Support Us

ކޮލަމް ދިވެހި: މީނާ ޔުނިވަރސިޓީއަށް އެޕްލައިކުރީ މުސްކުޅި ޅެމަކުން– ދެންވާނީ ކިހިނެއް؟

ވިއެޓްނާމަށް އުފަން އުރުމުން އެންމެ 18 އަހަރުގެ ދަރިވަރަކު ވަރަށް އާދަޔާ ޚިލާފު ވިސްނުމެއް ބޭނުންކޮށްފިއެވެ. އެ ދަރިވަރުގެ ނަމަކީ ނުގުޔެން ޓުއޮންގް އަންހް (Nguyen Tuong Anh) އެވެ. އޭނާ ބޮޑުވީ އޭނާގެ މަންމަގެ ސަބަބުން ޗައިނާ ބަހުގެ މާޙައުލެއްގެ ތެރޭގައެވެ. އަދި ޕްރައިމަރީ ގްރޭޑް 5 އިން ފެށިގެން އޭނާ ވަނީ ރަސްމީކޮށް އެ ބަސް ކިޔަވަން ފަށާފައެވެ. ގްރޭޑް ނުވައެއް ނިމުނު އަހަރުގެ ހޫނު މޫސުމުގައި އޭނާ ވަނީ އެންމެ މަތީ ފެންވަރު ކަމަށްވާ "HSK 6″ ނިންމައިފައެވެ. އަދި އެންމެ މަތީން މާކުސް ހޯދައިގެން އޭނާ ކިޔެވި ސުކޫލުގެ ޗައިނީޒް ސްޓްރީމަށް ވަދެފައެވެ.

މަދްރަސީ ތަޢުލީމު ނިންމާ ޔުނިވަރސިޓީ ތަޢުލީމަށް އޭނާ ހުށަހެޅީ ޗައިނާގެ މަޝްހޫރު ސިންގް ހުވާ ޔުނިވަރސިޓީއަށެވެ. އެޕްލިކޭޝަންގެ "ޕަރސަނަލް އެސޭ"ގެ ބައި އޭނާ ފުރިހަމަކުރީ ޗައިނާގެ ދުވަސްވީ ކަލާސިކީ ޅެންތަކެއް ބޭނުންކޮށްގެންނެވެ. އެއާއެކު މި ދަރިވަރަށް މިހާރު ވަނީ އެތައް ފުރުޞަތުތަކެއްގެ ދޮރު، ތަންމިނަށް ހުޅުވިފައެވެ.

މި ލިޔުގައި މައިގަނޑު ގޮތެއްގައި ބަލައިލާނީ، މި ދަރިވަރުގެ ޤާބިލުކަމުގެ މައްޗަށެވެ. އަދި މި އީޖާދީ ވިސްނުމުގެ ނަތީޖާ މި އައި ގޮތުގެ މައްޗަށެވެ.

ނުގުޔެން ޓުއޮންގް އަންހް

ނުގުޔެންއަކީ ވިއެޓްނާމުގެ ވެރިރަށް ހެނޯއީއަށް ނިސްބަތްވާ ކުއްޖެކެވެ. ހެނޯއީއަކީ 1000 އަހަރުވީ ސަގާފަތްތަކާއި، ތަރިކައިގެ ބިނާތަކަށް މަޝްހޫރު ރަށެކެވެ. ބަހާއި ތާރީޚާއި އަދަބިއްޔާތަށް އިސްކަންދޭ މި ދަރިވަރު، ތަޢުލީމުގެ އެކި މަރުޙަލާތަކުގައި އައީ އޭނާގެ ތޫނުކަން ދައްކައިދެމުންނެވެ. ވިއެޓްނާމްގެ "ޔުނިވަރސިޓީ އޮފް ލޭންގުއޭޖަސް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒް" ގެ އެސޯސިއޭޓް ޕްރޮފެސަރ، އަދި ޗައިނީޒް އެންޑް ހަން-ނޯމް ސްޓަޑީޒްގެ ކުރީގެ ސީނިއަރ ލެކްޗަރަރ ފަމް ނުގޮކް ހަމް އެ ދަރިވަރާ ބެހޭ ފާހަގަކުރެއްވިއެވެ. އޭނާއަކީ [ނުގްޔެންއަކީ] ލަފުޒުތައް ރަނގަޅަށް އަދާކުރާކުއްޖެކެވެ. އަދަބިއްޔާތަށް އަހުލުވެރިދަރިވަރެކެވެ. ދިރުންހުރި، ފަސޭހަ ގޮތަކަށް ޝުޢޫރުތައް ފާޅުކުރަން އެނގެއެވެ. މީގެ އިތުރުން އޭނާގެ ކިޔެވުމުގެ ޝައުޤުވެރިކަމާއި އަޚުލާޤަށް ވެސް ހިތުގައި ވަނީ ތަޢުރީފެވެ.
"އޭނާއަށް ސިންގްހުއާ ޔުނިވަރސިޓީން ޖާގަ ލިބުމާއި ބެއިޝިޑާ ސްކޮލަރޝިޕް ކާމިޔާބުވުމަކުން އަޅުގަނޑު ޙައިރާނެއް ނުވޭ. މިއީ ވަރުގަދަ ބިންގަލެއްގެ މަތީގައި ސާބިތުކަމާއެކު ކުރިއަށްދިޔަ ދަރިވަރަކަށް ޙައްޤު ނަތީޖާއެއް،" އޭނާ ވިދާޅުވިއެވެ. މި އާދަޔާ ޚިލާފު ދަރިވަރުގެ ޖީ.ޕީ.އޭ (GPA) 9 އަށްވުރެ މަތީގައި އުޅޭއިރު، އައި.އީ.އެލް.ޓީ.އެސް (IELTS) ސްކޯއަކީ 7.5 އެވެ. އަދި އޭނާ ވަނީ ބައިނަލްއަޤްވާމީ "ޗައިނީޒް ބްރިޖް" މުބާރާތުން ދެ ވަނަ، އަދި ވިއެޓްނާމްގެ ގައުމީ ޗައިނީޒް މުބާރާތުން ވެސް ދެ ވަނަ ހޯދާފައެވެ.

ނުގުޔެންގެ ވިސްނުން

ނުގުޔެންގެ އުނގެނުމުގެ ވިސްނުން އޭނާ ވަކި އަސާސެއްގެ މައްޗަށް ބިނާކޮށްފައިވެއެވެ. އެ ގޮތުން އޭނާގެ ފުރަތަމަ އަހަރުގެ ކިޔެވުމުގެ ޕްލޭނަށް ބޭނުންކުރީ ޓޭންގް ދަރިކޮޅުގެ ސިޔާސީ މާހިރެއްކަމަށްވާ ވެއި ޒެންގްގެ "މެމޯރިއަލް އޮފް ޓެން ތޯޓްސް ޓު އެމްޕަރަރ ތައިޒޮންގް" އިން ނަގާފައިވާ ފަލްސަފާއެކެވެ. "ކިއު މޫ ޒީ ޗަންގް ޒެ، ބީ ގޫ ޤީ ގެން ބެން" (އުހަށް ދެމިލައިފައިވާ، ދެމެހެއްޓެނިވި ގަހެއް ހެއްދުމަށްޓަކައި، އެންމެ ފުރަތަމަ އެއީ މޫހުރި ވަރުގަދަ ގަހަކަށް ހަދަންޖެހޭ) މިއެވެ. މި ފަލްސަފާގެ ދަށުން ޔުގުނެން ތަރިކަތަކަށް ޚާއްޞަ އިސްކަމެއް ދިނެމެވެ. ބަހަސް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ތާރީޚަށް ޚާއްޞަ ލޯތްބެއް ކުރިއެވެ. އިހުގެ ޙަޟާރަތްތަކާއި އިހުކާބަފައިންގެ ޤުރުބާނީތައް މި ޒަމާނުގެ ގޮންޖެހުންތަކާ އަޅައިބަލައި އެ ކަންކަމަށް ވިސްނަން ޚާއްޞަ ފަރުވާތެރިކަމެއް ބެހެއްޓިއެވެ.
ނުގުޔެންގެ ވާހަކަތަކާއި އޭނާ އަމަލުކޮށްފައިވާ ގޮތަށް ބަލާއިލާއިރު، ކޮންމެ ފިޔަވަޅެއްގައި ވެސް އޭނާގެ ފުންކަން ދޭހަވެއެވެ. ވަރަށް ތިލަ، ލަފުޒީ މާނައިގެ ފެންވަރުގައި ކަންކަން ދޭހަނުކޮށް އެ ކަމެއްގެ މަޤުޞަދާއި މުރާދަށް ވިސްނައިފައިވާކަން ފާހަގަކުރެވެއެވެ. އޭގެ މާނައަކީ ޔުނިވަރސިޓީ ދަރިވަރަކަށް އޭނާގެ މަދްރަސީ ތަޢުލީމުގެ ނިޒާމުން އޭނާ ފައްކާކުރެވިފައިވުމެވެ.

އިންތިހާނުގައި އަމަލުކުރި ކިހިނެއް؟

ޔުނިވަރސިޓީ ކޯހަށް އެދި ހުށަހަޅާ އެޕްލިކޭޝަންގެ ޕާސަނަލް އެސޭގެ ދިގުމިން އޮންނާން ޖެހެނީ 1،000 ލަފުޒަށްވުރެ މަދުންނެވެ. އެހެންކަމުން މަދު ޖާގައެއްގެ ތެރެއަށް ގިނަ މައުލޫމާތުތަކެއް ހިމެނުމުގެ ގޮތުން، ޓުއޮންގް އަންހް އޭނާގެ އެސޭ ބިނާކުރީ ކްލެސިކަލް ޅެންތަކުގެ ބައިތުތަކުގެ މައްޗަށެވެ.

ޗައިނީޒް ލޭންގުއޭޖް ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ މަންމައަށް ޚާއްޞަކޮށް، ދޫ ފޫގެ "ސްޕްރިންގް ނައިޓް ރީޖޮއިސިންގް އިން ރެއިން" އިން "ރަން ވޫ ސީ ވޫ ސެންގް" (އެއްވެސް އަޑެއްބަޑެއް ނެތި، މަޑުމައިތިރިކަމާއެކު ހުރިހާ އެއްޗަކަށް ދިރުން ދެމުން) މިއީ އޭނާ ޚިޔާރުކުރި އެއް ބައިތެވެ. މިއިން ރަމްޒުކޮށްދިނީ އަހަރުތަކެއްގެ ތެރޭގައި އެ ބަހަށް އޭނާގެ ހިތް ލެނބި، ކިޔަވައިދިނުމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެދުނީ ސިއްރިޔާތުގައި، ވަރަށް އަމާންކަމާއެކު ކަމެވެ.

މީގެ އިތުރުން އާންމުކޮށް ބޭނުންކުރާ ލިޔެކިޔުންތަކުގެ ފޯމެޓް ދޫކޮށްލުމަށްފަހު، އޭނާ ވަނީ ކުލަތަކާއި ޔުނިވަރސިޓީގެ އަމިއްލަ ނިޝާންތައް ހިމަނައިގެން، ޚާއްޞަ ޑިޒައިނަކަށް އެސޭ ތައްޔާރުކޮށްފައެވެ. "އަޅުގަނޑު ވިސްނީ، ޅެންތައް ބޭނުންކުރުމުން އަޅުގަނޑުގެ އެޕްލިކޭޝަން އެހެން އެޕްލިކޭޝަންތަކާ ތަފާތުވެ، ފާހަގަކޮށްލެވޭނެ ކަމަށް،" އޭނާ ބުންޏެވެ.

ޗައިނާގެ މިންގަނޑަށް އައި ބަދަލު

ޗައިނާގެ ދައުލަތް ބިނާކުރަމުން ދަނީ ޗައިނާގެ މިނިވަންކަމަށް ޓަކައެވެ. ޗައިނާގެ ދެމި އޮތުމަށް ޓަކައެވެ. އެ ފަދަ ކޮންމެ ބަޔަކު ވެސް އެންމެ އިސްކަންދެނީ އެބައެއްގެ އަމިއްލަވަންތަކަމަށެވެ. އެ ގޮތުން ޗައިނާގެ ޔުނިވަރސިޓީތަކުން މިހާރު ބައިނަލްއަޤްވާމީ އަންޑަރގްރެޖުއޭޓް ދަރިވަރުން ނަގަނީ "ޗައިނާ ސްކޮލަސްޓިކް ކޮމްޕިޓެންސީ އެސެސްމަންޓް" މެދުވެރިކޮށެވެ. މިއީ 2025 ގެ ފަހުކޮޅު ޗައިނާއިން ތަޢާރަފުކޮށް، އެ އަހަރުގެ ޑިސެމްބަރު މަހު ފުރަތަމަ ފަހަރަށް ބޭއްވި ފެންވަރު ވަޒަންކުރާ އިމްތިޙާނެކެވެ.

މި އަހަރުން ފެށިގެން ސަރުކާރުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކަށް މިއީ މަޖުބޫރު އިމްތިޙާނެކެވެ. އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުން، އެކުދިން ކިޔަވަން ޚިޔާރުކުރާ ދާއިރާއާ ގުޅޭ ދެ މާއްދާއަކުން އިމްތިޙާނު ހަދަންޖެހެއެވެ. ޓުއޮންގް އަންހް ވަނީ މަޖުބޫރު މެތުސް (ހިސާބު) ޕޭޕަރުން 100 އިން 85 މާކްސް، އަދި ޗައިނީޒް މާއްދާއިން 98.75 މާކްސް ހޯދާފައެވެ.

ސިންގްހުއާ ޔުނިވަރސިޓީގެ އިންޓަވިއުގައި އޭނާއަށް ހުށަހެޅީ ޙާލަތްތަކާ ގުޅޭ ސުވާލުތަކާއި، އޭނާ ކިޔަވާ ދާއިރާއިން ބޭރުގެ ކަންކަމާމެދު ޚިޔާލު ހޯދުމުގެ ސުވާލުތަކެވެ. "އަޅުގަނޑަށް ވިސްނުނު ކަމަކީ ހަމަޖެހިލައިގެން ހުރުން. ސަބަބަކީ މި ސުވާލުތަކަކީ ރަނގަޅު ނުވަތަ ނުބައި ޖަވާބެއް ހޯދަން ކުރާ ސުވާލުތަކެއް ނޫން. މިއިން ބަލަނީ ބަހުން ވާހަކަދައްކަން އެނގޭ މިންވަރާއި، އެޕްލިކޭޝަން ހުށަހެޅުމުގައި ތެދުވެރިވި މިންވަރު،" އޭނާ ބުންޏެވެ.

މަރުޙަބާ ކީ ފުރުޞަތުތައް

ނުގުޔެންއަށް މިހާރު ވަނީ މިހާރު ވަނީ ތިން ޔުނިވަރސިޓީއަކުން ޖާގަ ކަށަވަރުވެފައެވެ. އޭގެ ތެރޭގައި ހިމެނޭ ޗައިނާގެ ސިންހުއާ ޔުނިވަރސިޓީއަކީ މުޅި ދުނިޔޭގައިވެސް، އަދި އެޝިއާގައި ވެސް އެންމެ އެންމެ މަތީ ރޭންކިންގްތަކުގައި ގުނާލެވޭ އެއް ޔުނިވަރސިޓީއެވެ. އެ ޔުނިވަރސިޓީގެ ޗައިނީޒް-ލޭންގުއޭޖް ޕްރޮގްރާމަށް ޔުގުޔެން ހޮވިފައިވަނީ ޓިއުޝަން ފީގެ 50 އިންސައްތަ ކަވަރުކޮށްދޭ ސްކޮލަރޝިޕަކާއެކުގައެވެ.

ހަމަ އެހެންމެ ބީޖިންގް ނޯމަލް ޔުނިވަރސިޓީން އޭނާއަށް ލިބިފައިވާ ވަކި އެވޯޑުގެ ދަށުން، ޓިއުޝަން ފީއާއި، ހުރުމުގެ ޚަރަދާއި، އުޅުމުގެ ހަރަދުތައް ވެސް ފުރިހަމައަށް ކަވަރުކޮށްދެއެވެ.

ދަރިވަރު ކުރިޔަށް ދާން ނިންމާފައިވަނީ، ސަޑިފަންޑިތަވެރީންގެ ބަނދިހެދުމުގެ ކޯހަކުންނޫނެވެ. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންޖިނިއަރިންގ (Information and Communication Engineering) ނުވަތަ ކޮމްޕިއުޓަރ ސައިންސް / އިންޖިނިއަރިންގ ދާއިރާއިންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ދަރިވަރު އެޕްލިކޭޝަން އެސޭ ކަލާސީކީ ޗައިނީޒް ޅެމުން ލިޔެފައިވީ ނަމަވެސް، އޭނާގެ އަސްލު ޝައުޤުވެރިކަން ހުރީ ޓެކްނޮލޮޖީއާއި އިންޖިނިއަރިންގ ދާއިރާއަށެވެ. އޭނާ ވަނީ ޗައިނާގެ އަދަބިއްޔާތާއި ބަހަށް ހުރި ލޯތްބާއި ޤާބިލުކަން އެ އެސޭ މެދުވެރިކޮށް ސާބިތުކޮށްދީފައެވެ.

ދެން ވާނީ ކިހިނެއް؟

މިހިސާބުން ސުވާލެއް ކޮށްލުން ކިހިނެއް ވާނެތޯއެވެ؟ ޅެމަކުން ވިޔަސް، އެމަކުން ވިޔަސް، މި ތާނގައި މި ބެލީ މައިގަނޑު ދެ ކަމެކެވެ. ދަރިވަރުގެ ވިސްނުމުގެ ފުދުންތެރިކަމެވެ. ދެން ތެދުވެރިކަމެވެ. ކުރުކޮށް ދަންނަވާ ނަމަ ފުރިހަމަ އިންސާނެއްކަމެވެ.

މިއީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އެއް ޤައުމުގައި ހިނގިކަމެކެވެ. އެންމެ މަތީފެންވަރުގެ ޔުނިވަރސިޓީއެއްގައި ހިނގިކަމެކެވެ. އެ ތަންތަނުން އުފެއްދި ދަރިވަރުން މިހާރު އެ ވަނީ ހަވާގައި ގަނޑުވަރުތައް ބިނާކޮށްފައެވެ. ޒަމާނީ ތަރައްޤީގެ މަރުކަޒުތައް އާރާސްތުކޮށްފައެވެ. މިއީ ތިބާގެ އަމިއްލަ ޤައުމުގައި މި ފެންވަރުގެ އިމްތިހާނެއްގައި ތިބާ ކުރި ކަމެއް ނަމަ، "ޖަނާޒާ" އޮތީހީ ކޮން ސަހަރާއެއްގައި ބާވައެވެ؟

އަޅުގަނޑުމެން ދިވެހީން ވެސް އުނގެނުމާއި، ދިރިއުޅުމާއި، ޤައުމުގެ ކަންކަމުގައި، ފުންކަމަށް ލޯބިކުރާން ފަށައިފި ނަމަ، އަޅުގަނޑުމެންގެ މުސްތަޤުބަލަށް ދެންވާނީ ކިހިނެއް ބާވައެވެ؟

މައްޗަށް ބާރަށް އުދުހިދާ ދޫނި، އިށީންދެ އިންތަނުން އުދުއްސައިގަތުމަށް ޓަކައި، ތިރިވެލައެވެ. ތިބާއަށް ހަމަޔަށް ނޭވާލެވޭތޯ ބަލާން ޑަކްޓަރުން ތިބާ ގާތު ވިދާޅުވަނީ ފުންކޮށް ނޭވާލާށެވެ!!