Support Us

އާ އަހަރު ފެށުމާއެކު… ކިޔާލަން ވަގުތުކޮޅެއް ހުސްކޮށްލުން މުހިންމު

އާ އަހަރާއެކު، މިއީ ވިސްނާލަން ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ ސިއްޙީ އިދާރާތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި، ދުންފަތުގެ (Sheesha, Cigarette, Vape, Tobacco) އިޞްތިއުމާލުކުރުމުގެ ސަބަބުން އަހަރެއްގެ މައްޗަށް އަށް މިލިޔަން މީހުން އެބަ ދުނިޔެ ދޫކުރަމުންދެއެވެ. (އެބަހީ- މަރުވެގެންދއެވެ.) މިކަން މިހެން އޮތް ކަމުގައި ވީނަމަވެސް، އަދުގެ މުޖުތަމަޢުގައި ހުއްޓުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ އެއް ވަބާއަކީ މިއީ ކަމުގައިވެސް ބުނެވިދާނެއެވެ.

މިކަމުގެ ތެރެއަށް ވަންނަމުންދާ ޒުވާނުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިކަމާމެދު ބުއްދީގެ ހަމަތަކުން ވިސްނާލެވޭއިރު، އަޅުގަނޑަށް ފާހަގަކުރޭ މައިގަނޑު އެއް ސަބަބަކީ މުޖުތަމަޢުގެ ތެރޭގައި މިކަން ކުރުން އާންމުވެފައި އޮންނަ އޮތުމެވެ. ވަކި ތަނެއް އިސްތިސްނާވުމެއް ނެތި، ކޮންމެ ދިމާލަކަށް ބެލިކަމުގައި ވިޔަސް މިކަމަށް އަދުގެ ޒުވާނުން ހުށަހެޅިފައިވުމެވެ. އެއީ ގޭތެރެއިން ފެށިގެން، ހިނގާބިގާވެ އުޅޭ މަގުމަތިންނާއި ވަޒީފާ އަދާކުރާ މާޙައުލުތަކުންވެސް މިތިބެނީ މިކަމުގެ ތެރެއަށް ހުށަހެޅިފައެވެ. އެންމެ ކުޑަމިނުން ސައިފޮދެއް ބޯލަން ވަންނަ ތަންތަނުގައިވެސް މިކަމުން ސަލާމަތްވެވޭނެ ގޮތެއް ގިނަ ފަހަރު ނޯވެއެވެ.

މިއާއެކު، ދުންފަތުގެ އިސްތިޢުމާލުކުރެވޭ ކުއްޖާއަށް މިކަމުގެ ތެރެއަށް އެހާ ފަސޭހައިން ވަދެވޭ ސަބަބެއް ކަމަށް އަޅުގަނޑަށް އިތުރަށް ޤަބޫލުކުރެވެނީ، އެ ކުއްޖެއްގެ އެންމެ ގާތުން މިފަދަ ޢަމަލުތަކަށް ހުށަހެޅިގެންދާ ދިއުމެވެ. މިސާލަކަށް ކާފަ، މާމަ، ބައްޕަ، މަންމަ، ބޭބެ، ދައްތައެއްގެ ފުށުންނެވެ. މިދެންނެވި، ނަމޫނާވެރި ފަރާތްތަކުން މިފަދަ ކަންކަން ކުރަމުންދާނަމަ، އެއްކަލަ ކުއްޖާއަށް ވަރަށް ފަސޭހައިން މިކަމުގެ ތެރެއަށް ވަންނަ ގޮތް އެބަ ދިމާވެއެވެ. ގާތް އެކުވެރިންނަށް ނޫނެކޭ ބުނުމަށްވުރެ، އާނއެކޭ ބުނެވޭލެއް އަވަހެވެ. ނަތީޖާއަކަށް ވެގެންދަނީ، މިއަދުގެ މުޖުތަމަޢުގައި ގައިންގަޔަށް ނާރާ ބަލިތަކުން، އެންމެ ގިނަ އަދަދަކަށް މީހުން މަރުވެގެން މިދަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުންނެވެ. އަދި ކިއެއްތަ، އެކިއެކި ނުރައްކާތެރި ބަލިތަކަށް މިފަދަ ފަރާތްތައް ހުށަހެޅިގެންދަނީ މަދެއްކޮށެއް ނޫނެވެ. މީގެ ތެރޭގައި Cancer, Heart Disease Stroke, Lung Diseases, Diabetes, & Chronic Obstructive Pulmonary Disease (COPD), which includes Emphysema & Chronic Bronchitis.

އަދި އެންމެ ހިތާމަކުރަންޖެހޭ އެއް ކަމަކީ، ކިޑްނީ ފަދަ ގުނަވަނެއް ފެއިލް ވެގެން އެ އުޅެންޖެހޭ ހާލު ފެނިފައެވެ. އެކަކު އަނެކަކުގެ ކިބައިން ކިޑްނީ އެއް ލިބޭތޯ ނުވަތަ ފައިސާގެ އެހީތެރިކަމެއް ލިބޭތޯ އާދޭސްކުރަމުންދާ މަންޒަރެވެ. ދެން ﷲގެ ރަޙުމަތް އަޅުތަކުންގެ މައްޗަށް އޮންނާނެ މިންވަރު ވިސްނަވާލައްވާށެވެ. އެ އިލާހު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވަނީ وَلَا تَقۡتُلُوۤا۟ أَنفُسَكُمۡۚ إِنَّ ٱللَّهَ كَانَ بِكُمۡ رَحِیمࣰا އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ. (Surah An-Nisâ':29) ވުމާއެކު، މިފަދަ ކަމެއްގެ ތެރެއިން ނަފުސަށް ގެއްލުމެއް ދީފިކަމުގައި ވާނަމަ، ތިމާ #ފާފަވެރިވާނެއެވެ. އަދި މަރުވެގެން ގޮސްފިކަމުގައި ވަނީނަމަ، އެ އިލާހުގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެއެވެ.

ނިންމާލަމުން ދަންނަވާލަން އޮތް ވާހަކައަކީ، ކޮންމެ މީހަކީވެސް މިކަމުން ދެން އަންނަން އޮތް ޖީލު، ސަލާމަތްކުރަން މަސައްކަތް ކުރެވިދާނެ މީހެއްކަމެވެ. އަޅުގަނޑުގެ ބާރު މިހިނގާ ހަތަރު ފާރުން އެތެރޭގައި މިފަދަ ކަމެއް ނުހިނގާނެއެވެ. އެހެނީ އަޅުގަނޑު މި ދިރިއުޅޭ ތަންކޮޅަކީ NO SMOKING AREA އެކެވެ. މިފަދަ އެއްވެސް ކަމެއް، އާލާތެއް ފެނިގެނެއް ނުދާނެއެވެ. މިފަދައިން ކޮންމެ ޒުވާން ދެމަފިރިންނަށް (ނުވަތަ) ބައްޕަ، މަންމަ، އަދި ބެލެހެއްޓުންތެރިއަކަށްވެސް ޢަމަލުކުރެވިދާނެއެވެ. ތިމާގެ ފުށުން އެކުރަންޖެހޭ އެންމެހާ އިންތިޒާމްތަކެއް ފުރިހަމަވެފައިވަނިކޮށް، ކުއްޖަކު މިފަދަ ޢަމަލަކާއި ދިމާލަށް ދިއުމަކީ، ތިމާގެ މައްސަލައެއް ނޫނެވެ. އެހެނީ ނޫޙު (އަލައިހިއް ސަލާމްގެ) ދަރިކަލުންވެސް ޣަރަޤުވެގެން ދިޔައީތާއެވެ. އެހެނަސް ދަންނަވަންތޯއެވެ. ގޭތެރެ އިޞްލާޙުވެފައި، ރަނގަޅު ތަރުބިއްޔަތެއް ދެވިއްޖެނަމަ ފުރުސަތު ވަރަށް ކުޑަ ވާނެއެވެ.

ޅަދަރިންގެ މުސްތަގުބަލަށް ވިސްނާ ފިކުރުކުރާނަމަ، އަދި ނުބައި މަގުތަކުން ކަސިޔާރުވެ ނުދިއުމަށް، މިއީ ކުރަން އުނދަގޫކަމެއް ނޫނެވެ. އާ އަހަރަށް އާ އަޒުމެއް ކަނޑައަޅަންވީއެވެ.

  • އަޠްހަރު އަޙްމަދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *