Support Us

މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ އަގުހުރި އަސްކަރީ ހިދުމަތް

ސިފައިންގެ ތާރީޚުގައި ބާއްވަމުން އަންނަތާ އެންމެ ގިނަ ދުވަސްވީ މުބާރާތަކީ ސިފައިންގެ ބަޑި މުބާރާތެވެ. މިގޮތުން 1947 ވަނަ އަހަރުން ފެށިގެން ސިފައިންގެ ކޮންމެ އަހަރީ ދުވަހަކާ ގުޅުވައިގެން ބާއްވަމުން އަންނަ މި ތާރީޚީ މުބާރާތް އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވަން ފެށީ 1995 ވަނަ އަހަރުން ފެށިގެންނެވެ. ސިފައިންގެ އަހަރީ ބަޑި މުބާރާތް މިހާރު ވެސް ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. މިފަދަ ތާރީޚީ އަދި މުހިންމު މުބާރާތެއް މޭޖަރ އިނގިރޭސި ޢުމަރު މަނިކަށް ސިފައިން ތަޚުސީސް ކޮށްފައިވަނީ ކީއްވެގެންކަން އެނގިވަޑައިގަންނަވާތޯއެވެ؟

މޭޖަރ އިނގިރޭސި ޢުމަރު މަނިކަށް މި ޝަރަފު ދިވެހި ސިފައިން އަރުވާފައި މި ވަނީ އެމަނިކުފާނަކީ އާދަޔާ ޚިލާފު މޮޅު ބަޑިޖެހުންތެރިޔަކަށް ވެގެންނެއް ނޫނެވެ. އެކަމަކު އެމަނިކުފާނުގެ އިޚްލާޞްތެރިކަމާއި ވަފާތެރިކަމުގެ ސަބަބުންނެވެ. ސިފައިންގެ ޤައުމީ ޚިދުމަތުގައި ހޭދަކުރެއްވި 44 އަހަރުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ ހަތިޔާރުތައް ބެލެހެއްޓެވުމުގައި މަސައްކަތް ކުރެއްވިއިރު އެއްވެސް މައްސަލައެއް ދިމާނުވެ ވަރަށް ފަރުވާތެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށްކަމޭ ހިއްތަވައިގެން ކުރެއްވި އަގުހުރި އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މޭޖަރ އިނގިރޭސި ޢުމަރު މަނިކު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 ޖަނަވަރީ 1950 ގައެވެ. އެ ދުވަހުން ފެށިގެން މޭޖަރ އިނގިރޭސި ޢުމަރު މަނިކު ފާހަގަ ކުރެވިފައި ވަނީ ހަރުދަނާ ސިފަވަންތަ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ސިފައިންނަށް ހެވިކަން ނުވަތަ ޕެރޭޑާއި އަސްކަރީ އެކިއެކި ތަމްރީނުތައް ދެއްވުމަށް 1959 ވަނަ އަހަރު ސަރުކާރުން މާލެ ގެންނެވި ސްރީލަންކާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައި ހުންނެވި ތަޖުރިބާކާރެއް ކަމަށްވާ، މޭޖަރ (ރިޓަޔަރޑް) ޑީއެފް ފޮސްޓަރގެ އަރިހުން މޭޖަރ އިނގިރޭސި ޢުމަރު މަނިކު ތަމުރީނު ހޯއްދެވިއެވެ. އެ ތަމުރީނުތަކުގެ ތެރޭގައި އަމާޒަށް ބަޑިޖެހުން ވެސް ހިމެނެއެވެ. މޭޖަރ ޑީއެފް ފޮސްޓަރގެ އަރިހުން ހޯއްދެވި ތަމުރީނުތަކަށްފަހު ހެވިއެދުރެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާގައި މޭޖަރ އިނގިރޭސި ޢުމަރު މަނިކު ޚިދުމަތް ކުރެއްވިއެވެ.

މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ރާއްޖެއިން ބޭރުން ވެސް ތަމުރީނު ހޯއްދަވާފައިވާ ބޭފުޅެކެވެ. މިގޮތުން 1966 އަހަރު ސްރީލަންކާއިން ފަޔަރ ބްރިގޭޑް ކޯސް ނުވަތަ އަލިފާން ނިންވުމާބެހޭ ތަމްރީނު ކޯސް ފުރިހަމަ ކުރެއްވި 10 ބޭފުޅުންގެ ތެރޭގައި މޭޖަރ އިނގިރޭސި ޢުމަރު މަނިކު ހިމެނިވަޑައިގެންނެވިއެވެ. އެއީ ރާއްޖޭން ބޭރުން އެންމެ ފުރަތަމަ އަލިފާން ނިއްވުމުގެ ތަމުރީނު ހެއްދެވި ދިވެހީންނެވެ. އެ ބޭފުޅުން އެ ތަމުރީނު ފުރިހަމަ ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން މަސައްކަތް ކުރެއްވީ ހުޅުލޭ އެއަރޕޯޓުގައި ފަޔަރ ފައިޓަރުންގެ ގޮތުގައެވެ. އޭރު ހުޅުލޭގައި ފަޔަރ ފައިޓަރުންގެ ގޮތުގައި މަސައްކަތްކުރީ ސިފައިންނެވެ.

މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ސިފައިންގެ ޚިދުމަތުގެ ތެރޭގައި ފާހަގަކޮށްލޭ ޚާއްޞަ ޚިދުމަތްތައް ވަރަށް ގިނައެވެ. އޭގެތެރޭގައި ދެކުނު ގަޑުބަޑާ ގުޅިގެން 1959 ވަނަ އަހަރު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަރިހުގައި ހުވަދޫ އަތޮޅަށް ގެންދެވި ސިފައިންގެ ތެރޭގައި ހިމެނި، އެ އަތޮޅަށް ވަޑައިގަތުން ހިމެނެއެވެ. އަދި އެ ދުވަސްވަރު ހައްދުންމަތީގައި ސިފައިން ޤާއިމުކޮށް ޑިއުޓީ މަރަމުން ދިޔައިރު ހައްދުމަތީ މާމެންދޫގައި ޑިއުޓީ އަދާކުރެއްވުން ވެސް ހިމެނެވެ.

މޭޖަރ އިނގިރޭސި ޢުމަރުމަނިކަކީ އަސްކަރީ ހަޔާތުގައި ގިނަ ދުވަސްތަކެއްގައި ހަތިޔާރު ބެލެހެއްޓެވުމުގެ ޒިންމާދާރު މަސައްކަތުގައި ދެމިހުންނެވި ސިފައިންގެ ވެރިން ވަރަށް އިތުބާރު ކުރެއްވި ބޭފުޅެވެ. 1988 ނޮވެންބަރު ތިން ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާގެ ވަގުތުގައި ބަޑިގުދަނުގެ ކަންތައްތައް ވަކި އިންތިޒާމެއްގެ މަތީން ކުރިއަށް ގެންދެވީ މޭޖަރ ޢުމަރު މަނިކެވެ. އެ ދުވަހު ބަޑިގުދަނުން ސިފައިންނަށް ހަތިޔާރާއި ވަޒަން ދޫކުރައްވަމުން މެގަޒިންތަކަށް ވަޒަން އަޅައިދެމުން ގެންދެވިއެވެ. އަދި ބަޑި ނަގަން ދިޔަ، ތަމުރީނުގައި ބަޑިޖަހަން ފުރުސަތު ލިބިފައިނުވާ ޒުވާން ކުދިންނަށް ބަޑިޖަހަންވީ ގޮތް ވިދާޅުވެދެއްވައި ބަޑި ޖަހަން ދަސްކޮށްދެއްވިއެވެ. ބަޑިގުދަނުން ލިބެންހުރި ހަތިޔާރާއި ވަޒަން ހުސްވުމަކާ ގާތަށް ދިއުމުން ބަޑިގުދަނުގެ އެތެރޭ ލޮކަރު ހުޅުވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެެއްވިއެވެ. އެ ލޮކަރުގެ ތަޅުދަނޑިފަތި ސިފައިންގެ އެތެރެއަށް އެއްލުމުން އަވަސް އަވަހަށް ލޮކަރު ހުޅުވައި ހަތިޔާރު ދޫކުރެއްވުމުގަައި އިސްދައުރެއް މޭޖަރ އިނގިރޭސި އުމަރު މަނިކު އަދާކުރެއްވިއެވެ.

މޭޖަރ އިނގިރޭސި ޢުމަރު މަނިކު ނިސްބަތްވާ ޢާއިލާގެ ބައެއް އެހެން ބޭފުޅުން ސިފައިންގޭގައި ޚިދުމަތް ކުރެއްވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިނގިރޭސި މޫސާ މަނިކެވެ. މިގޮތުން 1972 ވަނަ އަހަރު އޮތް ސިފައިންގެ އަހަރީ ބަޑި މުބާރާތުން އިނގިރޭސި މޫސާ މަނިކު ދެވަނަ ހާސިލުކުރެއްވިއެވެ.

މޭޖަރ އިނގިރޭސި ޢުމަރު މަނިކު އަވަހާރަވީ 13 މާރިޗު 1994 ގައެވެ. އެ ރޭ ސިފައިންގެ މައި މަރުކަޒުގައި އަވަހާރަފުޅަށް އޮންނަވަނިކޮށެވެ. ޖަނާޒާ ކުރިއަށް ގެންދެވީ ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ. އަލްމަރުޙޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ޤައުމީ ޚިދުމަތުގައި ބަރަކާތް ލައްވައި، އެ މަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އިނގިރޭސި އުމަރުމަނިކު ކިޔުނީ ކީއްވެގެންކަން ބަޔާންކުރައްވައިފައި އޮތް ނަމައޭ ހިތަށް އެރި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *