Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: މިއީ ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ހެއްޔެވެ؟

ދިވެހި ރާއްޖެ އަމާންކަންމަތީ ބޭއްވުމަށް ވުރެ ވަކިން މުހިއްމު އެހެން ކަމެއް ނެތް ކަމަށް ވިދާޅުވެ ފުލުހުންނާއި ސިފައިން "ޓެރަރިޒަމާ" ދެކޮޅަށް ހިންގަމުންދާ މަސައްކަތްތަކަށް ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވުމުން ހިތަށް އަރާ ދެތިން ކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ރާއްޖޭގައި އަމާންކަން އޮންނާނީ ފުރަތަމަ ކަމަކަށް ސިޔާސީ ހަމަޖެހުން އޮވެގެންނެވެ. އަދި ދިވެހީންގެ ދީނަށް ބަޔަކު އަޑީގައި ތިބެގެން ކުރުވާ ފުރައްސާރަ ހުއްޓުވިގެންނެވެ. އަދި "އިންޑިއާ އައުޓް" އަކީ ދިވެހީން ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ނޫންކަން ސަރުކާރުން ޤަބޫލްކޮށް، އިންޑިއާ އައުޓަކީ ދިވެހި ރާއްޖެ އާއި ދިވެހީންގެ މިނިވަންކަމަށް އިންޑިއާގެ ސަބަބުން ނޭދެވޭ އަސަރު ކުރާ ކަމަށް ދިވެހީންގެ ބަޔަކު ޤަބޫލް ކުރާތީ އެކަމާ ދެކޮޅަށް ދައްކާ ވާހަކައެއްކަން ސަރުކާރުން ޤަބޫލް ކޮށްގެންނެވެ. އިންޑިއާ އައުޓޭ ބުނުމަކީ ޖިނާއީ ކުށަކަށް ހަދައި، އެއީ ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކަމަށް ބަލައި، އެފަދައިން ބުނާ މީހަކު ހައްޔަރުކުރަން ރައީސްގެ ޤަރާރު ނެރުމަކީ ރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ރާއްޖޭގެ ސަލާމަތަށް އެންމެ ފުރަތަމަ ވިސްނާނީ ދިވެހި ރައްޔިތު މީހާ އެވެ. އެ ރައްޔިތު މީހާ ދިވެހި ޤައުމުގެ މިނިވަންކަން ގެއްލިދާނެހެން ހީވެގެން، އެކަމާ ބިރުން އިންޑިއާގެ ނުފޫޒުން ޤައުމު ސަލާމަތް ކުރުމަށް ގޮވާލައި "އިންޑިއާ އައުޓް" އޭ ބުނުމުން އެހެން ބުނި މީހާ މުޖުރިމަކަށް ހެދުމުން ރާއްޖެ އަށް އޮތް ސަލާމަތްތެރި ކަމެއް ނެތެވެ.

އައްޑޫ ސިޓީގެ ގިނަ އިމާރާތް ތަކެއްގެ ބޭރު ފާރުގައި އިންޑިއާ އައުޓް ޖެހިތާ 24 ގަޑިއިރުތެރޭ އައްޑޫގެ 15 ވަރަކަށް ޒުވާނުން ހައްޔަރުކޮށް، ނިރުބަވެރި ޖަމާއަތަކާ ގުޅިގެން ދިވެހީންގެ ގިނަ ބަޔަކު މަރަން އުޅޭ ކަމުގެ ދައުވާ އެމީހުންގެ މައްޗަށް ކުރަން އުޅުމަކީ ކޮން ފަދަ އިއްތިފާޤެއް ބާވައެވެ؟ ގެރިއަށް އަޅުކަން ކުރާ ހިންދޫންގެ ޤައުމު (އިންޑިއާ)ގެ ދިފާއުގައި އިސްލާމީ މިޤައުމުން ދެބޯގެރި ދުއްވުމަކީ ހަމަ މިޤައުމަށް އެންމެ ސަލާމަތްތެރިކަން އޮތް ގޮތް ބާވައެވެ؟

ރާއްޖޭގައި މިފަހަކަށް އައިސް ދިން އެންމެ ނުރައްކާތެރި ނިރުބަވެރި ހަމަލާ ކަމުގައިވާ ހައެއް މޭގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ އަޑީގައި ކޮންމެވެސް ސިޔާސީ ބަޔަކު ވާނެކަމަށް ދިވެހީންގެ ގިނަ ބަޔަކު ޤަބޫލުކުރާއިރު އެ ހަމަލާގެ އަޑީގައި ތިބި ސިޔާސީ ބަޔަކު ދިވެހި ފުލުހުންނަކަށް މިހާތަނަކަށް ނުހޯދުނެވެ. ނަމަވެސް އައި.އެސް ޖަމާއަތާ ގުޅިގެން ބޮން ގޮއްވަން އުޅުމުގެ ތުހުމަތުގައި އައްޑޫގެ ޒުވާނުން ތަކެއް ހައްޔަރުކޮށް އެމީހުންގެ ހުރިހާ މައުލޫމާތެއް ދާދި އަވަހަށް އެއްކޮށްފިއެވެ. ހޯދަން ބޭނުން ކަމެއް އެބަ ހޯދައެވެ. ކާޕެޓް ދަށަށް ކަހާލަން ބޭނުން ކަމެއް އެދިމާލަށް ކަހާލައެވެ.

ސިޔާސީ ޤަތުލެއް ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލިތާ، ހުސްވި އޮކްޓޯބަރު ދޭކަށް 10 އަހަރު ފުރުނު އިރުވެސް އެބުނާ ސިޔާސީ ބަޔަކު ނުހޯދެއެވެ. ނުވެސް ހޯދޭނެ އެވެ. ހަރުކަށި ފިކުރު މި ބަހާއި، ނިރުބަވެރި ހަމަލާ މި ބަހަކީ ސިޔާސީ ރަނޑާލީން ރައްޔިތުން ގުނބޯ ހައްދަން ބޭނުންކުރާ ދެބަހަށް ވެއްޖެ ނަމަ ރާއްޖެއަކަށް އޮތް ސަލާމަތެއް ނެތެވެ.

އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވެން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވީ މިސަބަބާ ހުރެ ކަމަށް ޤަބޫލް ކުރެވެއެވެ. ސިޔާސީ ޑްރާމާ ޖައްސައިގެން ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ސަރުކާރުން އުޅޭތީ އެވެ. ސިޔާސީ ގޮތުން ޤައުމު އަޅުވެތިވެ ނިމެނީ އެވެ. އިގްތިސޯދީ ގޮތުން ޤައުމު އިންދަޖެހި، ދަރަނިވެރިވެ ބަނގުރޫޓުވަނީ އެވެ. މަސްވެރިން އަތުން މަސްގަނެފައި ލާރި ނުދިނުމާއި، ހަމަ އަގުގައި މަސް ނުގަތުމާއި، ރިސޯޓް ތަކުގައި ދިވެހީން ބިކަވެ، ބޭރު މީހުންގެ ބާރު ގަދަވުމާއި، ރާއްޖޭގެ ސިޔާސީ މައިދާނުގައި ދިވެހީންނަށް ވުރެ އިންޑިއާގެ ބާރުގަދަވުމާއި، ރާއްޖޭގެ ކަނޑާއި ބިމުގެ ސަރަހައްދުން ބައެއް މޮރިޝަސް އަށް ނުވަތަ އިންޑިއާ އަށް ދޫކޮށްލަން ނިންމުމާއި، ރިޒާވްގައި ހުރި ޑޮލަރުކޮޅު ހުސްވާން ކައިރިވުމާއި، ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ދަރަނި ލައްކައިން އިތުރުވަމުން ދިއުމާއި، ލާދީނީ ފިކުރު ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ސަރުކާރުން ކުރާތަން ނުފެނުމާއި، ޝިރުކާ ދެކޮޅަށް ބަސްބުނާ ޝެއިހުން ޖަލަށް ލައި، ޓެރަރިޒަމްގެ ދައުވާ ކުރުމަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދިނުމަށް ގިނަ ރައްޔިތުން ނިންމާނެ ސަބަބުތަކުގެ ތެރެއިން ބައެއް ސަބަބު ކަމުގައި ވެދާނެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން ރޭ ރައީސް ސޯލިހު ފެކްޝަނުގެ މެމްބަރެއް ކަމުގައިވާ ރޮޒައިނާ އާދަމް ހޭން ހުރިތަން ދުށްކަމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވުމުން ބޮޑު މަންޒަރުން ބައެއް ސާފުވެއެވެ. އަދި އެރޭގެ ހަމަލާ އަށް ފަހު ރައީސް ސޯލިހު ޤައުމާ މުހާތަބް ކުރައްވައި ދެއްވި ވީޑިއޯ ޙިތާބް ފެއްޓެވުމުގެ ކުރިން ވަރަށް ސަކަ ގޮތަަކަށް ހިނިފުޅުވަޑުވަން އިންނެވިތަން ފެނުމަކީ ވެސް ބޮޑު މަންޒަރުން ބައެއް ސާފުވާ ކަމެކެވެ. ރައީސް ނަޝީދަކީ އަޅުގަނޑާ ވަރަށް ޚިޔާލް ތަފާތު ބޭފުޅެކެވެ. ނަމަވެސް، އެއީ ޑރ. އަފްރާޝީމް ކަމުގައި ވިއަސް ނުވަތަ ރައީސް ނަޝީދު ކަމުގައި ވިއަސް ސިޔާސީ ޤަތުލަކުން އަވަހާރަކޮށްލުމަކީ ދިވެހި ރާއްޖޭގެ ސަލާމަތަށް އޮތް އެންމެ ރަނގަޅު މަގެއް ނޫނެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނުގައި އައްޑޫ ސިޓީން ހައްޔަރުކުރި އެކަކުގެ އަތުން "ބޮމެއް" ފެނުނު ކަމަށް ދިވެހި އޮންލައިން ނޫހަކުން ރިޕޯޓް ކޮށްފައި ވުމުން އުފެދޭ ސުވާލަކީ އެބުނާ އައި.އެސް ޖަމާއަތުން މިފަދަ ކަމެއް ރާއްޖޭގައި ކުރާނަމަ، އެކަން ކުރާނީ އައްޑޫ މީހުން ބުނާހެން ދެތިން "ދެބޯކެހިން" ލައިގެން ބާވައޭ އެވެ؟ އިންޑިއާ، އެމެރިކާ، އަދި އިނގިރޭސި ވިލާތުން ޗައިނާއާ ދެކޮޅަށް ރާވާ ފިނި ހަނގުރާމައިގެ މެދަށް ދިވެހި ސަރުކާރު ވަދެ، އެކަމުގައި ދެބޯގެރި ދުއްވަން ދިވެހި ރައްޔިތުން ޤުރުބާން ކުރުމަކީ ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ރަނގަޅު މަގެއް ނޫނެވެ.

މީސްމީހުންގެ ގިފިލި ސިއްރުން ބަލައި، އެހުމުން ވައްކަން ކުރުމުގެ ބާރު ޤާނޫނަކުން ހޯދައިގެން ތިބި ދިވެހި ފުލުހުންނަށް ގޭންގު ހަނގުރާމައެއް ނުހުއްޓުވެއެވެ. ޑްރަގު ވިޔަފާރިއާއި ޑްރަގު ބުއިމެއް ނުހުއްޓުވެއެވެ. އަދި ޑރ. އަފްރާޝީމްގެ ގަތުލާއި ރައީސް ނަޝީދަށް ދިން މަރުގެ ހަމަލާގެ ފަހަތުގައިވާ ސިޔާސީ ބައިވެރީން ނުހޯދުނެވެ. ފެންނަ ފެނުމުގައި ކުރެވޭހާ ވެސް ކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިތުރަށް ސުވާލު އުފެދޭ ޒާތުގެ ބަޔާންތައް ނެރެ، ސިޔާސީ ދެބޯގެރި ދުއްވުމެވެ. އައްޑޫގައި އެބުނާ ނިރުބަވެރި ހަމަލާ ދޭން އުޅުނު ތަނެއްވެސް ހާމައެއް ނުކުރިއެވެ. ރައްޔިތުން ބޭނުންވާ މައުލޫމާތު ސިއްރުކޮށްގެން ތިބެ ސަރުކާރާއި ފުލުހުން ދައްކާ ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ޤަބޫލް ކުރާކަށް ދިވެހި ރައްޔިތުންނަކަށް ލާޒިމެއް ނޫނެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 20 ބިލިއަން ނުވަތަ 20 ހާސް މިލިއަން ރުފިޔާގެ ދަރަނި ނަގަން ޖެހުނު ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ. ނަމަވެސް ވެންޓިލޭޓަރުގެ ވައްކަން އޮއްބާލީ އެވެ. ރިސޯޓު ހިންގާ ބޮޑެތި މަހުޖަނުން ދައުލަތަށް ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާ ނުދައްކައި ތިބެ ދުނިޔެ ވަށާ އުދުހި، އިތުރަށް ވިޔަފާރި ކުރަމުންދާއިރު، އަދި ސިޔާސީ ވެރީން ދުނިޔެ ވަށާ ބުރުތަޅަމުން މިލިއަނުން ދުމަށް އަރުވަމުންދާއިރު، ދައުލަތުގެ ޚަރަދު ދެކޮޅު ނުޖެހުމުން ސިޔާސީ ވެރީންނަށް ބޮޑު މުސާރަ ދޭން ފައިސާ ހޯދުމަށް އިތުރުކޮށްލަނީ ރައްޔިތުން އަތުން ނަގާ ޓެކްސް އެވެ! އެކަމާ ނުރުހިގެން ރައްޔިތުން އިހުތިޖާޖެއް ކޮށްފިނަމަ ޖަހާނީ ޕެޕާ ސްޕްރޭ އެވެ.

އަމިއްލަ ދާ އޮހޮރުވައިގެން ދިވެހި މަސްވެރިން ބާނާ މަސްކޮޅަށް ލާރި ނުދީ 26 މިލިއަން ރުފިޔާ ހިފަހައްޓައިގެން ބައެއް ބޮޑެތި ވިޔަފާރިވެރިން ތިބުމުން މަސްވެރީން އިހްތިޖާޖް ކުރުމުން މަސްވެރީންގެ ލޮލަށް، ބޮލަށް ޖަހަނީ ޕެޕާ ސްޕްރޭ ނުވަތަ މިރުސްދުމެވެ. މިއީ ހިކުމަތްތެރި ރައީސްގެ އޯގާތެރި ވެރިކަމުގައި ކަން އޮތްގޮތެވެ. ޓެކްސް ބޮޑުކޮށްފި ނަމަ ތަކެތީގެ އަގު ބޮޑުވެ، ރައްޔިތުން ހާލުގައި ޖެހި، އިގްތިސޯދު ފުނޑިދާނެ ކަމަށް އެމްއެމް.އޭ އިން ލަފާ ދިނުމުން ސަރުކާރަށް ގޯސްވީ އެމް.އެމް.އޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އެއީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން ސިޔާސީ މަޤްސަދެއްގައި ޤަވަރުނަރު ލައްވައި ނެރުއްވި ބަޔާނެއް ކަމަށް ސަރުކާރުން ތުހުމަތު ކުރެއެވެ. ސަރުކާރު ބޭނުންހާ ގޮތަކަށް ބައިތުލްމާލު ތަޅައި ބުރުއްސަނީ އެވެ. ރައީސް އާއި ނައިބު ރައީސް އާއި ހާރިޖީ ވަޒީރު މިލިއަނުން ތަޅައި ބުރުއްސަމުން ދުނިޔެ ވަށައި ބުރުތަޅުއްވަނީ އެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް ވިދާޅުވީ ތެދެކެވެ. ރައްޔިތުން ގުނބޯ ހައްދައިގެން ދެވަނަ ދައުރެއް ރައީސް ސޯލިހަކަށް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެމް.ޑީ.ޕީ އާއި މުޅި ދިވެހި ޤައުމު ވެސް އޮތީ އިބޫ ސޯލިހުގެ ޒައާމަތުގައި ފުނޑުމުގެ މަގުމަތީގަ އެވެ. އެމް.ޑީ.ޕީ އަށް ނިސްބަތްވާ، ރައީސް ނަޝީދު ފެކްޝަނުގެ ބައެއް މެމްބަރުން ވިދާޅުވާ ފަދައިން މިޤަމުގެ މިސްރާބު ހުރީ ވަރަށް ނުރައްކާތެރި ދިމާއަކަށެވެ. ހީވަނީ ދިވެހި ރައްޔިތުން ޤުރުބާންކޮށް، ރައްޔިތުންނާއި ޤައުމު ފުނޑާލާފައި ވިއަސް އިންޑިއާ އެދޭ ގޮތަށް ޤައުމު ކުރިއަށް ގެންދިއުމަކީ އެންމެ މުހިއްމުކަން ހެންނެވެ. މިއީ ދިވެހި ރައްޔިތުންނަށް ކޮށްދޭ ވެރިކަމެއް ނޫނެވެ.