Support Us

ކޮލަމް ހޭހަން: އާސަންދައިގެ އިންޑިޔާ ދަތުރުނާމާ

އިންޑިއާ އަކީ ދިވެހިން ބޭސްފަރުވާގެ ކަންތައްތަކުގައި ވަރަށް ގިނަގިނައިން ގޮސް، ދިވެހިންނަށް ހޭނިފައިވާ މަންޒިލެކެވެ. އެގޮތުން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގެ މެމްބަރަކު ކިޑްނީ ހިލައިގެ ބޭސްފަރުވާއަކަށް އާސަންދައިގެ ދަށުން އިންޑިޔާއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. މި ފަރުވާގެ އަގަކީ 150 ޑޮލަރުއެވެ. ނަމަވެސް ބަލަބަލައި ހުއްޓާ މި އަދަދު ބަދަލުވެގެން ދިޔައީ 10،000 ޑޮލަރުގެ ސާރޖަރީތަކަކަށެވެ. ސަހަރޯއެވެ! ރައްޔިތުންގެ ޓެކްސް ފައިސާ މިގޮތަށް ނޭދެވޭ ގޮތުގައި ބަޔަކު ޖީބަށް ދަމައިގަތުމަކީ ގައުމީ ލޯބި ހުރި އެއްވެސް ދިވެއްސެއްގެ ހިތަށް ކެތްނުކުރެވޭނެ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ އެއަށްވުރެ ބޮޑު ޖަރީމާއެކެވެ. މިކަން ދިވެހި ލޮބުވެތި ރައްޔިތުންނާ މި ހިއްސާމިކޮށްލަނީ މިކަމުގެ ހަގީގަތް ލޮލުން ދެކެ އަތުން ހިފައިފައިވާތީ، މިކަން ހާމަކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ދެކިގެންނެވެ.

ކިޑްނީ ސްޓޯނަކީ ދިވެހީންނަށް ވަރަށް އާއްމުކޮށް ދިމާވާ މައްސަލައެކެވެ. (ކިޑްނީ ސްޓޯން އުފެދެން ދިމާވާ ސަބަބާއި ބޭސްފަރުވާގެ ވައްތަރުތައް މިފަދަ އެހެން ލިޔުމެއްގައި ހިއްސާކުރަން ގަސްތުކުރަމެވެ.) މި ދަނޑިވަޅުގައި އަލިއަޅުވާލަން ބޭނުންވަނީ ކިޑްނީ ހިލައިގެ އެއް ވައްތަރެއްގެ ޓްރީޓްމެންޓެއް ކަމަށްވާ ESWL (Extracorporeal shock wave lithotripsy) އާ ބެހޭގޮތުންނެވެ.

ESWL އަކީ ސާރޖަރީއަކާ ނުލައި ހަށިގަނޑުގެ ބޭރުންން ސައުންޑްވޭވް ދީގެން ވަރަށް ކާމިޔާބު ކަމާއެކު ހޯދިދާނެ އަގުހެޔޮ ފަރުވާއެކެވެ. މި ފަރުވާގެ ކާމިޔާބުކަން (%30– %90) ރިއާޔަތްކުރަނީ ކިޑްނީ ހިލައިގެ ބާވަތާއި އޭގެ ހަރުމިނާއި އޭގެ ބޮޑުމިނާއި އަދި ހިލަ އޮތް ހިސާބަށެވެ. މި ފަރުވާއަކީ ކުޑަކަމުދާ ހޮޅިން ކުރާ އެންޑޮސްކޯޕިކް ސާރޖަރީއާއި ބޭރުން ފަޅާލައިގެން ސާރޖަރީ ކުރަން ބޭނުންނުވާ މީހުންނަށް ESWL ގެ ޝަރުތުތައް ފުރިހަމަވާނަމަ އިޚްތިޔާރް ކުރެވިދާނެ ރަނގަޅު ޓްރީޓްމަންޓް އޮޕްޝަނެކެވެ.

ESWL ފަދަ މުހިއްމު އަދި އަގުހެޔޮ ފަރުވާ ދެވޭނެ މެޝިނެއް ރާއްޖޭގައި ނެތުމަކީ އިންތިހާއަށް ހިތާމަހުރި އަދި ލަދުވެތިވާންޖެހޭ ވަރުގެ ކަމެކެވެ. ކޮންމެއަކަސް މިކަން މިހެން ހުރުމާއެކުވެސް އާސަންދައިގެ ދަށުން ކިޑްނީގެ ހާއްސަ ހޮސްޕިޓަލަކަށް ފަރުވާ ހަމަޖެހިގެން ދިއުމުން އުއްމީދުކޮށްގެން ހުރީ މިފަރުވާ އަވަހަށް ނިމި އެނބުރި ރަށަށް ދެވިދާނެ ކަމަށެވެ.

މި ފޮނި އުންމީދާ އެއްކޮށް އިންޑިއާގެ ހޮސްޕިޓަލަށް ދިއުމަށްފަހު އެތާނގެ ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރާ ވާހަކަ ދައްކާލުމުން ލިބިގެން ދިޔައީ  އިތުރު ހައިރާންކަމެކެވެ. ސަބަބަކީ މިފަދަ ސްޕެޝަލިސްޓް ހޮސްޕިޓަލެއްގައި ވެސް ESWL މެޝިނެއް ނެތް ކަމެވެ. އެއަށްވުރެ ބޮޑަށް ހައިރާންވެގެން ދިޔައީ އެ މެޝިން ނެތްތާނގައި އެ ޓްރީމެންޓްގައި ހުރި އުނި ކަންތައް ކިޔައިދިނުމަށްފަހު ސާރޖަރީކޮށްގެން ހިލަ ނެގުމަށް އެތާނގައި ހުރި ޑޮކްޓަރު ބާރުއެޅުމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި އާދައިގެ ދިވެހި ނިކަމެތި ރައްޔިތަކު އެފަދަ މޮޅު ޑޮކްޓަރެއްގެ ބަހަށް އެނބުރިގެން ދިޔުމަކީ ވަރަށްވެސް ގާތުގައި އޮތް ކަމަކެވެ. އަޅުގަނޑުގެ ލޯމަތީގައި ކަންދިމާވެގެން ދިޔައީވެސް އެގޮތަށެވެ. އެއަށްފަހު އަޅުގަނޑުގެ ކޭސް ރިވިއުކުރުމަށްފަހު އަޅުގަނޑާވެސް މިމޭރުމުން ވާހަކަ ދައްކަން ފެށުމުން، އަޅުގަނޑަކީވެސް މެޑިކަލް ޑޮކްޓަރެއްކަމާއި އަޅުގަނޑު ބޭނުންވަނީ ESWL ޓްރީޓްމެންޓް ކަމަށް ބުނުމުން އިތުރަށް ސުވާލުނުކޮށް އެދުނު ގޮތަށް އެހެން ތަނަކަށް ރެފަރަލް ލެޓަރ ދިނެވެ.

މި ޓްރީޓްމަންޓް ހޯދުމުގެ މަސައްކަތުގައި އެއް ހަފުތާ ވޭތުވެގެން ދިޔައިރު ދަސްވެގެންދިޔައީ ހައިރާންކުރަނިވި ކަންތައްތަކެކެވެ. އެގޮތުން އާސަންދައިން ESWL ފަރުވާދޭން ރެފަރކުރި އެހެން ހޮސްޕިޓަލަކުންވެސް އެ މެޝީން ނެތްތާނގައި ލަފާދިނީ އެ ހޮސްޕިޓަލުން ސާރޖަރީކުރުމަށެވެ. އެއަށްފަހު އެ މެޝިން ހުރި އެހެން ބޮޑު ހޮސްޕިޓަލަކަށް އާސަންދައިން ރެފަރކުރިއެވެ. މެޝިނުން ފަރުވާ ހޯދުމަށް ބެލިއިރު އެނގުނީ އެ މެޝިނަކީ ކުރީގެ މޮޑެލެއް ކަމަށްވާތީ ކިޑްނީ ހޮޅީގެ ތެރޭގައި ހުރި ހިލަތަކަށް ފަރުވާ ނުދެވޭކަމެވެ. އެހެންކަމުން އެ ހޮސްޕިޓަލުން ފަރުވާ ލިބުނީ ކިޑްނީ ތެރޭގައި ހުރި ހިލަތަކަށް އެކަންޏެވެ. އަނެއް ފަރާތުގެ ކިޑްނީ ހޮޅީގެ ތެރޭގައި ހުރި ހިލަޔަށް ފަރުވާ ހޯދަން ދާންޖެހުނީ އާސަންދަ މެދުވެރިކޮށް އަނެއްކާވެސް އެހެން ހޮސްޕިޓަލަކަށެވެ.

މިހާ ހިސާބަށް އައިއިރުގައި އަޅުގަނޑާއެކު އުޅުނު އަނެއް ބަލިމީހާ، އެންމެ ފުރަތަމަ ދިޔަ ހޮސްޕިޓަލުން ހިލަ ނެގުމަށްޓަކައި ތިން ސާރޖަރީ ކުރުވައިފިއެވެ. އަދި މިސާރޖަރީ ތަކުގެ ޖުމްލަ އަދަދު 10،000 ޑޮލަރަށް އަރައެވެ. މި ސާރޖަރީތަކުން 100 ޕަސެންޓް ހިލަ ނެގި ކަމުގައި ވިޔަސް އޭނާގެ ކޭސްއާ މެދު އެހެން ޔޫރޮލޮޖިސްޓް ދިން ލަފާއިން އެނގުނީ ކިޑްނީ ހިލައިގެ ފަރުވާ ދެ ސާރޖަރީންވެސް ނިންމިދާނެ ކަމެވެ.

ކިޔުންތެރިންވެސް މިވަގުތު ހިތްޕުޅަށް އަރާވަޑައިގަންނަވާނީ މި ކަންކަން މިގޮތަށް ދިމާވެގެންދިޔައީ ކީއްވެގެން ބާވައެވެ. މީގެ ހިތި ޖަވާބަކީ ބަލިމީހުންނަށް ފަރުވާދޭ އިންޑިއާގެ ބައެއް ޕްރައިވެޓް ތަންތަނުން ބަލިމީހާގެ ހެވާއި ލާބައާއި މަންފާއަށްވުރެ އެމީހުންގެ އަމިއްލަ ފައިދާ އާއި ނަފާ އިސްކުރާކަމެވެ. ވިޔަފާރީގެ އުސޫލުން ބަލައިލައިފިނަމަ 150 ޑޮލަރުގެ ފަރުވާއަށްވުރެ ފައިދާ ބޮޑީ އެތައް ހާސް ޑޮލަރެއްގެ ސާރޖަރީތަކެއްކަން އެންމެ އާދައިގެ މީހާއަށް ވިސްނެއެވެ. ކަންމިހެން އޮތުމާއެކު އަޅުގަނޑުމެން ދިވެހިންގެ ހެވާއިލާބައަށް ވިސްނައި ފިކުރުކުރަންޖެހޭނީ އަޅުގަނޑުމެން އަމިއްލައަށެވެ.

މި ފަދަ ކަންކަން އިސްލާހުކުރުމަށް ތިރީގައިވާ ކަންތައްތަކަށް ސަމާލުކަންދެއްވުމަށް ވަރަށް އިޚްލާސްތެރިކަމާއެކު އިލްތިމާސް ކުރަމެވެ.

  1. ESWL ގެ އެންމެ ފަހުގެ މެޝިނެއް ރާއްޖެ ގެނެސް، އެ އޮޕަރޭޓްކުރާނެ ދިވެހި ޒުވާނުން ތަމްރީނުކޮށް އެ ޚިދުމަތް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން.
  2. އާސަންދައިން ބޭސްފަރުވާއަށް ފޮނުވާއިރު އެފޮނުވާ ހޮސްޕިޓަލަކުން އެފަރުވާ ލިބެން ހުރިތޯ ބަލައި ކަށަވަރު ކުރުން.
  3. ބޮޑެތި ބަލިތަކުގައި އާސަންދައިގެ ތެރެއިން ބޭރަށްދާ ދިވެހީންނަށް ބަލީގެ ފަރުވާއާމެދު ދެވަނަ އޮޕީނިއަން ބޭނުންވެއްޖެ ހާލަތެއްގައި އެ ފުރުސަތު އެހެން ހޮސްޕިޓަލަކުން ހޯދައިދިނުން.

މިވާހަކަ ރައްޔިތުންނާ ހިއްސާކުރުމުގެ ބޭނުމަކީ އެއްވެސް ހާލަތެއްގައި ބަޔަކު ބަދުނާމުކޮށް ފަޟީހަތްކުރުމެއް ނޫނެވެ. އެއާ ޚިލާފަށް ހަގީގަތުގައި އިންޑާއިން ދިވެހީންނަށް ފޯރުކޮށްދޭ ބޭސްފަރުވާއަށްޓަކައި މާތް ﷲއަށް ޙަމްދުކުރާ ހާލު އެބޭފުޅުންގެ ޚިދުމަތަށް ހައްޤު ތައުރީފުވެސް ކުރަމެވެ. މީގެ އިތުރުން އާސަންދަ ކުންފުނިން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތަށްވެސް ތައުރީފުގެ ބަސް ހައްގުވެގެންވެއެވެ. ނަމަވެސް ކޮންމެ މުއައްސަސާއެއްވެސް އަދި ހިދުމަތެއްވެސް ހަރުދަނާވާނީ ބިނާކުރަނިވި ފާޑުކިޔާ އިސްލާހަށް ވާހަކަ ދައްކައިގެންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ވާހަކަތަކައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން އަޑުއުފުލާނީ ކޮންބައެއްތޯއެވެ؟

ޝަހީބުގެ ކޮލަމް: އާސަންދައަށް ކޮރަޕްޝަންގެ ކެންސަރު