...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޝާހިދުގެ ކުއްލި އިނގިރޭސި ދަތުރުފުޅާއި ޗާގޯސްގެ ބައެއް ދިވެހިންނަށް ލިބުމުގެ އުންމީދު!

ރައީސް މުހައްމަދު ނަޝީދަކީ ބައެއް ފަހަރު ނުރަނގަޅު ވާހަކަވެސް ދައްކަވާ ބޭފުޅެކެވެ. ނަމަވެސް ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލާގައި ނަޝީދު ދައްކަވަނީ ދިވެހީންނާއި ދިވެހި ޤައުމުގެ ހައްޤުގައި ވަރަށް މުހިއްމު، ތެދު ވާހަކަފުޅު ތަކެކެވެ. ހޮނިހިރު ދުވަހު ޓުވިޓަރގައި ރައީސް ނަޝީދު ރައްޔިތުންނާ ހިއްސާ ކުރެއްވި ލިއުމުގައި އޮތް އެންމެ މުހިއްމު ވާހަކަ އަކީ ފޯޅަވަހި އެކީގައި ދިވެހީންނަށް ނުލިބުނަސް ހަމަގައިމުވެސް ފޯޅޮވަހީގެ 60 ރަށުގެ ތެރެއިން ކޮންމެވެސް އެއް ރަށްތަކެއް ދިވެހީނަށް ލިބެން ޖެހޭނެ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުން އަބަދުވެސް ވަކާލާތު ކުރަމުން އައިސްފައި ވަނީ އިނގިރޭސި ވިލާތުން 2036 ވަނަ އަހަރު ފޯޅޮވަހިން ފޭބުމަށް ފަހު ޗާގޯސް ރިޖްގެ ރަށްތައް ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ބަހާލާ ގޮތަށް ކަމަށެވެ.

މި ދަނޑީވަޅަކީ ރައީސް ނަޝީދުގެ ދައުރުގައި، ނުވަތަ ރައީސް ޔާމީންގެ ދައުރުގައި، ނުވަތަ ޑރ. މުނައްވަރު ބަންޑާރަ ނައިބަކަށް ހުންނެވި އިރު ފޯޅަވަހީގެ މައްސަލާގައި ކުރެއްވީ ކޮން ކަމެއްތޯ ބަލައި މިއަދުގެ ސަރުކާރުން އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިވަގުތު ކުރައްވަން ޖެހޭ ކަމަކީ ކުރީގެ ސަރުކާރުތަކުން ހެދި ގޮތެއް ނުބަލައި މިވަގުތު ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ޗާގޯސް އިން ބައެއް ދިވެހި ދައުލަތަށް ވެސް ލިބޭނެ ގޮތަކަށް މި މައްސަލަ ހައްލުކުރަން އ.ދ އާއި، އިނގިރޭސި ވިލާތާއި، މޮރިޝަސްއާ ވާހަކަ ދައްކަންވީއެވެ.

އަޅުގަނޑު ޤަބޫލްކުރާ ހިތްވާ ގޮތުގައި، އަހަރަކަށް ވުރެ ގިނަ ދުވަހު އެމެރިކާ އާއި ރާއްޖެއިން ބޭރުގެ ދަތުރުތަކުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތްތާ އެންމެ ހަތް ދުވަހުގެ ތެރޭ، ކުއްލި ގޮތަކަށް ޚާރިޖީ ވަޒީރު ޝާހިދު އިނގިރޭސި ވިލާތަށް ރަސްމީ ދަތުރުފުޅެއް ކުއްލިއަކަށް މި ފެއްޓެވީ ޗާގޯސްގެ މައްސަލާގައި އިނގިރޭސި ސަރުކާރުގެ މަސްއޫލުވެރިންނާ ވާހަކަ ދެއްކެވުމަށެވެ. ސަރުކާރުން މިގޮތަށް ވިދާޅުނުވިއަސް މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހޫނުވެފައިވާ ޗާގޯސްގެ މައްސަލަ ދިވެހި ރައްޔިތުން ރުހޭ ގޮތަކަށް ބަދަލުވޭތޯ ވާހަކަ ދެއްކެވުން ކަމުގައި ފެނެއެވެ. ސަރުކާރުން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސް އަށް ދޫކޮށްލަން ނިންމި ނިންމުމާ މެދު ދިވެހި ރައްޔިތުން ވަރަށް ބޮޑުތަނުން ހިތްހަމަނުޖެހޭކަން ސަރުކާރަށް އެނގުމުން މިމައްސަލަ ދެޤައުމަށް ވެސް ގެއްލުންނުވާ ފަދަ ގޮތަކަށް ހައްލުކުރުމަށް ދިވެހި ސަރުކާރުން މަސައަކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

ޗާގޯސް އޮތް ބައިނަލްއަޤްވާމީ ލޮކޭޝަނާއި، އެ ސަރަހައްދުގެ ބޮޑު މިނާއި، އެތާނގައިވާ ބޮޑެތި ބިޔަ 60 ރަށަށް ބަލާއިރު ޗާގޯސްގެ ރަށްތަކުގެ ތެރެއިން 30 ކީއްކުރަން 20 ރަށް ދިވެހި ދައުލަތަށް ލިބުނަސް އެއީ ދިވެހީންގެ އިގްތިސޯދީ އަދި ސިޔާސީ މުއްސަނދިކަން އިންތިހާ އަށް އިތުރުކޮށްދޭނެ ރަންގަނޑެއް ފަދަ ސަރަހައްދެކެވެ. ޗާގޯސްގެ އެއްބައި ނަމަވެސް ދިވެހީންނަށް ނުލިބޭ ގޮތަށް މިމައްސަލަ ނިންމުމަކީ ދިިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާ އެކެވެ. ވެވޭ ނުހަނު ބޮޑު ބޭއިންސާފެކެވެ.

ހަޤީގަތުގައި އިބްރާހިމް މުހައްމްދު ސޯލިހު ރިއާސީ ދެވަނަ ދައުރެއް ހޯއްދެވުމަށް ދިވެހި ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާއިރު ޗާގޯސްގެ މައްސަލަ މިފަދަ ގޮތަކަށް ހައްލު ކުރެވި، ނަޝީދު އެވިދާޅުވާ ފަދަ ގޮތަކަށް ޗާގޯސްގެ ރަށްތައް ބަހާލެވިއްޖެ ނަމަ ރައީސް ސޯލިހަށް އަންނަ އަހަރު ވޯޓުދޭން ދިވެހި ރައްޔިތުންނަށް ތަންކޮޅެއް ފަސޭހަވާނެއެވެ. ޝާހިދުގެ ދަތުރުފުޅަށް ފަހު މިފަދަ ރަނގަޅު ޚަބަރެއް ލިބޭނެ ކަމުގެ އުއްމީދުގައި ގިނަ ދިވެހި ރައްޔިތުންތަކެއް ތިބޭނެކަން ކަށަވަރެވެ.

ފަސް އަހަރަކުން އެއް ފަހަރު ވެރީން ތަކެއް ހޮވަނީ ރައްޔިތުންގެ ހައްގުގައި މިފަދަ ކަން ކަން ކުރުމަށެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ހައްޤު ގެއްލިގެންދާއިރު ދެއަތް އުރާލައިގެން ތިބޭ ނަމަ ވެރީން ހޮވުމުގެ ބޭނުމެއްނެތެވެ. އެފަދަ "ވެރީން" އަދި އަމުދުން ދެވަނަ ދައުރެކޭ ކިޔާފަ ރައްޔިތުން ކައިރިއަށް އަންނާނެ ކަމެއް ނެތެވެ. ވީމާ ރައީސް ސޯލިހުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެސް ބައެއް އެޅޭ ގޮތަށް މިމައްސަލަ ހައްލު ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އެމް.އާރް.އެމް އަދި އެމް.ޑީ.ޕީއާ ވެސް މަޝްވަރާ ކުރުމެއް ނެތި، އަދި ރައްޔިތުންގެ މަޖުލީހުގެ ބަހެއްވެސް ހޯދުމެއް ނެތި، ރައީސް އޮފީހާއި ޝާހިދު ގުޅިގެން އަމިއްލައަމިއްލަ އަށް ކުރަން އުޅުނު މި (ވައް)ކަން ފަޅާ އަރައި، ރައްޔިތުންގެ ނުރުހުމުގެ ހުޅުގަނޑު ފަޅައިގެން ދިއުމަކީ ސަރުކާރަށް ލިބުނު އިންޒާރެކެވެ. އަދި 2023 ވަނަ އަހަރު ނުވަތަ އޭގެ ކުރިން ވިއަސް ވެރިކަމުން ނުބާލަނީސް ޗާގޯސްގެ އެއްބައި ދިވެހީންނަށް ލިބޭ ގޮތަށް މިކަމުގެ ހައްލު ހޯދޭނެއެވެ. ހައްލު ހޯއްދެވުމަށް ފަހު 2023 ގެ ވާހަކަ ދައްކަވަން ރައްޔިތުން އަރިހަށް ވަޑައިގަންނަވާށެވެ.

ޗާގޯސްގެ މައްސަލައަކީ ސިޔާސީ ގޮތުން ޚިޔާލް ތަފާތު އެތައް ބައެއް އެއްގަލަކަށް އަރުވާފައިވާ މައްސަލައެކެވެ. ދިވެހި ޤައުމަށްޓަކައެވެ. ރައީސް ސޯލިހުގެ ސަރުކާރުން މިމައްސަލަ ދިވެހީން އެދޭ ފަދަ ގޮތަކަށް ހައްލު ނުކުރައްވައި 2023 ގެ އިންތިހާބަށް ކުރިމަތި ލެއްވުމަކީ އިންތިޚާބުން ފެއިލްވާނެ ކަމުގެ ބޮޑު ނިޝާނެކެވެ. އެހެންކަމުން ބާކީ މިއޮތް ދިހަ ވަރަކަށް މަސް ދުވަހުގެ ތެރޭގައި ޗާގޯސްގެ މައްސަލަ (ރައީސް ނަޝީދު އެ ވިދާޅުވާ ފަދައިން) ދިވެހި ރާއްޖެ އަށް ބައެއް ލިބޭ ގޮތަށް ހައްލު ކުރައްވަން ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

"ފޯޅަވަހި: ރާއްޖޭގެ ފަޅުރަށެއް"، މިނަމުގައި ރައީސް ނަޝީދު ހޮނިހިރު ދުވަހު އާންމު ކުރެއްވި ލިޔުމުގައި ވިދާޅުވެފައިވާ ގޮތުގައި ތާރީހީ އެކިއެކި ލިޔުންތަކުން ފެންނަ ގޮތުގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ރަށެކެވެ. އިނގިރޭސީންނާއި ފަރަންސޭސީން ފޯޅަވަހި އިސްތިއުމާރު ކޮށްގެން އުޅުނުއިރު އޭގެ ތެރެއިން ބައެއް ރަށްރަށަށް އަޅުންނާއި ބަލިމީހުން ގެންދިޔަ ކަމަށާއި، ނަމަވެސް ފޯޅަވައްސަކީ ޒަމާނުއްސުރެ ދިވެހީންގެ ދަށުގައި އޮތް ފަޅުރަށްތަކެއް ކަމަށާއި، ފޯޅަވަހީގައި ބަޑަހަޖަހައިގެން މަސްވެރިކަން ކުރަމުން އައީ ދިވެހީން ކަމަށް ނަޝީދުގެ ލިއުއްވުމުގައި ވިދާޅުވެފައި ވެއެވެ.

އަދި 1960 ގެ އަހަރުތަކުގެ ފަހުކޮޅު އެމެރިކާގެ އަސްކަރީ މަރުކަޒެއް ހަދަން ޗާގޯސްގެ ރަށްތައް އެމެރިކާ އަށް ކުއްޔަށް ދޭން އިނގިރޭސީން ނިންމުމާ އެކު ޗާގޯސްގައި އިނގިރޭސީން އާބާދުކޮށްގެން ގެންގުޅުނު އަޅުން ގަދަކަމުން އެރަށްތަކުން ބޭލިއެވެ. އެމީހުންނަށް މިހާރު ކިޔައި އުޅެނީ ޗާގޯސިއަނުންނޭ އެވެ. އެގޮތުން ފަނަރަ ސަތޭކަ ވަރަކަށް މިފަދަ މީހުން އެރަށް ތަކުން ގަދަކަމުން ބޭލުނެވެ. ނަމަވެސް މިހާރު ދުނިޔޭގައި ތިބީ އޭގެ ތެރެއިން ހާހަކަށް ވުރެ ވެސް މަދު މީހުންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުން މޮރިޝަސްގައި އަދި އަނެއް ބަޔަކު އިނގިރޭސިވިލާތުގައި ވެސް ދިރި އުޅެމުން ދެއެވެ. އެމީހުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ދާދި ފަހުން ބުނެފައި ވަނީ އިނގިރޭސީން ޗާގޯސް ދޫކޮށްލުމުން އެމީހުންގެ ރަށްތައް އެމީހުންނަށް ލިބެން ޖެހޭނެ ކަމަށާއި މޮރިޝަސްގެ ބަޔަކަށް ޗާގޯސް ހަދައިގެން ތިބޭކަށް އެމީހުން ބޭނުން ނޫން ކަމަށެވެ. މީގެން ވެސް ދޭހަކޮށްދެނީ ޗާގޯސް އަކީ މޮރިޝަސްގެ އެކަނި ތަނެއް ނޫންކަމާއި އެތަނަކީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ބަހަން ޖެހޭ ސަރަހައްދެއް ކަމެވެ.

މާފަންނު މެދު ދާއިރާގެ މަޖުލިސް މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިކަމަށް ވަރަށް އެކަށޭނަ ހައްލެއް ހުށަހަޅުއްވާފައި ވެއެވެ. އެއީ ޗާގޯސިއަނުންގެ ތެރޭގައި މިވަގުތު ތިބި އެއް ހާސް ވަރަކަށް މީހުންނަށް ދިވެހި ރައްޔިތުކަން ދީފައި ޗާގޯސް ދިވެހި ދައުލަތުގެ ބަޔަކަށް ހެދުމެވެ. މިކަން މޮގޮތަށް ފަހަރުގައި ނުވެދާނެއެވެ. ނަމަވެސް ޗާގޯސްގެ ކޮންމެވެސް އެއް ރަށްތަކެއް ދިވެހި ދައުލތަށް ނުލިބޭނެ ގޮތަކަށް މިކަން ނިންމުމަކީ ބޮޑުވެގެންވާ ބޭއިންސާފަކާއި ބޮޑުވެގެންވާ ޖަރީމާއެކެވެ.

ބޮންޑެގެ ހުށަހެޅުއްވުމާ އެއްގޮތަށް ޗާގޯސިއަނުން އެއްބަސް ނުވިއަސް، އަދި މޮރިޝަސް އިން މުޅި ޗާގޯސް އަށް އެކީގައި ދައުވާ ކުރިއަސް، ރައީސް ނަޝީދު އެ ވިދާޅުވާ ފަދައިން އެންމެ އިންސާފުވެރި ގޮތަކީ ޗާގޯސްގެ 60 ރަށް އެއީ ހާއްސަ އިގްތިސޯދީ ސަރަހައްދެއް ކަމުގައި ކަނޑައަޅައި އެރަށްތައް، ނުވަތަ އެސަރަހައްދު، ދިވެހި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ބަހާލުމެވެ. އެއިރުން އެސަރަހައްދުގެ ރަށްތަކުގައި ޓޫރިޒަމްގެ މަޝްރޫއުތައް ހިންގައި، މީހުން އާބާދުވެ، މަސްވެރިކަމާއި އެހެނިހެން ސިނާއަތުތައް ހިންގޭނެއެވެ. މޮރިޝަސްއް އަށްވެސް އެމީހުންގެ ބައިގައި އެފަދަ ވިޔަފާރި ހިންގޭނެއެވެ. ދެޤައުމު ގުޅިގެން، ހާއްސަ އިގްތިސޯދީ ސަރަހައްދެއްގެ ގޮތުގައި ޗާގޯސް ތަރައްޤީ ކުރެވޭނެއެވެ. މިއީ އެންމެ އިންސާފުވެރި، އެންމެ ރަނގަޅު ގޮތެވެ.

ޝާހިދުގެ ކުއްލި އިނގިރޭސި ދަތުރުފުޅަށް ފަހު މޮރިޝަސްއާއި އަދި އެމެރިކާ އާއި ވެސް މަޝްވަރާ ކުރައްވައިގެން ރާއްޖެ އާއި މޮރިޝަސް އާއި ދެމެދު ޑީމިލިޓަރައިޒްޑް އިކޮނޮމިކް ޓެރިޓަރީ (އަސްކަރީ ހަރަކާތް ނުހިންގޭ އިގްތިސޯދީ ސަރަހައްދު) އެއްގެ ގޮތުގައި، ދެޤައުމުން ޗާގޯސް ހިންގުމުގެ ސިޔާސަތެއް ކަނޑައަޅައި އ.ދގެ ރުހުން އެކަމަށް ހޯދުމަކީ މިސަރުކާރަށް ދިވެހި ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަން ކަމަށް މިވަގުތު ބަލަން ޖެހެއެވެ. ރައީސް ސޯލިހު 2023 ބޭނުންފުޅު ތޯއެވެ؟ އަވަހަށް މިކަން މިމަގުން ކޮށްދެއްވާށެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.