...

Support Us

ވޯލްޑްކަޕް މެގަޒިންގެ ފޯރި: ކޮންމެހެން ވެސް ކޮޕީއެއް މުހިންމު

"ކޮންމެހެން ވެސް ކޮޕީއެއް މުހިންމު،" އެކަކު ބުނެލިއެވެ.

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ވާދަނުކުރިއަސް، އަދި އެކަމުގެ އުންމީދެއް ނެތަސްވެސް، އެ މުބާރާތަށް ދިވެހިންގެ ޝައުގުވެރިކަން ހުރި މިންވަރު އަބަދުވެސް ފެނެއެވެ. އިއްޔެ ހަވީރު އާޓިފިޝަލް ބީޗުންވެސް ފެނިގެންދިއީ އެކަމެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދަށްޓަކައި "އަދަދު އޮންލައިން" އިން ނެރުނު ވޯލްޑްކަޕް މެގަޒިން އާއި ސްކޯ ޗާޓު ބަލައި އެތައް ސަތޭކަ ބަޔަކު އެތަނަށް އެއްވެފައި އޮތެވެ. މުބާރާތަށް ތައްޔާރުކުރި ހާއްސަ ލަވައެއް ޖަހަމުން، "ބޯޅަ އީދު" އާއި ސްކޯ ޗާޓު ހިލޭ ބަހަމުންދިޔައިރު، ޓެންޓަކުން ވިއްކަމުންދިޔަ ޓީމުތަކުގެ ޖާޒީ ވެސް ގިނަ ބަޔަކު ދިޔައީ ގަންނަމުންނެވެ. ކުޑައެއް ބޮޑެއް ނެތެވެ.

ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ގިނަ ބައެއްގެ ޝައުގުވެރިކަން މި ދުވަސްކޮޅު ހުއްޓިފައި ވަނީ ގަތަރުގެ ދޯހާގައި މިރޭ ފަށާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ އީދުގެ މެޗުތައް ހަމަ ލޮލުން ބަލައިލަން ދޯހާއަށް ދެވެން ނެތް އެންމެން، އެ ބައެއްގެ އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި ތައްޔާރުވަމުން އަންނަނީ ދުނިޔޭގެ އެންމެ މޮޅު 32 ގައުމީ ޓީމު ވާދަކުރާ މެޗުތައް ޓީވީން ވަގުތުން ބަލައިލުމަށެވެ. އެއް ބަޔަކު ސިޓިން ރޫމަށް ބޮޑެތި ޓީވީތައް ގަނެފައިވާއިރު އަނެއް ބަޔަކު ވަނީ ރަށުތެރޭގައި ބޮޑު ސްކްރީނުތައް ބަހައްޓައިފައެވެ.

މުބާރާތް ފެށުމުގެ ކަށިގަނޑަށް ވަގުތު ކުޑަތަންވެ، އަދި މެޗުތައް ބަލާނެ އިންތިޒާމްތައް ގޭގޭގެ އާއި ބޮޑު ސްކްރީންތަކުގައި ހަމަޖައްސަމުން އަންނައިރު، ޓީމުތަކާއި ކުޅުންތެރިންނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިލުމަށް ވޯލްޑްކަޕް މެގަޒިނެއް ހޯދައިލުމަކީ ހަމަ ކޮންމެ މީހަކުވެސް ބޭނުންވެފައިވާ ކަމެކެވެ. އިންޓަނެޓްގެ މި ޒަމާނުގައި، އެ ހުރިހާ މައުލޫމާތެއް ވަގުތުން ފޯނުން ބަލައިލެވުނަސް، ދިވެހިން، ތާނައިން ލިޔެފައިވާ ފޮތެއް ކުލަ ފޮޓޯތަކާއެކު ބަލައިލުމުން ލިބެނީ މުޅިން ތަފާތު ހިތްހަމަޖެހުމެއްކަން ކަށަވަރެވެ. އާޓިފިޝަލް ބީޗުގައި އިއްޔެ އެހާ ފޯރި ގަދަވީ އެހެންވެގެންކަން ޔަގީނެވެ.

ގަތަރު ވޯލްޑްކަޕާ ބެހޭ ގޮތުން ދިވެހިން ލިޔެފައިވާ އެންމެ ފަހު ފޮތް ނެރުނީ "އަދަދު އޮންލައިން" އިން އިއްޔެއެވެ. އެންމެ ފުރަތަމަ ފޮތް ނެރުނީ "ވަން އޮންލައިން" އިންނެވެ. އެއަށްފަހު "މިހާރު އޮންލައިން" އިންނެވެ. މި ތިން ފޮތަކީ ވެސް މައުލޫމާތުން ފުރި ބަންޑުންވެފައިވާ ފޮތްތަކެކެވެ. މި ތިން ފޮތުގެ ތެރެއިން އެންމެ ބަރު ފޮތަކީ "ވަން އޮންލައިން" އިން ނެރުނު 192 ސަފުހާގެ "ވަން ވޯލްޑްކަޕް ގައިޑެ"ވެ. ދެން "މިހާރު އޮންލައިން" އިން ނެރުނު 146 ސަފުހާގެ "މިހާރު ވޯލްޑްކަޕް 2022″ އެވެ. "އަދަދު އޮންލައިން" އިން ނެރުނު "ބޯޅަ އީދު"ގައި ހިމެނެނީ 104 ސަފުހާއެވެ.

"އަދަދު އޮންލައިން" އާއި "މިހާރު އޮންލައިން" އިން ނެރުނު ވޯލްޑްކަޕް މެގަޒިން ހިލޭ ބަހަމުންދިޔަ ނަމަވެސް، "ވަން އޮންލައިން" އިން ގެންދަނީ ފޮތެއް 100ރ. އަށް ވިއްކަމުންނެވެ. (ފޮތް ގަންނަން ބޭނުން ނަމަ 7744464 ފޯނާ ގުޅުމުން ފޮތް ލިބޭނެއެވެ.)

"ވަން ވޯލްޑްކަޕް ގައިޑާ"އެކު މުހައްމަދު ޝަހީބު –ފޮޓޯ: އަދިވެސް

މިއިން ކޮންމެ ފޮތެއްގައިވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ ވޯލްޑްކަޕްގެ ތާރީހާއި، މި ފަހަރުގެ ޓީމުތަކާއި މުހިންމު ކުޅުންތެރިންނާ ބެހޭ މައުލޫމާތާއި މުބާރާތުގެ މެސްކޮޓާއި މުބާރާތް ކުޅޭ ބޯޅަ އާއި ސްޓޭޑިއަމްތަކާ ބެހޭ މައުލޫމާތެވެ. ރީތި ކުލަ ފޮޓޯތަކާއި ގްރެފިކްސްއެވެ.

މުބާރާތުގެ ސްކޯ ޗާޓަކީ ވެސް ވަރަށް މުހިންމު އެއްޗެކެވެ. މެޗުތައް ކުޅޭ ގަޑިތަކާއި ޓީމުތަކަށް ވަމުންދާ ގޮތް އެނގޭނެހެން ތައްޔާރުކޮށްފައިވާ ސްކޯ ޗާޓަކީ ކޮންމެ ސިޓިން ރޫމަކަށް ވެސް އަދި ކޮންމެ ބޮޑު ސްކްރީނެއް ކައިރީގައިވެސް ބަހައްޓާން ކޮންމެހެންވެސް މުހިންމު އެއްޗަކަށް ވާތީ، ސްކޯ ޗާޓުގެ ޑިމާންޑް ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން، މި ތިން ފޮތާއެކު ނެރުނު ސްކޯ ޗާޓުގެ އިތުރުން ވެސް ބައެއް ވިޔަފާރިތަކުން ގެންދަނީ ސްކޯ ޗާޓު ޗާޕުކޮށްގެން ބަހަމުންނެވެ.

"މިހާރު ވޯލްޑްކަޕް 2022″ އާއެކު މުހައްމަދު ޝަހީބު –ފޮޓޯ: އަދިވެސް

ގަތަރު ވޯލްޑްކަޕުގެ ތިން ފޮތަށް ބަލައިލުމުން އަޅުގަނޑު އެންމެ އުފާވަނީ، އެ ތިން ފޮތް ވެސް ނެރުނީ ނޫސްވެރިކަމުގައި އަޅުގަނޑާއެކު "ހަވީރު"ގައި މަސައްކަތްކުރި އެކުވެރި ޓީމުގެ މެމްބަރުން ކަމަށް ވުމެވެ. އެ ތިން ފޮތް ވެސް އަޅުގަނޑަށް ހަދިޔާކުރިއެވެ. ބަލައިގަތީ އުފަލުންނެވެ. ޝުކުރުވެރިކަމާއެކުއެވެ.

ދެބަސްވެވެން ނެތް ހަގީގަތަކީ ވޯލްޑްކަޕް މެގަޒިން ރާއްޖޭގައި އެންމެ ފުރަތަމަ ނެރެންފެށީ "ހަވީރު"ން ކަމަށްވުމެވެ. ރާއްޖެ އާއި ދުނިޔޭގެ ކުޅިވަރު އެންމެ ތާޒާކަމާއެކު އޭރު ކަވަރު ކުރަމުން އައީ، ނޫސްވެރިކަމުގައި އަޅުގަނޑު އެންމެ ފުރަތަމަ ސުރުހީއެއް އެޅި، "ހަވީރު"ންނެވެ.

މި ވާހަކަ ފެށުމުން އޭރުގެ ހަނދާންތައް އާވާން ފަށައިފިއެވެ.

"ހަވީރު ވޯލްޑްކަޕް މެގަޒިން" އެންމެ ފުރަތަމަ ނެރުނީ އެމެރިކާގައި 1994 ގައި ބޭއްވި ވޯލްޑްކަޕަށެވެ. ބަނޑޭރިގަނޑު ކުލައިން އަދި އެތެރޭގެ ސަފުހާތައް ކަޅާއި ހުދުންނެވެ. އޭގެ ކުރީ ވޯލްޑްކަޕުގައި "ހަވީރު"ން ނެރުނީ، ނޫހާއެކު ނެރުނު ސަޕްލިމެންޓެކެވެ. ޔޫ.އެސް.އޭ 94ގެ "ހަވީރު ވޯލްޑްކަޕް މެގަޒިން" ނެރުމުގެ މޭސްތިރިއަކީި "ހަވީރު"ގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގެވެ. އެއީ ރާއްޖޭގެ ނޫސްވެރިކަމަށް ޓެކްނޯލޮޖީގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑު އިންގިލާބެއް ގެނެސްދެއްވި ސިކުނޑިއެކެވެ. އޭރު އެއީ އިންޓަނެޓުގެ ޒަމާން ކަމަށް ނުވާތީ (ރާއްޖެއަށް އިންޓަނެޓް ތައާރަފުކުރީ 1996ގައި) ވޯލްޑްކަޕް ފޮތަށް ބޭނުންވާ މައުލޫމާތާއި ފޮޓޯތައް ގެނައީ މެލޭޝިއާ އިންނެވެ. ޑރ. އަލީ ރަފީގެވެ.

ޔޫ.އެސް.އޭ 94ގެ "ހަވީރު ވޯލްޑްކަޕް މެގަޒިން"ގެ ފޮޓޯއެއް ކުއްލިއަކަށް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑްކަޕަށް ހަވީރުން ތައްޔާރުކުރި މެގަޒިންގެ ފޮޓޯއެއް ޑރ. އަލީ ރަފީގުގެ އަތްޕުޅުން ވަނީ ލިބިފައެވެ. ޑރ. އަލީ ރަފީގަށް ޝުކުރު ދަންނަވަމެވެ. އޭރު ވެސް، ކުލަ ޗާޕަކީ ރާއްޖޭގައި އެހާ އާންމު އެއްޗަކަށް ނުވެފައި، އަގު ބޮޑު އެއްޗަކަށް ވާތީ، ޔޫ.އެސް.އޭ 94ގެ "ހަވީރު ވޯލްޑްކަޕް މެގަޒިން" ވެސް ތައްޔާރުކުރީ ބަނޑޭރިގަނޑު ކުލައިން އަދި އެތެރޭގެ ސަފުހާތައް ކަޅާއި ހުދުންނެވެ.

"ފްރާންސް 98″ގެ "ހަވީރު ވޯލްޑްކަޕް މެގަޒިން"ގެ ބަނޑޭރިގަނޑާއި އެތެރޭގެ ސަފުހާއެއް

"ހަވީރު ވޯލްޑްކަޕް މެގަޒިން" ނެރުމުގެ ތެރޭގައި އެކި ދުވަސްވަރު އެކި ގޮތްގޮތުން މަސައްކަތްކުރި ޓީމުން، މިއަދު އެ މީހުންގެ އަމިއްލަ ނޫހުން "ވޯލްޑްކަޕް މެގަޒިން"ތައް ނެރުން އެއީ "ހަވީރު" އާއިލާގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބޭ ކޮންފަދަ ބޮޑު އުފަލެއްތޯއެވެ؟

ގަތަރު ވޯލްޑްކަޕް މެގަޒިން ނެރުނު "ވަން އޮންލައިން" ޓީމުގައި އިސްކޮށް ހުންނެވީ ސިނާން ޢަލީ އެވެ. "ހަވީރު"ގެ ސީނިއާ ލިއުންތެރިއެކެވެ. އޭނާއަކީ ކުޅިވަރު ނޫސްވެރިއަކަށް ނުވިޔަސް މޮޅު ލިޔުންތެރިއެކެވެ. އެހާމެ މޮޅު ހިންގުންތެރިއެކެވެ. "ވަން އޮންލައިން" ޓީމުގެ ލިއުންތެރިންގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ އިމާދު ލަތީފެވެ. އިމާދަކީ ދުނިޔޭގެ ކުޅިވަރާއި އަދުގެ ދުނިޔެއާ ބެހޭ އެންމެ ގިނަ މައުލޫމާތު ހުންނާނެ އެކަކުކަން ޔަގީނެވެ. "ހަވީރު ވޯލްޑްކަޕް މެގަޒިން"ތަކަށް ވެސް އެންމެ ގިނަ ލިޔުންތައް ލިއުއްވާފައި ވާނީ އިމާދެވެ.

"މިހާރު އޮންލައިން" އިން ނެރުނު ވޯލްޑްކަޕް މެގަޒިނަށް ބަލާއިރު އިސްކޮށް ހުންނެވީ ޒުވާން ކުޅިވަރު ލިއުންތެރިޔާ މުހައްމަދު ހަމްދޫނެވެ. އެ ޓީމުގައި ދެން ހިމެނޭ އެންމެ ތަޖުރިބާކާރު ލިއުންތެރިޔަކީ ނިއުމަތުﷲ އިދުރީސްއެވެ. "ހަވީރު ޓީމު"ގެ ލިއުންތެރިންނެވެ.

"ބޯޅަ އީދު"ގެ ކޮޕީއެއް "އަދަދު އޮންލައިން"ގެ ސީ.އީ.އޯ ހުސެއިން ފިޔާޒު މޫސާ (ކ) މުހައްމަދު ޝަހީބަށް ހަދިޔާކުރައްވަނީ –ފޮޓޯ: އަދިވެސް

"އަދަދު އޮންލައިން" ޓީމުގައި އިސްކޮށް ހުންނެވީ ހުސެއިން ފިޔާޒު މޫސާއެވެ. "ހަވީރު"ގެ ސީނިއާ ލިއުންތެރިއެކެވެ. އޭނާއަކީ ވެސް ކުޅިވަރު ނޫސްވެރިއަކަށް ނުވިނަމަވެސް މޮޅު ހިންގުންތެރިއެކެވެ. އޭނާގެ ޓީމުގައި ހިމެނެނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ޒުވާން ކުޅިވަރު ލިއުންތެރިން ކަމަށްވާ އައްޒާމް އަލިފުޅާއި އިސްމާއިލް އަޒުމީނުގެ އިތުރުން ހަސަން ޝިފާނެވެ.

މި ފަހަރުގެ ވޯލްޑްކަޕް މެގަޒިންތަކުން އަޅުގަނޑަށް އުނިވި ދެ ނަމަކީ ހަސަން އާމިރާއި އަބްދުﷲ އަޒުމީނެވެ. އެ ދެ ލިއުންތެރިންނަކީ ވެސް "ހަވީރު" ޓީމުގައި ހިމެނުނު ތަޖުރިބާކާރު ދެ ލިއުންތެރީންނެވެ. މީގެ ކުރީ ވޯލްކަޕް މެގަޒިންތަކުގައި އިސް ދައުރެއް އަދާކުރި ދެ ލިޔުންތެރީންނެވެ.

ވޯލްޑްކަޕުގެ މެޗުތައް ފަށާތީ އެންމެން ތައްޔާރުވަމުން އައި ނަމަވެސް، އަޅުގަނޑު މިހުންނަނީ ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއްގެ ތެރޭގައެވެ. އަޅުގަނޑުގެ އެންމެ ފޭވަރިޓް ޓީމު، އިޓަލީ އަށް، ގަތަރުން ޖާގައެއް ލިބިފައިނުވާތީއެވެ. އެހެން ނަމަވެސް، ރޮނާލްޑޯ އާއި މެސީ ކުޅޭތީ، މުބާރާތުގެ މެޗުތައް ބަލައިލުމުގެ ޝައުގުވެރިކަން ކުޑައެއް ނޫނެވެ. އެކަމަކު މެޗު ބަލަން އިންނައިރު ލާނީ ކޮން ޖާޒީއެއް ކަމެއްވެސް އަދި ނޭނގެއެވެ. އަޅުގަނޑު މިހާރު މި މަސައްކަތްކުރަނީ ރަހުމަތްތެރިން ހަދިޔާކުރި ވޯލްޑްކަޕު މެގަޒިންތައް ތަފްސީލްކޮށް ކިޔާލާށެވެ. އެއީ ނުކިޔާ ދޫކޮށްލާވަރުގެ މައުލޫމާތުގެ ހަޒާނާއެއް ނޫނެވެ.

އަޅުގަނޑުވެސް ބުނާނީ ހަމަ މިހެންނެވެ. ކޮންމެހެން ވެސް ކޮޕީއެއް މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކުރީން މުހިންމު ނަމަ ވެސް މިހާރު އެއްވެސް މުހިންމެއްނޫނެވެ. އެކި އެޕްތަނުން ވަގުތުން ބޭނުން މެޗެއް ނަތީޖާއާއެކު ބަލައިލެވޭ. މި ޚިޔާލު ޕަބްލިޝް ނުކުރާނެ ކަން ވެސް އެނގޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *