މާތް ރަސްކަލާނގެ އިންސާނުންނަށް ދެއްވި އެންމެ ބޮޑު އެއް އަމާނާތަކީ ދަރިންނެވެ. އެއީ އެއްވެސް މީހަކު ހިތުހުރި ގޮތެއް ހަދަން ދެއްވި ނިޢުމަތެއް ނޫނެވެ. މިއަދު އެ ދަރިންނާ މެދު ކަންތައް ކުރާ ގޮތުގެ ހިތި ސަޒާ މާދަމާ ތިބާ ދެކޭނެކަން ކަށަވަރެވެ. ދަރިންނަށް ހަރަދު ކުރުމާއި ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދިނުމަކީ އިސްލާމްދީން އެކަމަށް ބާރުއަޅާ ކަންކަމެވެ.
ވަރިކުރުމަށްފަހު ދަރިން ފެންނަނީ ހަމައެކަނި މީހުންގެ ލޯތަކަށް ދައްކާލަން ފޮޓޯއެއް ނަގާލާކަށް ނޫނެވެ. ވަރިކުރުމަށްފަހު ދަރިން ފެންނަންވީ ސޯޝަލް މީޑިއާގައިވާ ލޯބި އިޝްތިހާރު ކޮށްލާކަށް ނޫނެވެ. ވަރިކުރުމަށްފަހު ދަރިން އެއީ މަހަކު އެއް ފަހަރު ނޫނީ އަހަރަކު އެއް ފަހަރު ހާލު ބަލާލަން ގުޅާލަން ތިބި ބައެއް ނޫނެވެ. ވަރިކުރުމަށްފަހު ދަރިންނަކީ ކޯޓުން އަމުރުކޮށް ގަދަބާރުން ހަރަދު ހޯދަން ޖެހޭ ބައެއް ނޫނެވެ.
ވަރިކުރުމަށްފަހު ދަރިންނަށް އެއްޗެއް ދޭން ޖެހިއްޖެނަމަ ޢާއިލާ އެންމެންނާއި އިނދެގެން އުޅޭ އަނބިމީހާ އާއި އެއްބަނޑު އެންމެންގެ ރުހުން ހޯދައިގެން ނޫނީ ދިނުން އެއީ ދީނުގައި އަންގަވާފައިވާ ގޮތް ތޯއެވެ؟
ވަރިކުރުމަށްފަހު ދަރިންގެ ހުރިހާ ޒިންމާއެއް އެޅެނީ މަންމަގެ ބޮލުގައި ހެއްޔެވެ؟ ހީވާ ކަހަލައެވެ. ތިމަންނާއަށް ދަރިންނާ މެދު ކަންތައް މި ކުރެވެނީ އެންމެ ފުރިހަމައަށެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި އެ ކުދިންނަށް ބޭނުންވާ އެތައް ކަމެއް މަޙްރޫމްކުރަންޖެހެނީ ކާކުގެ ސަބަބުން ހެއްޔެވެ؟ އެކަކު ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ވާނެކަމެއް އޮންނާނެ ހެއްޔެވެ؟
ދަރިންނަށް ގަނެދޭ ކުޅޭ އެއްޗަކުން ނުވަތަ މެޓާ ޕެކެޓަކުން އެކުދިންނަށް ދޭންވާ ތަރުބިއްޔަތު ދެވުނީ ހެއްޔެވެ؟ އެއިރުން އެކުދިންނަށް އަޅާލައި ހަރަދު ކުރެވުނީ ހެއްޔެވެ؟ ދަރިން ހެދި ބޮޑުވަމުން އަންނައިރު އެކުދިންނަށް ބޭނުންވާނެ އެތައް ކަމެއް ހުންނަކަން ނުވިސްނެނީއެއް ނޫނެވެ.
އެ ދަރިންގެ އުފާތަކަށްވުރެ ތިމާގެ އުފަލާއި އެހެން މީހުންގެ އުފާކޮށްދިނުމުގައި އުޅޭއިރު ތިމާގެ ހަލާލު ދަރިން ތިބި ހާލާ މެދު ވިސްނުން އެއީ ނެތް ކަމެއްހެއްޔެވެ؟ އެއީ މާތް ރަސްކަލާނގެ އަށް ބިރުވެތި ވާންޖެހޭނެ ސަބަބެއް ނޫން ހެއްޔެވެ. އެއީ މާތް ރަސްކަލާނގެ ހަޞްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ ކަމެއްނޫން ހެއްޔެވެ؟ އެކަމަށް އިހްމާލުވެފައި އެ ދުވަހަކުން ދޭނެ ޖަވާބެއް އޮންނާނެ ހެއްޔެވެ؟
ދަރިންނާމެދު މިއަދު ކަންތައް ކުރި ގޮތަކަށް މާދަމާ އެދަރިން ތިބާއާ މެދު ކަންތައް ކުރާނެއެވެ. ދަރިންގެ ހައްޤުތައް ފުރިހަމަ އަށް އަދާނުކުރެވޭ ނަމަ އޭގެ ހިތި ދެ ދުނިޔޭގައިވެސް އެ މީހަކު ދެކެން ޖެހޭނެއެވެ.
ދަރިންގެ ވާޖިބުތަކާއި ޒިންމާ އޭގެ ރަނގަޅު ގޮތުގައި އަދާކޮށްނުދެވޭ ހާލުގައި އެ ދަރިންގެ ހިތުގައި އަޅާނެ ވޭނާއި އަސަރު އިޙްސާސްވެސް ނުކޮށްލެވެއެވެ.
ދަރިންނަކީ ކުޅެން ގެންގުޅޭ އެއްޗަކަށް ނުހަދާށެވެ. ދަރިން އުޅޭ ހިތްދަތި ހާލާއި އެކުދިން ކުރާ ޝަކުވާއާއި ރޯރުއިން ފެންނާނީ އެކުދިންގެ ގާތުގައި އުޅޭ މީހަކަށެވެ. ދުރުގައި މަންޒަރު ބަލަން ތިބޭއިރު ހަޤީޤީ މަންޒަރެއް ނުފެންނާނެއެވެ.
ދަރިންނާ މެދު ވެވޭ ކިތަންމެ ކުޑަ އިޚްމާލަކުންވެސް މުޅި އުމުރަށް ތިމާ ރޮއެ ހިތާމަކުރަން ޖެހިދާނެކަން ދަންނާށެވެ. ދުނިޔެ އޮތީ އެވެ. ބަލި އެނދުގައި އޮށޯންނަ ދުވަހުން ދަރިންގެ ބޭނުން އެނގިދާނެއެވެ. އެދުވަހަކުން އިޙްސާސް ވާނެއެވެ. ދެރަވާނެއެވެ. އަސަރު ކުރާނެއެވެ. ހިތްދަތިވާނެއެވެ. ވިސްނޭނެއެވެ. ފަހަރުގައި ވަގުތުވެސް ފާއިތުވެދާނެއެވެ.
ދަރިންނާ މެދު އިޙްމާލްވެފައިވާ މައިންބަފައިންނޭވެ. އެ ދަރިންގެ ޒިންމާތަކާއި މެދު ވިސްނާލާށެވެ. އެއީ މާތް ރަސްކަލާނގެ އަހަރެމެންގެ ބޮލުގައި އެޅުއްވި ވަރަށް ބޮޑު ޒިންމާއެކެވެ. އެޔަށް ހިޔާނާތްތެރި ނުވާށެވެ. އެ ކުދިންގެ ހައްޤުތައް ފުރިހަމައަށް އަދާ ކޮށްދޭށެވެ. މާތް ރަސްކަލާނގެ އަށް ބިރުވެތިވާށެވެ.



advertisment