Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 4

އަނިޔާވެރިކަމަކީ ތަފާތު ސިފަސިފައިގައި ވާ ކަމެކެވެ. އޭގެ ތެރޭގައި ޢަމަލުން ކުރާ އަނިޔާއާއި ބަހުން ކުރާ އަނިޔާއާއި އިޙްސާސުން ކުރާ އަނިޔާ ވެއެވެ.

ބައެއް މީހުން އެމީހުންގެ ޢަމަލުތަކުން އަނިޔާވެރި ވެއެވެ.

އަނެއް ބަޔަކު އެ މީހުން ބުނާ ބަސްތަކުން އަނިޔާވެރި ވެއެވެ.

އަނެއް ބަޔަކު އެމީހުންގެ އިޙްސާސްތަކުންނާއި ޝުޢޫރުތަކުން އަނިޔާވެރި ވެއެވެ.

ޢަމަލުން ކުރާ އަނިޔާގެ ތެރޭގައި މީހުންގެ ނަފްސަށާއި އަބުރަށާއި މުދަލަށާއި އެމީހުންގެ ޙައްޤުތަކަށް އަރައިގަތުން ވެއެވެ.

ނަފްސަށް ދެވޭ ކޮންމެ ޢުދްވާނަކީ އަނިޔާވެރިކަމެކެވެ. އެކަމުގެ ނުބައިކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((أَوَّلُ ما يُقْضى بيْنَ النّاسِ في الدِّماء- ޤިޔާމަތް ދުވަހުން މީސްތަކުންގެ މެދުގައި އެންމެ ފުރަތަމަ ނިޔާ އިއްވޭނީ ލޭގެ މަސްއަލަތަކާ ބެހޭގޮތުންނެވެ.))

އެކަލޭގެފާނު ސިފަކުރައްވައިފައިވާ ގޮތުގައި މީހެއްގެ ލޭ ޙައްޤަކާ ނުލައި އޮހޮރުވުމަކީ ދުނިޔެ ފަނާވެގެން ދިޔުމަށްވުރެ ބޮޑު ކަމެކެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((لَزوالُ الدُّنيا أَهْونُ على اللَّهِ من قتلِ مؤمنٍ بغيرِ حقٍّ – ޙައްޤަކާ ނުލައި މުއުމިނަކު ޤަތުލުކުރުމަށްވުރެ ދުނިޔެ ނެތިފަނާވެދިޔުން ﷲގެ ޙަޟްރަތުގައި ލުއިކަން ބޮޑުވެގެންވާ ކަން ކަށަވަރެވެ.))

ކީރިތި ރަސޫލާ ﷺ އިންސާނާގެ ޙުރްމަތްތެރިކަމަށް ދެއްވައިފައިވާ ޤަދަރު ކިހާ ބޮޑުތޯއެވެ!

އެއް ދުވަހަކު މަދީނާގެ ބަޔަކަށް މަރައިލައިފައިވާ މީހެއްގެ ހަށިގަނޑު މަގެއް މަތީން ފެނުނެވެ. އޭނާ މަރައިލީ ކާކު ކަމެއް ނޭނގެއެވެ. އެ ހިނދު ކީރިތި ރަސޫލާ ﷺ މީސްތަކުން އެއްކުރައްވާ މިންބަރަށް އަރައިވަޑައިގެން ކޯފާ އިސްކުރައްވާ ވިދާޅުވިއެވެ. ((يَا أَيُّهَا النَّاسُ، يُقْتَلُ قَتِيلٌ وَأَنَا فِيكُمْ وَلَا يَعْلَمُ مَنْ قَتَلَهُ؟! لَوْ اِجْتَمَعَ أَهْلُ السَمَاءِ وَالأَرْضِ عَلَى قَتْلِ امْرِئٍ ، لَعَذَّبَهُم اللهُ، إلَّا أَنْ يَفْعَلَ مَا يَشَاءُ وَ لَأكبَّهُم اللهُ فِي النَارِ- އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނަވަނިކޮށް އޭނާ މަރައިލީ ކާކުކަން ނޭނގޭ ގޮތަށް މީހަކު މަރައިލީ ހެއްޔެވެ؟ އުޑާއި ބިމުގެ އަހްލުވެރީން މީހަކު މަރައިލުމުގައި ބައިވެރިވިޔަސް ﷲ އެ ބަޔަކަށް ޢަޒާބު ދެއްވާނެތެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކު މެނުވީއެވެ. އަދި އެބައިމީހުން މޫނުވަތަށް ނަރަކައަށް ވައްޓައިލައްވާނެތެވެ.))

އެކަލޭގެފާނު، މީހުން މެރުމުގެ ނުބައިކަން ބަޔާންކޮށް ދެއްވައި ޙަދީސް ކުރެއްވިއެވެ. ((يَجيءُ المَقْتُولُ يَوْمَ القِيَامَةِ وَ أَوْداجُهُ تَشْخَبُ دَمًا، آخِذًا رَأْسَهُ بِيَدِهِ وَصَاحِبَهُ بِاليَدِ الأُخْرَى، يَقُولُ: يَا رَبِّ، سَلْ عَبْدَكَ هَذَا فِيمَ قتَلَني- ޙައްޤަކާއި ނުލައި މަރައިލެވުނު މީހާ އޭނާގެ ކަރުގެ މައިނާރުތަކުން ލޭ ފައިބަމުންދާ ޙާލުގައި އެއް އަތުން އެ ބޮލުގައި ހިފައިގެން އަނެއް އަތުން އޭނާގެ ޤާތިލުގެ ގައިގައި ހިފައިގެން ޤިޔާމަތްދުވަހުން ﷲގެ ޙަޟްރަތަށް އައިސް ދަންނަވާނެތެވެ: މި އަޅާގެ ވެރިރަސްކަލާކޮ! މި އަޅާ މަރައިލީ ކީއްވެގެންތޯ އިބަރަސްކަލާނގެ އަޅާއާ ސުވާލު ކުރައްވާށެވެ!))

ކީރިތި ރަސޫލާ ﷺގެ މި ބަސްފުޅާމެދު ނިކަން ވިސްނައިލަމާ ހިނގާށެވެ! އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((لا يقِفنَّ أحدُكم موقفًا يُقتلُ فيه رجلٌ ظلمًا فإنَّ اللَّعنةَ تنزِلُ على كلِّ من حضر حين لم يدفعوا عنه ولا يقِفنَّ أحدُكم موقفًا يُضربُ فيه رجلٌ ظُلمًا فإنَّ اللَّعنةَ تنزِلُ على من حضره حين لم يدفعوا عنه- އަނިޔާވެރި ގޮތުގައި މީހަކު މަރައިލެވޭއިރު ތިޔަބައިމީހުންކުރެ މީހަކު (އެ ކަމާ އަޅައި ނުލައި) އެ ތާނގައި ނުހުންނާށެވެ! ފަހެ ހަމަކަށަވަރުން އެތާނގައި ހުރެ އޭނާ ދިފާޢު ނުކުރި ކޮންމެ މީހަކަށް ލަޢުނަތް ލައްވާނެތެވެ. އަނިޔާވެރި ގޮތުގައި މީހެއްގެ ގައިގައި ތަޅައިގަނެވޭއިރު ތިޔަބައިމީހުންކުރެ މީހަކު (އެ ކަމާ އަޅައި ނުލައި) އެ ތާނގައި ނުހުންނާށެވެ! ފަހެ ހަމަކަށަވަރުން އެތާނގައި ހުރެ އޭނާ ދިފާޢު ނުކުރި ކޮންމެ މީހަކަށް ލަޢުނަތް ލައްވާނެތެވެ.))

ކީރިތި ރަސޫލާ ﷺދެކެވަޑައިގަންނަވާ ގޮތުގައި މީހަކާ ދިމާއަށް ތޫނު އެއްޗަކުން އިޝާރަތްކޮށްލުމަކީ ވެސް އެމީހަކަށް ﷲގެ ޢަޒާބާއި ލަޢުނަތް ޙައްޤުވެގެންދާނެ ކަމެކެވެ. މިހެންވެ ޙަދީސް ކުރެއްވިއެވެ. ((لا يُشِيرُ أحَدُكُمْ إلى أخِيهِ بالسِّلاحِ، فإنَّه لا يَدْرِي أحَدُكُمْ لَعَلَّ الشَّيْطانَ يَنْزِعُ في يَدِهِ فَيَقَعُ في حُفْرَةٍ مِنَ النّارِ- ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އަޚާއާ ދިމާއަށް ހަތިޔާރު ދިއްނުކުރާށެވެ. ފަހެ ފަހަރެއްގައި ޝައިޠާނާ އޭނާގެ އަތުގައި އޮތް ހަތިޔާރުން އޭނާ ޖަރީމާއެއްގެ ތެރެއަށް ކޮއްޕާލައިފާނެތެވެ. ފަހެ އޭރުން އޭނާ ނަރަކައިގެ ވަޅުގަނޑަކަށް ވެއްޓިދާނެތެވެ.))

އެހެން ބަސްފުޅެއްގައި ވެއެވެ. ((مَن أشارَ إلى أخِيهِ بحَدِيدَةٍ، فإنَّ المَلائِكَةَ تَلْعَنُهُ، حتّى يَدَعَهُ- ދަގަނޑުބުރިއެއް އޭނާގެ އަޚާއާ ދިމާއަށް ދިއްކުރި މީހާ އެކަން ހުއްޓައިލުމަށް ދާންދެން މަލާއިކަތުން އޭނާއަށް ލަޢުނަތް ދެއްވާނެތެވެ.))

ތޫނު އެއްޗެއް ހިފައިގެން ބާޒާރުފަދަ ކާރޫބާރޫ ބޮޑު ހިސާބަކަށް ގޮސް އުޅޭއިރު އޭތީގެ ތޫނުކޮޅަށް ރައްކައުތެރިވުމަށް ކީރިތި ރަސޫލާ ﷺ މީސްތަކުންނަށް ނަސޭހަތް ދެއްވައިފައި ވެއެވެ. އެއީ ނޭނގުމެއްގެ ތެރޭގައި މީހެއްގެ ގަޔަށް އޭތި ހެރި އޭނާއަށް ގެއްލުމެއް ލިބިދާނެތީއެވެ.)) އަޅުގަނޑުމެން މުސްލިމުން ވަޅިއެއްފަދަ ތޫނު އެއްޗެއް މީހަކަށް ދޭއިރު މުށްގަނޑު ދިއްކޮށްލަނީ ކައު ރަސޫލާގެ މި އިރްޝާދަށް ތަބާވުމުގެ ގޮތުންނެވެ. ތޫނުކޮޅު ދިއްކޮށްލުމުން ފަހަރެއްގައި މި ކޮޅު އެރިދާނެ ކަމުގެ ބިރަށް ޓަކައެވެ.

އަބުރު ރައްކައުތެރިކުރުން

ނަފްސުގެ ޙުރްމަތްތެރިކަމާ އެއްފަދައިން އަބުރާއި ނަފްސުގެ ޢިއްޒަތާއި ކަރާމަތްތެރިކަން ރައްކައުތެރިކުރެއްވުމަށް ކީރިތި ރަސޫލާ ﷺ މަސައްކަތްޕުޅު ކުރައްވައިފައި ވެއެވެ.

އެއްދުވަހަކު އަރަތްބަކުކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައިސް ޢަރަބީންގެ ބަދަވީ ޠަބީޢަތާ އެއްގޮތަށް ސާފު ސީދާ ބަހުން، ޒިނޭކުރުމުގެ ހުއްދަ ދެއްވުމަށް އެދި ދެންނެވިއެވެ.

އޭނާއަކީ ޝަހްވަތްތެރިކަމުގެ ޖަޒުބާތުގައި ކެކި އުތުރިއަރައިފައިވާ، ޞިއްޙަތު ރަނގަޅު، ދުޅަހެޔޮ ޒުވާނެކެވެ. އޭނާ ކީރިތި ރަސޫލާ ﷺ ގެ އަރިހަށް އައީ މި ކަމަށް ހުއްދަ ލިބޭތޯއެވެ. އޭނާއަށް އެއީ އިސްލާމްދީން ޙަރާންކުރާ ކަމެއްކަން އެނގޭ އިރުގައި ވެސްމެއެވެ.

ކީރިތި ރަސޫލާ ﷺ މި ކަމުގެ ނުބައިކަން އޭނާއަށް ސާފުކޮށް ދެއްވީ ވަރަށް ވަސޭހަތްތެރި ގޮތަކަށެވެ. އޭނާގެ އަޑު އައްސަވައިފައެވެ. އޭނާ ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ގެންނަވައި އޭނާގެ ކޮނޑުގައި އެކަލޭގެފާނުގެ މާތް އަތްޕުޅުން ފިރުމައިލައްވައިފައި އޭނާގެ ކަންފަތް ކައިރީގައި އޭނާގެ ސުވާލަށް ސުވާލުތަކަކުން އިޖާބަ ދެއްވިއެވެ.

ތިބާގެ މަންމައާއެކު މީހަކު ޒިނޭ ކުރާން ތިބާ ރުހޭނަން ހެއްޔެވެ؟

އޭނާ ނޫނެކޭ ދެންނެވިއެވެ.

ތިބާގެ އަނބިމީހާއާއެކު މީހަކު ޒިނޭކުރާން ތިބާ ރުހޭނަން ހެއްޔެވެ؟

އޭނާ ނޫނެކޭ ދެންނެވިއެވެ.

ތިބާގެ އުޚްތަކާއެކު މީހަކު ޒިނޭކުރާން ތިބާ ރުހޭނަން ހެއްޔެވެ؟

އޭނާ ނޫނެކޭ ދެންނެވިއެވެ.

ތިބާގެ އަންހެން ދަރިއަކާއެކު މީހަކު ޒިނޭކުރާން ތިބާ ރުހޭނަން ހެއްޔެވެ؟

އޭނާ ނޫނެކޭ ދެންނެވިއެވެ.

އެހިނދު ކީރިތި ރަސޫލާ ﷺ ވިދާޅުވިއެވެ. އޭ ޢަރަބި އަޚާއޭވެ! އެ ގޮތަށް މީސްތަކުންވެސް އެބައިމީހުންގެ މައިންނާއެކު، އެބައިމީހުންގެ އަނބީންނާއެކު، އެބައިމީހުންގެ އުޚްތުންނާއެކު، އެބައިމީހުންގެ އަންހެން ދަރީންނާއެކު މީހަކު ޒިނޭކުރާކަށް ނުރުހޭނެއެވެ.

މިއަށްވުރެ ރިވެތި ގޮތަކަށް އަދަބުވެރި ގޮތަކަށް މީހަކަށް ނަސޭހަތް ދެވިދާނެ ހެއްޔެވެ؟ މީހަކަށް ވަސޭހަތްތެރިވެވިދާނެ ހެއްޔެވެ؟

އެހިނދު އޭނާ ﷲގެ ރަސޫލާގެ އަރިހުން އެދުނީ އޭނާ ޢިއްފަތްތެރިކޮށް ދެއްވުމަށް މާތްﷲއަށް ދުޢާކޮށް ދެއްވުމަށެވެ. ފާސިޤުކަމާ ދުރުކޮށްދެއްވުމަށް ދަންނަވައި ދެއްވުމަށެވެ.

އެހިނދު ކީރިތި ރަސޫލާ ﷺ ގެ އޯގާވެރި މާތް އަތްޕުޅުން އޭނާގެ މޭމަތީގައި ބީއްސަވައި އޭނާގެ އެދުމާ އެއްގޮތަށް ދުޢާކޮށް ދެއްވިއެވެ. މި ދުޢާފުޅުގެ ސަބަބުން އޭނާގެ ނަފްސު އެންމެ ބޮޑަށް ނަފްރަތްތެރިވި ކަމަކަށް ޒިނޭކުރުން ވެގެން ދިޔައެވެ.

ތިބާއަށް ދެވޭ އެއްވެސް ޢުދްވާނަކަށް އަދި ތިބާއާ އެކުގައިވާ މީހަކަށް ދެވޭ އެއްވެސް ޢުދްވާނަކަށް ތިބާ ނުރުހޭނެކަން ކަށަވަރެވެ. އެހެންކަމުން އެފަދަ ކަމެއް ތިބާ ވެސް އެހެން މީހަކަށް ކޮށްގެން ނުވާނެއެވެ. މި ކަމުގައި ހިފަހައްޓަން ޖެހޭ މީޒާނަކި އަދި މީޔާރަކީ މިއެވެ. ތިބާ ނުރުހޭކަމެއް އަނެކާއަށް ކުރުމަށް ނުރުހުމެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *