Support Us

ދިވެހީންގެ އެއްބައިވަންތަކަމުގެ ނާރެސް

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ނިސްބަތްވަނީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހީން ދައްކައިދިން އެއްބައިވަންތަކަމަށެވެ. ސުނާމީ ކާރިސާގައި ދިވެހިރާއްޖެއިން 82 މީހުން ނިޔާވެ، 26 މީހުން ގެއްލުނެވެ. ޖުމުލަ 108 މީހުންނާއި ކުދިން އަޅުގަނޑުމެންނާ ވަކިވެގެން ދިޔައެވެ. ނަފްސާނީ ގޮތުން އެތައް ބަޔަކަށް އަސަރުކުރިއިރު ޖިސްމާނީގޮތުން 1313 މީހަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ. އަދި 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. ރާއްޖޭގައި މީހުން ދިރިއުޅެމުން އައި 200 ރަށުގެ ތެރެއިން 191 ރަށަށް ސުނާމީ އެރިއެވެ. އޭގެތެރެއިން 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، ހަތަރު ރަށެއް އެއްކޮށް ސުންނާފަތިވިއެވެ. އަދި 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ. މި ބޮޑު ގެއްލުންތަކުން ދިވެހީންނަށް އަރައިގަނެވުނީ ދިވެހީން ދައްކައިދިން އެއްބައިވަންތަކުގެ ސަބަބުންނެވެ. އެ އެއްބައިވަންތަކަމަކީ ކުއްލިއަކަށް އެ ދުވަހު ދިވެހީންގެ ތެރެއިން ފާޅުވިކަމެއް ނޫނެވެ.

ސުނާމީ ކާރިސާގެ ހިތްދަތި، އަސަރުގަދަ ހަނދާންތަކާއި ޝުޢޫރުތައް އެ ދުވަހުގެ އެ ބިރުވެރިކަން ތަޖުރިބާކުރި މީހުންގެ ހިތްތަކުގައި އަދިވެސް ހުރީ ރޯފާރުތަކެއް ފަދައިންނެވެ. އެ ވޭންތަކަށް އެ ދުވަހު ވެސް އަދި މިއަދު ވެސް ލިބޭ ތަސައްލީއަކީ އެ ދުވަހު ދިވެހީންގެ ފަރާތުން ފެނިގެންދިޔަ އެއްބައިވަންތަކަމެވެ. ދިވެހީންގެ އަޚްވަންތަކަމެވެ. އަމިއްލަ ފުރާނައާއި އަމިއްލަ މުދަލަށްވުރެ އަނެކާގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި ކުރި ބުރަ މިންނަތް މަސައްކަތްތަކެވެ. އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅެއްގައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އަމިއްލަ ނަފްސުގެ މައްޗަށް ޤައުމާއި މުޖްތަމަޢުގެ ސަލާމަތްތެރިކަން އިސްކުރި އިސްކުރުމެވެ. ބަނޑުހައި ހޫނުކަމާއި ކަރުހިތްކައިގެންފައިވާ ހާލުގައި ވެސް އަނެކާއަށް އެހީތެރިވުމުގައި ރެއާއި ދުވާލު ނިންޖެއް އަރާމެއްނެތި އުޅުނުގޮތެވެ. ނިޔާވި މީހުން ވަޅުލުމުގައާއި އަނިޔާ ލިބުނު ފަރާތްތަކަށް ފަރުވާ ދިނުމުގައި ވީ މަތިވެރި ޤުރުބާނީއެވެ. ރަށްރަށުގައި ފުނޑުފުނޑުވެފައިވާ ގެދޮރުން މީހުންނެރެ ރައްކާތެރި ތަންތަނަށް ބަދަލުކޮށް، ދިރިއުޅެވޭވަރުވާ ގޯތިގެދޮރު ސާފުކޮށްދީ މަރާމާތުކޮށްދީ ހެދުމުގައި ގަދަވެ ސަލާމަތުން ހުރި ކޮންމެ މީހަކު ނިކުމެ އުޅުނުގޮތެވެ. ސުނާމީގެ އަސަރު ކުޑަކޮށް ކުރި ރަށްރަށުގެ ރައްޔިތުން ސުނާމީގެ އަސަރު ބޮޑުކޮށް ކުރި ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަމާއި ދިން މެހުމާންދާރީއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ރައްޔިތުންގެ ޙައްޤުގައި ކުރި ހިތްވަރުގަދަ ޤައުމީ ޚިދުމަތެވެ. ބޭރުގެ ފަރާތްތަކުން ދިން ދީލަތި އެހީއާއި އެ އެހީ ދިވެހީން ބަލައިގެން ގޮތެވެ.

ސުނާމީ ކާރިސާ ކުރިމަތިވި ދުވަސްވަރަކީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް ބޮޑު ދުވަސްވަރެކެވެ. އެއީ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ގޮވާލެވެމުންދިޔަ އަޑު ގަދަވެ، ދިވެހީންގެ ނައު ސިޔާސީ ހަލަބޮލި ކަނޑައަކަށް ނިކުމެފައިވާ ދުވަސްވަރެކެވެ. ސިޔާސީ ހަރަކާތްތަކާއެކު ބޮޑެތި ހަމަނުޖެހުންތަކެއް އޮތީ ހިނގާފައެވެ. ސަރުކާރުން ޑިމޮކްރަސީއަށް ވާސިލުވުމަށް ދަތުރުފަށާފައި ވިޔަސް އިދިކޮޅު ފަރާތްތަކަށް ސަރުކާރާމެދު އިތުބާރެއް ނެތެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތެރިންގެ ތެރެއިން އިސް ސަފުގައި މަސައްކަތްކުރަމުން އައި އެތައް ބަޔަކަށް ބޮޑެތި ކުށްތަކެއްގެ ތުހުމަތުތައް ހުރީ ކުރެވިފައެވެ. ބައެއް ފަރާތްތަކުގެ މައްސަލަތައް ހުރީ ޝަރީޢަތުގެ މަރުހަލާގައެވެ. ސުނާމީ ކާރިސާ ކުރިމަތިވީ މި ބޮޑު ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައި ރާއްޖެ އޮއްވައެވެ. ސިޔާސީގޮތުން މިހާ ޚިޔާލު ތަފާތު ދުވަސްވަރެއްގައި ވެސް ދިވެހީންގެ ފަރާތުން އެހާބޮޑު އެއްބައިވަންތަކަމެއް ފެނުނީ ކީއްވެގެންބާވައެވެ؟ އެއީ ދިވެހި ޤައުމިއްޔަތުގެ ސަބަބުންނެވެ. ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމުގެ އެންމެ މުހިންމު އަސާސްތަކަކީ ދިވެހި ޤައުމިއްޔަތުގެ ބަހާތަކެވެ. އެ ބަހާތަކަށް ދިވެހީން އިހުތިރާމުކުރީތީއެވެ.

ދިވެހީންގެ ތާރީޚުން ވެސް ފެންނަނީ ދިވެހީންނަކީ ޤައުމީ އެއްބައިވަންތަކަމުގައި ނަމޫނާ ރައްޔިތެއްކަމެވެ. މީސްކޮޅު މަދު، އަދި ބިމުގެ ކުޑަކުޑަ ޤައުމަކަށް ވިޔަސް މިނިވަންކަމުގެ ދިގު ތާރީޚެއް ދިވެހީން ހޯދައިފައިވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ސަބަބުންނެވެ. ބޭރުގެ ފަރާތްތަކުގެ ޢުދުވާނީ ހަމަލާތަކާއި އިސްތިޢުމާރީ ބާރުތަކާ ދެކޮޅަށް ދިވެހީން ހޯދާފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައި އޮތީ ދިވެހީންގެ އެއްބައިވަންތަކަމެވެ. އުތީމު މަހާރަދުން ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވުމަށް ކުރެވި މަތިވެރި ޖިހާދުގައި ވެސް ދިވެހީންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އެ ޖިހާދަށް ވާގިވެރިވެ ނަޞްރުދިނުމުގެ ރިވެތި މިސާލެވެ. އެ ޖިހާދުގެ ތެރޭގައި ބޮޑުތަކުރުފާނު އަރާވަޑައިގެންނެވި ކޮންމެ ރަށަކުން އަދި އެހީތެރިކަމާއި މަދަދަށް އެދިވަޑައިގެންނެވި ކޮންމެ ރައްޔިތެއްގެ ފަރާތުން ވެސް ފޯރުކޮށްދީފައިވަނީ އާދަޔާ ޚިލާފު އެހީތެރިކަމަކާއި މަދަދަކާއި އެއްބާރުލުމެވެ.

މަލާބާރީންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވުމަށް ދޮންބަންޑާރައިން ކުރެއްވި މަތިވެރި ޖިހާދުގައި ވެސް ފެނިގެން ގޮސްފައިވަނީ ދިވެހީންގެ އެއްބައިވަންތަކުގެ މަތިވެރި ރޫޙެވެ. މާލެފަދަ ކުޑަކުޑަ ރަށެއްގައި ދުޝްމަނުން ހަރަކާތްތެރިވަމުން ދިޔައިރު ފަން ޖިފުޓިތަކާއި ދަނޑިފަނުގެ ބިތްތަކުގެ ނިވަލުގައި ސިއްރިޔާތުގައި ކުޅަ ސައްލާތަކުގެ ލިސާނެއް ވެސް ދުޝްމަނުންނަށް ނުވީ ދިވެހީންގެ މެދުގައި އޭރު ވެސް ވަރުގަދަ އެއްބައިވަންތަކަމެއް އޮތުމުންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއިން ވެސް ދިވެހީންނަށް ނަޞްރަކާއި ފަތަޙަ ލިބިގެން ދިޔައިރު ފެނިގެން ދިޔައީ ދިވެހީންގެ މެދުގައި އޮތް އެއްބައިވަންތަކަމެވެ. ދިވެހި ސިފައިން ހިތްވަރާއެކު ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި ޖިހާދު ކުރަމުން ޝަހީދުވަމުން ދިޔަ ހިނދު، ދިވެހިރައްޔިތުން މިސްކިތްތަކަށް އަރައި އެއް ރޫޙެއްގައި ނަޞްރަށް އެދި ދުޢާކުރަމުންދިޔައެވެ. މުސްލިމުންގެ އެންމެ ވަރުގަދަ އަދި އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާއެވެ. އެ ހަތިޔާރު ދިވެހީން އުފުލަނީ ދިވެހި ޤައުމިއްޔަތުގެ ބިންގާކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައެވެ.

ތާރީޚުގައި ސުނާމީ ކާރިސާ ނޫނަސް ދިވެހީންނަށް ކުރިމަތިވި ޤުދުރަތީ ހުރިހާ ބޮޑެތި ކާރިސާތަކާއި ހާދިސާތަކުން އަރައިގަތުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހީންގެ އެއްބައިވަންތަކަމެވެ. މީގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ބޮޑުތަދުގެ ހައިހޫނުކަމާއި، 1970 ގެ އަހަރުތަކާއި 1980 ގެ އަހަރުތަކުގައި ކުރިމަތިވި ނުރައްކާތެރި ކޮލެރާއާއި ސިގެއްލާގެ ބަލިމަޑުކަމާއި، 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާއި ކޮވިޑް-19ގެ އާލަމީވަބާގެ ތެރޭގައި ވެސް ދިވެހީން ދައްކައިދީފައިވަނީ އާދަޔާ ޚިލާފު އެއްބައިވަންތަކަމެކެވެ. މި ހުރިހާ ކާރިސާއެއްގައި ވެސް ދިވެހީންގެ ފަރާތުން ފެނިފައިވާ އެއްބައިވަންތަކަމުގެ ނާރެހަކީ ދިވެހީންގެ ޤައުމިއްޔަތެވެ. ޤައުމިއްޔަތަށް ދިވެހީން ކުރާ އިހުތިރާމާއި ވާ އިޢުތިރާފެވެ.

ދިވެހީންނަކީ އެއްދީނަކަށް ތަބާވާ، އެއް ބަހަކުން ވާހަކަދައްކާ، އެއް ތާރީޚަކާއި އެއް ސަޤާފަތެއްގެ އަހުލުވެރިންނެވެ. ދިވެހީންގެ ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ މިއީއެވެ. ދިވެހީން އެކަތިގަނޑެއްގެ ގޮތުގައި ބަނދެލަދޭ ވާފަށަކީ މިއީއެވެ. ދިވެހީން އެއްބައިވަންތަކުރުވާ ބާރަކީ މިއީއެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނާރެހެއްކަމުގައިވާ ދިވެހި ޤައުމިއްޔަތުގައި ހިމެނޭ ހަތަރު ބަހާއަކީ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހީންގެ ތާރީޚާއި، ދިވެހީންގެ ސަޤާފަތެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ބިންގަލަކީ ދިވެހި ޤައުމިއްޔަތުގެ ވެސް ބިންގަލެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީންގެ އަޤީދާއެވެ. ދިވެހީންނަށް ކުރިމަތިވި ކޮންމެ ބޮޑުކަމެއްގައި ވެސް ދިވެހީންގެ ސަފުތައް ރޫޅިގެން ނުގޮސް ހިފަހައްޓައި ދީފައިވަނީ މާތްވެގެންވާ އިސްލާމްދީނެވެ. ކޮންމެ ބޮޑުކަމެއް ދިމާވުމުން ހުރިހާ ދިވެހީން އެކަމަކު ސަލާމަތްކޮށްދެއްވުން އެދި ދަންނަވަނީ އެއް އިލާހަކަށެވެ. ދިވެހީންގެ ސަފުތައް އެކަތިގަނޑެއްގެ ގޮތުގައި ސާބިތުކޮށްދެނީ އިސްލާމީ ވަޙްދަތާއި ދީނީ އެއްބައިވަންތަކަމެވެ. ދިވެހީންގެ ރިވެތި އަޚްލާޤާއި އެތިކަލް މިންގަނޑުތަކުގެ ބިންގަލަކީ ވެސް މާތްވެގެންވާ އިސްލާމްދީނެވެ. ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އުޚުއްވަތްތެރިކަން ދެމިއޮތީ ދީނަށް އޮތް ލޯތްބާއި ޣީރަތްތެރިކަމުގެ ސަބަބުންނެވެ. ދީނާއި ޤައުމަށް ޓަކައި ޖިހާދުކޮށް ޝަހީދުވެދިޔަ މުޖާހިދުން ހިތްވަރު ހޯދީ ދީނީ މަސްދަރުތަކުންނެވެ. ދިވެހީންގެ އީމާންތެރިކަމުގެ އަސާސްތަކާއި ޝުޢޫރުތަކަކީ އެކައްޗަކެވެ.

ދީނީ މަޒުހަބުތަކުގައި ތަފާތުތައް ހުއްޓަސް ދިވެހީންގެ ތާރީޚުގައި ދިވެހީންނަކީ އަބަދުވެސް ކޮންމެ ވެސް އެއް މަޒުހަބެއްގެ މަތީގައި ތިބި ބައެކެވެ. އޭގެ ސަބަބުން ދީނީ ޚިޔާލުތަފާތުވުންތަކާއި އަރާރުންތަކާއި ޒުވާބުތަކެއް ދިވެހީންގެ ތެރެއަކު ނެތެވެ. ތަފާތު ގޮތްގޮތަށް ދީނީ ރުކުންތައް އަދާކުރާ މީހުންނެއް ނޫޅެއެވެ. ބޭރުގެ ޤައުމުތަކުން ދީނީ ތަޢުލީމު ހާސިލުކުރައްވައިގެން ވަޑައިގެންނެވި ދީނީ ޢިލްމުވެރިން ވެސް ދިވެހީންގެ ދީނީ އެއްބައިވަންތަކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. އެ ބޭފުޅުން ކިޔަވައި ވިދާޅުވި ޤައުމުތަކުން ފެނިވަޑައިގެންނެވި އާގޮތްތައް ދިވެހީންގެ ތެރެއަށް ތަޢާރަފުކުރެއްވުމުގެ ބަދަލުގައި ދިވެހީން ޢަމަލުކުރާ ގޮތަކަކީ ވެސް ދީނީގޮތުން ރަނގަޅުގޮތެއްނަމަ އެގޮތަށް ތަބާވެ ވަޑައިގެންނެވިއެވެ. ދިވެހީންގެ ތެރޭގައި ހުރި ދީނީގޮތުން ރަނގަޅު ނޫން ކަންތައްތައް ޙިކުމަތްތެރިކަމާއެކު އިސްލާހުކުރެއްވުމުގައި އެ ބޭފުޅުން ކާމިޔާބު ހޯއްދެވީ ދިވެހީންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ނުގެއްލޭގޮތަށް ދެއްވި ހެޔޮ ނަސޭހަތްތަކާއި އިރުޝާދުތަކުންނެވެ. ޒިޔާރަތްތަކަށް ނަދުރުބުނުންފަދަ ކަންތައްތައް ދިވެހީންގެ ތެރެއިން ނައްތާލައްވައި މުޖުތަމަޢު އިސްލާހުކުރެއްވީ ހަރުކަށިކަން އިސްކުރައްވައިގެންނެއް ނޫނެވެ. އަދި ނަފުރަތު އުފެދޭފަދަ ބަސްތަކާއި ބިރުވެރިކަން މުޖުތަމަޢުގައި އުފައްދައިގެންނެއް ވެސް ނޫނެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ދީނުން ބޭރުކޮށް، ކާފަރުކޮށް ހަދައިގެންނެއް ނޫނެވެ. އެ ހާލަތުގައި ވެސް މި ލޮބުވެތި ފަސްގަނޑަކީ ކުފުރުގެ ބިމެއްކޭ އެ ބޭފުޅުން ވިދާޅެއް ނުވެއެވެ.

ދިވެހީންގެ ޤައުމިއްޔަތުގެ ފުރަތަމަ ބަހާ ކަމުގައިވާ މާތްވެގެންވާ އިސްލާމްދީން ދިވެހި ފަސްގަނޑުގައި ދެމި އޮންނާނީ ދިވެހީންގެ ހިތްތަކުގައި އަބަދުވެސް އެ މާތްދީނަށް ލޯބި އޮވެގެންނެވެ. އަދި ދީނުގައި ސާބިތު ކަމާއެކު ހިފަހައްޓައިގެންނެވެ. ދިވެހީންގެ ތެރޭގައި ހިތްހެޔޮކަމާއި އޯގާތެރިކަމާއި، ކުލުނާއި ޙަމްދަރުދީ އާއި އިންސާނިއްޔަތުކަން އޮވެގެންނެވެ. ލާދީނީ ފިކުރުތަކާއި ދީނީގޮތުން ހަރުކަށިކަމާއި ހައްދުފަހަނައެޅުމުން މުޖުތަމަޢު ސަލާމަތްކޮށްގެންނެވެ.

ދިވެހި ޤައުމިއްޔަތުގެ ދެވަނަ ބަހާއަކީ ދިވެހީންގެ ބަހެވެ. ދިވެހީންގެ މާދަރީ ބަސްކަމުގައިވާ ދިވެހިބަހެވެ. ދިވެހި ބަހަކީ ދިވެހިވަންތަކަން ރަމުޒުކޮށްދޭ އެންމެ ބޮޑު މަރުކާއެވެ. ދިވެއްސަކަށްވީތީ އެއްބައިވަންތަކުރުވާ އެންމެ ވަރުގަދަ ބާރެވެ. ދިވެހީން ދީނާއި ދުނިޔެ ދަސްކުރަނީ ދިވެހިބަހުންނެވެ. ދިވެހިބަހަކީ ދިވެހީންގެ ޤައުމިއްޔަތު އެއް ޖީލުން އަނެއް ޖީލަށް ވާރުތަކޮށްދިން އެންމެ ޚިދުމަތްތެރި ސަވާރީއެވެ. ދިވެހީންގެ މެދުގައި އެއްބައިވަންތަކަމުގެ ޝުޢޫރާއި އިހުސާސްތައް އުފައްދައި ފަތުރައިދިނީ ހިތްތަކުގެ ޝުޢޫރުތައް ދިވެހިބަހުން ހާމަކޮށްގެންނެވެ. ދިވެހިބަހުން ހަދައިގެން ކިޔާފައިވާ ރައިވަރާއި ކާއާއި ބަންޖާއި ލަވަތަކުން އެތައްއެތައް ހިތެއް ގުޅުވައިދިނެވެ. އެތައްއެތައް ޤައުމީ ޝުޢޫރެއް ނެރެ ފާޅުކުރިއެވެ. އިޖުތިމާޢީ ބަރު އަދި ބުރަ މަސައްކަތްތަކުގައި ދިވެހިބަހުން ކިޔާއުޅުނު އަންބާތަކުން އެ އަންބާތަކާ ނުލައި ހާސިލު ނުކުރެވުނު އެތައްއެތައް ނަތީޖާއެއް ހާސިލުކުރިއެވެ.

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމަށް ޓަކައި ދިވެހީން ދިވެހިބަހަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ދިވެހިބަހަށް ލޯބިކުރާ އަދި ދިވެހިބަހަށް އިޙުތިރާމުކުރާ ބަޔަކަށްވާންޖެހެއެވެ. ދިވެހިބަހަށް ކުރިމަތިވާ ދަތިތަކުން އެ ބަސް މިންޖުކުރަން ޖެހެއެވެ. އަދި ފަރުދުންނާއި ޖަމާޢަތުގެ ފެންވަރުގައި އަދި ރަސްމީ އިދާރާތަކުން ވެސް ދިވެހިބަސް ބާކީކޮށް އެކަހެރިނުކޮށް މުޢާމަލާތްކުރަން ޖެހެއެވެ. ދިވެހިބަސް ފިޔަވައި އެހެން އެއްވެސް ބަހަކަށް އިސްކަން ދީފިނަމަ ދިވެހީންގެ ތެރެއިން ކޮންމެ ވެސް ބަޔަކު ބާކީވާނެއެވެ. ދިވެހީންގެ އެއްބައިވަންތަކަން ނަގަހައްޓައި ދަމަހައްޓަން ބޭނުންނަމަ ދިވެހިބަސް ނަގަހައްޓައި ދަމަހައްޓަން ޖެހެއެވެ. ދިވެހިބަސް ކުރިއެރުވޭނީ އަދުގެ ތުއްތު ކުދިންނާއި ސްކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުންގެ ހިތްތަކުގައި ވެސް ދިވެހިބަހާމެދު ޝައުޤުވެރިކަން އުފައްދައިގެންނެވެ. އެ ދަރިންނަކީ ދިވެހިބަހާމެދު ފަޚުރުވެރިވާ ބައެއްކަމުގައި ހަދައިގެންނެވެ. އެބައެއްގެ މާދަރީބަހަށް އިސްކަން ދިނުމަކީ ބޭރުގެ އެހެނިހެން ބަސްބަހަށް ކުއްޖާ ކޮށިވުމުގެ ބަދަލުގައި އެހެން ބަސްބަހަށް ވެސް ތޫނު ވާ ސަބަބެއްކަން އެނގިގެންނެވެ.

ދިވެހި ޤައުމިއްޔަތުގެ ތިންވަނަ ބަހާއަކީ ދިވެހީންގެ ފަޚުރުވެރި ތާރީޚެވެ. ދިވެހީންނަކީ ކޮންބައެއްކަން އެނގިގެން ދަނީ ދިވެހި ތާރީޚުންނެވެ. ޤައުމީ އަބުޠާލުންގެ ހިތްވަރާއި ފަންވަރު އަދި އެ ބޭފުޅުން މި ޤައުމު ދެކެ ވެވަޑައިގެންނެވި މަތިވެރި ލޯބި ފެންނަނީ ތާރީޚުގެ ފަތްފުށްތަކުންނެވެ. ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ކިޔާ ޤައުމެއް މިހިސާބަށް އައިގޮތާއި ދިވެހިރައްޔިތުންނޭ ކިޔާ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިންނަށް ވީގޮތާއި އަމިއްލަ ވެރިކަމެއް ކުރަންފެށިގޮތާއި ދިވެހީންގެ އަޤީދާއާއި ވެރިކަމުގެ ނިޒާމުތަކާއި އެ ނިޒާމުތަކުގައި ވެރިކަން ކުރެއްވި ބޭފުޅުންނާއި ދިވެހީން ދިރިއުޅުމަށް ކުރި މަސައްކަތްތަކާއި ހުނަރުވެރިކަމާއި ފަންނުވެރިކަން ފެންނަން ހުރީ ދިވެހި ތާރީޚުންނެވެ. ދިވެހީންގެ މި ވާހަކަތައް ކިޔައިދެނީ ދިވެހީންގެ ތާރީޚީ ފަތްފުށްތަކުންނާއި މާއްދީ އަދި މައުނަވީ ތަރިކަތަކުންނެވެ. ދިވެހީންނާއި ދިވެހިރާއްޖޭގެ ދޮށިކަމާއި ދިވެހީންގެ އަމިއްލަވަންތަކަމާއި ދިވެހީންނަކީ އަމިއްލަވަންތަ ޙަޟާރަތެއްގެ ވެރިބައެއްކަން ދަލީލުކޮށްދެނީ ދިވެހީންގެ ތާރީޚެވެ.

ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އެއްބައިވަންތަކަން ދެމެހެއްޓޭނީ ދިވެހި ތާރީޚާއެކުގައެވެ. ރައްކާތެރިކަމާއެކު ޖީލުންޖީލަށް އެ އަމާނާތް ވާސިލުކޮށްދެވިގެންނެވެ. ތާރީޚުގައި ހުރި ޤައުމީ އެއްބައިވަންތަކަމުގެ އަގުހުރި ފިލާވަޅުތަކުން މިއަދުގެ ދަރިން އިބުރަތް ހާސިލުކުރަން ޖެހެއެވެ. އެ ފިލާވަޅުތައް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ނަމަ ޤައުމަށް ބޮޑުކަމެއް ދިމާވާ ކޮންމެ ހާލަތެއްގައި އެ ހާލަތަކާ ގުޅޭގޮތަށް އެކަތިގަނޑެއްގެ ގޮތުގައި ތެދުވުމުގެ ހިތްވަރު ލިބޭނެއެވެ.

ރ. ކަނދޮޅުދޫއަށް ސުނާމީ އަރައި، ރަށުތެރޭގައި ލޮނުގަނޑު ފެތުރެނީ

ދިވެހި ޤައުމިއްޔަތުގެ ހަތަރުވަނަ ބަހާއަކީ ދިވެހީންގެ ސަޤާފަތެވެ. ދިވެހީންގެ ސަޤާފަތަކީ އަޅުގަނޑުމެންގެ ކާބަފައިންގެ ތެރޭފައި ވިސްނުމާއި ޚިޔާލާތާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިއުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ. ދިވެހީންގެ ސަޤާފަތުން ފެންނަނީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ދިވެހީންގެ ހައިބަތާއި ކަރާމާތާއި ޒަމާނުއްސުރެ ދިވެހީން ކަންތައްތައް ކުރަމުން އައި ރީތި ގޮތްތަކުގެ ވައްޓަފާޅިއެވެ. ސަޤާފަތަކީ އޭގެ ޒާތުގައި ދިރުމެއްވާ ބަދަލުތަކެއް އަންނަމުންދާ ޕްރޮސެސްއަކަށް ވިޔަސް ދިވެހި ސަޤާފަތުގެ ތެރެއިން ދިވެހީންގެ އިޖުތިމާޢީ ދުނިޔެ އެއީ މާނަހުރި އެއްޗެއްކަން ދައްކައިދެއެވެ. އެ ސަޤާފަތުން ދިވެހީންގެ ރޫޙާނީ އަދި މާއްދީ ދުނިޔެ ގުޅުވައިދެއެވެ. ދިވެހީންގެ ސަޤާފަތުގެ އެންމެ އަސާސީ އެއް ސިފައަކީ އެއްބައިވަންތަކަމެވެ. އެއްބައިވަންތަކަމާއެކު ކުޅޭ ކުޅިވަރުތަކާއި އިޖުތިމާޢީ ހަރަކާތްތަކާއި މަސައްކަތްތަކެވެ.

ދިވެހީންގެ ސަޤާފަތަކީ ބޯދާ އެއްވެސް މާނައެއްނެތް އެއްޗެއްކަމަށް ހީވާނަމަ އަޅުގަނޑުމެން ދިވެހީންނަށް އެ ދޫކޮށްލެވެނީ އަޅުގަނޑުމެން އެއްބައިވަންތަ ކުރުވާ ވަރަށް ވަރުގަދަ ބާރެކެވެ. ދިވެހި ލިބާހަކަށް ވިސްނާލައްވާށެވެ. ދިވެހި ލިބާސް އަޅުގަނޑުމެން ފަހާގޮތަށް ފަހައި ކަސަބުއަޅައިގެން ބޭރު މީހަކު ލައިގެން ހުއްޓަސް އެ ލިބާހަކީ އަޅުގަނޑުމެންގެ އެއްޗެއްކަމުގެ އިހުސާސް ކުރެވެނީ ކީއްވެގެންތޯއެވެ؟ އެ އިހުސާސް ގުޅިފައި އެވަނީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާއެވެ. އަޅުގަނޑުމެންގެ ޟަމީރު އެ ކުރާ ދައުވާއަކީ އަމިއްލަވަންތަކަމުގެ ދައުވާއާއެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެން ކާބަފައިންގެ އެންމެ އެއްގޮތް ވިސްނުމާއި ފިކުރަކީ އަޅުގަނޑުމެންގެ މިނިވަންކަމާމެދު ދެކޭގޮތާއި ޤުދުރަތީ ކާރިސާތަކާމެދު ދެކޭގޮތެވެ. ދިވެހީންގެ އެންމެ ބޮޑު އެއްބައިވަންތަކަމެއް ފެނިގެން ގޮސްފައިވަނީ އަޅުވެތިކަމާ ދެކޮޅަށް ކުރި ޖިހާދުތަކުގައާއި ޤުދުރަތީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައެވެ.

ދިވެހީންގެ ޤައުމީ އެއްބައިވަންތަކަން ބިނާވެފައިވަނީ ދިވެހީންގެ ޤައުމިއްޔަތުގެ މައްޗަށެވެ. އެ ޤައުމިއްޔަތުގެ ބަހާތަކުގެ މައްޗަށެވެ. ތަފާތު ނޭދެވޭ އޮއިވަރުތަކުން ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް އަސަރުކުރާނަމަ ދިވެހީންގެ އެއްބައިވަންތަކަމަށް އަސަރުކުރާނެއެވެ. ދިވެހީންނަކީ އެއްބައިވަންތަބައެއްކަމާއި ބޮޑުކަމެއް ދިމާވުމުން ދިވެހީންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބައިވަންތަކަމެއް ފެންނަކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އެކަމަކު ގިނަ ބަޔަކު އޮޅުން ނުފިލަނީ އެ އެއްބައިވަންތަކަމުގެ މަސްދަރެވެ. އެ އެއްބައިވަންތަކަމުގެ ނާރެހެވެ. އެއީ ދިވެހީންގެ ޤައުމިއްޔަތެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *