...

Support Us

ގައުމުގެ ދިފާޢީ އައްޑަނައަކީ މިއީ

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދެމިއޮތީ ދިވެހީންގެ ލެއިން އަގުއަދާކުރީތީއެވެ. ޤައުމީ ލޯތްބާއި ހުއްބުލްވަޠަންގެ ރޫޙު ދިވެހީންގެ ތެރޭގައި ދެމި އޮތީތީއެވެ. ދިވެހީންގެ ދިވެހިވަންތަކަމަށް ދިވެހީން ލޯބިކުރީތީއެވެ. ދިވެހި ޤައުމިއްޔަތުގެ ބަހާތަކަށް އިޙްތިރާމުކުރީތީއެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހިތާރީޚާއި ދިވެހީންގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައަށް ދޭންވާ އަހުމިއްޔަތުކަން ދިނީތީއެވެ. ދިވެހީންގެ މިނިވަންކަމުގެ ދިގު ތާރީޚުން ހެކި ދެނީ މި ޤައުމުދެކެ ދިވެހި ކާބަފައިން ވެފައިވަނީ ވަރަށް މަތިވެރި ލޯތްބެއްކަމެވެ. ދިވެހިރާއްޖެއަށް ކުރިމަތިވި ކޮންމެ ނުރައްކަލަކާއި ޢުދުވާނަކާ ދެކޮޅަށް ދިވެހީން އުފުލި ދިފާޢީ އައްޑަނައަކީ ޤައުމީ ލޯތްބެވެ. ޙުބުލްވަޠަނެވެ.

ޤައުމު ދެކެ ލޯބިވުމަކީ އަމިއްލަ މަޞްލަޙަތުގެ ކުރިއަށް ޤައުމު އިސްކުރުމެވެ. ޤައުމަށް ޓަކައި އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމެވެ. ޤައުމަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި ޤައުމު ސަލާމަތްކުރުމަށް ކުރިއަށް ނުކުތުމެވެ. ޤައުމިއްޔަތަށް ޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމެވެ. ޤައުމު ދެކެ ލޯބިވާންވީ ޤައުމުން ލިބޭ މަންފާއަކަށް ޓަކައި އެކަންޏެއް ނޫނެވެ. މި ބިމަކަށް އުފަންވީތީއެވެ. މި ފަސްގަނޑަށް ނިސްބަތްވީތީއެވެ. އަދި މި ވަޒަނުގައި އަޅުގަނޑުމެންގެ ވަންހައާއި ނަސްލު ދެމިއޮތަތީއެވެ.

ދިވެހި ތާރީޚު ދެކެފައިވާ ޤައުމީ ބަޠަލުން ޤައުމަށް ޓަކައި ކުރެއްވި ޖިހާދާއި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީތަކުން ދައްކުވައިދިނީ އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯތްބެވެ. ޙުއްބުލްވަޠަނެވެ. ޢަލީ ރަސްގެފާނު، ބާރުގަދަ ޕޯޗްގީޒުންނަށް އަމާން ދެއްވުމަށް ދެކޮޅު ހެއްދެވިއެވެ. އެންމެފަހުން ގިނިކަންޏާ ކަހަލަގޮތަކަށް ނިކުމެވަޑައިގެން ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންނެވީ ޤައުމީ ލޯތްބާއި ޤައުމީ ޖޯޝުގައެވެ. ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުން، ކަނބާ ޢައިޝާ ރަނިކިލެގެފާނު ހއ. ބާރަށުގައި ޝަހީދުވެވަޑައިގެންނެވީ ދިވެހި އަންހެނުންގެ ހިތްވަރާއި ޤައުމީ ލޯބި ސާބިތުކޮށް ދެއްވާފައެވެ. ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ މުޖާހިދުން، ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި ރާއްޖެ މިނިވަންކޮށްދެއްވީ ދީނާއި ޤައުމާމެދު އޮތް ޣީރަތްތެރިކަމާއި އިޚްލާޞްތެރި ލޯބީގައި ވާރެއާއި އަވީގައި ރެއާއި ދުވާލު އަގަމަތި މަސްއޮޑިއެއްގައި ކުރެއްވި ވަރުގަދަ ޖިހާދުގައެވެ. ބޮޑު ރަސްގެފާނުގެ ރަސްކަމުގައި ރާއްޖެއަށް ހަމަލާދިން ޕޯޗްގީޒުންގެ ގުރާބުތައް ބަލިކުރައްވައި ފައްސާލެއްވީ ޤައުމީ ލޯތްބާއި ޤައުމީ ރޫޙުގައި ކުރެއްވި ޖިހާދުންނެވެ. ބޭރުގެ ފަރާތްތަކަށް ދިވެހީން ދެމުންދިޔަ އެކިއެކި ޖިޒީތައް ކަނޑުއްވައި ލައްވައި ދިވެހި ދައުލަތަކީ ފުރިހަމަ މިނިވަން މުސްތަޤިއްލު ދައުލަތެއްކަން އިސްކަންދަރު ރަސްގެފާނު ހާމަކޮށްދެއްވީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލަށް ޓަކައި އެ ރަދުންގެ ހިތްޕުޅުގައި އޮތް ޤައުމީ އަދި ވަޠަނީ ލޯބީގެ މަތިވެރިކަމުންނެވެ. އެ ޖިޒީތައް ކަނޑާލެއްވުމުން ރާއްޖެއަށް ހަނގުރާމައަށް އައި ޕޯޗްގީޒުންނާއި ހޮޅީން ބަލިކުރެއްވީ ދީނީ ވަހުދަތާއި ޤައުމީ ލޯބީގައި ކުރެއްވި ޖިހާދުންނެވެ. ދޮންބަންޑާރައިން، ހޮޅީން (މަލަބާރީން)ގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވީ ޤައުމީ ލޯބީގައި ނުކުންނަވައި ޙިކުމަތްތެރިކަމާއެކު ކުރެއްވި ވަރުގަދަ ޖިހާދަކުންނެވެ. ޣިޔާސުއްދީން ރަދުން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ނަޞްރާއި ފަތަޙަ ހޯއްދަވައިދެއްވީ ޤައުމީ ލޯތްބާއި ޤައުމިއްޔަތުގެ ދިފާޢުގައެވެ. ފަހުގެ ތާރީޚަށް ބަލާއިރު ޝަހީދު ކޯޕްރަލް ޙުސައިން އާދަމާއި ނޮވެންބަރު ތިނެއްގެ މުޖާހިދުން ތަމަޅަ ޓެރަރިސްޓް ހަނގުރާމަވެރިންނާ ދެކޮޅަށް ޖިހާދުކޮށް ވެވަޑައިގެންނެވި ޤުރުބާނީންނާއި ކުރެއްވި މަތިވެރި ޖިހާދުން ވެސް ފެންނަނީ ދިވެހީންގެ މިނިވަންކަން ދަމަހައްޓަވައި ދެއްވުމަށް އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް ދީނީ ލޯތްބާއި ވަޠަނީ ރޫޙާއި ޤައުމީ ޖޯޝެވެ. ދިވެހީންގެ މިނިވަންކަމުގެ ފަޚުރުކަމުގައިވާ ޤައުމީ ދިދަ މިނިވަން ޖައްވެއްގައި މިނިވަން ވަޔާއެކު ވިހުރެމުން އެދަނީ މި ބޭފުޅުންގެ ފިދާޢީ ޖިހާދުގެ ސަބަބުންނެވެ. ޤައުމީ ލޯބީގެ ސަބަބުންނެވެ.

ޤައުމީ ބަޠަލުން އުފެދިގެން އަންނަނީ ޤައުމުގެ ދަރިން ޤައުމާމެދު ވިސްނުމާއި ފިކުރު ގެންގުޅޭ ގޮތަކުންނެވެ. އެ ހިތެއްގައި ޤައުމާމެދު އޮންނަ ޣީރަތްތެރިކަމާއި ބިންވަޅު ނެގޭ ޤައުމީ ލޯބީގެ މިންވަރަކުންނެވެ. އެ ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ވިފައިވާ ގޮތަކުންނެވެ. ޤައުމުގެ އެންމެހައި ސިފަތަކާއި އަގުތަކަށް ލޯބިކުރަން ދަސްކޮށްދެވިފައިވާތީއެވެ. ޤައުމުގެ ކީރިތިކަމާއި މޫރިތިކަމާއި ހައިބަވަންތަކަން ދަރިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާތީއެވެ. ޤައުމީ ލޯބިން ފެންނާނީ ޤައުމިއްޔަތުގެ އެންމެހައި ރުކުންތައް ދަމަހައްޓައި ނެގެހެއްޓުމަށް ދެވޭ އިސްކަމެވެ. ދިވެހީން ޤަބޫލުކުރާ ހަމަތަކަށް އިޙްތިރާމްކުރުމަށް ދެވޭ އަހުމިއްޔަތުކަމެވެ. ދިވެހީންނާ ލާމެހިފައިވާ ޠަބީޢީ ހުރިހާ ކަންކަމާ މެދު އޮންނަ އަގަލާއި ކުލުނެވެ. ދިވެހީންގެ ދިފާޢީ އައްޑަނައިގައި ހުންނަން ޖެހެނީ މި ސިފަތަކެވެ. މި ޝުޢޫރާއި މި އިހުސާސްތަކެވެ. މި ހިތްވަރާއި މި ޢަޒުމާއި މި ފެންވަރާއި މި ފަންވަރެވެ.

ޤައުމީ ލޯތްބަކީ އެހެން ހުރިހާ ލޯތްބެކޭ އެއްގޮތަށް "ލޯބި ވަމޭ ނުވަތަ ލޯބި ވެޔޭ" ދުލުން ބުނެލައިގެން ފުއްދާލެވެން އޮތް ލޯތްބެއް ނޫނެވެ. އެއީ ބަހާއި ޢަމަލުން އަދި ލެއާއި ފުރާނައިން ވެސް ސާބިތުކޮށްދޭންޖެހޭ ލޯތްބެކެވެ. މި ނަޒަރުން ވިސްނާއިރު އަސްކަރީ ޚިދުމަތަށް ވަންނަ ކޮންމެ މީހަކީ ޚާއްޞަކޮށް އަސްކަރިއްޔާގައި ޚިދުމަތުގައި ސާބިތުވެ ހުންނަ ކޮންމެ ފަހުލަވާނަކީ ޤައުމު ދެކެ ލޯބިވާ ދިވެހި ދަރިއެއްކަމަށް ބަލަންޖެހެއެވެ. އޭނާ އަސްކަރީ ޚިދުމަތާ ގުޅެން ނިންމާ ނިންމުމަކުން އެކަންޏެއް ނޫނެވެ. އޭނާގެ މުޅި އުމުރަށް ނިންމާ ވަރުގަދަ ނިންމުމަކާއި ހެއްދެވި ފަރާތަށްވާ އަހުދަކާއެކު ކުރާ މަތިވެރި ހުވާގެ ސަބަބުންނެވެ. އެ ހުވާގައި ވެއެވެ. "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، އިސްލާމްދީނާއި، ދިވެހިރާއްޖެ ދިފާޢުކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީގައި ދެމިހުރުމަށާއި ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ މާތްﷲ ގަންދީ ހުވާކުރަމެވެ."

މި ނަޒަރިއްޔާއިން ވިސްނާއިރު މި ޒަމާނުގައި ދިވެހިރާއްޖޭގެ ދިފާޢީ އައްޑަނައަކީ ދިވެހި ސިފައިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. މި ދިފާޢީ އައްޑަނައިން ހިޔާމަތްކޮށްދީ ދިފާޢުކޮށްދޭންޖެހެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއާއި ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި ރައްޔިތުންނެވެ. ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލެވެ. ދިވެހި އަސްކަރިއްޔާއަކީ ޤައުމުގެ ދިފާޢީ އައްޑަނައަށް ވަނީ ޤައުމަށް ދިމާވާ ކޮންމެ ބޮޑު ނުރައްކަލަކުން ވެސް ޤައުމު ދިފާޢުކޮށްދިނުމުގައި ސިފައިން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތު ބޮޑުކަމުންނެވެ. ދައުލަތުގެ ތަފާތު ގިނަ މުއައްސަސާތައް އެކި ކަންކަމަށް ޚާއްޞަވެފައި ވިޔަސް، ޤައުމުގައި ވަކި ވަރަކަށް ކަންކަން ނުރައްކާތެރިވެ ބޮޑުވެގެންދިއުމުން ސިފައިންނަށް ކުރިއަށް ނިކުންނަން މަޖުބޫރުވެއެވެ. އަސްކަރިއްޔާއަކީ އެހެން ހުރިހާ މުއައްސަސާތަކެއް ފަހަތަށް ޖެހުނަސް ފަހަތަށް ޖެހެވެން ނޯންނާނެ މުއައްސަސާއެކެވެ. ސިފައިން ފަހަތަށް ޖެހިއްޖެނަމަ ދެން އެ ޒިންމާއާ ހަވާލުވާނެ އެހެން ބަޔަކު ނުތިބޭނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލުގެ ދިފާޢީ އައްޑަނައަކީ ދިވެހި ސިފައިންކަން ދެކެގަތުމަށް މާޒީގެ ޞަފުޙާތަކުން މާގިނަ ގަނޑުތަކެއް އުކާކަށް ނުޖެހެއެވެ. ފަހުގެ ތާރީޚަށް ބަލާއިރު 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ މީގެ މިސާލެކެވެ. އެ ދުވަހު ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމުވަމުން ދިޔައިރު ވެސް ދުޝްމަނުންނަށް އަމާން ނުދީ އެ ކުރި ވަރުގަދަ ޖިހާދަކީ ތަޢުރީފު ޙައްޤު ޖިހާދެކެވެ. އެއީ ދިވެހި ސިފައިންގެ ތެރޭގައި ދީނާއި ޤައުމަށް ޓަކައި ޖިހާދުކޮށް ޤުރުބާންވާން ކެރޭ ހިތްވަރުގަދަ ފަހުލަވާނުން ތިބި ކަން ދައްކައިދިން ދުވަހެކެވެ. ދުޝްމަނުން ޖަހަމުންދިޔަ ވަޒަންތަކުގެ ކުރިމައްޗަށް ނިކުން ސިފައިން އެ ހާމަކޮށްދެއްވީ އެކަމެވެ. ދިވެހި ސިފައިންގެ އެންމެ ފަހު މީހާގެ ފުރާނައާ ހަމައަށް ވެސް ދިވެހީންގެ ފަޚުރުވެރި މިނިވަންކަން ގެއްލިގެން ދާން ދޫކޮށް ނުލާނެކަމެވެ.

ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމުކުރުމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓުމުގައި ސިފައިން އަދާކޮށްފައިވަނީ އަދި މިހާރު އަދާކުރަމުން ދަނީ މުހިންމު ދައުރެކެވެ. މަދަނީ މުއައްސަސާތަކަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޚާއްޞަ ސެކިއުރިޓީ އޮޕަރޭޝަންތަކުގެ އިތުރުން އަލިފާން ނިންވުންފަދަ މަދަނީ ޚިދުމަތްތަކުގައާއި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުންނާއި ގެއްލިގެން ހޯދާ މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އަމިއްލަ ފުރާނައަށް ބެލުމެއްނެތި ސިފައިން ކުރާ ޤައުމީ ޚިދުމަތްތައް ފާހަގަކުރެވެއެވެ.

އެމް.އެން.ޑީ.އެފްގެ ޕެރޭޑުގައި ހަތިޔާރުތަކާއި އުޅަނދުތައް ދައްކާލަނީ… -އަދިވެސް ފޮޓޯ: އެލިޒީ

ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ޤުދުރަތީ ކާރިސާތަކާއި ހާދިސާތަކުގައި ވެސް ދިފާޢީ އައްޑަނައަކީ ދިވެހި އަސްކަރިއްޔާކަން ސިފައިން ވަނީ ސާބިތުކޮށްދީފައެވެ. އަދި 2004 ޑިސެންބަރު 26 ވަނަ ދުވަހު ކުރިމަތިވި ސުނާމީ ކާރިސާއަކީ އޭގެ މިސާލެކެވެ. އެ ނުރައްކާތެރި ކާރިސާގައި ދިވެހިރައްޔިތުންގެ ޙައްޤުގައި ދިވެހި ސިފައިން ވެފައިވަނީ ވަރަށް މަތިވެރި ޤުރުބާނީތަކެކެވެ. ސިފައިންގެ މީހުންގެ އާއިލާތައް ވެސް ހާލުގައި ޖެހިފައި ވަނިކޮށް. ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަށުން ބޭރުގައި އެތައް ދުވަހެއް ވަންދެން ގިނަ އަދަދެއްގެ ސިފައިން މަސައްކަތްކުރިއެވެ. އެންމެ ފުރަތަމަ ވަގުތުން ފެށިގެން ރިލީފް ކޭމްޕްތައް ހަދައި ހިންގައި، ރަށްރަށަށް ޓީމުތައް ގޮސް ރަށްރަށާއި ގޯތިގެދޮރު ސާފުކޮށްދީ، ވަގުތީ ހިޔާތައް އިމާރާތްކޮށް، ފޯވާޑް ކޯޑިނޭޝަންސް ސެންޓަރުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމުކޮށް ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނެވެ. އަދި ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމުގައާއި ރަށްރަށުގެ ރައްޔިތުން އެއްރަށުން އަނެއް އަނެއް ރަށަށް ބަދަލުކޮށް އާބާދުކޮށްދިނުމުގައި ސިފައިން ހިންގާފައިވަނީ ވަރަށް ކާމިޔާބު އޮޕަރޭޝަންތަކެކެވެ.

ދިވެހިރާއްޖެއަށް ކުރިމަތިވާ ނުރައްކާތެރި ބޮޑެތި ބަލިތަކާއި މަޑިމަޑުކަމުގައި ވެސް ސިފައިންނަކީ ދިފާޢީ އައްޑަނައެވެ. ކޮވިޑް-19 އަކީ މީގެ މިސާލެކެވެ. ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔެއަށް ފެތުރުނުއިރު އެ ބަލިން ރައްކާތެރިވުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތަކެއް ރާއްޖެއަކު ނެތެވެ. ބަލި މީހުންނަށް ޚިދުމަތްކުރާ ފަރާތްތައް ބޭނުންކުރާ ރައްކާތެރި ހެދުމާއި އިކްއިޕްމަންޓެއް ނެތެވެ. ދިވެހިރާއްޖެއިން ފުރަތަމަ ކޮވިޑް-19 އަށް މީހަކު ޝައްކުކުރެވިގެން އެ މީހާ އެކަހެރިކުރުމަށް ސިފައިން މަސައްކަތްކުރީ ރައްކާތެރިކަމުގެ ވަސީލަތެއް ހުރެގެންނެއް ނޫނެވެ. ޤައުމީ ޚިދުމަތެއްގެ ގޮތުގައެވެ. ޤައުމާއި ރައްޔިތުންގެ ދިފާޢުގައެވެ. ބަލި މީހުން އެކަހެރިކޮށް ބެލެހެއްޓުމުގައާއި ބަލި މީހުންނާއި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި އެ ފަދަ މީހުންގެ ގައިން ނަގާ ސާމްޕަލްތައް އެ ރަށުން އަނެއް ރަށަށް ގެންގޮސްދިނުމުގައި ސިފައިންވަނީ މަތިވެރި ޤުރުބާނީތަކެއް ވެފައެވެ. ބަލި މީހުން ބައިތިއްބާނެ ފެލިސިޓީތައް ހަދައިދީ، އެފަދަ ތަންތަން މެނޭޖްކޮށް ހިންގައިދިނެވެ. އަދި އަސްކަރީ ޞިއްޙީ ޚިދުމަތްތެރިން އެ ދާއިރާއިން އެންމެ ކުރީ ސަފުގައި ވަނީ މަސައްކަތްކޮށްފައެވެ. މީގެ އިތުރުން ކޮވިޑްގެ އާލާމީވަބާގައި ފުރަތަމަ ނިޔާވި މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ސިފައިން ކުރީ އޭރު އެކަމުގެ ނުރައްކާތެރިކަން އޮތް މިންވަރުގެ ބޮޑުކަމުންނެވެ.

އެއްގަމާއި ކަނޑާއި ވައިގެ މަގުން ރާއްޖެ ދިފާޢުކުރާ ބާރަކީ ވެސް ދިވެހި އަސްކަރިއްޔާއެވެ. ދިވެހީންގެ އިޤްތިޞާދީ ލޭނާރާއި ދިވެހީންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގައި ވެސް ސިފައިންގެ ދައުރު ވަރަށް ބޮޑެވެ. ކުދި ޖަޒީރާ މި ޤައުމުގެ ކަނޑުގެ ސަރަޙައްދަށް އެޅޭ ތެޔޮފަދަތަކެތިން ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތްކުރުމުގެ ޒިންމާ އަދާކުރަނީ ސިފައިންނެވެ. މޫސުމީ ނުރައްކާތަކާ ޤުދުރަތީ ކާރިސާތަކާ ގުޅިގެން ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްކުރަނީ ސިފައިންނެވެ. ފުށިދިއްގަރު ފަރުމައްޗަށް ދޯންޏެއް ބަންޑުން ޖަހާލި ހާދިސާއާއި އެނަމާ ބޯޓް ބަންޑުން ޖަހާލި ކާރިސާއާއި ހަނިމާދޫ ބޭރަށް ބަންޑުން ޖަހާލި ލޯންޗުގެ މީހުން ސަލާމަތްކުރުމާއި ގެއްލުނު މީހުނު ހޯދުމުގައި ސިފައިން ވެފައިވާ ޤުރުބާނީ ވަރަށް ބޮޑެވެ. އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހެޅިގެންދާ އެތައް ހާދިސާއެއްގައި ދިވެހި ސިފައިން ދަނީ އެހެން މީހުންގެ ފުރާނަ ސަލާމަތްކޮށްދީ، ދިވެހީންނާއި ދިވެހިރާއްޖޭގެ ދިފާޢީ އައްޑަނައަކީ ހިތްވަރުގަދަ ދިވެހި ސިފައިންކަން ސާބިތުކޮށްދެމުންނެވެ.

ދިވެހި އަސްކަރިއްޔާއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާ ކިއްލާއެވެ. ދިވެހީންގެ ސިޔާދަތީ ބާރުގެ މަރުކާއެވެ. ސިފައިންގެ ޚިދުމަތަކީ ޤައުމީ ޚިދުމަތުގެ ކުރިބޯށްޓެވެ. ދިވެހިންގެ ލޭގައި ހިނގާ މިނިވަންކަމުގެ ވިންދުގެ ރަމުޒެވެ. ދިވެހި ޤައުމިއްޔަތުގެ ދިރުމަކީ، ޤައުމަށްޓަކައި ޤުރުބާންވާން ކެރިގެން ސިފައިންގެ ޚިދުމަތަށް ނިކުމެތިބި ހިތްވަރުގަދަ ދިވެހި ސިފައިންގެ ފަހުލަވާނުންނެވެ. ދިވެހީންނާއި ދިވެހިރާއްޖެއަށް އޮތް ހިތްހަމަ ޖެހުމަކީ ދިވެހި ސިފައިންގެ ހިތްތަކުގައި ސާބިތުކޮށްފައިވާ ދެގޮތެއްނުވާ ވަރުގަދަ ޢަޒުމެވެ. ސިފައިންގެ ސަފުތަކުގެ ބަދަހިކަމެވެ. ސިފައިން ސާބިތުކޮށްދެމުންދާ ޤައުމީ އަދި ވަޠަނީ ލޯތްބެވެ. ޙުއްބުލްވަޠަނެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.