...

Support Us

ސިފައިންގެ ފުރަތަމަ ޝަހީދަކީ ކާކުކަން އެނގޭތަ؟

"ސިފައިން" މި ނަމަކީ އޭރު ދިވެހީންގެ ކަންފަތްތަކަށް ރައްޓެހި ނަމެއްނޫނެވެ. މުޅި މާލެ ތައްޔާރުވަމުން އައީ ހިޖުރައިން 1309 ވަނަ އަހަރުގެ ރޯދަމަހު އޮންނަ ހިތިވިލޭރެއަށެވެ. އެއީ މީލާދީން 21 އެޕްރީލް 1892 އެވެ. މާލެތެރޭގައި މި ދައްކަނީ ކޮންބައެއްގެ ވާހަކައެއް ހެއްޔެވެ؟

ސިފައިންނޭ ކިޔާ ބަޔަކު ރަދުން އުފައްދަވަނިއްޔޯލައެވެ. އެބަޔަކު ތިބޭނީ ރަދުންގެ ލަޝްކަރުގެ ހަގުބޭކަލުންނަށްވުރެ ވެސް އަރިހުގައޭ ކިޔައެވެ. އެ މީހުންގެ އަތުގައި ބަޑި ވެސް ހުންނާނެޔޯލައެވެ. އެ ބުނާ ސިފައިންނަށް ރާއްޖެއިން ބޭރުން ޔުނީފޯމުގެ ގޮތުގައި ކޯޓުފަޓުލޫނާއި ބޫޓާއި ތުރުކީ ތާކިހާ ވެސް ގެނެސްފިޔޯލައެވެ. އެ ބުނާ ސިފައިންނަަކީ އެބައިމީހުންގެ ވެރިމީހާ ކުރި ކޮންމެ އަމުރަކަަށް ފަސްޖެހުމެއް ބިރުގަތުމެއްނެތި ކިޔަމަންތެރިވެ ބޯލަބާނެ ބައެކޭ ވެސް ކިޔައެވެ. ހިތިވިލޭރޭ އައިއިރު ސިފައިންނާ ބެހޭ ގޮތުން މާލެތެރޭގައި އޮތީ މިފަދަ އަޑުތަކެއް ފެތުރިފައެވެ.

ތާރީޚުން ފެންނަ ހަގީގަތަކީ ސަރުކާރުން ނުވަތަ ދައުލަތުން ކުރެއްވިޔަސް މިފަދަ އާ ކަންކަމާ މެދު ރުހޭ ބަޔަކާ ނުރުހޭ ބަޔަކު ތިބުމެވެ. ޝައްކުގެ ނަޒަރަކުން ދެކޭ ބަޔަކު ތިބުމެވެ. އަދި އެ ބަޔަކު ނުރުހޭ ކަމެއް ނަމަ ވީގޮތަކުން ވީވަރަކުން އެކަމަކާ ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރުމެވެ. އަދި އެކަމަކަށް ހުރަސްއެޅުމެވެ. އެ އަހަރުގެ ހިތިވިލޭރޭ އައްސުލްޠާން އިބްރާހީމް ނޫރައްދީން (ނޫރައްދީން ބަންޑާރައިން) ހިތްޗަށް ވަޑައިގެންނެވި ޚާއްޞަ ޕްރޮސެޝަން އޮތް ރެއަކީ ސިފައިން ދިވެހި ެަރައްޔިތިންނަށް ފެނިގެންދިޔަ ރެއެވެ. އޭރު ހަސަދަވެރިން ވަނީ އަޖުމަބެލުމުގެ ގޮތުން ވަރުގަދަ ރޭވުމެއް ރާވާފައެވެ.

މި ބައިމީހުން ކުރި ކަމަކީ ސިފައިންގެ ފުރަތަމަ ޝަރަފުގެ ހިނގާލުމުގައި މާލޭގެ މަގުމަތިން ހިނގާފައި ދަނިކޮށް އަތުއޮނުގަނޑަކުން ސިފައިންގެ ގަޔަށް އަލިފާން ކަނި ބުރުވީއެވެ. އަތުއޮނަކީ އަތުން ހިފަހައްޓައިފައި ރޯކުރާ ބަޑިބޭހުގެ ކުޅިވަރެކެވެ. މިއީ އަލިހޮޅިއެކެވެ. މި ހުންނާނީ އޮނު ކޮޅެއްގައި އައްސައިފައެވެ. މި ރޯކޮށްލުމުން މާތަކެއް ފޮޅިގެންދާ ގޮތަށް އަލިވެގެން ދާނެއެވެ. މިހާރުގެ ކުދިންނަށް މިއާ އެންމެ އެއްގޮތް އެއްޗަކަށް ފެންނާނީ ބަޑިބޭހުން ހަދާފައި ހުންނަ އަލިނަރެވެ. މިއީ އަލިފާން ރޯކުރީމާ އަނދަމުންދާއިރު އަލިފާނުގެ ކަނި ބުރަމުންދާ އެއްޗެކެވެ.

އަލިފާންކަނި ބުރުވިޔަސް ސިފައިން ޝަރަފުގެ ހިނގާލުން ކުރިއަށް ގެންދިޔައެވެ. އެއްވެސް ސިފައިންގެ މީހަކު ސަފުން ނެއްޓިގެންނެއް ނުދެއެވެ. އަދި އަލިފާން ނިއްވާކަށް އިތުރު ހަރަކާތްތައް ކޮށެއް ވެސް ނުހަދަތެވެ. ބައެއް މީހުން ލައިގެން ތިބި ކޯޓު އަނދަމުން ދިޔައެވެ. އަނެއް ބަޔަކު އަޅައިގެން ތިބި ތުރުކީ ތާކިހާ އަނދަމުން ދިޔައެވެ. ޝަރަފުގެ ހިނގާލުން ނިންމާލުމަށްފަހު އާގަނޑުވަރަށް ސިފައިން ވަދެ ބެލިއިރު އެކި މީހުން އެކިވަރަށްވަނީ ފިހިފައެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފިހުނީ ރޯނުގޭ އިބްރާހިމް ދީދީއެވެ. އޭނާގެ ފަރުވާގެ ކަންތައްތައް ބެލެހެއްޓެވީ ދައުލަތުންނެވެ. ރަސްގެފާނުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ރަސްކަމުގެ ގަނޑުވަރުން ބޭހާއި ބޭސްވެރިން ފޮނުއްވައިގެން ފަރުވާ ކޮށްދެއްވިއެވެ. އެހެންކަމުން ސިފައިން އުފެދުނު ދުވަހު މިވަނީ ސިފައިންނަށް ބޭސްފަރުވާގެ ޚިދުމަތް ދައުލަތުން ދެއްވަން ފައްޓަވާފައެވެ.

ރާއްޖެއިން އޭރު ކޮށްދެއްވެން ހުރި އެންމެ ފެންވަރު ރަނގަޅު ބޭސްފަރުވާ ކޮށްދެއްވި ނަމަވެސް ރޯނުގޭ އިބްރާހީމް ދީދީގެ ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވިއެވެ. ފަރުވާ ދެވެމުންދަނިކޮށް ޝަހީދުވީއެވެ. އެއީ ދިވެހި ސިފައިންގެ ތެރެއިން ފުރަތަމަ ޝަހީދުވި ބޭފުޅާއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *