...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: "ދަގޭ" ސަރުކާރު!

އިހުޒަމާނުގައި އައްޑު އަތޮޅުގައި ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ކުކުޅު ގެންގުޅުނު އިރު ރޭގަނޑު އާއްމުކޮށް ކުކުޅު ނިދަން އަރައި އުޅުނީ ގޭގޭގެ ބަދިގެތަކުގެ މައްޗަށެވެ. ބަދިގެތަކުގެ ފުރާޅު ހޫނުވެފައި ނިދަން އަރާމުވާނެތީ ކަމަށް ވެދާނެއެވެ. މިކަމާ ގުޅުވައިގެން އައްޑޫ މީހުން މަޒާޖީ ގޮތެއްގައި ދައްކާ ވާހަކައެއް އޮވެއެވެ. މިގޮތުން ބަދީގޭ ފުރާޅަށް އަރާ ކުކުޅުތަކަށް ވިއްސާރަ ރެއަކާ ދިމާވެއްޖެ ނަމަ ކުކުޅުތަކުގެ އިސް ކުކުޅު ބުނާކަމަށް ވެއެވެ: "ހާސްނުވޭ، މާދަން ދަގޭ އަޅާނީ އެވެ!"

ދަގޭ އެޅުމަކީ ކުކުޅުގެ ބަހުރުވައިން ނަމަ ގެއެއް އެޅުމެވެ. ވިއްސާރަވުމުން ކުކުޅުތައް ތެމޭތީ ކުކުޅުތަކުގެ ވެރި ކުކުޅު މިވައުދުވަނީ ވިއްސާރައިން ރައްކާތެރިވާނެ ގެއެއް އަޅާށެވެ. ނަމަވެސް އަނެއް ދުވަހުގެ އިރު އަރައިގެން ވިއްސާރައިގެ އަސަރު ފިލައިގޮސް، ދުވަހުގެ އެހެން ކަންކަމާ މަޝްއޫލުވުމުން އެއްކަލަ "ދަގޭ" އަޅަން ވީ ވައުދުގެ މަތިން ކުކުޅު-ލީޑަރު ހަނދާނެެއް ނުހުރެއެވެ. ނުވަތަ ހަނދާން ނެތްކަމަށް ހެދިގެން ހުރެއެވެ. މިއީ މިޒަމާނުގެ ވަރަށް ގިނަ ސިޔާސީ ވެރިން ރައްޔިތުންނަށް ވައުދުވާ ގޮތެވެ. ކަމަކާ ޖެހުމުން ވައުދަކަށް ވައުދެއް ވަނީ އެވެ. އަޅައިދޭން ބުނާ "ދަގޭ" ފަހުން ބަދަލުވަނީ ބިލާހަކަށެވެ. ވައުދެއް ނުފުއްދަ އެވެ. ވައުދުމަތިން ހަނދާން ހުރެއެވެ. ނަމަވެސް ވައުދަކީ މިހާރު ފުއްދަން ޖެހޭ އެއްޗެއް ކަމަކަށް ނުވެއެވެ. މަޤާމް ހޯދަން އެއްލާ ނަނަކާއި ބުޅިއަކަށް އެކަން ވެއްޖެއެވެ.

އެމް.ޑީ.ޕީގެ ޗައާޕާސަން ހޮވުމުގެ އިންތިހާބްގައި ފައްޔާޒް އިސްމާއީލާއި ރޮޒައިނާ ކެމްޕެއިން ކުރެއްވީ އެބޭފުޅުން ހޮވިއްޖެ ނަމަ ޕާޓީ "ހިންގާލާނެ" ކަމުގެ ވައުދާ އެކުގައެވެ. އެ ދެ ބޭފުޅުން ވެސް ހޮވިއްޖެއެވެ. އެމް.ޑީ.ޕީ ހިންގާލުމުގެ ބަދަލުގައި ފެންނަނީ ބަލިވަމުންދާ ތަނެވެ. ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް އިއްޔެ ބޭއްވި ދެ ބައި އިލެކްޝަނުން ވެސް އެމް.ޑީ.ޕީ ބަލިވެ އެ ދެގޮނޑި ވެސް ޕީ.ޕީ.އެމް އިން ކާމިޔާބް ކުރުމުން ސަރުކާރަށް ތާއިދު ކުރައްވާ ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފް ވިދާޅުވީ ބައެއް ކަންކަން ރަނގަޅު ކޮށްލާފައި ބަދަހިކޮށް ޖެއްސުމުން ކުރިއަށް ހުރި އިންތިޙާބްތައް އެމް.ޑީ.ޕީ އަށް ކާމިޔާބްވާނެ ކަމަށެވެ. ޕާޓީ "ހިންގާލަން" ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރ (އަދި ޕާރޓީގެ ޗެއާރ ޕާސަން) ފައްޔާޒް އިސްމާއީލް އެވިދާޅުވި ހިންގާލުމެއް ހިންގާލާނީ 2023 ގެ އިންތިހާބާ ދިމާކޮށް ރައްޔިތުން ބޮލަށް އޮއްސާލާ ބިލިއަނުް ރުފިޔާއިން ވޯޓު ގަނެލައިގެން ކަމަށް ވެސް ވެދާނެއެވެ. ހަމަ ގައިމުވެސް އަދި ފެންނަނީ ފައްޔާޒުގެ "ހިންގާލުމުގެ" ވައުދަކީ ވެސް އައްޑޫގެ ކުކުޅު-ލީޑަރުން "ދަގޭ" އަޅަން ވީ ވައުދު ކަހަލަ ވައުދެއްގެ ގޮތުގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ހަތަރު އަހަރު ނިމި ދައުރުގެ އެންމެ ފަހު އަހަރަށް އެޅުނު އިރު މިފެންނަނީ ރައީސް ޔާމީން އެޅުއްވި ހިޔާ ފްލެޓްތައް ހުޅުއްވައި، ޔާމީން އެޅުއްވި ސީޕްލޭން ޓާމިނަލް ހުޅުއްވައި، ވެލާނާ އެއާރޕޯރޓްގައި ޔާމީން އެޅުއްވި ދެވަނަ ރަންވޭ ހުޅުއްވައި، ޔާމީން އެޅުއްވި މަގުން ބްރިޖެއް އަޅުއްވަން އުޅުއްވާ ތަނެވެ. އާކަމެއް ކުރައްވަން އިބޫ ސޯލިހަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. މުޅިން ވެސް މިފެންނަނީ ބައްޕަ ފޮޅުވަތް އަޅައި، ތިކި ޖަހައިދިނުމުން ދަރިފުޅު އެފޮޅުވަތުގެ މަތީގައި ލިޔާތަނެވެ.

އާކަމަކަށް ރައީސް ސޯލިހު ކުރެއްވި ކަމަކަށް މިފެންނަނީ އިންޑިއާ އަށް ޤައުމު އަޅުވެތި ކުރެއްވިތަނެވެ. ހަނިމާދޫ އާއި އުތުރު ތިލަ ފަޅާއި، ލ.ކައްދޫ އާއި އައްޑޫ ސިޓީގައި އިންޑިއާ ސިފައިން ބަނޑަހަޖަހަން ފުރުސަތު ދެއްވިތަނެވެ. އެއަށް ފަހު ރާއްޖޭގެ ހާރީޖީ ވަޒީރަކަށް އިންޑިއާގެ އެޖެންޓެއް ކަމުގައިވާ އަބްދުﷲ ޝާހިދު ލައްވައިގެން ރާއްޖޭގެ ކަނޑުން ބަޔަކާއި ރާއްޖެއަށް ލިބެން އޮތް ފޯޅަވަހީގެ ބިމުން ބައެއް އިންޑިއާ އަށް ނުވަތަ މޮރިޝަސް އަށް ވިއްކާލައްވާތަނެވެ. މިއީ ރައީސް ސޯލިހު ކުރެއްވި އާކަންކަމެވެ!

އެންމެ ބޮޑެތި ވައުދުތައް 2018 ގައި ވެ، އެންމެ ބޮޑު އަނިޔާއެއް ދެއްވީ އައްޑޫ އަށެވެ. އައްޑޫގައި މަސްވެރިކަމެއް ނެތެވެ. އޮތް ތިން ރިސޯރޓުގެ ތެރެއިން ދެ ރިސޯރޓް ބަންދުކޮށްފައި އޮންނަތާ ހަތަރު އަހަރު ވަނީ އެވެ. އައްޑޫ ޒުވާނުން ޑްރަގަށް ގޮސް ހުސްވެ، ގޭންގް ހަނގުރާމާގައި ހަފުސް ވަނީ އެވެ. ވައްކަން އިންތިހާ އަށް ގިނައެވެ. އާވަޒީފާއެއް އައްޑޫގައި ނުއުފައްދައެވެ. އައްޑޫ ހިތަދޫގައި ހުންނަ އެސްޓީއޯގެ މައި އިމާރާތުގެ ފެންވަރު މާލޭގެ ހާބަރު ކަޑައަކަށް ވުރެ ދަށެވެ. އެތަނުގައި ވިއްކަނީ މާލޭ އެސްޓީއޯ އިން ނުވިކިގެން ގެންނަ ބާމުދަލެވެ. އައްޑޫ ސިޓީ އަކީ ބަގީޗާ ސިޓީ އަކަށް ހައްދަވަން ވައުދުވެ ވަޑައިގެން ވެރިކަން ހޯއްދެވި ރައީސް ސޯލިހުގެ ރިއާސީ ދައުރު ނިމޭއިރު ވޯޓަކާ ދިމާކޮށް ވޯޓެއް ހޯއްދަވަން ވަޑައިގަތުން ފިޔަވައި އެހެން ކަމަކު އައްޑު އަކަށް ރައީސް ސޯލިހު ވަޑައެއް ނުގަންނަވައެވެ.

ދުނިޔެ ހިނގަމުންދާ އިރު ކޮންމެ އަހަރަކުވެސް ދަނޑުވެރިންގެ ދުވަސް، މަސްވެރިންގެ ދުވަސް، ޒުނާނުންގެ ދުވަސް، ފަތުރުވެރިކަމުގެ ދުވަސް، ރާއްޖެ އިސްލާމްވީ ދުވަސް ފަދަ ދުވަސްތައް އާދެއެވެ. ދަނޑުވެރިންގެ ދުވަސް އައުމުން ރައީސް ސޯލިހު ބޮޑު ޙިތާބެއް ދެއްވައެވެ. ދިވެހި ދަނޑުވެރިކަން ތަަރައްޤީ ކުރައްވާނެ ވާހަކަ ދައްކަވައެވެ. ނަމަވެސް ސިޔާސަތަކަށް، އަމަލަކަށް ބަދަލެއް ނާދެއެވެ. ދިވެހިން ހަމަ އުޅެން ޖެހެނީ އިންޑިއާގެ ފީފުށާއި، ކުނި ކުކުޅު ބިހާއި، ކުނި ފިޔާ ބޮޑު އަގުގައި ގަނެގެން އެކައިގެންނެވެ. މަސްވެރިންގެ ދުވަހުގައި މަސްވެރިންނަށް ވައުދުވެ ސަނާ ކިޔައެވެ. ނަމަވެސް އަމަލުން ފެންނަނީ ރާއްޖޭގެ މަސްކަނޑުތައް ވިއްކާތަނެވެ. މަސްކަނޑުތަކުގައި ބޭރުގެ މަސްވެރިން ދާ އަޅަނީ އެވެ. ދިވެހިން ބާނާ މަހެއް ނުކިރެއެވެ. ހަމަ އަގެއް ނުދެވެއެވެ.

ޒުވާނުންގެ ދުވަސް އައުމުން ވިދާޅުވަނީ ޤައުމުގެ ކުރިމަގަކީ ޒުވާނުން ކަމަށެވެ. ނަމަވެސް އެވިދާޅުވާ ޒުވާނުންގެ ކުރިމަގު ހުށަހަޅުއްވަނީ އަޅުވެތިކަމަށެވެ. އިންޑިއާގެ އަޅުވެތި ކަމަށެވެ. ފަތުރުވެރިކަމުގެ ދުވަސް އައުމުން އެދާއިރާގެ މަސައްކަތްތެރީންނަށް ސަނާ ވިދާޅުވެއެވެ. އައްޑޫގެ ކުކުޅު-ލީޑަރުން ބުނާ ކަހަލަ "ދަގޭ" އަޅައިދޭން ވައުދުވެއެވެ. ހިންގާލާނެ ކަމަށް ވައުދުވެއެވެ. ނަމަވެސް ދަގެއެއް ވެސް ނޭޅެއެވެ. ހިންގައެއް ވެސް ނުލެވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިދާ ގޮތަށް ދާނަމަ އަދި ދިހަ ވަރަކަށް އަހަރު ފަހުން ގިނަ ރިސޯރޓް ތައް ވާނީ ބޭރު މީހުންގެ ތަންތަނަށެވެ. އަދި އެރިސޯރޓް ތަކުގައި ވަޒީފާ އަދާކުރާނީ ގިނައިން ބިދޭސީންނެވެ. މިހާރުވެސް ރައްޖޭގެ ރިސޯރޓް ތަކުގެ ކޮންޓްރޯލް އޮތީ ބިދޭސީންގެ އަތްމަތީގައެވެ. ދިވެހި ސަރުކާރަށް މިކަން ހައްލު ކުރަން ކުރެވޭނެ އެތައް ކަމެއް އޮވެމެ އެއް ކަމެއް ވެސް ނުކުރެއެވެ.

ރައީސް ސޯލިހު މިފެންނަނީ "ދަގޭ" އަޅަން ވައުދު ވަމުން، ހިންގާލާނެ ކަމަށް ވައުދު ވަމުން، ސިޔާސީ އިތުރުފުޅު ހައްދަވަމުން، ރައްޔިތުންނަށް އޮޅުވާލައަވަމުން ވަޑައިގަންނަވާ ތަނެވެ. ލާދީނީ އަމަލުތައް ރާއްޖޭގައި ހައްދުން ނެއްޓިފައިވާ އިރުވެސް ސަރުކާރުން މިބުނަނީ އިސްލާމްދިނާ ދެކޮޅު އެއްވެސް ކަމަކަށް ރާއްޖޭގައި ފުރުސަރތު ނުދޭނެ ކަމަށެވެ. އެއީ ހަމަ އަނގައިން ބުނެލާ ބަހެކެވެ. އިސްލާމް ދީނާ ދެކޮޅު ހުރިހާ ކަމެއް ވެސް މިފަސްގަނޑުގައި ގިއްކިޔާފައި އެބަ ހިނގައެވެ. އެކަން ހުއްޓުވަން ކުރާ ކަމެއް ކުރަނީ ދުލުންނެވެ. އަމަލަކުން އެއްކަމެއް ވެސް ނުކުރެއެވެ.

ކުރީގެ ރައީސަކު ފޮޅުވަތް އަޅުއްވައި ދެއްވީމައި އެޖެއްސެވި ތިކިތައް، އެއްތިކި އަނެއް ތިއްކާ ގޫލުޅާލައިގެން ފޮޅުވަތް ލިއުއްވުން ނޫންކަމެއް ރައީސް ސޯލިހު ނުކުރައްވައެވެ. ކުރަންވީ ކަންކަމުގެ އޯޑަރު އަންނަނީ އިންޑިއާއިން ޝާހިދަށެވެ. އެއޯޑަރު ރައީސް ސޯލިހަށް ފޯރޮކޮށްދެއްވަނީ މިނިސްޓަރ އަބްދުﷲ ޝާހިދެވެ. މި މިނިވަން ދިވެހި ޤައުމު މިވަނީ އިންޑިއާގެ ސްޓޭޓަކަށް ހަދާފައެވެ. ރައީސް ޔާމިން ސިފަކުރެއްވި ފަދައިން މިޤައުމުގެ ވެރިއަކަށް މިހާރު ހުންނެވީ އިންޑިއާގެ ސްޓޭޓް ތައް ހިންގެވުމަށް ތިއްބަވާ ކަހަލަ ގަވަރުނަރެކެވެ. "ގަވަރުނަރަށް" ސޯލިހަށް އޯޑަރު އަންނަނީ ދިއްލީންނެވެ!

އައްޑޫ ކުކުޅުގެ ވާހަކައިން ފެށުމުން ނިންމާލަންވެސް ރަނގަޅުވާނީ އައްޑޫގެ ވާހަކަ އަކުންނެވެ. އަންނަ އަހަރުގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން ޕީ.ޕީ.އެމް އާއި ޕީ.އެން.ސީގެ ލީޑަރ ރައީސް ޔާމީން މިއަދު އައްޑޫ ސިޓީއަށް ވަނީ ވަޑައިގެންފައެވެ. ޖަލްސާތައް ބާއްވަވާނެއެވެ. ވައުދުތައްވެ ވަޑައިގަންނަވާނެއެވެ. ޔާމިން އަށް ވެސް އަދި ދެން ތިއްބެވި ވެރިންނަށް ވެސް އަޑުއިއްވަން އެބަ ޖެހެއެވެ! އައްޑޫ މީހުން އައްޑުއަށް ބޭނުންވާ ކަންކަމުގެ ވާހަކައިގެ އަޑު ހުރިހާ ލީޑަރުންނަށް އިއްވަން އެބަޖެހެއެވެ.

ހިތަދޫ އިން ހުޅުމީދޫ އަށް ބްރިޖެއް އަޅުއްވައި ދެއްވާނެ ކަމަށް 2018 ގައި ޔާމިން ވެވަޑައިގަތް ވައުދު އަދިވެސް ވައުދެއްގެ ގޮތުގައި އޮތްތޯ ސުވާލު ދަންނަވަން ޖެހެއެވެ. އައްޑޫގެ މީހުން އުޅޭ ހުރިހާ ރަށްތައް އެއްފަސް ކުރުމުގެ ގޮތުންނެވެ. މިސަރުކާރުން ފުއްދައި ނުދިން 8،000 ޓޫރިސްޓް އެނދުގެ ވައުދު ޔާމިން ފުއްދަވައި ދެއްވާނެތޯ ދަންނަވަން ޖެހެއެވެ. ރާއްޖޭގެ ދެކުނުގެ ތަރައްޤީގެ ނާރެހަކީ އައްޑޫ ކަމުގައި ހައްދަވާނަންތޯ ދަންނަވަން ޖެހެއެވެ. އައްޑޫ ގަމުގެ އެއާޕޯޓް ހަޤީޤީ ބައިނަލްއަޤްވާމީ އެއާޕޯޓަކަށް ހައްދަވާނެ ގޮތް ސާފުކުރަން ޖެހެއެވެ. އައްޑޫ އަކީ ހަމައެކަނި ކަކުނި ހިމާޔަތް ކުރަން އޮތް ޗަސްބިމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް މާހެރަ އާއި ކޯހެރަ ފަދަ ރަށްރަށް ތަރައްޤީ ކުރާނެ ގޮތުގެ ތަސައްވުރެއް އޮތްތޯ ދަންނަވަން ޖެހެއެވެ. އައްޑޫ އާއި މުޅި ރާއްޖެއިން އިންޑިއާ އައުޓްކުރައްވާނެ ގޮތް ސާފު ކުރަން ޖެހެއެވެ. ފޯޅަވަހިން ބައެއް ނަމަވެސް ހޯއްދަވައި ދެއްވާނެތޯ ދަންނަވަން ޖެހެއެވެ.

ކޮންމެ ލީޑަރަކަށް ވެސް ވައުދު ވެވިދާނެއެވެ. ފޭކް ލީޑަރުންނަކީ ޤައުމު އަޅުވެތި ކަމަށް ހުށަހަޅައި، ބޭރު ޤައުމު ތަކުން ދަރަނި ނަގައިގެން ރައްޔިތުން ދަރުވާލައި، ޤައުމު ވިއްކާލާ "ޑީލަރުން"ނެވެ. މިޤައުމަށް މިހާރު ބޭނުންވަނީ "ދަގޭ" އަޅައިދޭނެ ކަމަށް ވައުދުވާ ޑީލަރުންނެއް ނޫނެވެ. ވައުދު ފުއްދަން އެނގޭ ލީޑަރުންނެވެ. ހަޤީގަތުގައި ވެސް "ހިންގާލާނެ" ލީޑަރުންނެވެ. އެކަން ކަށަވަރު ކުރަން އައްޑޫ އާއި މުޅި ރާއްޖޭގެ ރައްޔިތުން އެއްވާނެއްގައި ތެދުވަން ޖެހެއެވެ. މިއީ އަހަރުމެންގެ ފަހަރެވެ! ރައްޔިތުންގެ ފަހަރެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *