Support Us

ކޮލަމް ދިވެހި: ރެޖިސްޓަރއާއި ސްޓައިލްގެ ވަޒީފާ ދަމަހައްޓަނީ ކީއްވެ؟

ހޫނު ދުވަހެކެވެ. މީހަކު ކަރުހިއްކަވައިގަނެގެން އާދައިގެ ކަންމަތީ ހޮޓަލަކަށް ވަނެވެ. އޭނާ އެންމެ ފުރަތަމަ ބޭނުންވީ، ފިނިކުރި އަނބުފަނިތަށްޓެއް ބޯލާށެވެ. މޭޒުތަކުގެ ދެމެދަށް އެ ގޮތް މި ގޮތަށް ދޫކޮށްލެވިފައިވާ، ގޮނޑިތަކުގެ ތެރޭން ގޮނޑިއެއް ދަމައިގެންފައި އޭނާ އިށީނެވެ. އޯޑަރުދިނެވެ. ގަދައަޑުން ދެތިން ފަހަރަކު ގޮވައިގެންހައި އިރުން، ސައިބަހައްޓާ މީހަކު، އައިސްއަލަމާރި ހުޅުވާލައި، އޭގައި ހުރި އަނބުފަނި ހަމަކުން، ފަނިތަށްޓެއް ގެނެސް ބެހެއްޓިއެވެ. އޭނާ އެ ފަނިތަށި އުފުލީ އޭގެ ތުންމަތީ ބަންޑުން އަތްތިލަ ބާއްވައި، މުށްކަވައި އެ ތަށީގައި ހިފައިގެންނެވެ. ބޮވައިގެންފައި އިން މީހާ ކޯވަރެއް ދަމައިލިއެވެ. އޭގައި އަނބު ރަހަލައޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. 

އެރޭ އޭނާ ރަޙްމަތްތެރިޔަކާއެކު ދިޔައީ ކުޑަކުޑަ ކެފޭއަކަށެވެ. އޯޑަރުދިނީ ހަމަ އަނބުފަނިތަށްޓަކަށެވެ. ދެ މީހުން ބަލަން ތިއްބައި އަނބެއް ނަގައި މަށައިލައިފައި، މެޝިން ބޭނުންކޮށްގެން ދެ މީހުންނަށް ދެ ތަށިފަނި ގިރާލިއެވެ. ތަށިގެނެސްދިނީ، ދެ އަތްތިލައިން، ދެ ތަށީގެ މެދެއްހައިހިސާބުގައި ހިފަހައްޓައިލައިގެންނެވެ.

އަނެއް ދުވަހުގެ މެންދުރު އާއިލާއާއެކު ދިޔައީ ރެސްޓޯރަންޓަކަށެވެ. އަނބުފަންޏަކަށް އޯޑަރު ދިނެވެ. އިސާހިތަކު މޭޒުމަތީ ދިމާ ކުރިމަތީގައި ކުޑަކުނާކޮޅެއް ފަދަ އެއްޗެއް ފަތުރާލިއެވެ. ފަނިބޯ ހޮޅި އޭގެ ކައިރީ ބާއްވާލިއެވެ. ޓިޝޫ ފޮށި ރީތިކޮށްލިއެވެ. ދެން ތަބަކެއްގައި ބަހައްޓާލައިގެން ވަރަށް ރީތި ބައްޓަމަކަށް ހުރި ތަށްޓެއްގައި އަނބުފަނި ގެނެސްފިއެވެ. އަނބުރަހަ ވެސް ގަދަޔަށްހުއްޓެވެ. މީރެވެ.

އެރޭ ދިޔައީ އޮފީހުގެ ވެރިޔާއަރިހުގައި ފަސްތަރީގެ ހޮޓަލަކަށެވެ. އަނބުފަންޏަކަށް އޯޑަރުދީފިއެވެ. އެ ދިޔަ އިރު ވެސް، ޚިދުމަތްދޭ މީހުން ވަނީ، މޭޒުމަތި ތަރުތީބުކޮށް، ނިކަން ޝާހީސިފަޔަކުން ސިފަގެނެސް ޒީނަތްތެރިކޮށްފައެވެ. ވަރަށް ފަންނުވެރި ގޮތަކަށް ބަހައްޓައިދީފައިވާ ޓީޝޫހުއްޓެވެ. ކާއެއްޗަކުން ބޯ އެއްޗަކުން ކުޑަ ތިއްކަރެއްވެސް ފޭރާމަށް ބުރައިފާނެތީ، މޭމައްޗާއި އުނގުގައި ފަތުރާލާން ރީތި ހުދު ފޮތިގަނޑެއް، ފަންނީ ގޮތަކަށް ފަށްޖަހާލައިފައި ބާއްވާފައިވެއެވެ. އެއާއެކު މޭޒުމަތީ "ކުޑަކުނާ" ފަތުރާލައިފައި އޮތެވެ. ހޮޅިއާއި އެ ނޫން ވެސް އެފަދަ ސާމާނު ވަރަށް ނަލަ ޝާހީ ބަންދުކޮށްލުމެއްގައި ވެއެވެ. އިސާހިތަކު އެ ސައިބަހައްޓާ މީހާގެ ތަތްތިލަމަތީގައި، ވިދަވިދާހުރި ތަބައްކޮޅެއްގައި އަނބުފަނިތަށި، އެބަ ހަރަ "ވަޑައިގަންނަވައި"އެވެ. ސާފު ބެބުޅުމެއްގައިވާ، ކިއްސަރު ނަލަ ތަށްޓެކެވެ. ތަށީ ތުނބުގެ އެއްދާރަމަތީގައި، ތޮށްޓާއެކު ކަފައިލައިފައިވާ ތުނި ދޮންއަނބު ފޮއްޗަކުން ޖަހާލައިފައިވާ ރީތި މަލެއް ވެސް އިނެވެ. ކުރުކޮށް ބުނާ ނަމަ އެ އަނބުފަނި ތަށި ހީވަނީ އާ ކާވަންޏަށް ތައްޔާރުކުރުވައިފައި އިން ޢަރޫސާއެއް ހެނެވެ. ތަށި ގެނެސް ބެހެއްޓުމާއެކު، ރަހަބަލައިލާން ހޮޅި އެ ތަށީތެރެއަށް ޖަހާލިއެވެ. ހީވީ ނާލުބައްތެއްޔަކަށް ޖަހައިލެވުނު ކުނބެއްހެންނެވެ. އަތަކަށް ގުޑާވެސް ނުލިއެވެ. ތިމަންނަ އެކަނިމާއެކަނި ހުރެދާނަމޭ ކުޑަވެސް އަރިއަޅައިލުމެއް ނާންނާނެޔޭ އެ ހޮޅި ގޮވާލި ކަހަލައެވެ. ރަހައިގެ މީރުކަން އަޖާބެއް ފަދައެވެ.

ކޮންމެޔަކަސް އަނެއް ދުވަހު މެންދުރުވީ އިރު، އޭނާ ހޮސްޕިޓަލުގައި ބާއްވައިފިއެވެ. ހެނދުނު ސައި ބޯން ގޮސް ކެވުނު އެއްޗެއްގެ ސަބަބުންނެވެ. ބަނޑުހައިވެގެން އަނބުފަންޏަކަށް އޯޑަރުދެވުނެވެ. ގެނައީ ޖޫސްޕެޓީ ކޮތަޅެއްގައެވެ.

ވިސްނައިލައްވާށެވެ! މި ތަމްސީލުވީ މުޖުތަމަޢުގެ ތަފާތު ގިންތިތަކެއް އެކަންޏެއް ނޫނެވެ. މިއީ އިޖުތިމާޢީ ތަފާތު އެތައް ޙާލަތްތަކެއް ވެސް މެއެވެ. މުޖުތަމަޢެއްގައި މި ގޮތުން ސިފަކުރެވޭ ތަފާތު "ދާއިރާ" ތަކާއެކު، އެ ދާއިރާގެ ބަސްމަގު ވެސް ތަފާތުވެދެއެވެ. ބަހަވީ ޢިލްމުގައި އެ ތަފާތަށް "ރަޖިސްޓަރ"އޭ ކިޔައެވެ. މިސާލަކަށް ދީނީ ދާއިރާ އެއީ ވަކި ރަޖިސްޓަރއެކެވެ. ޤާނޫނީ ދާއިރާއަކީ ވަކި ރަޖިސްޓަރ އެކެވެ. ބޭސްވެރިކަމުގެ ދާއިރާއަކީ ވަކި ރަޖިސްޓަރއެކެވެ. އާންމު އޮފީސް މާހައުލުގެ އިތުރަށް، ދޭދޭ ދައުލަތްތައް ތަމްސީލުކުރާ ހާލަތްތަކުގައި އެއީ ވެސް ވަކި ރަޖިސްޓަރއެކެވެ. މި ރެޖިސްޓަރތަކަށް ޚާއްޞަކޮށްގެން ލިޔެ، ވާހަކަދައްކާ ގޮތަށް ކިޔަނީ އުސްލޫބެވެ. އެހެންކަމުން ދުނިޔޭގެ ކުރިއަރާފައިވާ ދައުލަތްތަކުގައި ބަސް ކިޔަވައިދެނީ މި ރެޖިސްޓަރތަކަށް ދަރިވަރުން އަހުލުވެރިކުރުވަމުންނެވެ. ސަބަބަކީ އެ ދަރިވަރުންނަކީ މާދަމާ ޤައުމު ބިނާކުރާން، މީޑިޔާ ހިންގާން، އާއިލާ ދަމަހައްޓާން އުފައްދާ މަސްއޫލުވެރީންކަމުގައި ވާތީއެވެ.

މި ލިޔުމުގައި ބަލައިލާނީ ބަހަވީ ގޮތުން ރެޖިސްޓަރއާއި ސްޓައިލް ދަމަހައްޓާން އެކި ބަސްބަހުގެ އަހުލުވެރީން، އިސްކަން ދޭ ބައެއް ސަބަބުގެ މައްޗަށެވެ.

ލަފުޒެއްގެ ވެށްޓާއި ފުންތިލަމިން

މި މައުޟޫޢު ދެނެގަތުމަށް ޓަކައި އެންމެ ފުރަތަމަ ލަފުޒާ މެދު ވިސްލައިލަމާތޯއެވެ؟ ލަފުޒެއްގައި ހިމެނޭ ބަހަވީ ޢުންސުރުތަކުގެ މައްޗަށް ބަލައިލަމާތޯއެވެ. ސަބަބަކީ ލަފުޒަކީ ހަމައެކަނި އަކުރުތަކެއް ނޫނެވެ. އެއީ އޭގައި ޢިލްމީ އެތައް ޙަޤީޤަތްތަކެއް އެކުލެވިގެންވާ، އެތައް ބައިތަކެއް ހިމެނިގެންވާ ބަހަވީ އިމާރާތެކެވެ. ތަފުޞީލަށް ޓަކައި، އަޅުގަނޑު މި ހުށަހަޅައިލަނީ ހަމައެކަނި "ޤުރްއާން" މި ލަފުޒެވެ. އެ ލަފުޒާ ގުޅިފައިވާ ބައެއް ސިފަތަކެވެ.

ލަފުޒެއް އެކުލެވިގެންވަނީ ވަކިވަކި ތަފާތު އަޑުތަކަކުންނެވެ.

ލަފުޒުތަކުގެ އަޑުގެ ނިޒާމް (ފޮނޮލޮޖީ) އިން ބަލާއިރު، މި ލަފުޒު އެކުލެވިގެން ވަނީ މައިގަނޑު ދެ ސިލަބްލްއެއްގެ މައްޗަށެވެ. ފުރަތަމަ ސިލަބްލްއަކީ "ޤުރް"އެވެ. ދެވަނަ ސިލަބްލްއަކީ "އާން"އެވެ. މި ދެ ސިލަބްލްގެ އަޑުން މި ލަފުޒު ބިނާވެގެންވެއެވެ.

ދިވެހިބަހުގެ މުސްކުޅި އިމު ގޮތަކީ "ޤ" އަކުރު "ކ"އަށް ބަދަލުވުމެވެ. މިސާލަކަށް "ޤާސިމް" ކާސިމަށްވެފައިވެއެވެ. ނަމަވެސް، "ޤުރްއާން" މި ލަފުޒު އެ ގޮތަށް (ކުރުއާން / ކުރުވާން) މި ފަދަ ގޮތަކަށް ބަދަލުވެފައެއްނުވެއެވެ. ކީއްވެގެންތޯއެވެ؟ ފަހުން މި ސުވާލުގެ ޖަވާބު އަރުވާނަމެވެ.

ލަފުޒެއް ވަކި ލަފުޒެއްގެ ގޮތުގައި އުފެދެނީ، އަޑުތައް ތަރުތީބުވާ (ތަރުކީބުވާ) ގޮތަކުންނެވެ.

ލަފުޒެއްގެ އަޑުތަކުގެ ތަރުކީބީ އެކުލެވުން (މޯފޮލޮޖީ) ތަހުލީލުކޮށްގެން ބަލަނީ އެ ލަފުޒެއްގެ މޯފޮލޮޖިކަލް އަސްލެވެ.

ޤުރްއާން މި ލަފުޒުގެ މޯފޮލޮޖިކަލް އަސްލަކީ ق.ر.ء.ن އެވެ. މާނައަކީ "ކިޔެވުން"އެވެ. ލަފުޒުގެ ސޫރަޔަށް ބަލާއިރު، މިއީ މަޞްދަރެކެވެ. އޮތީ "ފުޢުލާން"ގެ ވަޒަނަށެވެ.

ލަފުޒެއްގައި ތިލަމާނައެއް، ބަސްފޮތު މާނައެއް އޮވެއެވެ.

ބަސްފޮތު މާނަ (ސެމެންޓިކްސް) އަކީ ލަފުޒެއްގެ މާހައުލަށް ބެލުމެއް ނެތި، ހަމައެކަނި އޭގެ ބޭރުފުށުގެ މާނަ ނެރުމެވެ. އެ ދަރަޖައިން ވިސްނައިފިއްޔާ ޤުރުއާނުގެ މާނައަކީ، "ކިޔެވޭކިޔެވުން" ނުވަތަ "ގިނައިން ކިޔެވޭ އެއްޗެއް" މި އެވެ.

ބަސްފޮތުން ލިބޭ އަނެއް މާނައަކީ އިސްޠިލާޙީ މާނައެވެ. ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ބާވައިލެއްވި، މުޢުޖިޒާތެއްގެ ގޮތުގައިވާ، އަދި އެ ކިޔެވުމަކީ އަޅުކަމެއް ކަމުގައިވާ، ﷲ ތަޢާލާގެ ކަލާމްފުޅެވެ. ނުވަތަ މުޞްޙަފެވެ. ޤުރްއާނުގެ ޢިލްމު (ޢުލޫމުލްޤުރްއާނު)ގައި ޤުރްއާނުގެ މާނަ ނުވަތަ ތަޢުރީފު ދޭ އިރު، މިއަށްވުރެ މި މާނަ ތަނަވަސްވެފައި، ހިމުންވާނެއެވެ.

ލަފުޒެއްގެ މާނަކަނޑައެޅުމުގައި ވެށްޓާއި މާހައުލުގެ މާނައާއި، އެ ލަފުޒެއްގެ އިޖުތިމާޢީ ދައުރަށް ބެލުން އޮވެއެވެ.

މިއީ ސިޔާޤު (ކޮންޓެކްސްޓް)އަށް ރިޢާޔަތްކުރާ މާނައެވެ. މި ދަރަޖައިގައި ލަފުޒެއްގެ މާނައަށް ވިސްނާއިރު، މުޢާމަލާތްކުރާ މާޙައުލަށް ވިސްނައެވެ. ބޭނުންކުރާ އުސްލޫބަށް ބަލައެވެ. އެ މުޖުތަމަޢެއްގައި އެ ލަފުޒެއްގެ އިޖުތިމާއީ، ރޫޙާނީ މަޤާމަށް ބަލައި ދޭހަވާ ފުން މާނަ އިޙްސާސްކުރެއެވެ.

މިސާލަކަށް ހާލަތަށް ރިޢާޔަތަށްކުރާ އިރު، ނުވަތަ މާހައުލަށް ވިސްނާ އިރު، މާނައަށް އަންނަ ފުރޮޅުންތައް ބައްލަވާށެވެ. ކޯޓެއްގައި ނަމަ، "ޤުރްއާން"އޭ ބުނުމުން "ހުވާ"ގެ ޙާލަތާއި މާނަ ހިތްތަކަށް ވަދެއެވެ. މައްޔިތެއް ގާތުގައި ތިބެފައި "ޤުރްއާން"އޭ ބުނުމުން ފާފަފުއްސެވުމާއި އޭނާއަށް ކަށްވަޅު އަމާންވުމުގެ މާނަ ހިތަށް ވަދެއެވެ. ދެ ނަމާދު ދޭތެރޭ ގޭގައި ކުޑަކުއްޖަކާ ދިމާއަށް ގޮވާލައިފައި "ދަރިފުޅާ!… ޤުރްއާން!!" މިހެން ބުނުމުން ފިލާވަޅު ދަސްކުރާން އިށީންނާށޭ ޔާސީން ކިޔަވާށޭ ބުނުމުގެ މާނަ އުފައްދައެވެ. އެހެންވީމާ ލަފުޒުގެ މާނައަކީ ބަސްފޮތުގެ ދަރަޖައަށް ވުރެ ފުޅައުވަމުންދާ އެއްޗެކެވެ. ޙާލަތަށް ރިޢާޔަތްކުރީމާ އެއް ލަފުޒަކުން އެކި ހާލަތުގައި އެކި މާނަ އުފެދެއެވެ.

އެހެން އެކަން އޮތުމާއެކު ދެން ފާހަގަކޮށްލަން ބޭނުންވާ އަނެއް މާނައަކީ "ޖައުހަރީ މާނަ"އެވެ. ލަފުޒެއްގެ ވަށައިގެންވާ މާޙައުލާ ގުޅުނީމާ އޭގެ ދޭހައިން ފުރާނައިލެވޭ ޢަރަޤެވެ. އެސެންސެވެ. އެވެށިން އުފެއްދި މާނައިގެ މުތެވެ. އޭގެ އަގެވެ. މިސާލަކަށް "ޤުރްއާނަކީ ﷲގެ ކަލާމްފުޅުކަމާއި، އެ ފޮތަކީ އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމާއި، އެއީ ދުނިޔެއާއި އާޚިރަތުގެ އާރުކާޓީކަމާއި، އެ ފޮތް ކިޔެވުން އަޅުކަމަކަށް ވާ ކަމާއި، އެ ފޮތުގައިވާ އިލާހީ ވަޙީގެ ބަސްފުޅުތަކާ ވާދަކުރެވޭނެ، އެންމެ އާޔަތެއްހައި މިންވަރު ވެސް، އެއްވެސް އާދަމުގެ ދަރިޔަކަށް އުފައްދައިނުގަނެވޭނެކަމާއި، އެ ފޮތުގެ ފަހަތުން ވިޔަސް، ކުރިމަތިން ވިޔަސް، ޤިޔާމަތާ ހަމައަށް އެއްވެސް ބާޠިލުކަމެއް އައުމެއް ނެތި، ދެމިއޮންނާނެކަމާއި، އެ ފޮތް ބާވާލެއްވީ ޙައްޤާއި ބާޠިލުވަކިކޮށްދެނިވި ނޫރެއްގެ ގޮތުގައިކަމާއި، ދުނިޔޭގައި އެ ފޮތުގެ ތަޢުލީމަށް ޢަމަލުކުރި މީހުންނަށް، ޤިޔާމަތް މަޙްޝަރުގެ މައިދާނުގައި އެ ފޮތް ޝަފާޢަތްތެރިވާނެކަމާއި، މި ބިޔަ ތަނަވަސް ތަފާތު ސިޔާޤު "ޤުރްއާން" މި ލަފުގެ ހަފަރާތުން އަތުރައިލުމުން، ބަހަވީ ގޮތުން އެ ލަފުޒު އުފުލިގެން އެ ދަނީ މުޅިން އެހެން ދަރަޖައަކަށެވެ. އިންސާނާގެ ހިތުގެ އެންމެ ފުނަށް އެ ލަފުޒު ވަދެގެން އެދަނީ އެތައް ހާސް މަޢުލޫމާތަކާއި އަސަރެއް ޖަމާކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ލަފުޒުގެ މާނަ ވަރަށް ފުޅާވެ ފުންވެ މާތްވެ ރޫޙާނީވެއްޖެއެވެ. އެއާއެކު، ބަހަވީ ޢިލްމުގައި އެ ލަފުޒު ބަދަލުވެގެންދަނީ، ހައިރެޖިސްޓަރ އަދި، ސެންޓިޓީގެ އުސް މަޤާމަށެވެ. އެންމެ މަތިވެރި މުޤައްދަސް ނޫރުގެ ގޮތުގައެވެ. އެހެނީ އެއީ އިސްވެ ދެންނެވުނު ފުން، ބިޔަ ތަނަވަސް މާނަތަކުން ލަފުޒުގައި އުފެއްދި މާނަވީ ބުރަދަނާއި، ޤަދަރާއި ރޫޙާނީ ޙުރުމަތެވެ. އެ ހިސާބުން ދިވެހީން އެ ލަފުޒު ކިޔަނީ ވެސް "ޤުރްއާން" މި ގޮތަކަށް ވެސް ނޫނެވެ. ކިޔަނީ "ކީރިތި ޤުރްއާން" އެވެ. ނަން އިތުރެއް އިތުރުކޮށްފައެވެ.

މި ގޮތުން ލަފުޒެއްގެ އިޖުތިމާޢީ ވެށި އެކުލެވިގެންވާ ގޮތެއްގެ މައްޗަށް، އެ ލަފުޒެއްގެ މާނަ ފުންވެ ފުޅާވެ އޭގެ ހައިބަތާއި، ހައިސިއްޔަތު އުފުލިގެންދެއެވެ. އަނބު ޖޫސްތަށީގެ ވަށައިގެންވާ މާހައުލަށް، ވީ.ވީ.އައި.ޕީ އިތުރުވީމާ، އެ ޖޫސް ތަށްޓަށާއި، އެ ޖޫސްތަށި އުފުލުމާއި، އެ ޖޫސްތަށި ރައްދުކުރުމުގެ ހުރިހައި ކަމަކަށް، އިންސާނާ ގެނައި ބަދަލު އަޅުގަނޑުމެން ދެކެފީމު ނޫންތޯއެވެ!! އެއީ ކާބޯތަކެތީގެ ދާއިރާއެވެ. ބަހަވީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އިންސާނާގެ ސިކުނޑި އޭނާ ލައްވައި، ލަފުޒުތަކަށް ވެސް އެ ބަދަލު ގެނުވައެވެ.

ވީމާ، މިހާރު އިތުރަށް ކަށަވަރުކޮށްލަންވި ކަމަކީ، ލިޔުމުގައި އޮންނާންވީ ކީރިތި ޤުރްއާން ހެއްޔެވެ؟ ކީރިތި "ގުރުއާން" ހެއްޔެވެ؟

ނުވަތަ ދެން ކޮން ގޮތެއް ހެއްޔެވެ؟

ރެޖިސްޓަރާއި އުސްލޫބުގެ ބަހުސު

ބަހަވީން ފާހަގަކުރައްވާ ގޮތުގައި، ރަޖިސްޓަރއަކީ ފަންނުތަކާއި، މަސައްކަތްތަކާއި އިޖުތިމާޢީ އެކި ހަރުފަތްތަކެވެ. ވަކި އިޖުތިމާޢީ ގުރޫޕަކަށް ނުވަތަ ސަރަހައްދަކަށް ނިސްބަތްވާ ބަސްމަގަށް ކިޔަނީ ބަހުރުވައެވެ. ޑައިލެކްޓެވެ. ނަމަވެސް، ވަކި ބޭނުމަކަށް ނުވަތަ ވަކި މާޙައުލަކަށް ނިސްބަތްވާ ބަސްމަގަށް ކިޔަނީ ރަޖިސްޓަރއެވެ. އާދެ! ގިންތި ނުވަތަ ފަންތިއެވެ. އެ ގިންތިއެއްގެ ބަޔަކާ ވާހަކަ ދައްކާ މީހާ، އެ ހާލަތަކާ ގުޅުވާ ގުޅުވުމަކީ އުސްލޫބެވެ. ސްޓައިލެވެ. އޭގައި އޮންނަނީ ރީތިކުރުމެވެ. ހާލަތާ ގުޅުވުމެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ބަހަވީ ޢިލްމުގެ ދުނިޔެއަށް "ރެޖިސްޓަރ" މިއިޞްޠިލާޙު އެންމެ ފުރަތަމަ ތަޢާރަފުކުރެއްވީ 1956 ވަނަ އަހަރު ތޯމަސް ބްރޫކް ރީޑް (T.B. Reid) އެވެ. އޭނާ މިއިޞްޠިލާޙު ބޭނުންކުރެއްވީ ވަކި ޙާލަތެއްގައި ނުވަތަ މާހައުލެއްގައި ބަހުގެ ބޭނުން ކުރެވޭ ތަފާތު ގޮތްތަކަށް އިޝާރާތް ކުރެއްވުމަށެވެ. ނަމަވެސް އޭގެ ފަހުން 1960އާއި 1970އާ ދެމެދު މި ދާއިރާއިން ޚާއްޞަ ތިޔަރީއެއް ތަރައްޤީކުރެވުނެވެ. އޭގައި ވާހަކަދެއްކޭ މައުޟޫޢާއި، ދެ ފަރާތުގެ ގުޅުމާއި، މުޢާމަލާތު ބަދަލުކުރެވޭ ވަސީލަތަށް ވެސް ބެލުމެވެ. އޭގެ ފަހުން އިޖުތިމާޢީ ބަހަވިއްޔާތު ނުވަތަ މުޖުތަމަޢުގެ އަސަރުތަކާ ގުޅުވައި ދިރާސާތައް ފުޅާވެގެން ދިޔައެވެ.

މިހާރު މި ދާއިރާއަކީ ނިއުރޯ ސައިންސްގެ ތެރޭން ވެސް ދިރާސާތައް ކުރެވެމުންދާ، އޭގެ ތެރޭން ވަރަށް އާދަޔާ ޚިލާފު ނަތީޖާ ފެންނަމުންދާ، ދާއިރާއެކެވެ. އެ ސަބަބަށް ޓަކައި ބަހާއި މުވާޞަލާތުގެ ޢިލްމުގައި ޚާއްޞަ އިސްކަމެއް ދެވޭ ދާއިރާއެކެވެ

ލިޔެކިޔުމުގެ ނިޒާމާއި ރެޖިސްޓަރ

އިންސާނުން ލިޔާން އަކުރު އުފައްދަނީ އެތައް ޒަމާނަކު ވާހަކަދެއްކުމަށް ފަހުއެވެ. އޭގެ ފަހުން އެ އަކުރުތަކުން ލިޔުމުގެ ނިޒާމެއް (އޯތޯގްރަފީ) އުފައްދައެވެ. ދުނިޔޭގައި އޯތޯގްރަފީގެ ތަފާތު އެތައް ބާވަތެއް ބޭނުންކުރެއެވެ. މި ފަދައިން ލިޔުމުގެ ނިޒާމެއް އެކަށައެޅެނީ އެ ބައެއްގެ ދިރިއުޅުމަށާއި، ވިސްނުމަށް އަންނަ ކުރިއެރުންތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.

ލިޔާނެ ގޮތަކާއި ލިޔާނެ ހަމައެއް އުފެއްދުމުގެ އެއް ބޭނުމަކަށް ވަނީ ކުރުކޮށް ދަންނަވާ ނަމަ، މުވާޞަލާތު އޮމާންކުރުމެވެ. އެންމެންނަށް ފަސޭހަ ދޭހައެއް އަންނާނެ ގޮތް ހެދުމެވެ. ތަފާތު ރަޖިސްޓަރތަކުގެ ތަފާތު ސަގާފަތުގެ ތަފާތު ގިންތިއާއި ފަންތިތަކުގެ މީހުންގެ ބަސްމަގު އެތައް ގޮތަކުން ތަފާތުވާނެއެވެ. ހަމަ އެހެންމެ ކޮންމެ ބަހަކަށް އެތައް ޢިލްމަކުން އެތައް ބަހަކުން އެކި ކަހަލަ އަސަރާއި، ނުފޫޒު ފޯރަމުންދާނެއެވެ. ވީމާ، މި ގޮތުން އުފެދޭ މައްސަލަތައް ހައްލުކުރުމަށް ލިޔެކިޔުމުގެ ނިޒާމު ހަރުދަނާކުރެވެއެވެ.

މައްސަލައިގެ ފުއްޓަރު

ލިޔެކިޔުމުގެ ނިޒާމުގެ އުސޫލުތައް ކަނޑައެޅުމުގައި، ރެޖިސްޓަރގެ ބަހުސު ދެ ކަތްޕަކަށް ކަފިވެފައިވެއެވެ. ބަހަވީ ޢިލްމުވެރީންގެ މައިގަނޑު ދެ މަޒުހަބެއް އެކަމުގައި ފާހަގަކުރެވެއެވެ.

ބައެއް ޢިލްމުވެރީން (ހަމައެކަނި ލަފުޒުގެ ބަހަވީ އޮނިގަނޑާއި ބަހެއްގެ ޠަބީޢަތަށް ބަހުސުކުރައްވާ ޢިލްމުވެރީން) ދެކެވަޑައިގަންނަވާ ގޮތުގައި އެއްވެސް ބަހަކަށް ބޭރު ލަފުޒެއް ވަދެއްޖެއްޔާ އެ ލަފުޒެއްގެ ބިދޭސީ ލިބާސް ބާލައި، ހިޖުރަކުރެވުނު ބިމުގެ ލިބާހެއް ލައްވަން ޖެހޭނެއެވެ. އެ ލަފުޒެއް އަލުން ގުޅުނު ބަހުގެ އަހުލުވެރީންގެ ޠަބީޢީ އަޑުތަކަށް ފައްތާން ޖެހޭނެއެވެ. އެހެންވީމާ ބަހަކުން ވާހަކަދައްކާ ވަކިރަޖިސްޓަރއެއްގެ ބަޔަކު ބޭނުންކުރާ އެހެން ސަގާފަތްތަކުގެ ބަސްތައް އެބައެއްގެ އަސްލު ބަހުގެ އަޑުތަކަށް ފެތެންދެން ކޮށައިމަށައިގާނައި، ހިމުންކުރަން ޖެހޭނެއެވެ.

މި ޒުވާބަށް އިތުރު ހިތްވަރެއްދޭ އަނެއް ޒުވާބަކީ، ރެޖިސްޓަރގެ އިޖުތިމާޢީ ތަހުލީލަކުން ނިކުތް ނަތީޖާއެކެވެ. އެއީ ވަކި ޚާއްޞަ މަތީފަންތީގެ ރެޖިސްޓަރއެއްގެ ބަސްމަގަށް ދެވޭ ބާރަކީ، މުޖުތަމަޢުގައި ހިމެނޭ އެ ނޫން މީހުން ކޮންޓްރޯލުކުރަން އެ މީހަކަށް ލިބޭ ލައިސަންސެކެވެ. ސަބަބަކީ އެހެން މީހުން ނުފަރިތަ މާ ހައިބަތު ހުރި ރެޖިސްޓަރއެއްގައި އޭނާގެ ބަސްމަގުވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެހެން މީހުންގެ މައްޗަށް ނުފޫޒު ފޯރުވެއެވެ. އަނގަހުޅުވާން އެ މީހުން ޖެހިލުންވެއެވެ. މި ގޮތުން އެ މީހުން މައިތިރިކުރުވުމުގެ ބާރެއް އޭނާއަށް ލިބިގެންވުމެވެ. މި ފަދަ ސަބަބުތަކަށް ޓަކައި، ބަސްބަހުގެ އަސްލުވަންތަކަން ހިމާޔަތްކުރާ އިރު އޭގެ ޠަބީޢަތަށް އެނބުރިދާން މި މަޒުހަބުގެ ޢިލްމުވެރީން ބާރުއަޅުއްވައެވެ.

މީގެ އިދިކޮޅު ބަހުސަށް އެންމެ ބޮޑު ހިތްވަރެއް ވާތްގެއް ދިން އެއް ނަޒަރިއްޔާއަކީ، 1968ވަނަ އަހަރު އުފަންވި މޯފޯ-ފޮނެމިކް ނަޒަރިއްޔާއެވެ. މިއީ ނޯމްޗޮމްސްކީއާއި، މޮރިސް ހާލޭގެ ހުށަހެޅުއްވުމެކެވެ. އެ ބޭފުޅުން ބަޔާންކުރައްވާ ގޮތުގައި، އިނގިރޭސި ބަސް ފަދަ އޯތޯގްރަފީ އޮންނަ ބަސްބަހުގެ އިމްލާއަކީ "އަޑަށް އެކަނި" ބިނާވެފައިވާ ނިޒާމެއް ނޫނެވެ. އެއީ އެއަށް ވުރެ ފުން އެއަށް ވުރެ ކަވި ހަރަކާތްތަކެއް ސިކުނޑީގައި ހިނގާ ނިޒާމެކެވެ. އެ ގޮތުން ލަފުޒެއްގެ އަޑު ބަދަލުވި ނަމަވެސް، އޭގެ މާނައެކުލެވޭ އެންމެ ކުޑަބައި، ލިޔުމުގައި ދެމެހެއްޓުމުން އެ ލަފުޒަކާ ގުޅުން ހުރި އެހެން ލަފުޒުތަކުގެ ގުޅުން ސިކުނޑިޔަށް ތަޞައްވުރުކުރެވެއެވެ. އޭގެ މާނައަކީ ކޮބައިތޯއެވެ؟ މި ސާލަކަށް ދިވެހި ބަހުގައި ނަމަ، ބައެއް ރެޖިސްޓަރތަކުގެ މީހުންނަށް، ލަފުޒު އަދާކުރެވޭ ގޮތުގައި، ނުވަތަ ކިޔާކިޔުމުގައި، "ގާރީ" "ގުރުއާން" މި ގޮތަށް ކިޔައިފާނެއެވެ. ނަމަވެސް ލިޔާ އިރު، ލަފުޒުގެ އަސްލު ހިފެހެއްޓާން ޖެހެއެވެ. އެހެން މި މިސާލެކެވެ. ޗޮމްސްކީގެ ނަޒަރިއްޔާއަށް ބަލާއިރު، ޞުލްޙަ، މަޞްލަޙަތު، އިޞްލާޙު މި ލަފުޒުތަކުގައި ނުކުތާތައް ޖެހުމުން އެއީ އެއް ޙަޤީޤަތަކަށް އިޝާރާތްކުރާ، އެއް މައިދާނެއްގެ ލަފުޒުތައްކަން ފަސޭހަކަމާއެކު ސިކުނޑިއަށް ފާހަގަކުރެވޭނެއެވެ. އެ ގޮތުން އެ ލަފުޒުތަކުގެ ދެމެދުގައިވާ މާނައިގެ ވިޔުގައެއް، ސިކުނޑީގައި ހަރަކާތްތެރިވާކަން ޗޮމްސްކީ ކަށަވަރުކުރައްވައެވެ. އެހެންވީމާ ކިޔުމުގައި އެކި ރެޖިސްޓަރގައި ތަފާތެއް ހުއްޓަސް، ލިޔާންވާނީ އެ ލަފުޒެއްގެ އަސްލާ އެއް ގޮތަށް ކަމަށް މި ވިސްނުން ބުނެއެވެ.

މި ކަމުގައި ވަރަށް ޝައުޤުވެރި ހާދިސާއެއް ދަންނަވާލާހިތްވެއެވެ. އަލްފާޟިލް ޢަބްދުﷲ ޞާދިޤު ކިޔައިދެއްވިއެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކީރިތި ޤުރްއާން ކިޔަވައިދެއްވި ޤުރްއާން ކިލާހެއްގައި ބައިވެރިވެވުނެވެ. އެއްކުއްޖަކު ކިޔަވަނީ ސޫރަތުއްޝަމްސުގެ 14ވަނަ އާޔަތެވެ. މުސްކުޅި ދިވެހިރާގަށް ތަޖުވީދުގެ މާބޮޑު އަސަރެއްނެތި އޭނާ ފަށައިގަތެވެ. ﴿فَكَذَّبُوهُ فَعَقَرُوهَا …﴾ އާޔަތުގެ ފުރަތަމަ ދެ ކަލިމަ ކިޔައިލެވޭ އިރަށް ޞަލާޙުއްދީން އެބަ ވިދާޅުވިއެވެ. "ބަލަ!ބަލަ! ކީކޭ؟ އާނ! ފާގަޔަކީ ރޫ ހުންނަ އެއްޗެކޭ. އެކަމަކު ތިޔަ ތާކު ތިޔަ އޮތީ އެ ވާހަކައެއް ނޫނޭ. ފާގަރޫއެއް ނޫނޭ… فَعَقَرُوهَا…" ދެން އިޞްލާޙުކޮށްދެއްވިއެވެ.

ނޯމްޗޮމްސްކީގެ ނަޒަރިއްޔާއާއި ބަހުސަށް ބަލައިފި ނަމަ، މި ހިނގިކަމަކީ ކޮބައިތޯއެވެ؟ ޞަލާޙުއްދީނުގެ ސިކުނޑިފުޅުގެ ބަހަވީ ނެޓްވޯކް އެ ވަގުތު އެ ގުޅުނީ ރޫޖެހިފައި އޮތް "ފާގަ"ޔަކާއެވެ. ކޮން ވަގުތަކުތޯއެވެ؟ މާތް ﷲގެ ކަލާމްފުޅު އިވުނު ހިނދެވެ. ކީއްވެތޯއެވެ؟ ދަރިވަރު ލަފުޒަކުން އުފެއްދި އަޑާއި، ފާގައިގެ އަޑާ ހުރި ގާތްކަމެވެ. ސިކުނޑި ވަގުތުން އެ ދެ އަޑު ގޮށްޖަހާލީއެވެ. އެހެންވީމާ މި ހުންނަނީ ވަރަށް ފަރުވާތެރިވާން ޖެހޭ ކަންކަމެވެ.

ރެޖިސްޓަރތަކުގެ ބަހުސުގައި އަޑުތައް ދެމެހެއްޓުމަށް ބާރު އަޅާ އަނެއް ވިސްނުމަކީ އެ އަޑުތައް ބުނެދެނީ އެ ޤައުމެއްގެ މާޒީގެ ދާމޫތަކެވެ. ތާރީޚުގެ މައި މޫތަކެވެ. ކޮން ޙަޟާރަތްތަކާ ގުޅިފައިވާ، ދުނިޔޭގެ ކޮންކޮން ހިސާބުތަކަކާ ލާމެހިފައިވާ ބައެއްކަމެވެ. އެ ޤައުމެއްގެ ރަށްވެހިކަމުގެ ފުޅާކަމެވެ. އެހެންވީމާ އެ އަޑުތައް ނައްތައިލެވިއްޖެއްޔާ އެ ނައްތާލެވެނީ ހަމައެކަނި އަޑުތަކެއް ނޫނެވެ. އެ ބައެއްގެ ތާރީޚާއި ޙަޟާރަތުގެ ފެންނާން ހުރި ބަހަވީ އުސް ތަނބުތަކެވެ.

ތިންވަނަ ކަމަކަށް ފާހަގަކޮށްލާނީ އައިޑެންޓިޓީއެވެ. ކޮންމެ ރެޖިސްޓަރއެއްގެ މީހަކު އެ ކަމާ ގުޅޭ ހާލަތުގައި ވާހަކަދައްކާ އިރު، އެ ދާއިރާއަށް އޭނާގެ ހުރި އަހުލުވެރިވަންތަކަން އޭނާގެ ބަސްމަގުން ހާމަކޮށްދޭނެ ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. މިސާލަކަށް އިމާމަކު މިސްކިތުގައި ހުކުރު ޚުޠުބާ ދެއްވާއިރު، އޭނާ އަރަބި ލަފުޒުތައް، އޭގެ ކަންބޮނޑުކުރުމެއް ނެތް، ރީތި ހަމައަޑކުން ކިޔާ ނަމަ، އޭނާއާ މެދު އުފެދޭ އެ ދާއިރާގެ އިތުބާރު، އިތުރުވާނެއެވެ. އެއީ އޭނާގެ އައިޑެންޓިޓީގެ ބައެކެވެ.

ހަތަރުވަނަ ކަމަކީ ބަހަށް ލިބިގެންވާ ރީތިކަމެވެ. ބަހަކީ ތަފާތު އަޑުތަކުގެ ވިޔެވުމެކެވެ. އެހެންކަމުން އެކި ބަރު ލުއި މިނުގެ އެކި އަޑު ލަފުތަކުގެ ތެރޭގައި ހުރުމަކީ، އަހާ މީހާގެ ކަންފަތަށް އޭގެ މިޔުޒިކު ރީތިވާ ކަމެކެވެ. ލަފުޒުތަކުގެ މާނަ ސާފުވެ އޭގެ ބުރަދަން އިތުރުވާކަމެކެވެ. ބައެއް މައުޟޫޢުތަކުގައި ވާހަކައިގެ ހައިބަތާއި މަޤާމު އުފުލިގެންދާ ކަމެއް ވެސްމެއެވެ. ހަމަ އެހެންމެ މިސާލަކަށް "رمضان" މި ލަފުޒު ކިޔާ އިރު، ދިވެއްސަކު ނަމަ، ރަމަޟާން، ޕާކިސްތާނީއަކު ނަމަ، ރަމަޒާން، އިނގިރޭސިޔަކު ނަމަ، ރަމަޑާން، އަރަތްބަކު ނަމަ، ލަފުޒުގެ ފެށޭ /ރ/ ބަރުކޮށް، رمضان ކިޔާ ކިޔުމަކީ އެއީ ކޮން ސަގާފަތްތަކަކަށް ނިތްވާ، ކޮންތަފާތު އައިޑެންޓިޓީއެއްގެ ބައެއްކަން ހަމައެކަނި އެ ލަފުޒުން ވެސް، އަންގައިދޭ ކަމެކެވެ.

އެހެން ބަސްބަހުގައި އަމަލުކުރަނީ ކިހިނެއް؟

މަޝްހޫރު ލިންގުއިސްޓެއް، އަދި އުރުބަހުގެ ޢިލްމުވެރިޔެއްކަމުގައިވާ ޑރ. ރިޟްވާން އަޙަމްދު ވިދާޅުވެއެވެ. އުރުދޫ ބަހުގެ އާންމު ދޫތަކުން ދާދި އެއް އަޑަކުން ކިޔާ، އެހެން ނަމަވެސް އޭގެ އަސްލަށް ދާއިރު އަޑު ތަފާތު ތިން އަކުރެއް އުރުދޫ ބަހުގައި އޮވެއެވެ. އޭނާ ފާގަކުރައްވަނީ ذ ض ز މި ތިން އަކުރެވެ. އޭނާ ގެންނަވާ އެއް މިސާލަކީ ސީދާ އޭނާގެ ނަމެވެ. ލިޔަނި رضوان އެވެ. ނަމަވެސް ކިޔެނީ "ރިޒްވާން" އެވެ. ހަމަ އެހެންމެ ފާރިސީ ބަހުން ގެނެސްފައިވާ ’ژ‘ (ޜޭ) މި އަޑުވެސް ފާހަގަކުރައްވައެވެ.

އިނގިރޭސި ބަހަށް ވެސް ބަލައިލަމާތޯއެވެ؟ އިނގިރޭސި ބަހުގައި، ކިޔުމުގައި އަޑު ނުގެންނަ ބައެއް އަކުރު، ބައެއް ލަފުޒުގެ ފެށުމުގައި އޮވޭ އެހެން ނޫންތޯއެވެ؟ އެ އަކުރު ލިޔަނީ އެ ލަފުޒުގެ އަސްލު ދެމެހެއްޓުމަށް ޓަކައި ކަމަށްވެއެވެ. އެ ގޮތުން ޔޫނާނީ ބަހުން އައިސްފައިވާ ބައެއް ލަފުޒު ފާހަގަކޮށްލެވެއެވެ. މިސާލަކަށް، ސައިކޮލޮޖީ (Psychology) އާއި، ނިއުމޯނިއާ (Pneumonia) ފަދަ ލަފުޒުތަކެވެ. ލަފްޒުގެ އެޓޮމޮލޮޖީއަށް ގޮސް ބަލާއިރު ފާހަގަކުރެވޭ ކަމެއް އެބަ އޮތެވެ. ޔޫނާނީ ބަހުގައި ރޫޙު ނުވަތަ ނަފްސު (Psyche) ލިޔަނީ ފެށުމުގައި Pއިންނެވެ. ހަމައެހެންމެ ނޭވާ ނުވަތަ ވައި (Pneuma) ވެސް ފެށެނީ Pއިންނެވެ. އަދި ޤަދީމި އިނގިރޭސި ބަހުގައި Knight, Knee ފަދަ ލަފުޒުތައް ކިޔައި އުޅުނީ ކްނައިޓް، ކްނީ މި ގޮތަށް ކަމަށްވެއެވެ. ނަމަވެސް މިހާރު ކިޔާ ގޮތް ތަފާތެވެ. K ގެ އަޑު އަދައެއް ނުކުރެއެވެ. ނަމަވެސް ލިޔާ ގޮތް ދަމަހައްޓައެވެ.

މިއީ އަރަބި ބަހުގައި ވެސް ނިޒާމެއްގެ ތެރޭން ދަމަހައްޓާ އުސޫލެކެވެ. އެ ގޮތުން ފަރަންސޭސިބަހާއި އިނގިރޭސި ބަހުން އަރަބި ބަހުގެ ތެރެއަށް ވަންނަ ލަފުޒު ލިޔާން ނުކުތާ ޖަހައިގެން ބައެއް އަކުރު އުފައްދައިފައިވެއެވެ. އެއީ P ގެ އަޑު ނެރުމަށް ب (ބާއު) ގައި ތިން ނުކުތާ ޖަހައިގެން پ އެވެ. V ގެ އަޑު ނެރުމަށް ف (ފާއު) ގައި ތިން ނުކުތާ ޖަހައިގެން ڥ ނުވަތަ ڤ ބޭނުންކުރެއެވެ.

ދިވެހީން ވެސް ލިޔުމުގެ ނިޒާމު މި ގޮތަށް ތަރައްޤީކުރިއެވެ. އެއީ 1957ވަނަ އަހަރުއެވެ. ތާނައިގެ ބައެއް އަކުރުތަކުގައި ނުކުތާޖަހައިގެނެވެ.

ރެޖިސްޓަރތައް ގިނަވުމުގެ މާނަ

ޑެނިއެލް ކެލަރ (2021) ވިދާޅުވާ ގޮތުގައި ރެޖިސްޓަރއަކީ މުޖުތަމަޢެއްގެ ސިކުނޑީގައިވާ މިންގަނޑުތަކެކެވެ. ރެޖިސްޓަރތައް ގިނަވުމަކީ އެ ބަހެއްގެ މުއްސަނދިކަމާއި ތަހުޒީބުކަމުގެ ނިޝާނެކެވެ. އެކަމުން ބުނެދެނީ އެ ބަހެއްގެ އަހުލުވެރީންގެ އުޅުންތެރިކަމެވެ. ސަގާފަތުގެ ފުދުންތެރިކަމެވެ. އެ ސަގާފަތުގެ ދަރަޖަ ވެސްމެއެވެ. ދިވެހިބަހުގެ ރެޖިސްޓަރއަށް ބަލައިލީމާ ފެންނަނީ ހަމައެކަނި އަކުރުތަކުގައި ޖަހާލެވިފައިވާ ނުކުތާތަކެއް ނޫނެވެ. އެއަށްވުރެ އެ ދާއިރާ މާ ފުޅަލެވެ. އަންނަނިވި އިބާރާތްތައް ވިދާޅުވެލައްވާށެވެ. ވަޙީކުރެއްވުމެވެ. ޙަދީޘްކުރެއްވުމެވެ. ވިދާޅުބަސްފުޅު އިއްވެވުމެވެ. ވިދާޅުވުމެވެ. ބުނުއްވުމެވެ. ބުނުމެވެ. މީގެ ތެރޭން ފުރަތަމަ އިބާރާތުގައި ﷲގެ އިސްމުޅު ނެތަސް ތިބާގެ ހިތަށް އެކަލާންގެ އިސްމުފުޅާއި އެކަލާނގެއަށް ޚާއްޞަ ބަސްމަގެއް ވާހަކަ ހިތަށް ވަންނާނެއެވެ. ދެވަނަ ލަފުޒުގައި ކައު އިތުރު ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމްގެ ނަންފުޅު ނެތަސް، އެމާތްނަބިއްޔާގެ ނަންފުޅު ހިތަށް އަންނާނެއެވެ. ތިންވަނަ ރަޖިސްޓަރގައި އެ ވަނީ ރަސްގެފާނަށް ޚާއްޞަ ގޮތެވެ. އޭގެ ފަހުން މާތް ބޭފުޅުންނެވެ. ދެން ބޭކަލުންނެވެ. ދެން އާންމުންނެވެ. މި ހުރިހައި ރޮނގުތަކެއް މިހާ ތަނަވަސްކޮށް، ކުރެހިގެންދާދިޔުމުން ދައްކައިދެނީ، އެއްޒަމާނެއްގައި ދިވެހީންގެ ދައުލަތާއި މުޖުތަމަޢު ރޭވިފައި އޮތް ގޮތުގެ ފުން ވަރުގަދަ ނިޒާމީ ފިނޯމިނާއެވެ.

ކެމްޕްރިޖް ޔުނިވަރސިޓީ ޕްރެސް އިން 2004ވަނަ އަހަރު ޝާއިޢުކުރައްވާފައިވާ، "ރެޖިސްޓަރ، ޖޯންރަރ، އެންޑް ސްޓައިލް" މި ފޮތުގެ މުއައްލިފުން، ލިޔުއްވައެވެ. ރެޖިސްޓަރއަކީ ހުރިހައި ބަހެއްގައި ވެސް އޮންނަ އެއްޗެކެވެ. ޙަޤީޤަތުގައި 'ތަރައްޤީވެފައިވާ' ބަސްބަހާއި 'ތަރައްޤީނުވާ' ބަސްބަސް ވަކިކޮށް ދެނެގަނެވޭނީ އެ ބަސްބަހުގެ ބަހަވީ ސިފަތަކުންނެއް ނޫނެވެ. ނަމަވެސް އެ ބަސްބަހުގައި އޮންނަ ރެޖިސްޓަރގެ ފުޅާމިނުންނެވެ.

ބަހެއްގެ އަހުލުވެރީންގެ މެދުގައި ލަފުޒަކަށް އަންނަ ފުންކަން

ފަހުގެ ހޯދުންތަކުން ޔަޤީންވާ ގޮތުގައި މުޖުތަމަޢެއްގައި އުފެދޭ ނުވަތަ އުފެދިފައިވާ ރެޖިސްޓަރތަކަކީ، ނިކަން ފުން ނިޒާމެކެވެ. ޢާޞިފު އަޢުޤާ (20004) ވިދާޅުވާ ގޮތުގައި، ރެޖިސްޓަރއަކީ ހަމައެކަނި ބަހުގެ އަކުރުތަކަކާއި ލަފުޒުތަކެއް ނޫނެވެ. އެއީ ވަކި އިޖުތިމާޢީ ޙާލަތްތަކުގައި، ވަކި ކަހަލަ އަމަލުތަކެއް ހިންގުމަށާއި، ވަކި ކަހަލަ އިޖުތިމާޢީ ޝަޚްޞިއްޔަތެއް ރަމްޒުކޮށްދިނުމަށްޓަކައި، މުޖުތަމަޢުގެ ތެރޭގައި މެޓާޕްރެގްމެޓިކް މޮޑެލްތަކެއްގެ (Metapragmatic models) މައްޗަށް ބިނާވެގެން އުފެދި، އާންމުވަމުންދާ "ބަހަވީ އަދި ނޫން-ބަހަވީ" ވަސީލަތްތަކެކެވެ. ތިރީގައިވާ ދެ މިސާލަށް ވިސްނައިލައްވާށެވެ!

الْفَقِيرُ އަރަބި ބަހުގެ ފަޤީރު މި ލަފުޒެވެ. ދިވެހީން މި ލަފުޒު ދެ ގޮތަކަށް ކިޔައެވެ. އެއް ގޮތަކީ "ފަގީރު"މިއެވެ. އަނެއް ގޮތަކީ "ފަކީރު"މިއެވެ. ފުރަތަމަ ގޮތުގައި (ފަގީރު) މާނައަކީ އަތްމަތިދަތި މީހާއެވެ. ދެވަނަ ގޮތުގައި މާނައަކީ ނިކަމެތި މީހާއެވެ. ކިތަންމެ މުއްސަނދި މީހަކު ވެސް ދިމާވާ ހާލަތަކާ ގުޅިގެން އެ ހިނދެއްގައި "އެ ފަކީރު" ދެކެބަލާށޭ ބުނެފާނެއެވެ.

طَآهِرُ އަރަބި ބަހުގެ ޠާހިރު މި ލަފުޒެވެ. މި ލަފުޒު ވެސް ދިވެހީން ދެ ގޮތަކަށް ބޭނުންކުރެއެވެ. ރޯދަމަހަކީ ނަފުސުތައް ޠާހިރުކުރުމުގެ ބަރަކާތްތެރި މައްސަރެވެ. ރޯދަޔަށް ބަދިގެއާއި ގޯތިތެރެއާއި ގިފިއްޔަށް ދަންދެން ތާހިރުކުރެއެވެ. އެހެންވީމާ ޠާހިރަކީ މާނަވީ އިޙްސާސެއްގެ ލަފުޒެކެވެ. ތާހިރަކީ މާއްދީ އިޙްސާސެއްގެ ލަފުޒެކެވެ.

ބަހުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިހައި ކަވިކޮށް ހިމުންކޮށް ލަފުޒުތަކަށް މުޖުތަމަޢުން މާނަތައް ދޭ ދިނުމަކީ އެ ބަހެއްގެ އަހުލުވެރީންގެ ފުންކަމާއި ބަހަވީ ހިއްސުގެ ތޫނުކަމުގެ ނިޝާނެކެވެ.

މިއާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ ދީނާ ގުޅިފައިވާ ޚާއްޞަ ލަފުޒުތައް ދިވެހީން އޭގެ އަސްލު ރޫޙުގައި ދެމެހެއްޓިކަމެވެ. "ޤުރްއާން" މި ލަފުޒުގެ /ޤ/ އެ ގޮތުގައި ދެމެހެއްޓިއެވެ. /ކ/ އަކަށް ބަދަލެއް ނުކުރެއެވެ. ރަމަޟާންގެ /ޟ/ އެ ގޮތުގައި ދެމެހެއްޓިއެވެ. /ޒ/ އަކަށް ނުވަތަ /ލ/ އަކަށް ބަދަލެއް ނުކުރެއެވެ. ލިންގުއިސްޓިކް ސައެންސްގެ ބަހުތަކުން އެނގޭ ގޮތުގައި، އެ ގޮތަށް އެ އަޑުތަކަށް އިހު ދިވެހީން ފަރުވާތެރިވުން، ދޭހަކޮށްދެނީ އެ އަޑުތައް ގުޅިފައިވާ އެންމެ ފުން އަސްލުކަމުގައިވި ދީނަށް، އެ ދީން ފޮނުއްވި ފަރާތަށް ކުރެވޭ ތަޤުދީސެވެ. އެއީ ކަލާނގެ ރަސްކަންފުޅާ ހިތާއި ރޫޙު ގުޅިފައިވާ މިންވަރެވެ.

ނިންމުން

އިންސާނީ ކޮންމެ މުޖުތަމަޢެއްގައި ވެސް އިޖުތިމާޢީ ހަރުފަތްތައް ހުރެއެވެ. ދަރަޖަތައް ހުރެއެވެ. ޙަޤީޤަތަކީ، ހުރިހައި ޒަމާނެއްގައި ވެސް ހުރިހައި މުޖުތަމަޢުތަކެއްގައި ވެސް، އިންސާނުންގެ ހުރިހައިކަމެއް އެކަށައެޅިފައި ހުންނަނީ އެ ހަރުފަތްތަކުގެ ނިސްބަތުންނެވެ. ދާއިރާތަކުގެ ޒާތުންނެވެ. ހަމަހަމައޭ ތަފާތެއް ނުކޮށޭ ކިޔަކަސް، ހަމަ ތަފާތުކޮށެވެ. މުސާރައެވެ. ގެދޮރެވެ. ހެދުން އެޅުމެވެ. ކެއިންބުއިމެވެ. ދަތުރުފަތުރުކުރާ އުޅަނދުފަހަރެވެ. ވާހަކަދައްކާ ބަސް ވެސް މެއެވެ. މި ހުރިހައި ތަފާތަކަށް ރިޢާޔަތްކޮށްގެން ހިމޭން ދިރިއުޅުމެއް އުޅުމީ މުޖުތަމަޢުގައި ކޮންމެ ފަރުދެއްގެ ޒިންމާއެވެ. އެކަމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެކައްޗަކީ ބަހެވެ. އެހެންވީމާ އެ ގިންތިއަކާއި، ފަންތިއަކާއި ހާލަތަކާ ގުޅޭ ގޮތަށް ކޮންމެ މަގާމެއްގައި ވެސް ބަސް ބޭނުންކުރަން ޖެހެއެވެ. އެއީ އެކި މުނާސަބަތާ ގުޅޭ ގޮތަށް ހެދުން އަޅާހެންނެވެ. މި އުސޫލުން ބަލާއިރު، ދީނީ ޢިލްމީ ޤައުމީ ބަސްމަގު އޭގެ ޙުރުމަތް އުފުލޭ ގޮތަށް އަޑުތައް ސާފުވާހެން ބޭނުންކުރުމީ އެ ދާއިރާއާ އެންމެ ގުޅޭ ގޮތެވެ. "އެޑިޔުކޭޝަން" ނުވަތަ "އެޖުކޭޝަން" އޭ ބުނުމާއި، އެޑިޔުކޭސަނޭ ބުނުމާ ދެމެދު އެކި ހާލަތުގައި ފަރަގު ހުރެއެވެ. "ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތޭ" ބުނުމުން އުފެދޭ ހައިބަތު އިޙްސާސްވޭ ނޫންތޯވެ؟ ޝަރަފާއެކީގައި ވަޠަނަށް ޚިދުމަތްކުރާން ގޮވައިލުމާއި، ސަރަފާއެކީގައި ވަތަނަށް ހިދުމަތްކުރާން ގޮވައިލުން، އަހާ މީހަށް ކުރުވާ އަސަރު ތަފާތުވާނެއެވެ. ބަހަވީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި އެ ތަފާތު އަންނަ އެއް ސަބަބަކީ ފުރަތަމަ މި ދެންނެވުނު ގޮތުގައި އަކުރުތަކުގައި އެހެރަ ތޫނުކަމާއި ސާފުކަމާއި، އޭގެ ސަބަބުން އެ އަކުރުތަކަށް ލިބުނު ބުރަދަނެވެ. ނަތީޖާއެއްގެ ގޮތުން އަކުރުގެ މާނަވީ އަގު އުފުލި، ރޫޙީ ވިންދު ހޫނުވެގެންދިޔުމެވެ. އޭގެ މާހައުލަށް ގެނައި ބަދަލުގެ ސަބަބުންނެވެ. ސްޓައިލް ނުވަތަ އުސްލޫބުގެ ސަބަބުންނެވެ. އެ ގޮތުން ރެޖިސްޓަރއާއި ސްޓައިލް އޭގެ އެކި ހާލަތްތަކުގައި އަދާކުރަނީ އާދައިގެ ވަޒީފާއެއް ނޫނެވެ. އަނބުފަނިތަށި އެ ދެއްކި ނަމޫނާ ހިތްޕުޅަށް ގެންނަވާށެވެ!