Support Us

Man sits on a camping chair with a mug of tea and contemplates the beautiful sunset. The background of the sea is blurred.

ހަގީގީ ވާހަކަ: މިއަދު އަހަރެންގެ ހާލު ނުބެލިޔަސް އެންމެ ރަނގަޅެވެ.

އަދިވެސް މިއީ ހަމަ އަހަރެންނެވެ. ކޮންމެ ކުއްޖަކީވެސް މައިންބަފައިންގެ ލޯބި ބޭނުންވާނެ ކުއްޖެކެވެ. ހާއްސަކޮށް ޅައުމުރުގައެވެ. އެހެނަސް އަހަރެންގެ ތަޤުދީރު އެ ލޯބިން އަހަރެންގެ އަތުން ނިގުޅައިގަތީއެވެ. އަހަރެންގެ އެންމެ ޅައުމުރުގައެވެ. އެއިރު އަހަރެންނަކީ ކުޑަކުއްޖެކެވެ. އަމިއްލައަށް ބޮލަށް އަޅާލަން ފެންދާންޏެއްވެސް ރަނގަޅަށް ނުއުފުލެއެވެ. އުމުރުން ހަތް އަހަރު ނަމަވެސް ބަލާބެލުމަށް އަހަރެން ހީވާނީ ފަސް އަހަރުގެ ކުއްޖެއްހެންނެވެ.

އަހަރެން ދުނިޔެއަށް އުފަންވީންސުރެ އަހަރެންގެ ބައްޕައެއް ނުދެކެމެވެ. ނުވެސް ދަންނަމެވެ. މަންމަ ގާތުގައި އަހަރެން އުޅެމުންދިޔައީ އެ އުމުރުގެ ކުދިން އުޅޭހެނެއް ނޫނެވެ. ބަނޑުހައި ހޫނުކަން ފިލުވަނީ އަމިއްލަށެވެ. ހައިހޫނުކަން ފިލުވަން އުޅެވުނު އެކި ފަހަރުގެ ތެރެއިން އަހަރެންނަށް އެތައް އަނިޔާއެއް ލިބިފައި އެބަހުއްޓެވެ. އެއިރު ލިބުނު އެތައް އަނިޔާއެއްގެ ލަކުނު މިއަދުވެސް އަހަރެންގެ ހަށިގަނޑުން ފެންނަން އެބަހުއްޓެވެ.

އަހަރެންނާ އެއް އުމުރުގެ ކުދިންނާއި ބޮޑެތި މީހުންގެ ފުށުން އެތަކެއް އަނިޔާއެއް ތަހައްމަލް ކުރަންޖެހުނެވެ. އެކި އެކި ސަބަބުތަކާ ހުރެއެވެ. އެންމެ ބޮޑު ބަލިފަޔަކަށްވީ އަހަރެމެންގެ ނިކަމެތިކަމެވެ. ރަށުގައި ތިބި މަންމަގެ އާއިލާގެ ފުށުންވެސް މަންމައަށާއި އަހަރެމެންނަށް މަލާމަތާއި ފުރަސާރަ ނޫން އެއްޗެއް ނުލިބެއެވެ. އެހީއަކަށް މީހެއްގެ ގާތުގައި އެދެން މަންމަވެސް ޖެހިލުންވެއެވެ. ކުރާ މަލާމަތާއި ކިޔާ އެއްޗިހި އަޑުއިވިފައެވެ. ކިތަންމެ ކުޑަނަމަވެސް އެހަނދާންތައް ދެންމެ ހިނގި ކަމެއް ފަދައިން އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. އެއީ ހިތްދަތި ދުވަސްތަކެކެވެ. އަހަރެންގެ ހަނދާނުން ދުވަހަކުވެސް ނުފޮހެވޭނެ ދުވަސްތަކެކެވެ.

މަންމަގެ އާއިލާ ފިޔަވައި އަހަރެމެންގެ އެއްވެސް ބަޔަކު އެރަށުގައި ނެތެވެ. އެމީހުންވެސް އެދުވަހުވީ އަހަރެމެނަށްޓަކައި ބީރައްޓެހިންނަށެވެ.

އަހަރެންގެ އުމުރުން އެންމެ ހަތް އަހަރުގައި ނުވެސް ދަންނަ ބައެއްގެ ގާތަށް މަންމަ އަހަރެން ފޮނުވާލިއެވެ. ބަޔަކު އަހަރެންނަށް ކިޔަވައިދީ ބަލައިދޭނެ ކަމަށް ބުނުމުން މަންމަ އެމީހުންނަށް އަހަރެންދިނީއެވެ. އަހަރެންގެ ދައްތައަކާއި ކޮއްކޮއެއް ހުރެއެވެ. އޭގެ ތެރެއިން އަހަރެންނަކީ ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. މަންމަ އަހަރެން ބަޔަކަށް ދިނީ އެމީހުން ބޭނުންވީ ފިރިހެން ކުއްޖެއް ކަމަށް ވެފައި އަހަރެންނަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ހޯދައިދޭނެ ކަމުގެ ފޮނި އުއްމީދު އޮތީމައެވެ. އަހަރެންގެ މަންމައަކީ އަހަރެމެން ތިން ކުދިންނަށް ބޭނުންވާ ކަންކަން ކޮށްދެވޭ ފަދަ މީހަކަށް ނުވާތީއެވެ. މަންމަގެ އާއިލާއިންވެސް އެއްވެސް އަޅާލުމަކާއި އޯޤާތެރިކަމެއް ނުލިބޭތީއެވެ. ރަށުގައި އަހަރެމެން ފަދަ ކުދިންނަށް އެހެން ކުދިންނާއި މީހުންގެ ފުށުން ލިބެމުންދާ މަލާމަތާއި ފުރަސާރައާއި އަނިޔާތަށް އިތުރަށް އަހަރެންނަށް ލިބެން ނޭދޭތީއެވެ.

އަހަރެންގެ ލޯބިވާ ކުޑަކުޑަ އާއިލާ އާއި އުފަން ރަށް ދޫކޮށް އަހަރެން ދިޔައީ ދުވަހަކުވެސް އަދި ބައްދަލުނުވާ ބައެއްގެ ގާތަށެވެ. އަހަރެންގެ ރަށާއި އަތޮޅާ ވެސް އެތައް މޭލެއް ދުރުގައި އޮތް ރަށަކަށެވެ. އަހަރެންގެ އުމުރުން އެހައި ޅައުމުރަށް ވުމުން އެއިރު މާބޮޑު ވިސްނުމެއް ފިކުރެއް ހިޔާލެއްވެސް ނެތެވެ. ރަށުގައި އަބަދު މީހުން އެކުރާމަލާމާތާއި އެއްފުރައިގެ ކުދިން އަތުން ލިބޭ އަނިޔާތަކުން ސަލާމަތްވީތީ އަހަރެން ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް މަންމަމެން ދޫކޮށް ދާންޖެހުން އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. މަންމަ އަހަރެންނަށް އެތައް ނަސޭހަތެއް ދިނެވެ. އެތައް ހިތްވަރެއް ދިނެވެ. މަންމަ އަށް އަހަރެމެންނަށް ރަނގަޅު ތައުލީމެއް ހޯދައިނުދެވޭތާ ރަނގަޅު ކާއެއްޗެއް ނުދެވޭކަމާއި އަހަރެންގެ ނަސީބު ރަނގަޅު ކަމުން އަހަރެންނަށް އެ ފުރުސަތު ލިބުނީތީ މިއަދު އޮތް އެންމެ ރަނގަޅު ގޮތަކީ ދިއުން ކަމުގައި ބުނެ އެތައް ހިތްވަރެއް ދިނެވެ.

އުމުރުން އެންމެ ހަތް އަހަރުގައި އެ ދަތުރު އަހަރެން ފެށީ ފޮނި އުއްމީދުތަކަކާ އެކުއެވެ. އަހަރެންގެ ހިތުގައި އަޒުމެއް އޮވެގެންނެވެ.

އަހަރެންނަށް އެނގެއެވެ. އަހަރެން ފަދަ ނިކަމެއްޗަކަށް އަހަރެންގެ ރަށުން ލިބޭނޭ އެއްވެސް ފުރުސަތެއް ނެތެވެ. އެންމެންވެސް އަހަރެމެން ބާކީ ކޮށްލަނީއެވެ. ބައި ހަދާފައި ކުރަނީ މަލާމަތާއި ފުރަސާރައެވެ. އެހީ އަކަށް އެދެފިނަމަ ގޮވައިގަންނަ އެއްޗިހި އަޑުއިވިފައި ހިތަށް ވަރަށް އަސަރުކުރެއެވެ. ދުރުހިލޭ މީހުންގެ ބަސްތަކަށްވުރެ އަހަރެންގެ މަންމަގެ އާއިިލާ މީހުންގެ އަމަލުތަކުންނާއި ބަސްތަކުން ކޮންމެ ދުވަހަކު އެތައް ފަހަރު އަހަރެންގެ ކުޑަކުޑަ ހިތް ފަޅައިގެންދެއެވެ. އެ ވޭނީ ބަސްތަކުގެ އަޑު ކެނޑޭނެ ދުވަހެއް ނޭނގެއެވެ.

އަހަރެންގެ އުއްމީދުގެ ހުޅުކޮޅު އާވެ އަނެއްކާވެސް އައު ބާބަކުން ފެށީމެވެ. އަހަރެން ނުދަންނަ ބައެކެވެ. އެކަން އެންމެ ފަހަރަކުވެސް އިހްސާސެއް ނުވެއެވެެ. އަހަރެންނަށް މަންމަ އާއި ބައްޕަގެ ލޯބި ލިބެއެވެ. އެއްބަނޑުއެއްބަފާ ނޫނަސް އެއްބަނޑު އެއްބަފާކަމުގެ އިހްސާސް ކުރެވޭ ބަޔަކު އެބަތިއްބެވެ. މިއީ އަހަރެންގެ ނަސީބެވެ. ބޭނުންވާ އެއްޗެއް ނުލިބިފައި ހުންނާކަށް ނުޖެހެއެވެ. ހުރިހާ ވަގުތަކު ރަނގަޅަށް ކާން ލިބެއެވެ. ރީތި އަންނައުނު ލިބެއެވެ. އަހަރެން ބޮޑުވަމުން އައީ ދުރުހިލޭ ބައެއްގެ ގާތުގައެވެ. އެމީހުންގެ ފުރިހަމަ އަޅާލުމާއި އޯޣަތެރިކަން ލިބިގެންނެވެ. މިއަދު އަހަރެންނަށް އަނިޔާކޮށް، ތޮޅެ، މަލާމަތްކުރާ ކުދިންގެ ބަދަލުގައި ފެންނަނީ ރަހުމަތްތެރި، އަޅާލާ، އޯޤާތެރި ކުދިންތަކެކެވެ. މީހެއްގެ އެހީ އަކަށް އެދޭކަށް ނުޖެހެއެވެ. މީހުން އަމިއްލައަށް ފެނިގެން އަހަރެންނަށް ވެދެމުން އައި އެހީތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. މި ރަށުގެ މީހުންގެ ފަރާތުން އަހަރެންނަށް އެތައް ހިތްވަރެއް ލިބުނެވެ. އެމީހުން އެތައް ނަސޭހަތެއް ދިނެވެ. އަހަރެން ހުންނަނީ ވަރަށް އުފަލުންނެވެ.

އަހަރެންގެ ހާލުބަލަން މަންމަ ކޮންމެ ދުވަހަކުވެސް ފޯނުކުރެއެވެ. އަހަރެން ހުންނަނީ ހިތްހަމަޖެހިގެން އުފަލުގައި ކަމަށްވާތީ މަންމަ ފޯން ބާއްވަނީ ވަރަށް އުފަލުންނެވެ. ނަމަވެސް ކުރިޔެކޭ އެއް ގޮތަށް އަހަރެންގެ މަންމަ ފިޔަވައި އަހަރެންގެ ހާލު ބަަލައިލާނެ އެއްވެސް މީހަކުނެތެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ރަށުން އައިތާ ދެ އަހަރެއް ފަހުން ހިނގި ހާދިސާއެއްގައި އަހަރެންގެ މަންމަ ވަނީ ޖަލަށް ލާފައެވެ. އެ ހަބަރު އަހަރެންނަށް ލިބުނީ އަހަރެންގެ އުމުރުން ނުވަ އަހަރުގައެވެ. މާބޮޑު ވިސްނުމެއް ނެތަސް އެއީ އަހަރެން ވަރަށް ދެރަވި ދުވަހެކެވެ. އަހަރެންގެ މަންމައަށް އެހެންވުމުން ދެން އަހަރެންގެ ހާލު ބަަލައިލާނެ ހަމަ އެއްވެސް އިންސާނަކު މަންމަގެ އާއިލާގައި ނެތެވެ.

ދޭތެރެއަކުން މަންމަގެ ފޯން ކޯލެއް އަހަރެންނަށް ލިބެއެވެ. ކޮންމެ ފަހަރަކުވެސް މަންމަ އަހަރެންނަށް ނަސޭހަތްދެއެވެ. މަންމަގެ ނަސޭހަތުގައި ހިފައި އަހަރެން ކިޔެވީމެވެ. ގުރޭޑް ދިހައެއް ނިންމީމެވެ. ޤުރްއާން ކިޔަވައި ނަމާދު ކުރަން ދަސްކުރީމެވެ. އަހަރެންގެ ކިބައިގައި ހަރުދަނާ ރަނގަޅު އަހްލާގެއް ހުރި ނަމަ އެއީ އަހަރެންނަށް އެހީތެރިވި އަހަރެންގެ ދެވަނަ އާއިލާގެ ރަނގަޅު ކަމެވެ. މިއަދު އަހަރެން މިހުރީ ބޮޑު މީހަކަށް ވެފައެވެ. މިއަދު އަހަރެން މިދަނީ ސަރުކާރުގެ ވަޒީފާއެއް އަދާކުރަމުންނެވެ. މިހާރު އަހަރެންގެ ތިބިހާވެސް ބަޔަކީ ޔަތީމް ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓައި އަހަރެންނަށް އެހީވެ ބަލައި ބޮޑުކުރި މީހުންނެވެ.

މިއަދު އަހަރެންގެ މަންމަގެ އާޢިލާއަށް އަހަރެން ފެނިއްޖެއެވެ. އަހަރެންގެ ފަރާތުން މަދަދާއި އެހީއަށް އެދެއެވެ. އަހަރެންގެ ހާލުބަލައެވެ. އެމީހުންނަށް އަހަރެން ނުގުޅާނަމަ ޝަކުވާ ވެސް ކުރެއެެވެ.

އަހަރެން ހަނދާން އެބަހުއްޓެވެ. ޔަތީމް ކުޑަކުއްޖެއްގެ ގޮތުގައި އަހަރެން ހުއްޓައި ބަޔަކު އަހަރެންނަށް އެހީތެރިވާން އުޅުނު ދުވަހު މަންމަގެ އާޢިލާގެ ބަޔަކު އަހަރެންނަށް ނިސްބަތްކޮށް ކީ އެއްޗިހި ހަނދާނުން ފޮހެލާނީ ކިހިނެއްހެއްޔެވެ؟ އެއީ ހިތުގައި އެތައް ކޫރުމެއް އެޅުނު ދުވަހެކެވެ. އަހަރެންގެ މަންމަގެ ހިތް ކުދިކުދިކޮށްލި ދުވަހެކެވެ.

މިއަދު އަހަރެންގެ ހާލު ނުބެލިޔަސް އެންމެ ރަނގަޅެވެ. އެ ދުވަހުވެސް މިއަދު ވެސް އަހަރެންނާއެކު ﷲ ވޮޑިގެންވެއެވެ. އެވަރުން އަހަރެންނަށް ފުދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *