Support Us

ހިމޭން މަރު

މަންމައަށް އަދި ހިތްވަރުން އެބަ މަޑުމަޑުން ނޭވައިލެވޭ
އަންނަ އިޙްސާސާ ޚިޔާލުން މަންޒަރެއް ހިތުގައި ފެވޭ

ވާގިނެތް ދުލުގައި އުދާހާ ޖާޒުބީ އެކި އިލްތިމާސް
ވާކަމުން ހައްޔަރުވެފައި ގިލަނާއި ކެކުޅުން އިތުރުވޭ

ކޮންމެ ކުއްޖަކު ބޮޑުކުރާން ތަޢުލީމުދީގެން މޮޅުކުރާން
ދިން ފިދާޔާ ދުށް ނަތީޖާ ފެންނަ ކަރުނުން ދޭހަވޭ

ކާކުހޭ ކާއެތިކޮޅެއް ދޭން އައިސް އުޅޭ ބާބޫއަކީ؟
ކާންލިބޭ ކެއުމެއްގެ ރަހައެއް ރާޙަތެއް އަރަކަށް ނުވޭ

ކާކުހޭ ގައިދޮވެލަދީ ތަންމަތި އަޅާ ސޯޖާއަކީ؟
ސާފު ތަރުތީބެއް އަރާމު ވަހެއް އެނގޭ ކަމަކަށްނުވޭ

ކާކުހޭ އަހަރެންގެ ދިވެހި ލިބާސް ފަހައިދޭ ޕުތުރަކީ؟
ބޯވަޅެއް ބަދަނެއް ބަތާނަގަނޑެއް ކަކެއް ދިމައެއްނުވޭ

ކާކުހޭ ފައިސާ ފިހާރައިން ގެންނަ ޝަންކަރުޖީއަކީ؟
ކާފަމެންނާ މާމަމެންގެ ލަޔާޤަތަށް ސާބަސްދެވޭ

އޭ ދަރީންނޭ ތިޔަ ކުދީން ތިޔައީ މި ގޭގައި ކޮންބައެއް؟
ލޭގެ ތަރިކައިން މިންވަރެއް ވެސް ނުލިބެނީހެ؟ އަޖައިބުވޭ

ލޯ މަރާލައިގެން ދިމާ ފުރަގަސްދެނީ މި އަމާނަތަށް،
ލޯބި މަރުވީހޭ ޟަމީރުތަކުން….! ވަރަށް އެބަ ގިސްލެވޭ

ކީއްވެހޭ ތިޔަހައި ހިތެއް އަގަލެއް ފިތެއް ކުލުނެއް ނެތީ
ނީވެނީ މަންމަގެ މި ރުއިން އިވުނަސް އިވޭކަމަކަށްނުވޭ

އަތް އުރައިލީމާ ކޮކާހެން އުދުހެވޭނީހޭ އުހަށް
ފަތް ގެޔާ ގޯތީގެ ބީވާ ތަން ދެކޭށަ ކެތެއްނުވޭ

މަންމައަށް ދިން ފިރުމުމެއް މަދަދެއް އުފާވެރި ހީނލުމެއް
އެންމެ ކުއްޖަކު ވެސް ހަނދާންވޭހޭ؟ އެނޫން ދިރުމެއްނުވޭ

އޭ ދަރީންނޭ އެނބުރި އަންނާށޭ މި ހިތް އަދިވެސް ހެވޭ
ރޭ ދުވާ ހެކިކޮށް ބުނަން، މި ފުރާނަ ފަދައިން ލޯބިވޭ

ލޮނުފެނުން ފެންދޭ ގަހެއް މަރުވާ ފަދައިން ހިކިފަސްމަތީ
ތުނި މިހިތް ފުނޑުފުނޑުވެ މިދަނީ…! ލޯ މިހާރަކު ނުހުޅުވޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. ކޮންމެ ކުއްޖަކު ބޮޑުކުރާން ތަޢުލީމުދީގެން މޮޅުކުރާން
    ދިން ފިދާޔާ ދުށް ނަތީޖާ ފެންނަ ކަރުނުން ދޭހަވޭ
    މިބައި’ތުގަ މިވާ
    "ދިން ފިދާޔާ ދުށް ނަތީޖާ "
    ބައިގައި މިބުނަންއުޅޭ އެއްޗެއް ނުވިސްނޭ ސަރަހަ ކޮށްދެއްވިއްޔާ ޝުކުރުވެރިވާން.

  2. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ޢިބްރަތްތެރި ޅެމެއް. މިއީ މިޒަމާނުގެ ޙާލަތު..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *