Support Us

ބީ.އެމްލްގެ ސީ.އީ.އޯ އާއި ޑެޕިއުޓީ ސީ.އީ.އޯ

ބީ.އެމް.އެލްގެ އެކައުންޓަކުން ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ވަގަށް ނެގި މައްސަލައެއް

ބީ.އެމް.އެލްގައި އޮންނަ އެކައުންޓުން ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެ، އެކަމާ ގުޅޭ ލިއުންތައް މީސްމީޑިއާގައި ދައުރުވަމުން އެބަދެއެވެ.

މުހައްމަދު ޝަރާހު ނަމަކަށް ކިޔާ މީހަކު ބުނީ އޭނާގެ ތިމާގެ މީހެއްގެ އެކައުންޓުން 250،000ރ. ވަގަށް ނަގައިފައި ވަނީ ބީއެމްއެލް މޯބައިލް ޕޭ ބޭނުންކޮށްގެން ކަމަށާއި އެކަމާ ބެހޭ ގޮތުން ބޭންކުން އެއްވެސް މައުލޫމާތެއް ވެސް އަދި އެހީތެރިކަމެއް ވެސް ނުދިން ކަމަށެވެ. އަދި އެ ވައްކަންކުރި މީހާގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުމުން އެ މީހާވެސް ހައްޔަރުނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބީ.އެމް.އެލްގެ މީޑިއާއާ ބެހޭ އޮފިޝަލަކު "އަދިވެސް" އަށް މިއަދު ވިދާޅުވީ މިފަދަ ވަކިވަކި ކޭސްތަކާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ނުދެއްވާ ކަމަށާއި ނަމަވެސް މިފަދަ ސްކޭމްތަކާ ބެހޭ ގޮތުން މާދަމާ ބަޔާނެއް ނެރޭނެ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މީސްމީޑިއާގައި ދައުރުވަމުންދާ ބައެއް ޕޯސްޓްތައް ތިރީގައި މި ވަނީ އެވެ. އޭގައި، އެކައުންޓުން ކޮށްފައިވާ ވަގު ވިޔަފާރިތަކުގެ ތަފްސީލްތައްވެސް ވަނީ ހިމަނައިފައެވެ. އޭގައި ވަރަށް ބޮޑެތި އަދަދުތަކުން ވެސް ވިޔަފާރި ވަނީ ކޮށްފައެވެ.

މި ޕޯސްޓާ ގުޅިގެން ބައެއް މީހުން ވަނީ ބީ.އެމް.އެލް އަށް އެއްޗެތި ކިޔައި ކޮމެންޓްކޮށްފައެވެ.

ދިވެހި ރައްޔިތުންގެ ބޭންކު ކަމަށް ދައުވާކުރާ ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތެއް މިދިޔަ އަހަރު  ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.