...

Support Us

މިއީ އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް ކުރެވިދާނެ 10 ކަމެއް

އަސްކަރީ އަޚްލާޤަކީ ލޯތްބާއި ހިނިތުންވުމާއި ނަފުސާއި ޒަމީރުގެ ރުހުމާއެކު ކޮމާންޑަރުންގެ ޤާނޫނީ އަމުރުތަކަށް ކިޔަމަންތެރިވުމާއި ޤާނޫނާއި ގަވާއިދާއި އަސްކަރިއްޔާގެ އުސޫލުތަކާއި އާދަކާދައާއި އަސްކަރީ ސަޤާފަތަށް ހިތުން ރުޙުމުން ޝައުޤުވެރި ހިތަކުން ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމެވެ.

ތިރީގައި މި ވަނީ އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެކެވެ.

  1. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުން:

އަސްކަރީ އަޚްލާޤު ފާޅުވަނީ ސިފައިންގެ މީހާއަށް ކެތްތެރިވެވޭ މިންވަރަކުންނެވެ. ހިތްހަމަނުޖެހޭ ކަންތައްތަކުގައި ޖަޒުބާތުތައް މެނޭޖުކުރެވޭ ވަރަކުންނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަކީ ކެތްތެރިވާން ދަސްކުރުމަށް މުހިންމު ކަމެކެވެ. އަސްކަރީ އަޚްލާޤު ރަނގަޅު ކުރުމަށް މަސައްކަތް ކުރާއިރު ސިފައިންގެ މީހާގެ ވިސްނުމާއި ފިކުރު ތަޣައްޔަރުވިޔަ ނުދީ ސީދާ މަގުގައި ސާބިތުކުރަން ޖެހެއެވެ. ކެއުމާއި ނިދުން ފަދަ ހުރިހާ ކަމެއްގައި ވެސް ވަކި މިންގަނޑެއް ގެންގުޅެން ޖެހެއެވެ. އަމިއްލަ ޒަމީރުގެ މައްޗަށް ބާރު ފޯރުވަން ޖެހެއެވެ.

  1. ވަގުތަށް ކަމޭހިތުމަށް އަހުލުވެރިވުން:

ގަޑި ޖެހުމަކީ ސިފައިންގެ މީހާގެ އަގުވެއްޓޭ ކަމެކެވެ. ތަންތަނަށް ހާޒިރުވުމުގައި ލަސްވާ މީހަކު އެއްވެސް މީހަކަށް ކަމުނުދެއެވެ. ގަޑިއަކަށް ތަނަކަށް ދާން ހަމަޖެހިފައިވާ ކޮންމެ ރޭންކެއްގެ ކޮންމެ ސިފައިންގެ މީހަކު ވެސް ގަޑި ނުޖެހި އެތަނަކަށް ހާޒިރުވުމަކީ އަސްކަރީ އަޚްލާޤުގެ އެންމެ މުހިންމު އެއް ސިފައެވެ. ގަޑިއަށް ފަރުވާތެރި މީހުންނަކީ އެހެން މީހުންގެ ކުރިމަތީގައި އިތުބާރާއި ޔަގީންކަން އުފެދޭނެ މީހެކެވެ.

އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް ގަޑިންގަޑިއަށް ކަންކަން ކުރުމާއި ގަޑިޖެހުމުގެ 15 ވަރަކަށް މިނެޓް ކުރިން އެ ތަނަކަށް ހާޒިރުވުމަށް ސަމާލުކަން ދެވިދާނެއެވެ.

  1. އަސްކަރީ ސަޤާފަތަށް އިޙްތިރާމްކުރުން:

އަސްކަރިއްޔާއަކީ ވަރަށް ގިނަ ޒަމާންވީ އަސްކަރީ އާދަކާދައާއި ސަގާފަތްތައް އަދި އަސްކަރީ ހެވިކަމާއި ސެރެމޯނިއަލް ކަންތައްތައް އޮންނަ ތަނެކެވެ. މި ކަންތައްތައް ހެޔޮ ހިތުން ބަލައިގަތުމާއި އެކަމެއް ކުރަން އޮންނަ ގޮތަށް ޢަމަލުކުރުމަކީ އަސްކަރީ އަޚްލާޤަށް އަހުލުވެރިވުމަށް ކުރެވިދާނެ ކަމެކެވެ.

މިސާލަކަށް ދިދަ ނަގައި ދިދަ ތިރިކުރާއިރު ދިދައަށް ކުރިމަތިލައިގެން ސަމާލުގައި ހުރެ އިޙްތިރާމުކުރުމަށް ސަމާލުކަން ދިނުމާއި ސިފައިންގެ ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުގައި ހިނގާފައިދާއިރު ފައި އެއްވަރުކޮށް ހިނގުން ފަދަ ކަންކަމަކީ އަސްކަރީ ސަގާފީ އާދަކާދަތަކެވެ. ބަންގީގެ އަޑު އިވޭ ހިނދު ބަންގިއަށް ސަމާލުކަން ދިނުމާއި ބަންގިއަށް އިޖާބަ ދިނުމާއި ޤުރުއާން ކިޔަވާއިރުއާއި ދުޢާ ކިޔާއިރު އިޖާބަދިނުމުގައި ވެސް އަސްކަރީ އަދަބުތަކަކާއި އަޚްލާޤުތަކެއް ގެންގުޅެއެވެ. މިއިން ކަމަކަށް ފަރުވާ ކުޑަ ނުކުރުމަކީ މުހިންމު ކަމެކެވެ.

  1. ކުދިކުދި ކަންތައްތަކުން ފެށުން:

އަސްކަރީ އަޚްލާޤު އާލާކުރުމަށް ކުރެވިދާނެ އެއް ކަމަކީ ކުދިކުދި ކަންކަން ރަނގަޅުކުރަން ފުރަތަމަ ފެށުމެވެ. މިގޮތުން އަމިއްލަ ކަންކަން ތަރުތީބުންކޮށް، އަމިއްލަ ސާފުތާހިރުކަމާއި އުޅޭ މާހައުލުގެ ސާފުތާހިރުކަމާއި ތަރުތީބު ދެމެހެއްޓިދާނެއެވެ.

ނިދާ ހޭލައިގެން އެނދުގެ ތަންމަތި ރީތިކޮށްލުމާއި ހަފުތާގެ ކޮންމެ ހުކުރު ދުވަހަކީ އަތްފައިގެ ނިޔަފަތިތައް ކަނޑާ ދުވަސް ކަމަށް ހެދިދާނެއެވެ. އޮފީސް މޭޒުމަތި ސާފުކޮށް ބޭވުމާއި ގައިން ބާލާ އަންނައުނު ރީތިކޮށް ކޮނޑުގައި އެޅުވިދާނެއެވެ. ހަފުތާގެ ކޮންމެ ވެސް އެއް ދުވަހަކީ ސައިކަލު ފޮހޭ ދުވަހަކަށް ހެދިދާނެއެވެ. މިފަދަ ކުދިކުދި ކަންތައްތައް ތަރުތީބުކުރަން ފެށުމުން މީހާއަށް ބޮޑު ބަދަލެއް އަންނަން ފަށާނެއެވެ. އަދި އެހެން ކަންތައްތައް ތަރުތީބުވާން ފަށާނެއެވެ.

  1. މާފުކޮށް ހަނދާން ނައްތާލުން:

އަސްކަރިއްޔާގައި ކާމިޔާބީއާއި ނާކާމިޔާބީ ތަޖުރިބާކުރަން ޖެހެއެވެ. ހިތްއެދޭ ކަންތައްތަކާއި ހިތް ނޭދޭ ކަންތައްތައް ކުރަން ޖެހޭނެއެވެ. އެކަމަކު އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް ތަޅުދަނޑިއަކަށް ހަދަން ޖެހޭނީ ކުރިއަށް ދިއުމެވެ. ނާކާމިޔާބީއެއް ދިމާވުމުން ކުށްހީއާއި، ރުޅިވެރިކަމާއި، ނުވަތަ މާޔޫސްކަމުގެ ތެރެއަށް ވެއްޓުމަކީ ފަސޭހަކަމެކެވެ. މި ޖަޒުބާތުތަކުގެ ސަބަބުން އަސްކަރީ އަޚްލާޤު ރަނގަޅު ކުރުމަށް އެހީތެރިކަމެއް ނުލިބޭނެއެވެ. އަސްކަރީ އަޚްލާޤުގެ މަތީގައި ހުންނަން ބޭނުންނަމަ ޖެހޭނީ އެހެން މީހުންނަށް މަޢާފުކޮށް ކުރިއަށް ދާށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރުމުގެ ބަދަލުގައި ހެދުނު ގޯސްތައް ތަކުރާރުނުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ.

  1. ވާހަކަ ދެއްކުމުގައި އަދަބުވެރިވުން:

އަސްކަރިއްޔާގެ ޖޫނިއަރ މީހަކު އަބަދުވެސް އޭނާގެ ސީނިއަރ ބޭފުޅަކާ އިސްވެ ވާހަކަ ދައްކަނީނަމަ ވާހަކަ ދައްކަނީ ހުއްދަ ދެއްވީމައެވެ. ސީނިއަރ ބޭފުޅަކު ވެސް ވާހަކަ ދައްކަވަނީ އަދަބު އިޙްތިރާމާ އެކުގައެވެ. އަސްކަރީ އަޚްލާޤު ދަސްކުރުމަށް ހުރިހާ އެންމެންނާ ވާހަކަ ދައްކާ އުޅޭއިރުވެސް ރީތިކޮށް އަދަބުވެރިކަމާއެކު ވާހަކަ ދައްކަން ދަސްކުރަން ޖެހެއެވެ. ވާހަކަ ދެއްކުމުގައި ހަޑިހުތުރު ލަފުޒުތައް ބޭނުންކުރުން ހުއްޓާލުން މުހިންމެވެ.

  1. ގަޑިންގަޑިއަށް ކެއުން:

ބަނޑުހައިވެފައި ހުންނައިރު އެންމެ ރަނގަޅަށް ގާބިލުކަމާއެކު ސިކުނޑި މަސައްކަތެއް ނުކުރާނެއެވެ. އޭގެ ސަބަބުން ކުރަން ހުރި މަސައްކަތްތަކަށް ފޯކަސް ކުރަން އުނދަގޫވާނެއެވެ. ބައެއް މީހުން ރުޅިގަދަވެ ރުންކުރުވެއެވެ. އަސްކަރީ އަޚްލާޤެއް އަށަގެންނެވުމަށް ގަޑިންގަޑިއަށް ކެއުމުގެ އާދަ އަށަގެންނުވި ދާނެއެވެ. އަދި މިގޮތަށް ކާއިރު ދުޅަހެޔޮ ކާނާ ކެއުމަށް ޚާއްޞަ އިސްކަމެއް ދެވިދާނެއެވެ.

  1. ފަށާ ކަންތައްތައް ނިންމާލުން:

މިއީ ކުރިއަށް ގެންދާ މަސައްކަތާ މެދު އެ މީހެއްގެ ސީރިއަސްކަން ހާމަވާނެ ކަމެކެވެ. އެ މީހަކީ ސީރިއަސް މީހެއް ކަމަށް އެ މީހާއަށް ޤަބޫލުކުރެވުނަސް ހަގީގަތުގައި އެ މީހަކީ ކިހާ ސީރިއަސް މީހެއްކަން އެހެން މީހުންނަށް އެނގޭނީ އެ މީހެއްގެ ޢަމަލުތަކުންނެވެ. އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް އަމިއްލަ ނަފްސާއި އެހެން މީހުންނަށް އޮޅުވާނުލާ މީހަކަށް ވާންޖެހެވެ.

  1. އަމާޒަށް މަސައްކަތްކުރުން:

އަސްކަރީ އަޚްލާޤު އަށަގެންނެވުމަށް ކޮންމެ ދުވަހަކުވެސް ވަކި ލަނޑުދަނޑިތަކަކަށް މަސައްކަތްތައް ބަހާލައިގެން މަސައްކަތް ކުރުމުގެ އާދަ އަށަގަންނުވާށެވެ. އެ ދުވަހަކަށް ކަނޑައަޅާ މަސައްކަތުގެ ލަނޑުދަނޑިތައް އެ ދުވަހަކަށް ނިންމާށެވެ. އެއްވެސް ސަބަބަކާހުރެ ލަނޑުދަނޑިއަކަށް ބަދަލެއް ގެންނަން ބޭނުންނަމަ ސަބަބުތައް މުރާޖަޢާކުރާށެވެ.

  1. އިޚްލާޞްތެރިކަން އިސްކުރުން:

އެހެން މީހަކު ބަލަން ހުއްޓަސް އަދި ނެތަސް ކުރާ ކޮންމެ ކަމެއް ވެސް އިޚްލާޞްތެރި ކަމާއެކު ކުރަން ފަށާށެވެ.ދެއްކުންތެރިކަމުން ދުރުވާށެވެ. މީހަކު ބުނެފާނެ އެއްޗަކަށް ނުބަލައި ދީނުގެ ރުކުންތައް ފުރިހަމައަށް އަދާކުރާށެވެ. ލިބޭ ވަގުތު ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *