްކަތް ލިބެން ފަށައިފިއެވެ.

ވަކީލްކަން ކުރަން ފެށިދުވަސްވަރު އަޅުގަނޑަށް އެހީތެރިވި ޒުވާނަކާ ލޯބީގެ ގޮތުން ގުޅުނީމެވެ. ދެމީހުން ކައިވެނިވެސް ކުރީމެވެ. ކައިވެނިކޮށްގެން އެކުގައި މަސައްކަތްކުރަން ފެށީއެވެ. ކައިވެނީގެ ދެ ވަނަ އަހަރު ދަރިއަކުވެސް ލިބުނެވެ.

އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް އެއް ދުވަހަކު އަޅުގަނޑާ ބައްދަލުކުރީ ރަން ކެނޑުވި މީހާއެވެ. އެއިރު އޭނާ ހުރީ ތަނަވަސް އަންހެނަކާ ކައިވެނިކޮށްގެން ފެށި ޒަވާޖީ ޙަޔާތް ފޭލްވެ ދަރަނިވެރިވެސް ވެފައެވެ. އޭނާ އައީ އޭނާގެ ކޭސްތަކެއް ހިފައިގެން އަޅުގަނޑާ ޙަވާލުކުރާށެވެ. ބުނީ ކޭސްތައް ކާމިޔާބުވުމުން އަގުދޭނެ ކަމަށެވެ.

ކޭސްތައް ބަލާފައި ބުނީމެވެ. "މި ހުރިހާ ކޭސްތައް ކާމިޔާބުވިޔަސް ކަލެއަށް ލިބޭނެ ފައިސާއެއް ނެތެވެ. ހަމައެކަނި ކަލެއަށް ދަރަނިން ސަލާމަތްވެވޭނީއެވެ. އެހެންވީމާ އަގުނުދެވޭނެ ނޫން ހެއްޔެވެ؟ އަނެއްކާ މީހަކަށް ދޭންޖެހޭ އެއްޗެއް ނުދިނުމަކީ ފާފައެކެވެ. ފާފައަކަށްވާނެ މައްސަލަތައް އަހަރެމެން ބަލައެއްނުގަންނަމެވެ. އެކަމުން ލިބޭ ފައިސާ ޙަލާލް ނުވާނެތީއެވެ."

ވަރަށް ދެރަވެފައި ހުރެ ނުކުމެގެން ދިއުމުން ހިތަށް އެރިއެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށް ކަމަށް އެބުނާ ބަހުގައި ވަރަށް ބޮޑު ޙަޤީޤަތެއް އެބައޮތްތާއެވެ. ރަން ކަނޑަން ޖެހުމުން އެދުވަހު ގަތް ލަދަށްވުރެ މީނާއާ ކައިވެނިކުރެވުނު ނަމަ ޖެހޭނެ މުޞީބާތްތައް މާބޮޑުވީހެވެ. އެ ކައިވެނި ނުކުރެވުނުކަން މިވީ ބޮޑު ނަޞީބަކަށެވެ.

ނާހިދު ޔޫސުފްގެ އެކުވެރި ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ ކުރަން ބޭނުންވާ ކައިވެނި ނުކުރެވުމުން ހިތުގައި ޖެހި މާޔޫސްވެގެން އުޅޭ އަންހެނުންނަށް ހިތްވަރުދިނުމަށެވެ. ބުނެލަން ބޭނުންވަނީ އެފަދަ ކަމެއް ކުރިމަތިވިޔަސް ކަރުއެލުވައިނުލާށެވެ. ޙައްޤު ގޮތުގައި ކުރިއަށްދާން މަސައްކަތްކުރުމުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ.

ހަމައެކަނި ކުރަން އޮތް ކަމަކީ ހަރުދަނާ އަންހެނަކަށްވާން މަސައްކަތްކުރުމެވެ. ފިރިހެނުންނަށް އާދޭސްނުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ މަގެއް ހޯދަން ވިސްނުމެވެ. ދިރިއުޅުން ކާމިޔާބުކުރެވެން އޮތީ އެއިރުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *