Support Us

އައު އަހަރުގެ އަޒުމަކަށް- ރިވެތި އަޚްލާޤުގެ 5 ފައިދާ

ތިރީގައި މި ވަނީ ރިވެތި އަޚްލާޤުގެ ފަސް ފައިދާއެވެ. މިއީ މި ފެށުނު އާ އަހަރުގެ އަޒުމަކަށް ހަދަން މުހިންމު ފަސް ނުކުތާއެވެ.

  1. ރިވެތި އަޚުލާޤުގެ ސަބަބުން ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލައި ލަނޑުދަނޑިތައް ހާސިލުކުރަން ފަސޭހަވެއެވެ.

ރިވެތި އަޚުލާޤުގެ ވެރިޔަކީ އަމިއްލަ ނަފްސު ކޮންޓްރޯލުކުރާ މީހާއެވެ. ކޮންމެ ކަމެއްގައި ވެސް މެދު މިންގަނޑެއްގައި ހިފަހައްޓައި ހައްދު ފަހަނައަޅައި ނުދާ ނަޒާހާތްތެރި މީހާއެވެ. ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ގަބޫލުކޮށް، ކަންކަމުގައި ގަދައަޅައި މަސައްކަތްކޮށް، ވާޖިބާއި މަސްއޫލިއްޔަތު އަދާކޮށް ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު ކުރިއަށްދާ މީހާއެވެ. އަމިއްލަ އަބުރާއި ނަފްސާއި މުދަލަށް ރައްކާތެރިވާ ފަދައިން އެހެން މީހުންގެ އަބުރާއި ޢިއްޒަތާއި މުދަލަށް ރައްކާތެރިވާ މީހާއެވެ. ތިމާއަށް އެހެން މީހަކަށް ދެރައެއް، ހިތާމައެއް ނުދެވޭނެ ކަމާއި އެ މީހަކަށް ނުއުފުލޭނެ ބުރައެއް ތަކުލީފެއް މާތްﷲ މެދުވެރި ނުކުރައްވާނެކަން ގަބޫލުކޮށްގެން ގަދައަޅައި މަސައްކަތްކުރާ ހިންމަތްތެރިޔާއެވެ.

  1. ރިވެތި އަޚުލާޤުގެ ސަބަބުން ހިތްހަމަޖެހުން ލިބެއެވެ.

ރިވެތި އަޚުލާޤުގެ ވެރިޔަކީ އުޅުން ވަކިގޮތަކަށް ތަރުތީބު ކުރެވިފައިވާ ގަޑިއަށް ޚާއްޞަ ސަމާލުކަމެއްދޭ މީހާއެވެ. ނިދާ ގަޑިއާއި ހޭލާ ގަޑިއާއި ކާގަޑިތަކުން ފެށިގެން ވަކިގޮތަކަށް ދިރިއުޅުގެ ވައްޓަފާޅި ތަރުތީބުކޮށް ހުންނަ މީހާއެވެ. ދިރިއުޅުމުގައި ދިމާވާ ހާސްވުމާއި ކަންބޮޑުވުމުން ސަލާމަތްވެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ ހިތްހަމަޖެހުން ލިބުމުން ފުރިހަމަ ޞިއްޙަތެއްގެ ވެރިއަކަށް ވެވެއެވެ.

  1. ރިވެތި އަޚުލާޤުގެ ސަބަބުން ކިޔެވުމުގައި ރަނގަޅު ނަތީޖާ ހާސިލުކުރެވެއެވެ.

ރިވެތި އަޚުލާޤުގެ ވެރިޔަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާކަން އޭނާގެ ބަހާއި ޢަމަލުން ފެންނަ މީހާއެވެ. ކިޔަމަންތެރި ބަސްއަހާ ކުއްޖަކަށް ދަރިވަރު ވަނީ ރިވެތި އަޚުލާޤުންނެވެ. މިފަދަ ކުދިންނަކީ މައިންބަފައިންނަށް ކިތަމަންތެރި ބަސްއަހާ، މުދައްރިސުންނަށް އިހުތިރާމުކުރާ އަދި އެހެން މީހުންގެ ލޯބި ލިބިގެންވާ ކުދިންނެވެ. ނަތީޖާއަކީ ކިޔެވުމަށް ޝައުޤުވެރި ކުއްޖަކަށްވުމެވެ. އަމާޒެއް އޮވެގެން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި ގަދައަޅައި މަސައްކަތްކުރާ ކެތްތެރި، ވިސްނުން ތޫނު ކުއްޖަކަށްވުނެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން ޢިލްމާއި ހުނަރު ހޯދުމުގައި ކުރިއަރާދާނެއެވެ. ތަޢުލީމާއި ތަމްރީނުގައި ކާމިޔާބުތައް ހާސިލުކުރާނެއެވެ.

  1. ރިވެތި އަޚުލާޤުގެ ސަބަބުން ވަޒީފާގައި ކުރިއަށްދާން ފަސޭހަވެއެވެ.

ރިވެތި އަޚުލާޤުގެ ވެރިޔަކީ ކޮންމެ ކާމިޔާބެއްގެ ތަޅުދަނޑިއަކީ ރިވެތި އަޚުލާޤުކަން ޤަބޫލުކުރާ މީހާއެވެ. ވަގުތުގެ އަގުވަޒަންކުރާ މީހާއެވެ. މިއަދު ކުރަންޖެހޭ ކަމެއް މާދަމާ ކުރުމަށް ހިތަށް ވެސް ނާރުވާ މީހާއެވެ. މަސައްކަތަށް ފަރުވާތެރި، މަސައްކަތުގެ އަޚުލާޤު ހުންނަ މީހާއެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށް ނަތީޖާ ނެރޭ މީހާއެވެ. މުއައްސަސާގެ ކަނޑައަޅާފައިވާ އިންތަކާއި މިންތަކަށް ފެތިގެން އުޅޭ މީހާއެވެ. އުޅޭތަނާއި މަސައްކަތުގެ މާހައުލު ސާފުތާހިރު އަދި ތަރުތީބު މީހާއެވެ. ވަޒީފާދޭ ކޮންމެ ފަރާތްތަކުން ވެސް ހޯދަނީ ތެދުވެރި، ވަފާތެރި، އިޚްލާޞްތެރި މުވައްޒަފުންނެވެ. އެހެންކަމުން ވަޒީފާގެ ކުރިއެރުން ފަސޭހައިން ލިބެމުންދާނީ އަދި ގިނަ ބައަކު އިތުބާރުކުރާނީ މިފަދަ މީހުންނަށެވެ.

  1. ރިވެތި އަޚުލާޤުގެ ސަބަބުން ހެޔޮކޮށް ވިސްނުމާއި ހެޔޮކޮށް ދުށުމުގެ ބާރު ލިބެއެވެ.

ރިވެތި އަޚުލާޤުގެ ވެރިޔަކީ ހެއްދެވި ފަރާތަށް ފުރިހަމައަށް އިތުބާރުކުރާ، ދީނާއި ޤައުމު ދެކެ ލޯބިވާ، ޙައްޤުތައް އަދާކޮށް އެހެން މީހުންގެ ޙައްޤުތަކަށް އިހުތިރާމުކުރާ މީހާއެވެ. އެހެން މީހުންނާއި އެހެން މީހުން ކުރާ ކަންކަމާ މެދުގައި ހެޔޮކޮށް ދެކި، ހެޔޮކޮށް ވިސްނައި ޝުކުރުވެރި ހިތެއްގެ ވެރިޔާއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާ މީހާއެވެ. އެ މީހަކަށް ޙައްޤުވާ އެއްޗެއް ލިބޭނެކަމާއި އެހެން މީހަކަށް ނިޢުމަތެއް ލިބުނަސް ތިމާއަށް ލިބެން އޮތް ނިޢުމަތަކަށް އުނިކަމެއް ނާންނާނެކަން ޤަބޫލުކުރާ މީހާއެވެ. ދީނަށް ލޯބިކުރާ، ޤާނޫނަށް ތަބާވާ، މުޖުތަމަޢުގެ ވެލިއުސްތަކަށް އިހުތިރާމުކުރާ، ނޭދެވޭ އެންމެހައި ކަންތައްތަކުން ދުރުވެގެން ހުންނަ މީހާއެވެ. އަބަދުވެސް އެހެން މީހުންގެ ކުށް ހޯދައި، ކުށް ދައްކައި، އެހެން މީހުން އިސްލާހުކުރުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ތިމާގެ އަމިއްލަ ނަފްސަށް ފާރަވެރިވެ އެ މީހެއްގެ ހަވާ ނަފްސާ ދެކޮޅަށް ޖިހާދުކޮށް ނަފްސު އިސްލާހުގެ މަގުގައި ސާބިތުކުރާ މީހާއެވެ. މި ކަންކަމުގެ ސަބަބުން އެހެން މީހުންނާ އޮންނަ ގުޅުން ހަރުދަނާވެއެވެ. ޢާއިލީ ޙައްޤުތަކާއި، އަވަށްޓެރިންގެ ޙައްޤުތަކާއި މުޖުތަމަޢުގެ ޙައްޤުތައް އަދާކުރެވެއެވެ. މިކަންކަމުގެ ސަބަބުން މުޖުތަމަޢުން ބަލައިގަންނަ ޝަޚްޞިއްޔަތަކަށް އެ މީހާ ވެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *