Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސް ސޯލިހަށް "ކާލާ މަންނަ" ލިބިވަޑައިގަންނަވާނެތޯއެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅު ސިއްކަ އަހުމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) 18 އަހަރަށް ފަހު ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަކީ ހަމައެކަނި އާއިލީ ކަމެއް ކަމަށް ދައްކަން އެއާއިލާއިން މަސައްކަތް ކުރެއްވިއަސް އެ ދަތުރުފުޅަކީ ބައިބައިވެފައިވާ އެމް.ޑީ.ޕީ އެއްބައިކޮށް، ވަކިން ހާއްސަކޮށް، ގުޅުން ކެނޑިފައިވާ ސިޔާސީ ދެ ރަހްމަތްތެރިން އެއް އޮޑިއަކަށް އެރުއްވޭތޯ ސިއްކަ ކުރައްވާ ދަތުރުފުޅެއް ކަމަށް ޤަބޫލު ކުރެވެއެވެ. ސިއްކަގެ ދަތުރުފުޅާ ދިމާކޮށް، އިއްތިފާޤުން ވިއަސް ނުވަތަ ޤަސްތުގައި ވިއަސް، ރައީސް ނަޝީދު މިވަގުތު ހުންނެވީ އަމިއްލަފުޅު ދަތުރުފުޅެއްގައި ލަންޑަނަށް ވަޑައިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އަދި ހައެއްކަ ދުވަސް ފަހުން ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެއެވެ. އެއާ އެކު ރައީސް ނަޝީދާއި ރައިީސް ސޯލިހު ސުލްހަ ކުރައްވައި، 2023ގެ ރޭހަށް ދެ ބޭފުޅުން އެއް އޮޑިއަކަށް އަރުވަން ސިއްކަ ނިކަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެއެވެ.

ސިއްކައާއި ސިއްކަގެ ގާތް ބޭފުޅުންގެ ތެރެއިން އެމް.ޑީ.ޕީ އަށް ތާއީދު ކުރާ ޒަމާންވީ ބޭފުޅުން ވެސް، އަދި ސިއްކަގެ އާއިލާގެ ހުރިހާ ބޭފުޅުންވެސް އެދޭނީ އެމް.ޑީ.ޕީ އެކަތިގަނޑަކަށްވެ އޮވެ 2023 އާ ކުރިމަތިލައި އިންތިހާބް ކާމިޔާބު ކުރުމަށެވެ. އެއީ އެ ބޭފުޅުންނަށް އެންމެ މަސްލަހަތު ހުރި ގޮތެވެ. ނަމަވެސް މި ހިނގަމުންދާ ރިއާސީ ދައުރުގައި ދިވެހި ޤައުމު ބަނގުރޫޓުވާ ދަރަޖައަށް ވެއްޓި، ދީނަށް ފުރައްސާރަ ކުރުން އިންތިހާ އަށް ގިނަވެ، ވެރިކަމުގައި ތިއްބެވި ބޭފުޅުންގެ އަމިއްލަ މަސްލަހަތު ދިވެހި ރައްޔިތުންގެ މަސްލަހަތަށް ވުރެން އިސްކުރުމުގެ ސަބަބުން އެމްޑީ.ޕީއާ މެދު ރައްޔިތުންގެ ގިނަ ބަޔަކު ވަނީ ނުރުހުންވެ މާޔޫސްވެފައެވެ.

ރައީސް ނަޝީދަކީ 2023 ގެ އިންތިހާބުގެ "ކާލާ މަންނަ" ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ލިއުނީމެވެ. ނަމަވެސް ސުވާލަކީ ރައީސް ސޯލިހާ ސުލްހަވެވަޑައިގެން، އެއް އޮޑިއަކަށް އަރުއްވައިގެން ދެބޭފުޅުން އެކުގައި 2023 އާ ކުރިމަތި ލައްވައިފިނަމަ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެވުމުގައި ނަޝީދަށް "ކާލާ މަންނަ"ގެ ރޯލު އަދާ ކުރެއްވިދާނެތޯއެވެ؟ މި ސަރުކާރުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވުމާއި، އިގްތިސޯދު މެނޭޖްކުރުމުގައި ނާޤާބިލްކަން ފެންނަމުން ދިއުމުގެ ސަބަބުން ސަރުކާރަށް ރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައެވެ. އަދި ރައީސް ސޯލިހުގެ ފެކްޝަނުން ރައީސް ނަޝީދަށް ގޮވާފައި ހުރި ހުތުރު ބަސްތަކުގެ ސަބަބުން މިދެ ފެކްޝަން ވަނީ ތެލާއި ފެން ފަދައިން ވަކިވެފައެވެ. ތެލާއި ފެނާ ދުވަހަކުވެސް އެކެއް ނުވާނެ އެވެ. އެހެންކަމުން މި ހުރިހާ ކަމަކަށް ބެލުމެއް ނެތި ރައީސް ސޯލިހުގެ އޮޑިއަށް ނަޝީދު އަރައިވަޑައިގެންފި ނަމަ ދެ ބޭފުޅުންނާއި މުޅި އެމް.ޑީ.ޕީ އެކުގައި އަބަދުގެ އަބަދަށް ފެތުން ވަރަށް ކައިރި އެވެ.

ސިއްކަގެ "ސުލްހައިގެ" ދަތުރުފުޅާ ގުޅިގެން ރައީސް ނަޝީދާއި ރައީސް ސޯލިހު އެއް އޮޑިއަކަށް އަރައިވަޑައިގެންފިނަމަ އެންމެ ބޮޑު ގެއްލުމެއް ލިބިވަޑައިގަންނަވާނެ ކަމަށް ފެންނަނީ ރައީސް ނަޝީދަށެވެ. ސަބަބަކީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތުގެ ނިމުން ވަރަށް ސާފުކޮށް އެއޮތީ ފެންނާށެވެ. ރައްޔިތުންގެ އިތުބާރެއް، ލޯތްބެއް ނެތެވެ. އޮތީ ހަމައެކަނި ވެރިކަމުގައި ތިބީތީ ދެއްކޭ ބިރާއި، ވަޒީފާގެ ބިރާއި، ރައްޔިތުންނަށް ދިއްކޮށްލެވޭ ފައިސާގެ ބާރެވެ. އެ ތިނެތި ނެތް ނަމަ ރައީސް ސޯލިހަށް ވުރެ ގިނަ ވޯޓު އަޅުގަނޑު ކުރިމަތިލިއަސް 2023 ގައި ލިބޭނެއެވެ. އިހްލާސްތެރިކަމާ އެކު ރައީސް ސޯލިހަށް ވޯޓު އަޅާނެ ދިވެހި ރައްޔިތުން މިހާރު ވަރަށް ބޮޑުތަނުން މަދުވާނެއެވެ. އެފަދަ ބޭފުޅަކާ އެކު ނަޝީދު އެއްއޮޑިއަކަށް އެރުއްވުމަކީ ފެތޭނޭކަން އެނގިވަޑައިގެން ހުންނަވައި ޓައިޓެނިކަށް އެރުއްވުން ކަހަލަ ކަމެކެވެ. ފޭދޫ ދާއިރާގެ މަޖުލިސް މެމްބަރު މުހައްމަދު ނިހާދާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަދަ ބޭފުޅުން އަމިއްލަ އެދުމަށް ރައީސް ސޯލިހަށް ސަނާ ވިދާޅުވިއަސް، ވެރިކަމުގެ ބާރު ސޯލިހަށް ގެއްލޭ ދުވަހަކުން ރައީސް ސޯލިހާ ދުރަށް އެންމެ ބާރަށް ދުވެވަޑައިގަންނަވާނީ މިފަދަ ބޭފުޅުންނެވެ.

ތުންތުންމަތިން އަޑުއިވޭ ގޮތުގައި އެމް.ޑީ.ޕީގެ ރިއާސީ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޕްރައިމަރީ" (ޕާޓީގެ އެތެރޭގެ އިންތިހާބު) ގައި ރައީސް ސޯލިހުގެ މައްޗަށް ރައީސް ނަޝީދު ކާމިޔާބު ހޯއްދެވުމަކީ ކުރިން ހީކުރެވުނު ވަރަށް ވުރެ ވުން ކައިރި ކަމެކެވެ. ކޮންމެ ގޮތަކަށް ބެއްޔަސް ރައީސް ސޯލިހުގެ ސިޔާސީ ކުރިމަގު ދައްކަނީ ބަނަކޮށެވެ. ރައީސް ސޯލިހުގެ އޮޑިއަށް ރައީސް ނަޝީދު އަރައިވަޑައިގެންފިނަމަ ނަޝީދުގެ ސިޔާސީ ކުރިމަގުވެސް ވާނީ ބަނައެވެ.

ރިއާސީ އިންތިހާބުގެ މިސްރާބު ކަނޑައެޅުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާނެ ދެކަމެއް އެބައޮތެވެ. އެ ދެ ކަން ވާގޮތަކުން އިންތިހާބުގެ ނަތީޖާ ދާނެ ކޮޅެއް ދެނެގަންނަން ފަސޭހަވާނެއެވެ. ފުރަތަމަ ކަމަކީ ރައީސް ނަޝީދު ނުވަތަ "ކާލާ މަންނަ" ގުޅިވަޑައިގަންނަވާނީ ކޮން ކޮޅަކާ ތޯއެވެ؟ ސޯލިހާތޯއެވެ؟ ނުވަތަ ޔާމީނާ ތޯއެވެ؟ ދެވަނަ ކަމަކީ މިހާރު ހުކުމް ކުރުމުގެ މަރުހަލާގައި ޝަރުއީ ކޯޓުގައި އޮތް ރައީސް ޔާމީނުގެ މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމެއް އަންނާނެތޯއެވެ؟ އެފަދަ ހުކުމެއް އައިސްގެން ރައީސް ޔާމީނަށް 2023 ގެ އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ނަމަ އެކަމުގެ އަސަރު އިންތިހާބުގެ ނަތީޖާއިން ފެންނާނެއެވެ. ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ރައީސް ސޯލިހަށް އެކަމުގެ މާބޮޑު ސިޔާސީ ފައިދާއެއް ނެންގެވޭނެ ކަމަކަށް ނުފެނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިޔަކަމުގައި ވިއަސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އެނގި ފެނި ތިބެ ދިވެހި ރައްޔިތުން އެމީހުންގެ އަމިއްލަ ކަރަށް މަޅިއެއް މަހާނުލާނެތީ އެވެ.

ސިއްކަގެ "މިޝަން" ކާމިޔާބުވުން ވަރަށް ދުރެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހު ދެން އެއް އޮޑިއަކަށް އަރުއްވާނެ ކަމަކަށް ނުބެލެވެއެވެ. އަދި އެއް އޮޑިއަކަށް އެރުއްވިއަސް ދެ ބޭފުޅުންގެ ސިޔާސީ ކުރިމަގު ޣަރަގުވުން ނޫން އެހެން ކަމެއް ނުވާނެ އެވެ. ރައީސް ޔާމީނަށް ޖަލު ހުކުމެއް ކުރިއަސް އަދި ނުކުރިއަސް، ރައީސް ސޯލިހަކަށް ވާނެ ސިޔާސީ މާބޮޑު ފައިދާއެއް ނެތެވެ. ކާލާމަންނަ އެމަނިކުފާނާ އެއްކޮޅަށް އެރުއްވިއަސް ސަލާމަތް ނުވާނެ ވަރަށް ރައީސް ސޯލިހުގެ އިތުބާރު ވަނީ ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައެވެ.

ޖީ.އެެސް.ޓީ ބޮޑުކޮށް،ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް ގޮސް، ރައްޔިތުން ބިކަވެއްޖެއެވެ. އަދިވެސް ރައްޔިތުންނަށް އޮޅުވާލަން ވެގެން ސަރުކާރުން ބުނަނީ ރައްޔިތުންގެ ޖީބަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. މިސަރުކާރަކީ މީ އަމިއްލަ ސިޔާސީ އެދުމަށްޓަކައި ދިވެހި ރައްޔިތުން ގުނބޯ ހައްދައިގެން ގެންގުޅޭ ސަރުކާރެކެވެ. ކޮރަޕްޝަން ދުވަހަކުވެސް ނުދާހާ މައްޗަށް ގެންގޮސް ދައުލަތް ބަނގުރޫޓު ކުރަމުންދާ ސަރުކާރެކެވެ.

އައްޑު ސިޓީގައި ޓެރަރިޒަމްގެ ނަމުގައި ބަޔަކު ހައްޔަރުކޮށް، އަދި ލައިވް ހަތިޔާރާއެކު ކުރިއަށް އޮތް ފަސް މަސް ދުވަހު އައްޑޫގައި ސިފައިންގެ ތަމްރީނުތަކެއް ބާއްވަމުން އެދަނީ 2023 ގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށެވެ. މި އިންތިހާބުގައި މިސަރުކާރުން ކުޅޭނެ އެންމެ ފަހުގެ ކާޑެއް ކަމަށް ބެލެވެނީ ޓެރަރިޒަމްގެ ކާޑެވެ. މިކަމުގައި ސަރުކާރުގެ ލަފާދާރުންނަކަށް ވާނީ މުސްލިމުންގެ އަދުއްވުން ކަމުގައިވާ އިންޑިއާގެ ބީ.ޖޭ.ޕީ ސަރުކާރެވެ. މިފަދަ އަޑި ނޭނގޭ ސަރުކާރަކަށް ދެވަނަ ދައުރެއް ދިނުމަކީ ދިވެހި ރައްޔިތުން އަމިއްލައަށް ހަލާކުގެ ތެރެއަށް ވެއްޓިގަތުމެވެ. ރައްޔިތުން އެހާ މޮޔަވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.