...

Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 5

މުދަލަކީ މީސްތަކުންގެ ޙަޔާތުގައި މުހިއްމު އެއްޗެއް

މުދަލަކީ ޙަޔާތުގެ މައިނާރެވެ. މީސްތަކުންގެ މެދުގައި އަރާރުމާއި ދެކޮޅުވެރިކަން މުދަލުގެ ސަބަބުން ހިނގައެވެ. ކީރިތި ރަސޫލާ ﷺ މީސްތަކުންގެ މުދާ ރައްކައުތެރިކޮށް ދެއްވުމަށް ދެއްވި އިސްކަމަށް ބަލާލަމާ ހެއްޔެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅު އަޑު އަހާށެވެ!

އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((لَتُؤَدُّنَّ الحُقُوقَ إلى أهْلِها يَومَ القِيامَةِ، حتّى يُقادَ لِلشّاةِ الجَلْحاءِ، مِنَ الشّاةِ القَرْناءِ[1]– ޤިޔާމަތްދުވަހުން ޙައްޤުތައް އޭގެ އަހްލުވެރީންނަށް އަދާކޮށްދެވޭނެކަން ކަށަވަރެވެ. ދަޅުހުރި ކަންބަޅީގެ ކިބައިން ދަޅުނެތް ކަންބަޅިއަށް ވެސްމެއެވެ.))

މިއީ މީސްތަކުންނަށް ކީރިތި ރަސޫލާ ﷺ ދެއްވާ އިންޒާރެކެވެ. އަނިޔާވެރި ނުވާށެވެ! ދުނިޔެ މަތީގައި އެކަމަށް އަދަބު ނުލިބުނު މީހާއަށް ޤިޔާމަތް ދުވަހުން ބަދަލުދެއްވާނެތެވެ. ކީރިތި ރަސޫލާ ﷺ މި ޖެއްސިވި މިސާލުން މި ކަން ރަނގަޅަށް ދޭހަވެގެން ހިނގައްޖެއެވެ.

އަދިވެސް އަޑު އަހާށެވެ! ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((مَن ظَلَمَ قِيدَ شِبْرٍ مِنَ الأرْضِ طُوِّقَهُ مِن سَبْعِ أرَضِينَ[2] -ބިމުގެ ކައިވަތެއްގެ މިންވަރުން ވިޔަސް އަނިޔާވެރިވި މީހާ ޤިޔާމަތްދުވަހުން ހަތް ބިމުން ކަސްތޮޅު އެޅުވޭނެތެވެ.))

ޙައްޤުތަކަށް އަރައިގަތުމަށް ހަދާ ކޮންމެ ޙީލަތަކީ ޣައިރުޞާލިޙު ޢަމަލެކެވެ.

ތިބާގެ ދޫހިނގާ ހިނގުމުގެ ބޭނުން ނުބައި ގޮތުގައި ކޮށްގެން އެހެން މީހެއްގެ ޙައްޤެއް ޖަހައިގަތުމަކީ ބޮޑު އަނިޔާއެކެވެ. އެފަދަ މީހުންނަށް އިންޒާރު ދެއްވާ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إِنَّمَا أنَا بَشَرٌ وَإنَّكُم تَخْتَصِمُونَ إليَّ وَلَعَلَّ بَعْضَكُم أَنْ يَكُونَ أَلْحَنَ بِحُجَّتِهِ مِنْ بَعْضٍ فَأقْضِيَ لهُ بنحْوِ مَا أَسْمًعُ فَمَنْ قَضَيْتُ لَهُ بِشَيْءٍ مِنْ حَقِّ أَخِيهِ فَلَا يأخذْهُ فإنَّما أَقْطَعُ لهُ قِطْعَةً مِنَ النّارِ[3]– ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ އިންސާނަކީމުއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހަށް މަސްއަލަތަކުގައި ޚަޞްމުންގެ ގޮތުގައި އަންނަމުއެވެ. ތިޔަބައިމީހުންގެ ތެރެއިން ބައެއް މީހުން އަނެއްބައިމީހުންނަށް ވުރެ ދޫހިނގާ ޙުއްޖަތް ވަރުގަދަވެދާނެތެވެ. ފަހެ ތިމަންކަލޭގެފާނަށް އިވިވަޑައިގެންނެވި ގޮތަކަށް އެ މަސްއަލަތަކުގައި ތިމަންކަލޭގެފާނު ނިޔާ އިއްވަވަމުއެވެ. ފަހެ އޭނާގެ އަޚާގެ ޙައްޤުން އެއްޗެއް ދިނުމަށް ތިމަންކަލޭގެފާނު ނިޔާ އިއްވެވިޔަސް ފަހެ އޭތި ނުނަގާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނަށް މި ދެއްވުނީ ނަރަކައިން ބުރިވަރެކެވެ.))

ކީރިތި ރަސޫލާ ﷺ މީސްތަކުންނަށް ވަނީ ކެއުންބުއިމުގައި ވެސް އަނިޔާވެރި ނުވުމަށް އަންގަވާ ނަސޭހަތް ދެއްވައިފައެވެ. އެކަލޭގެފާނު ބަޔާންކޮށް ދެއްވާ ގޮތުގައި ޙަރާން ސުވަޔަކީ ކުރާ އަޅުކަންތައް ބާޠިލުކޮށް ފާސިދު ކުރާނެ ޢަމަލެކެވެ.

މާތް ﷲ ރުއްސުންލެއްވި ސަޢުދު ބިން އަބީ ވައްޤާޞުގެފާނު ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. "އަޅުގަނޑަކީ ދުޢާ އިޖާބަ ކުރެވޭ މީހަކު ކަމުގައި ލައްވާ ދެއްވާތޯ ދުޢާކޮށް ދެއްވާށެވެ! އެހިނދު އެކަލޭގެފާނު ސަޢުދުގެފާނަށް ވިދާޅުވިއެވެ. އޭ ސަޢުދުގެފާނޭވެ! ކަލޭގެފާނު ފަރިއްކުޅުއްވާ އެއްޗެހި ޙަލާލު އެއްޗެހިކަމުގައި ހައްދަވާށެވެ! އޭރުން ކަލޭގެފާނުގެ ދުޢާ އިޖާބަ ކުރެއްވޭނެތެވެ. މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ހަމަކަށަވަރުން އަޅާ އޭނާގެ އެތެރެހަށީގެ ތެރެއަށް ޙަރާން ސުވާ އެއްލައިލަތެވެ. އޭނާ ކުރާ އެއްވެސް ހެޔޮ ކަމެއް ސާޅީސް ދުވަސް ވާންދެން ޤަބޫލު ނުކުރެވޭނެތެވެ. ޙަރާން އެއްޗަކުން އަޅާގެ ގައިގައި ޖަހާ މަސްކޮޅު ދަންނައެވެ. އެއަށް އެންމެ އައުލާކަން ބޮޑީ ނަރަކައެވެ."[4]

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((يا أيُّها النّاسُ إنَّ اللَّهَ طيِّبٌ لا يقبلُ إلّا طيِّبًا، وإنَّ اللَّهَ أمرَ المؤمنينَ بما أمرَ بِه المرسلينَ فقالَ يا أيُّها الرُّسُلُ كُلُوا مِنَ الطَّيِّباتِ واعْمَلُوا صالِحًا إِنِّي بِما تَعْمَلُونَ عَلِيمٌ وقالَ يا أيُّها الَّذِينَ آمَنُوا كُلُوا مِنْ طَيِّباتِ ما رَزَقْناكُمْ قالَ وذَكرَ الرَّجلَ يُطيلُ السَّفرَ أشعثَ أغبرَ يمدُّ يدَه إلى السَّماءِ يا ربِّ يا ربِّ ومطعمُه حرامٌ ومشربُه حرامٌ وملبسُه حرامٌ وغذِّيَ بالحرامِ فأنّى يستجابُ لذلِك[5] – އޭމީސްތަކުންނޭވެ! ހަމަކަށަވަރުން ﷲއީ ހުރިހާ ރިވެތި ސިފަތަކެއްގެ ވެރިރަސްކަލާގެއެވެ. އެކަލާނގެ ޙަލާލު ރަނގަޅު އެއްޗެއް މެނުވީ ޤަބޫލު ނުކުރައްވަތެވެ. އަދި ހަމަކަށަވަރުން ﷲ މުއުމިނުންނަށް އަމުރު ކުރައްވަނީ ރަސޫލުބޭކަލުންނަށް  އަމުރުކުރައްވައިފައިވާ ފަދައިންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!" އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. މީހާ ދިގު ދަތުރެއް ކޮށް ހިރަފުހުން ތަތްތެޅި ވަރުބަލިވެފައިވާ ޙާލުގައި ދެ އަތް އުފުލައި އަޅުގެ ވެރި ރަސްކަލާކޮ! އަޅުގެ ވެރިރަސްކަލާކޯއޭ ދަންނަވާއިރު އޭނާ ކާތަކެއްޗާއި ބޯތަކެއްޗާއި އުނުއަންނަ ތަކެތި ޙަރާން އެއްޗެއްސަށް ވާނަމަ އަދި އޭނާއަށް ކާންދެވުނު އެއްޗެހި ޙަރާން އެއްޗެއްސަށްވާނަމަ، ފަހެ އޭނާއަށް އިޖާބަ ދެވޭނީ ކިހިނަކުން ހެއްޔެވެ؟))

ކީރިތި ރަސޫލާ ﷺ ގެ ކުރިފުޅުމަތީގައި އަމާނަތްތެރިކަމާއި ކެއުންބުއިމުގެ ޢިއްފަތްތެރިކަމަށްވުރެ އަގު ބޮޑު ކަމެއް ނުވެއެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((أرْبَعٌ إذَا كُنَّ فِيكَ فَلَا عَلَيْكَ مَا فَاتَكَ مِنَ الدُّنْيَا: حِفْظُ أمانةٍ وصِدْقُ حَدِيثٍ وحُسْنُ خَلِيقَةٍ وعِفَّةُ طُعْمَةٍ[6]– ތިބާގެ ކިބައިގައި ހަތަރު ކަމެއް ހުރިނަމަ ދުނިޔެއިން ތިބާއަށް ބީވެގެންދާ އެހެން އެއްވެސްކަމަކާމެދު ދެރަނުވާށެވެ! އެއީ އަމާނަތަށް ރައްކައުތެރިވުމާއި ތެދު ބަހުން ވާހަކަދެއްކުމާއި ޚުލްޤު ހެޔޮވުމާއި ކާބޯތަކެތި ޢިއްފަތްތެރިވުމެވެ.))

ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ، ((لَأنْ يَأْخُذَ تُرَابًا فَيَجْعَلَهُ فَي فِيهِ خَيْرٌ لَهُ مِنْ أنْ يَجْعَلَ فِي فِيهِ مَا حَرَّمَ اللهُ عَلَيْهِ[7]– ﷲ ޙަރާންކުރައްވައިފައިވާ އެއްޗެއް އޭނާގެ އަނގައަށް ލުމަށްވުރެ އޭނާގެ އަނގައަށް ވެލި އެޅުމުގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.))

ކީރިތި ރަސޫލާ ﷺ ބަޔާންކުރައްވާ ގޮތުގައި އިސްލާމްދީން ޙަރާން ކުރަނީ މީހެއްގެ މުދާ ޙަރާން ގޮތުގައި ކެއުން އެކަންޏެއް ނޫނެވެ. މީގެ އިތުރަށް ދައުލަތުގެ މުދަލުގައި ޖެހުމުގެ ނުބައިކަން މާބޮޑުކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކޮށް ދެއްވައިފައެވެ.

އިސްލާމްދީނުގެ ނަބިއްޔާ ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި ދައުލަތުގެ މުދަލުގެ ޙުރްމަތްތެރިކަން މާ ބޮޑެވެ. އެ މުދާ އިސްރާފު ކުރުމާއި އެ މުދަލަށް ޚިޔާނަތްތެރިވުމާއި އެ މުދާ ނަގައިލުމަކީ ބިރުވެރި ކަމެކެވެ. އެކަމުގެ ޢުޤޫބާތް ބޮޑު ކަމެކެވެ.

އުންމަތުގެ މުދަލުގައި ޖެހުމަކީ، އެ މުދަލަށް ޚިޔަނާތްތެރިވުމަކީ ތިމާ ކުރާ އެއްވެސް ހެޔޮ ޢަމަލަކުން އޭގެ ފާފަ ފުހެވިގެންދާނެ ކުށެއް ނޫނެވެ. ކީރިތި ރަސޫލާ ﷺގެ ބަސްފުޅު އަޑުއަހާށެވެ!

((ކީރިތި ރަސޫލާ ﷺ އަރިހުގައި ޚިދްމަތް އަރުވަން މިދްޢަމު ނަމަކަށް ކިޔާ ކުއްޖަކުު އުޅުނެވެ. ކީރިތި ރަސޫލާ ﷺ ކުރެއްވި ހަނގުރާމައެއްގައި އޭނާގެ ގަޔަށް ތީރެއް ހެރި މަރުވުމުން ރަސޫލާގެ ޞަޙާބީން ރަސޫލާއަށް ތަޢުޒިޔާ ދެންނެވިއެވެ. އެބޭކަލުން ދެންނެވިއެވެ. ކިހާ ރަނގަޅުތޯއެވެ. އޭނާ ވަކިވެގެން އެ ދިޔައީ ޝަހީދުވެގެންނެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ. ޚައިބަރުގެ ދުވަހުގައި އޭނާ ޣަނީމާގައި ޖެހުނުޖެހުމުގެ ސަބަބުން އޭނާ ނަރަކައިގައި އަނދައަނދާ ހުންނާނެތެވެ.))

އޭނާ ޚައިބަރުގެ ދުވަހުގައި ޖެހިފައި ވަނީ ހައެއްކަ އަށެއްކަ ދިރްހަމުގައެވެ. އޭނާ ޝަހީދުވެގެން މަރުވިޔަސް އޭނާ އުންމަތަށް ޚިޔާނަތްތެރިވެފައިވާތީ އޭނާ މި ވަނީ ސުވަރުގޭގެ ނިޢުމަތުން މަޙްރޫމު ކުރައްވައިފައެވެ. އޭނާ އޭގެ ކުރީން ކޮށްފައިވާ މި ޢަމަލުގެ ނުބައިކަން މާ ބޮޑެވެ. އޭނާ ޝަހީދުވުމުން ލިބުނު ހެޔޮ ސަވާބުގެ ބޮޑުކަމާއެކުގައި ވެސް އޭނާއަށް ސުވަރުގެ ނުލިބުނީ މިހެންވެގެންނެވެ. މިއީ މިއަދު ވިސްނައިލުން ވަރަށް މުހިއްމު މަސްއަލައެކެވެ. ދައުލަތުގެ ވެރީން ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވާއިރު މި ބަސްފުޅާމެދު ވިސްނައިލުމަށް އިލްތިމާސް ކުރަމެވެ.

ކީރިތި ރަސޫލާ ﷺ ވާލީއަކު ރަސޫލާ ފޮނުއްވައިގެން ރަށްތަކަށް ގޮސް ޒަކާތު މުދާ ޖަމާކޮށްގެން އައިސް ކީރިތި ރަސޫލާ ﷺ އަށް ދެންނެވިއެވެ. މިހުރީ ޒަކާތަށް ލިބުނު އެއްޗެއްސެވެ. ދެން މި ހުރީ އަޅުގަނޑަށް ހަދިޔާއަށް ލިބުނު އެއްޗެއްސެވެ. އެހިނދު ރަސޫލާ ވަގުތުން ތެދުވެވަޑައިގެން މިންބަރަށް އަރައިވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ. ((މާތް ﷲ ތިމަންކަލޭގެފާނާ ޙަވާލު ކުރެއްވި މަސައްކަތްޕުޅުތަކުން މަސައްކަތެއް ކުރާން މީހުންނާ ޙަވާލު ކުރައްވަމެވެ. އެ މީހާ އެ މަސައްކަތްކޮށްފައި އައިސް ބުންޏެވެ. މިއީ ތިޔަބައިމީހުންގެ އެއްޗެއްސެވެ. އަދި މިއީ އަޅުގަނޑަށް ހަދިޔާއަށް ލިބުނު އެއްޗެއްސެވެ. އޭނާ ތެދުވެރިއެއް ކަމުގައިވާނަމަ އޭއްޗެހި އޭނާގެ ގާތަށް އާދޭތޯ ބަލާން ފަހެ އޭނާގެ ބަފައިގެ ގޭގައި ނިކަން އިނދެބަލާށެވެ! މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. ތިޔަބައިމީހުންކުރެ މީހަކު ޙައްޤު ނޫން ގޮތަކަށް އެއްޗެއް ނަގައިފައިވާނަމަ ޤިޔާމަތް ދުވަހުން ﷲގެ ޙަޟްރަތަށް އެ މީހަކަށް އަންނާން ޖެހޭނީ އޭތި އުފުލައިގެންނެވެ.))

ކީރިތި ރަސޫލާ ﷺ ވަލުދޮރުން ވައްކަންކުރުމުގެ މަގު ބަންދު ކުރެއްވީ މިފަދަ އީޖާބީ ބަސްފުޅުތަކަކުންނެވެ. ހަދިޔާގެ ގޮތުގައި ކުރާ މި ފަދަ ވައްކަންތަކަކީ ރިޝްވަތާއި ފޭރުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްކަން ކީރިތި ރަސޫލާ ﷺ މި ވަނީ ސާފު ޞަރީޙަ ބަހުން ވިދާޅުވެދެއްވައިފައެވެ.

ބަހުގައި ޢަދްލުވެރިވުން

އިސްވެ މި ބަޔާން ކުރެވުނީ ކުރާ ކަންތައްތަކުގައި ޢަދްލުވެރިވުމާ ބެހޭ ވާހަކަކޮޅެކެވެ. އެއަށްފަހު ބުނާ ބަސްބަހުގައި ޢަދްލުވެރިވުމަށް ކީރިތި ރަސޫލާ ﷺ ނަސޭހަތް ދެއްވައިފައިވާ ގޮތަށް ބަލާލަމާ ހިނގާށެވެ! ކީރިތި ރަސޫލާ ﷺ ދުލަށް ރައްކައުތެރިވުމަށް ވަޞިއްޔަތް ކުރައްވައިފައި ވެއެވެ. ޢަދްލުއިންސާފު ޤާއިމު ކުރުމުގައި ދުލުގެ ދައުރު ބަޔާންކުރައްވާ ޙަދީސް ކުރެއްވިއެވެ. ((الْمُسْلِمُ مَن سَلِمَ المُسْلِمُونَ مِن لِسانِهِ ويَدِهِ[8] – މުސްލިމަކީ އޭނާގެ ދުލުންނާއި އަތުން މުސްލިމުންނަށް ސަލާމަތްކަން ދީފައިވާ މީހާއެވެ.))

އިސްލާންދީނަކީ މިއީއެވެ. މީސްތަކުންނަށް އަނިޔާވެރިވުމުގައްޔާއި ގޯނާކުރުމުގައި އޭނާގެ ދުލާއި އަތް މަނާކޮށް ދުރުހެލި ކުރުމެވެ. މީސްތަކުންގެ  ޙަޔާތަށާއި ހަށިތަކަށާއި މުދަލަށާއި އަބުރަށް މާއްދީ އަދި މާނަވީ އެއްވެސް ދުޝްމަނުކަމެއް ނުބޭއްވުމެވެ.

ދުލުން ގޯނާކުރުމާ ދުރުހެލިވުމުގެ މާނައަކީ ނެތިމޮށުމާއި އާޑަފުރައްސާރަކުރުމާއި ދެބައޮޑުވުން ފަދަ ކަންކަމުން މީހުންގެ އަބުރަށާއި ޢިއްޒަތަށް އަރައިގަތުމާ ދުރުހެލިވުމެވެ. ތިމާގެ ދުލުގެ ފަށުވި ޢިބާރާތްތަކުން އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމާ ދުރުހެލިވުމެވެ. މީސްތަކުންގެ ޙައްޤުތައް ނިގުޅައިގަތުމާ އެއްކިބާވުމެވެ. މި ދުލުން އެހެން މީހުންނަށް އަނިޔާވެރިވުމުގައި އެހީވުމާ ދުރަށް ދިޔުމެވެ.

[1]  – أخرجه مسلم (٢٥٨٢)، والترمذي (٢٤٢٠)، وأحمد (٧٩٩٦)

[2]  –  صحيح مسلم  (  1610)

[3]  –  صحيح البخاري ٦٩٦٧  و صحيح أبي داود ٣٥٨٣  و صحيح النسائي ٥٤١٦

[4]  – أخرجه الطبراني في «المعجم الأوسط» (٦٤٩٥)

[5]  – أخرجه مسلم (١٠١٥)، والترمذي (٢٩٨٩)، وأحمد (٨٣٤٨)

[6]  – أخرجه أحمد (٦٦٥٢)، وابن أبي الدنيا والطبراني في الكبير  والبيهقي والهيثمي في مجمع الزوائد 10/ 295

[7]  –  أخرجه البخاري (١٤٧٠)، ومسلم (١٠٤٢)، والنسائي (٢٥٨٩) وأحمد (٧٤٩٠)

[8]  – أخرجه البخاري (١٠)  وأخرجه مسلم (٤٠) و أخرجه الطبراني (١/٣٦٩) (١١٤٢)، والحاكم (٦٢٠٠)، وأبو نعيم في «معرفة الصحابة» (١١٤٦)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *