"އަހަންނަކީ މަންމަނެކެވެ. އަޑެއް ބަޑެއް ނީވޭ ބޮޑު ބީރެކެވެ. އެއްޗެއް ބުނެ ބަޔާންކޮށްދިނުމުގެ ކުޅަދާނަކަމުން މަހުރޫމުވެފައިވާ ބޮޑު އިއްޔެކެވެ. ނަމަވެސް، އަހަރެންގެ ހިތަށް ވެސް، ހަމަ އެހެން އެންމެނެކޭ އެއްފަދައިން ޝުއޫރުތައް އަރާ ފައިބައެވެ. އަހަރެންގެ ހިއްސުތައް ސަލާމަތުން ހުރީތީވެ، އިހުސާސުތައް ވެއެވެ. ލޮލުން ފެންނަ މަންޒަރުތައް ކުރުވާ އިހުސާސުތަކެވެ. ހިތުތެރޭގައި އުފައްދާ ޝުއޫރުތަކެވެ.
އަހަރެންގެ ލޮލަށް ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އަހަރެންގެ އަވައްޓެރި ގެއެވެ. އެއީ ކުއްޔަށް ދޫކޮށްފައި ހުންނަ ގެއެކެވެ. އެ ގޭގައި ދެ ކޮޓަރި ހުރެއެވެ. އެ ގެ ހިފައިގެން އުޅެނީ މަޔަކާއި އޭނަގެ ކުޑަ ދަރިފުޅެވެ. މިހާރު އެ ގޭގައި އެ ދެ މައިން އުޅޭތާ ދިހަ ވަރަކަށް އަހަރު ވެދާނެއެވެ. އެންމެ ފުރަތަމަކޮޅު އެ ދެމައިން އުޅުނީ ވަރަށް ދަތިކޮށެވެ. އޮފީހެއްގެ މަސައްކަތު މީހެއްގެ މުސާރައިން ލިބޭ ލާރިކޮޅުންނާއި އެކި މީސްމީހުންގެ އެހީން ލިބޭ ފައިސާ ފޮއްޗަކުން ކުލި ދައްކާފައި ކާލެވޭ ވަރުވެސް ނުވެޔޭ ބުންޏަސް އެންމެ ރަނގަޅުވާނެއެވެ. ހަގީގަތުގައި ވެސް، އޭނަގެ ދަރިފުޅަށް ކާންދީފައި ބައެއް ދުވަސް ދުވަހު އޭނަ ނުކައި ވެސް ހުރެއެވެ. ދެން، އޭނަގެ ފިރިމީހާ ހެއްޔެވެ؟ އޭނަ ވަނީ ޑުރަގުގެ ވަބާގައި ޖެހި، މަގު ގެއްލިފައެވެ. އޭނަގެ މި އަނބިމީހާ ވަރިކޮށްފައި އޭނަވީ ހިސާބެއް ވެސް މިހާރަކު ނޭނގެއެވެ! އަދި ފަހުން، މި ދެމައިންގެ ވާހަކަ އިތުރަށް ލިޔެލާނަމެވެ.
މި ވަގުތު ބުނަން ޖެހެނީ މިއަދަކީ މިނިވަން ދުވަހެވެ. ބުނާ ގޮތުގައި އުފާފާޅުކުރުން ހައްގު ދުވަހެކެވެ. ކޮން ބައެއް ހެއްޔެވެ؟ ހުރިހާ މުވާތިނުންނެވެ! ނަމަވެސް، މިނިވަންކަމުން މި ދެމައިންނަށް ލިބެން އޮތީ ކޮން އުފަލެއް ހެއްޔެވެ؟ މިނިވަންކަމުގެ ހަފްލާތަކުންނާއި އިހުތިފާލުތަކުން ހިތަށް ލިބޭނީ ކޮން ފިނިކަމެއް ހެއްޔެވެ؟ މިކަންކަމުންނާއި އަދި މިނިވަންކަމުގެ ބޭންޖެހުމުންނާއި ހަވާއެރުމުން އެ ދެމައިންގެ ބަނޑުހައިކަން ފިލުވައިލެވިދާނޭ ހެއްޔެވެ؟ ނަމަވެސް، ބުނަން ޖެހެނީ މިއަދަކީ އަހަރުމެންގެ މިނިވަން ދުވަސް ކަމެވެ.
އާނއެކެވެ! މިއަދަކީ އަހަރުމެންގެ ފަޚުރުވެރި މިނިވަން ދުވަހެވެ! ނަމަވެސް، އަހަރެންގެ ލޮލަށް ފެންނަނީ އެހެން މަންޒަރެކެވެ. އަހަރެންގެ ރަށުގެ އެކިއެކި ތަންތަނުންނެވެ. ސައި ހޮޓާތަކާއި ރެސްޓޯރަންޓުތަކުންނެވެ. ފިހާރަތަކާއި ވިޔަފާރީގެ ބޮޑެތި މަރުކަޒުތަކުންނެވެ. ކަސްޓަމުގެ ޚިދުމަތްދޭ އިދާރާތްތަކާއި ވައި ބަދަރުތަކުގެ އެކިއެކި ވިޔަފާރިތަކާއި ޚިދުމަތްދޭ ތަންތަނުންނެވެ. މިތަންތަނުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އަޅުވެތިވެ ދިޔުމުގެ މަންޒަރުތަކެވެ. އާދެ، މިނިވަންދުވަހު އަހަރެންގެ މަންމަން ހިތަށް ފެންނަނީ އަޅުެވެތިވެ ދިޔުމުގެ މަންޒަރުތަކެވެ. މި ނަންގަތް ހުރިހާ ތަނެއްގައި ވެސް ވެރިކަންކުރަނީ ދޭސީންނެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ! ބިދޭސީންނެވެ! މަސައްކަތް ކުރަން ނުކެރޭ ކަންނެއް ބަޔަކަށް އެ މީހުންގެ މިނިވަންކަން ދެމެހެއްޓިދާނެ ހެއްޔެވެ؟ ރޭގަނޑު ހޭލައި އަދި ދުވާލުދާ ހަތަރު ދަމު ނިދާފައި، އެއްވެސް މަސައްކަތެއް ނުކޮށް ބޭކާރު އަނގަތެޅުމުގައި އުޅޭ ބަޔަކަށް މިނިވަންކަންމަތީ ތިބުމުގެ ހައްގު އަދި ކިއެއްތަ، އެ މީހުން ވުޖޫދުގައި ވުމުގެ ހައްގު، ލިބިގެންވޭ ހެއްޔެވެ؟
އާނއެކެވެ! މިއަދަކީ އަހަރުމެންގެ މިނިވަން ދުވަހެވެ. ކޮން ކަމަކުން ބާވައެވެ؟ ބޮޑު އަޚުލަބިއްޔަތެއް އޮތީ ހަމަ ގައިމުވެސް، މަސައްކަތް ކުރުމުން މިނިވަން ވެފައެވެ! ނުވަތަ މިނިވަންވެގެން ފައެވެ. ނަމަވެސް، މި ފަދަ މިނިވަންކަމެއް ދެމެހެއްޓޭނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟
ދެން، އެއްކަލަ ދެމައިންގެ ސިޔަރަތަށް ބަލާލަމާ ހެއްޔެވެ؟ މިއަދު މިނިވަންކަމުގެ އިހުތިފާލުތައް ކުރަމުންދާ އަހަރުމެންގެ މިނިވަން ގައުމުގެ މިނިވަން ހާލަތު ދެކެދެނެގަތުމަށްޓަކައެވެ. އެ މަންމަގެ ހާލަތު ބަދަލުކޮށްލުމުގެ ނިޔަތުގައި މީހެއްގެ އަތުން ވިހިހާސް ރުފިޔާގެ ލޯނެއް ނެގިއެވެ. އަދި، އޭނަ އުޅޭ ދެ ކޮޓަރީގެ ގެއިން އެއްކޮޓަރީގައި މީހުން ބައިތިއްބަން ނިންމިއެވެ. ހަތަރު ބަންކުބެޑު ގަނެގެން އަށް މީހުންނަށް ކާންދީގެން ގޭގައި ބޭތިއްބުމަށް ނިންމިއެވެ. މީހެއްގެ އަތުން ތިން ހާސް ރުފިޔާ ނަގައިގެންނެވެ. މި ގޮތުން ގޭގެ ކުއްޔާއި ޚަރަދުތައް ކަނޑާފައި އަށެއްކަ ހާސް ފައިދާއަށް އޭނައަށް ލިބެއެވެ.
އެންމެ ފުރަތަމަ އޭނަގެ ގޭގައި ބޭތިިއްބީ އަންހެން ކުދިންނެވެ. އަންހެން ކުދިން ބައިތިއްބަން ފަސޭހަވާނެ ކަމަށް ހީކޮށެވެ. ނަމަވެސް، އެކަންވީ މާ ބޮޑު އުނދަގުލަކަށެވެ. ގޭގައި ތިބި ކުދިންގެ ތެރެއިން ގިނަ ކުދިން ރޭގަނޑު ނިދާކަށް ނާދެއެވެ. އެކުދިންގެ ވަގުތުތައް ހޭދަކުރަނީ ގެސްޓުހައުސްތަކުގައި އެކެއްގެ އުނގުން އަނެކެއްގެ އުނގުގައެވެ. ގެއަށް ނިދަން އަންނަނީ ރޭގަނޑުގެ ވަގުތުތައް ނިމި އިރު އަރާ ފަހުންނެވެ. އެހެން އުޅެނިކޮށް އޭގެ ތެރެއިން ބައެއް ކުދިން ބަލިވެ އިނެވެ. އަދި، އެކަމުން ސަލާމަތްވާން ވެގެން ބަނޑުގައި އޮތް ދަރިފުޅު ވައްޓާލެވޭތޯ އެކި ގޮތްގޮތަށް މަސައްކަތްކުރިއެވެ. އެންމެ ފަހުން ގެ ބަލަހައްޓަމުން ދިޔަ އަންހެން މީހާއަށް ޖެހުނީ ހުރިހާ އަންހެން ކުދިން ގެއިން ނެރުމަށެވެ.
އާދެ، މި ވެސް އަހަރުމެންގެ މިނިވަން ސަތޭކަ ޕަސެންޓު މުސްލިމު ގައުމުން އަހަރެންގެ މަންމަން ހިތަށް ފެންނަ މަންޒަރެކެވެ. މިނިވަން ދުވަހުގެ އިހުތިފާލުތައްކޮށް މުޅި ގައުމު އުފާފާޅުކުރަމުންދާ އިރުއެވެ.
ދެން، ގެ ބަލަހައްޓަމުން ދިޔަ އަންހެން މީހާ ގަސްދުކުރީ އޭނަ ކުއްޔަށް ދޭ ކޮޓަރީގައި ފިރިހެނުން ބޭތިއްބުމަށެވެ. އެ މީހުން ބައިތިއްބައިގެން އުޅެނިކޮށް ދެން ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟ އެ ކޮޓަރި ޑުރަގުގެ އައްޑާއަކަށް ބަދަލުވެގެންދާ މަންޒަރެވެ. ޑުރަގު ވިއްކާ އަދި ޑުރަގު ބޭނުން ކުރާ އައްޑާއަކަށެވެ. މި ވަބާގައި ޖެހިފައި ތިބި އެތައް ބަޔަކު ހަލާގެ ތެރެއަށް އެ މީހުންގެ ނަފްސުތައް އެ މީހުންގެ އަމިއްލަ އަތުން ވައްޓާލާ މަންޒަރެވެ. ދެން، ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ އެ ހުރިހާ އެންމެން ވެސް ގެއިން ނެރުމެވެ. ޑުރަގުގެ ވަބާއިން ގެ ސާފުކޮށްލެވުނެވެ. ނަމަވެސް، އެ މީހުންގެ ޑުރަގުގެ މަސައްކަތް ކޮންމެ ވެސް އެހެން ތަނެއްގައި ހިންގަމުންދާނެއެވެ. އަހަރުމެންގެ މިނިވަން ސަތޭކަ ޕަސެންޓު މުސްލިމު ގައުމުގެ އެހެން ތަނެއްގައެވެ.
ދެން ހެއްޔެވެ؟ ބޭންޖަހައި ހަވާއަރުވައި މިނިވަންކަމުގެ އިހުތިފާލުތައް ކުރަމުން ދަނީއެވެ. ފަޚުރުވެރި އިނާމުތައް، އެ ފަދަ އިނާމުތަކުގެ ހައްގުވެރިންނަށް ދެވެމުން ގެންދެވެނީއެވެ. މިނިވަންކަމުގެ ބެރުތައް ޖަހައި ލަވަތައް ކިޔައި މިނިވަންކަމުގެ ނެށުންތައް ނެށެމުން ދަނީއެވެ. މުޖުތަމައުތައް ހަލާކުވެ، މިނިވަންކަން ގެއްލުމުގެ މަންޒަރު މި ބެރުތަކުގެ އަޑުތަކުގެ ތެރެއިން ފެންނަމުންދާއިރުއެވެ. މަސައްކަތްކުރުމުން ދުރަށް ޖެހިފައިވާ އަފުރާދުންތަކާއި ހެޔޮލަފާ އަޚުލާގުގެ މިންތަކުން ދުރުވެފައިވާ މީސްތަކާއި ޑުރަގުގެ ވަބާގައި ޖެހިފައިވާ ބައިގަނޑު އިތުރުވަމުންދާ އިރުއެވެ.
ނަމަވެސް، އެ މީހުންގެ ލޮލަށް ފެންނަ، ކަންފަތައް އިވޭ އަދި ހިތުގައި ހިނގާ އިހުސާސުތަކާއި ޝުއޫރުތައް ބުނެ ބަޔާންކޮށްދޭން އެނގޭ މަސްއޫލުވެރި މީހުނަށް މި މަންޒަރުތަކެއް ނުފެނެއެވެ. އެ މީހުން ގަބޫލުކުރަނީ މުޖުތަމައުގެ އާންމު އަފުރާދުންގެ އަސާސީ ބޭނުންތައް ފުއްދަން ޖެހޭނީ ގުރުއަތުލައިގެން ކަމެވެ. ހަފްތާގެ ހަތް ދުވަހުން ކާންވޭނޭ ދުވަސް ގުރުއަތުލައިގެން ކަނޑައަޅަންވީއެވެ. އުޅޭނޭ ގެދޮރު ވެސް ގުރުއަތުލައިގެން ލިބިގަންނަންވީއެވެ.
ހަގީގަތަކީ ކޮންމެ ސިފައަކަށް އޮތް އެއްޗެއް ކަމުގައި ވިޔަސް، މިއަދަކީ އަހަރުމެންގެ މިނިވަން ދުވަހެވެ. ބޮޑެތި ޚަރަދުތަކޮށްގެން ނަމަވެސް، އަދި، މިނިވަންކަން ގެއްލިދިޔުމުގެ އަނދަވަޅެއްގެ ތުންފަތްމަތީ ގައުމު އޮތް ކަމަށް ވިޔަސް، މިނިވަންކަމުގެ އިހުތިފާލުތައް ކުރަންވީއެވެ. ބޭންޖަހައި ހަވާއަރުވައިގެންނެވެ. އެއްކަލަ ދެމަައިންނާއި ހުރިހާ ދީނީ އަދި އަޚުލާގީ ހަމަތަކުން އެއްކިބާވެ ތިބި އެތައް ބަޔެއްގެ މަތިން ހަނދާންނައްތާލާފައެވެ!"
