...

Support Us

ގަތަރު ވޯލްޑްކަޕުގެ ބައެއް ފިލާވަޅުތައް

ފެންނުނީ ތަފާތު މަންޒަރުތަކެވެ. އުފަލާއި ހިތާމައެވެ. ނޭވާ ހިފަހަށްޓާލަން ޖެހުނު ކިތަންމެކިތަންމެ ވަގުތެކެވެ. ހިތާމައާއި މޮޅިއާއި ދެރައިން ކުދިކުދިވެފައިވާ ހިތްތަކެވެ. ހަމަ އެހެންމެ އުފަލުން ފޮޅިފައިވާ ހިތްތަކެވެ. މި ހުރިހާ އިހުސާސެއްގެ ތެރެއިން މިއީ ގަތަރުގައި ބޭއްވި ވޯލްޑްކަޕް ކިޔައިދިން ބައެއް ވާހަކަތަކާއި ބައެއް ފިލާވަޅެވެ.

  1. ހަގީގީ މިނިވަން ކަމަކީ ފުދުންތެރިކަމެވެ.

ޢަރަބި އިސްލާމީ ޤައުމެއް ކަމަށްވާ ގަތަރުގައި ކާމިޔާބުކަމާއެކު ވޯލްޑްކަޕް ބޭއްވުނީ އެ ޤައުމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ވެގެންނެވެ. އިސްލާމްދީނުގެ ދުޝްމަނުން ގަތަރު ބަދުނާމުކޮށް، ވޯލްޑްކަޕުގެ ފޯރި ގެއްލުވާލަން އަދި ފީފާ އެކަހެރިކުރަން ކުރި މަސައްކަތްތަކާއެކު ވެސް ގަތަރުން ބޭނުންވި ގޮތަށް ސްޓޭޑިއަމްތަކުގައި ރާބުއިން މަނާކޮށް، ދީނާ ޚިލާފު ޝިޔާރުތައް ހިމެނޭ ކެޕްޓަން ބޭންޑްތައް ބޭނުން ކުރުން މަނާކުރެވުނީ އެ ޤައުމަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި، އަމިއްލައަށް ގޮތް ނިންމުމުގެ ސިޔާދަތީ ބާރު އޮތް ޤައުމަކަށްވާތީއެވެ. އަދި އެ ޤައުމަކީ ދީނީ ކަންތައްތަކުގައި ކޮންމެކޮންމެ ގޮތެއް ވަރިހަމަ ބަޔަކަށް ނުވާތީއެވެ.

  1. ބަލިވުމަކީ ކާމިޔާބުކުރަން ހޯދިދާނެ ހިތްވަރެކެވެ.

ސައުދީ ޢަރަބިއްޔާ އަތުން ފުރަތަމަ ބުރުގައި އާޖެންޓީނާ ބަލިވިއެވެ. ވަރަށް މޮޅެތި އަދި ފެންވަރު ތަފާތު ޓީމުތަކުގެ މައްޗަށް ފެންވަރު ދަށް ޓީމުތަކަށްވެސް ކުރި ހޯދޭނެކަން މި މުބާރާތުން އެނގުނެވެ. އަދި ވަރުގަދަ ގަދަފަދަ ޓީމުތައް މެޗަކުން ބަލިވިޔަސް އާ ހިތްވަރަކާއެކު ތެދުވެ ކާމިޔާބަށް ވާސިލު ވެވޭނެކަން ވެސް މި މުބާރާތުން އެނގިގެން ދިޔައެވެ.

  1. ސިޔާސީ ކަންތައްތަކާ ކުޅިވަރާ ގުޅުވުން ރަނގަޅެއް ނޫނެވެ.

މެޗު ފެށުމުގެ ކުރިން ކިޔާ ޤައުމީ ސަލާމް އީރާނުގެ ކުޅުންތެރިން ނުކިޔައެވެ. މިކަން ކުރި ސަބަބެއް ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ސިޔާސީ ސަބަބުތަކެވެ. މުބާރާތަށް އީރާން ދިޔައިރު އެ ޤައުމު އޮތީ ދާޚިލީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ. އެކަމާ ގުޅިގެން ކުޅުންތެރިން ކުރި ހިމޭން އިހުތިޖާޖުގެ މެޗު ނަތީޖާއަކީ މުބާރާތުގައި އީރާނަށް ރަނގަޅު ކުޅުމެއް ދައްކާނުލެވުމެވެ.

  1. އެއް ފަހަރާ ދެ ކުޅިވަރެއް ނުކުޅެވޭނެއެވެ.

ޖަރުމަނު ކުޅުންތެރިން އަނގަމަތީގައި އަތްއަޅައިގެން ކުރި އިހުތިޖާޖަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމަށް ގޮވާލައި އަޅަން އުޅުނު "ވަންލަވް އާމްބޭންޑް" ނޭޅިގެން ކުރި އިހުތިޖާޖެކެވެ. ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި މި ސަކަރާތެއް ޖަހައި ފުޓްބޯޅައިގައި ވަރުގަދަ ޖަރުމަނު ފުރަތަމަ ބުރުން ކަޓައިގެން ދިޔައީ ފުޓްބޯޅައަށްވުރެ އެހެން ކަންތައްތަކަށް ފޯކަސްކުރުމުންނެވެ.

  1. ކާމިޔާބުގައި ވެސް އިދިކޮޅު ޓީމަށް އިހުތިރާމުކުރަން ޖެހެއެވެ.

ދެކުނު ކޮރެއާކޮޅަށް ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ބުރެޒިލުން މޮޅު ހަތަރު ލަނޑު ޖަހައި ވަރަށް ގިނަ ގޮތްގޮތަށް ނަށާ އެ ޓީމު ލަދުގަންނުވާލިއެވެ. ބުރެޒިލްއަކީ އަބަދުވެސް ލަނޑުޖަހާފައި އުފާފާޅުކުރުމުގައި ތަފާތު ޓީމެކެވެ. އެހެން ނަމަވެސް އެހާގިނަ ލަނޑު ޖަހާފައި އެވަރަށް ނެށުންވީ އައިބު ކަމަކަށެވެ. އިދިކޮޅު ޓީމަށް އިހުތިރާމު ނުކުރުން ކަމަށެވެ. އެ މެޗަށް ފަހު ކްއާޓަރ ފައިނަލްގައި ބުރެޒިލް ހިތްދަތި ގޮތަކަށް ބަލިވުމުން އެ ނެށުންތަކުގެ މަތިން ހަނދާން އާވިއެވެ.

  1. އިސްލާމީ އުންމަތަކީ އެއް އުންމަތެކެވެ.

މުބާރާތުގައި މޮރޮކޯއިން ދެއްކި ހިތްގައިމު ކުޅުމާއި ހޯދި ފަޚުރުވެރި ކާމިޔާބީ އިސްލާމީ އުންމަތުން ފަޚުރުވެރިކަމާއެކު ބަލައިގަތެވެ. އަރަބި އިސްލާމީ ޤައުމެއް އަދި އެފްރިކާގެ ޤައުމެއް ވޯލްޑްކަޕުގައި ސެމީ ފައިނަލް ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. ވަރަށް ވަރުގަދަ ރޫޙަކާއި ޖޯޝެއްގެ އިތުރުން އެ ޓީމު ދައްކައިދިނީ އެއީ މޮޅު ޓީމެއް ކަމެވެ. އެ ޓީމުން ކާމިޔާބުކުރި މެޗުތަކަށްފަހު އާއިލާގެ މެންބަރުންނާއެކު އުފާފާޅުކޮށް މަންމައިންނާއެކު ނަށާލައި ކުޅުންތެރިން މަންމައިންގެ މޫނަށް ބޮސްދޭ މަންޒަރުތަކުން އަރަބި އިސްލާމީ އާއިލީ ރީތި ގުޅުންތައް މުޅި ޔޫރަޕާއި ދުނިޔެ ހައިރާންކޮށްލިއެވެ. މޮރޮކޯގެ އުފަލާއި ހިތާމައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ބައިވެރިވިއެވެ.

  1. ފަހަތަށް ޖެހެން ޖެހޭ ތަންތަނުގައި ޖެހޭނީ ފަހަތަށް ޖެހޭށެވެ.

ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ ފުރަތަމަ 11 ގައި ނުހިމަނާ ޕޯޗުގަލުން ނިކުން ފުރަތަމަ މެޗަކީ އޭނާ ފުޓްބޯޅައިގެ ހަޔާތުގައި އެންމެ ހިތްދަތި އަދި އެންމެ އަސަރުގަދަ ވަގުތެވެ. އެހެން ނަމަވެސް ފުރަތަމަ 11 އަށް އޭނާގެ ބަދަލުގައި އެރުވި ރާމޯސްގެ ހެޓްރިކާއެކު ރޮނަލްޑޯ ވެސް އުފާފާޅުކޮށް ހެދިއެވެ. މޮޅު ކުޅުމެއް އެ ޓީމުން ދެއްކި އެ މެޗަށްފަހު ރޮނަލްޑޯއަކީ މިހާރު އެ ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދޭންޖެހޭވަރުގެ ކުޅުންތެރިއެއް ނޫންކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެވެ. އެހެން ނަމަވެސް ކްއާޓަރފައިނަލްގައި ކޮރޮކޯއާ ދެކޮޅަށް ނިކުމެ އެ ޓީމު ކަޓައިގެން ދިއުމުން ބައެއް މީހުންގެ ވިސްނުން ބަދަލުވިއެވެ. ރޮނަލްޑޯ ބެންޗުން ފެށުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެއްދިއެވެ. ކުރީ މެޗުގައި ރޮނަލްޑޯގެ ބަދަލުގައި އެރުވި ޒުވާން ކުޅުންތެރިޔާ ރާމޯސްއަށް މޮރޮކޯ މެޗުގައި އެއްވެސް ކަމެއް ނުކުރެވުނެވެ.

  1. ލީޑަރޝިޕް ދައްކައިދޭން ޖެހެއެވެ.

ގިނަ ޓީމުތަކުގެ ކެޕްޓަން ބޭންޑް އަޅައިގެން ތިބި އެ ޓީމުތަކުގެ ލީޑަރުން ފެނުނީ ޕްރެޝަރ ވަގުތުތަކުގައި ނުކުމެ ލީޑަރޝިޕް ދައްކައިދިނުމަށް މަސައްކަތް ިކުރިތަނެވެ. ލީޑަރުންނަށް ޕްރެޝަރ ތަހަންމަލު ނުކުރެވުނު ކޮންމެ ދަނޑިވަޅެއްގައި ޓީމަށް ވަނީ އިޔާދަނުކުރެވޭވަރުގެ ގެއްލުންތައް ލިބިފައެވެ. އިނގިރޭސި ކެޕްޓަން ހެރީ ކޭން ފްރާންސާ މެޗުގައި އެއް ޕެނަލްޓީ ކާމިޔާބުކޮށްދީ އަނެއް ޕެނަލްޓީ ބޭރަށް ޖެހިއެވެ އެ ޓީމު މުބާރާތާ އަލްވަދާޢު ކިޔުމުގައި އެ ޕެނަލްޓީ ބޭރަށް ޖެހުމާ ގުޅުވިދާނެވެ. އާޖެންޓީނާ މުބާރާތުގައި ހޯދި ކާމިޔާބީ ތަކުގައި އުނދަގޫ ވަގުތުތަކުގައި މެސީ ކާމިޔާބުކުރި ޕެނަލްޓީތައް މުހިންމު ދައުރެއް އަދާކުރިއެވެ. ޕެނަލްޓީ ޝޫޓް އައުޓްތަކުގައި ކްރޮއޭޝިއާގެ މޮޑްރިޗް ޕެނަލްޓީ ޖަހަން ދިޔައީ އެންމެ ޕްރެޝަރ ވަގުތުގައެވެ. ޕެނަލްޓީ ޝޫޓްއައުޓްތަކުގައި ކެޕްޓަނުން ދައްކައިދިން ލީޑަރޝިޕުގެ އެއް މިސާލަކީ ނެދަލެންޑްސް އާއި އާޖެންޓީނާގެ ކްއާޓަރފައިނަލް މެޗެވެ. ފުރަތަމަ ޕެނަލްޓީ ދެ ޓީމުން ވެސް ޖެހީ ދެ ކެޕްޓަނުންނެވެ. ނެދަލެންޑްސްއިން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ބާޖިލް ވެންޑައިކެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކުރި އެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން މެސީ ވައްދާލީ ފަސޭހަ ކަމާއެކު އެވެ. މެޗުން މޮޅުވީ އާޖެންޓީނާއެވެ.

  1. އެކުވެރިކަމާއެކު ވެސް ވާދަކުރެވޭނެއެވެ.

ފްރާންސްގެ ތަރި އެމްބާޕޭ އާއި މޮރޮކޯގެ ތަރި ހަކީމީއަކީ ގާތް ދެ އެކުވެރިންނެވެ. ސެމީ ފައިނަލްގައި މި ދެ އެކުވެރިން މާކުކޮށްގެން ކުޅެން ޖެހުނު ފަހަރުތައް ވެސް ދިޔައެވެ. ވާދަވެރިކަމުގެ ރޫޙުގައި މެޗު ތެރޭގައި ދެ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދެއްކިއެވެ. އެކަމަކު މެޗަށްފަހު ރަހުމަތްތެރިކަމާއި އެކުވެރިކަން ސާބިތުކޮށްދިނެވެ. ވޯލްޑްކަޕްގައި ޤައުމު ތަމުސީލުކުރިއިރު އެއް ޓީމަކަށް ކުޅޭ ނުވަތަ ކުޅެފައިވާ އަދި ދުވަސްވީ ގިނަ ކުޅުންތެރިންގެ ފަރާތުން މެޗަށް ފަހުގައި ފެނިފައިވަނީ އެކުވެރިކަމުގެ ރީތި މިސާލުތަކެވެ.

  1. އަންހެނުންނަށް ވެސް ވާނެއެވެ.

ގަތަރު ވޯލްޑްކަޕުގައި އަންހެން ރެފްރީއަކާއި ދެ އަންހެން ލައިންސްވިމަނުން އެއް މެޗަކުން ފެނިގެން ދިޔައެވެ. މިއީ ވޯލްޑްކަޕް ތާރީޚުގައި ރެކޯޑެކެވެ. ބައެއް ފިރިހެން ރެފްރީން ހެދި ބޮޑެތި ގޯސްތަކާއެކު ވޯލްޑްކަޕުން ސަސްޕެންޑްކޮށް ފިޔަވަޅު އަޅާފައިވާއިރު ވޯލްޑްކަޕް ތާރީޚުގައި އެންމެ ފުރަތަމަ ދަނޑުމެދަށް ނިކުން އަންހެން ރެފްރީގެ ރެކޯޑާއެކު ފްރާންސްގެ ސްޓެފަނީ ފްރަޕާޓާއި އަންހެން އޮފިޝަލުން ދައްކައިދިނީ އެ މީހުންގެ ޕްރޮފެޝަނަލް ކަމާއި އެ މީހުންނަށް ވެސް ވާނެކަމެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.