...

Support Us

ހުރިހާ ވަގުތެއްގައި ﷲއަށް ޙަމްދުކުރާށެވެ!

ކީރިތި ޤުރްއާން ފެށެނީ ސޫރަތުލް ފާތިޙާއިންނެވެ. މި ސޫރަތުގައި ބިސްމިއަށްފަހު އަންނަ އާޔަތަކީ: الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ- حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.

ކީރިތި ޤުރްއާން ހަތަރު ބަޔަށް ބަހައިލައިފިނަ ކޮންމެ ކާލެއް ފެށޭނީ ހަމަ الْحَمْدُ لِلَّهِ އިންނެވެ.

  • ފުރަތަ ކާލު ފެށެނީ ސޫރަތުލް ފާތިޙާގެ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ އިންނެވެ.
  • ދެވަނަ ކާލު ފެށެނީ ސޫރަތުލް އަންޢާމުގެ ފުރަތަމަ އާޔަތް (الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ- حمد ހުރީ އުޑުތަކާއި ބިންހައްދަވައި އަނދިރިކަމާއި، އަލިކަންލެއްވި اللَّه އަށެވެ.) އިންނެވެ.
  • ތިންވަނަ ކާލު ފެށޭނީ ސޫރަތުލް ކަހްފުގެ ފުރަތަމަ އާޔަތުންނެވެ. (الْحَمْدُ لِلَّهِ الَّذِي أَنزَلَ عَلَىٰ عَبْدِهِ الْكِتَابَ حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެއެވެ.) އިންނެވެ.
  • ހަތަރުވަނަ ކާލު ފެށެނީ ސޫރަތު ފާޠިރުގެ ފުރަތަމަ އާޔަތުންނެވެ. (الْحَمْدُ لِلَّهِ فَاطِرِ السَّمَاوَاتِ وَالْأَرْضِ- حمد ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ مثال އަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ.) އިންނެވެ.

އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ މިންވަރަކަށް އިބަރަސްކަލާނގެއަށް ޙަމްދު ހުއްޓެވެ.

ކޮންމެ ދުވަހަކު އަޅަމެންގެ އަތްތައް މި އުފުލަނީ އިބަރަސްކަލާނގެއަށް އަޅަމެން ވެފައިވާ ޢަހްދު ކަށަވަރު (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ- އަޅަމެން އަޅުކަންކުރަނީ، ހަމަ އެކަނި އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، ހަމަ އެކަނި އިބަރަސްކަލާނގެ حضرة ންނެވެ.) އައުކުރުމަށެވެ.

އަޅަމެންގެ ޙަޔާތް ދެމިގެން ދަނީ (الْحَمْدُ لِلَّهِ) އާ (آمين) އާ ދެމެދުގައެވެ.

(الرحمن الرحيم – (އެކަލާނގެއީ) رحمن ވަންތަ رحيم ވަންތަ ރަސްކަލާނގެއެވެ.) އިވުމުން މި ޢަހްދަށް ވަފާތެރިވާ ހިތްތަކަށް ހިތްހަމަޖެހުން ލިބި ފަރިވެ ފޮޅިގެން ދެއެވެ.

(مالك يوم الدين – قيامة ދުވަހުގެ ވެރި ރަސްކަލާނގެއެވެ.) އެކަލާނގެ މަތިވެރި ކަމަށް ޓަކައި އެ ހިތް ތެދުވެ ކިޔަމަންތެރިކަން އަދާކުރެއެވެ.

(اهْدِنَا الصِّرَاطَ الْمُسْتَقِيمَ އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!) ބޯލެނބުމާއެކު އެކަމަށް އެދެއެވެ.

(الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންނާއި މަގުފުރެދިފައިވާ މީހުންގެ މަގު) ދެކެ ބިރުން އެ ހިތް ތުރުތުރުއަޅައެވެ.

މިއީ އެންމެ މަތިވެރި ސޫރަތުގައި ވާ އެންމެ މަތވެރި ޢަހްދެވެ.

އަހުރެމެންގެ ހިތްތަކަށް މި ޢަހްދު މޭރުންވޭ ބާވައެވެ!

އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ޝުކުރު ދަންނަވާނީ ކިހިނަކުންތޯއެވެ؟

އިބަރަސްކަލާނގެ ހެއްދެވި ދުލުން ތޯއެވެ؟

އިބަރަސްކަލާނގެ ޞޫރަކުރެއްވި ހިތުން ތޯއެވެ؟

އިބަރަސްކަލާނގެ އީޖާދު ކުރެއްވި ގުނަވަންތަކުން ތޯއެވެ؟

އިބަރަސްކަލާނގެ މި އަޅާއަށް ދެއްވި ގިނަގުނަ ނިޢުމަތްތަކަށް އިބަރަސްކަލާނގެއަށް ޙައްޤު މިންވަރަށް ޝުކުރު ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *