...

Support Us

ޢަދުލު އިންސާފު… މާތް ރަސޫލާގެ ޝަރީޢަތް- 2

މުޙައްމަދުގެފާނުގެ ކިބައިން ފުރިހަމައަށް އިންސާފު ނުލިބުނުނަމަ އިންސާފު ލިބޭނީ ދެން ފަހެ ކާކުގެ ކިބައިން ހެއްޔެވެ؟ އެކަލޭގެފާނު ފޮނުއްވުނީ ޢަދްލުއިންސާފު ޤާއިމު ކުރެއްވުމަށެވެ. ބޮޑު އެތި ކުޑަ އެތި ކަމުންދިޔަ ދުނިޔެ ޢަދްލު އިންސާފުގެ ވެށްޓަށް ރުޖޫޢަ ކުރެއްވުމަށެވެ.

އެކަލޭގެފާނުގެ ޠާހިރު ޠަބީޢަތުގެ ނާރުތަކުގައި ލޭ ހިނގާ ގޮތަށް ހެވާއި ލާބަ، މާތްކަމާއި މަތިވެރި ސިފަތަކުގެ ލޭ އެކަލޭގެފާނުގެ ނަފްސުގައި ހިނގައެވެ.

މުޙައްމަދުގެފާނު ޢަދްލުވެރިވެ ވަޑައިނުގަންނަވާނަމަ ޢަދްލުވެރި ވާނީ ފަހެ ކާކު ހެއްޔެވެ؟

އެކަލޭގެފާނު ޢަދްލުވެރިވެ ވަޑައިނުގަންނަވާނަމަ އެއީ އެކަލޭގެފާނުގެ ޠަބީޢަތާ އަރާރުންވާނެ ކަމެކެވެ.

މުޙައްމަދުގެފާނަކީ އެކަލޭގެފާނުގެ ފިޠުރަތާ އެއްކިބާވެ ވަޑައިގަންނަވާނެ އިންސާނެއް ނޫނެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅު ((ތިމަންކަލޭގެފާނު ޢަދްލުވެރިވެ ވަޑައިނުގަންނަވާނަމަ ދެން ފަހެ ޢަދްލުވެރިވާނީ ކާކު ހެއްޔެވެ؟)) ގެ މުރާދަކީ މިއެވެ.

މުޙައްމަދުގެފާނު އިމްތިޔާޒުތަކާ ދުރުހެލިވެވަޑައިގެންނެވީ ޢަދްލު އިންސާފަށް ޓަކައެވެ.

އެކަލޭގެފާނަކީ ތަވާޟުޢުވެރި މީހެއްކަމަށް ހެދިވަޑައިގެން އުޅުއްވި ބޭކަލެއްނޫނެވެ.

އަނިޔާވެރިވާ މީހާއަށް މާތް ﷲ ޢިޤާބުދެއްވާ ގޮތަށް މުޙައްމަދުގެފާނަށް ވެސް މާތް ﷲ ޢިޤާބު ދެއްވާނެކަން ދެނެވަޑައިގަންނަވައެވެ.

އެއްދުވަހަކު އެކަލޭގެފާނު ކޮންމެ ވެސް ކަމެއް ކުރައްވަން ވެގެން އެކަލޭގެފާނުގެ ޚާދިމަކު ފޮނުއްވިއެވެ. އޭނާ މުޅި ދުވަސް ކަހަލަ ގޮތަކަށް ބޭރުގައި ހޭދަކުރިއެވެ.

ރަސޫލާ އިންސާނަކަށް ވާތީ އޭނާ ލަސްވުމުން އެކަމާމެދު ނުރުހުން ފާޅުކުރެއްވިއެވެ. މީސްތަކުން ހީ ކުރީ އޭނާ އައުމުން އޭނާއަށް ވަރަށް އެއްޗެހި ވިދާޅުވެ އަދަބު ދެއްވާނެ ކަމަށެވެ.

އޭނާ އެނބުރި އައުމުން އެކަލޭގެފާނުގެ ސިވާކު ދަނޑިކޮޅު އޭނާގެ މޫނާ ކައިރިކޮށްލައްވައިފައި ވިދާޅުވިއެވެ. "ﷲ ތިމަންކަލޭގެފާނުގެ ކިބައިން މި ކަމަށް ޤިޞާޞު ނުހިއްޕަވާނެނަމަ މީތިކޮޅުން ތިބާއަށް ތަދުވާވަރަށް ޖެއްސެވީމުހެވެ."

ނިކަން ބައްލަވާށެވެ! ސިވާކަކީ ކުޑަކުޑަ ދަނޑިކޮޅެކެވެ. ދަތް އުނގުޅާން ބޭނުންކުރާ ކުޑަކުޑަ ބުރުހެކެވެ. ކިރުބޯ ކުއްޖެއްގެ ގައިގައި އެ އެތިކޮޅުން ސަތޭކަ ފަހަރު ޖެއްސަސް އެ ކުއްޖާއަށް ތަދެއް، ވޭނެއް ނުލިބޭނެތެވެ.

އެހެނަސް ކީރިތި ރަސޫލާ ﷺ ކޯފާ ދިރުވައިލެއްވިއެވެ. އެ ކުއްޖާގެ ގައިގައި ޖެއްސެވުމާ ދެކޮޅުހެއްދެވިއެވެ. އެ ކުއްޖާއާ ދިމާއަށް ނުރުހުމުގެ ގޮތުން އެއްޗެއް ވިދާޅުވުމާ ދެކޮޅު ހެއްދެވިއެވެ. ކީއްވެގެންތޯއެވެ؟

ﷲގެ ޤިޞާޞު ދެކެ ބިރުފުޅުންނެވެ.

ކީރިތި ރަސޫލާ ﷺ ޢަދްލުވެރިކަމާއި އިންސާފުގައި ހިފަހައްޓަވަނީ އެކަލޭގެފާނުގެ ހިތްޕުޅުތިރިކަން ދައްކަވާކަށް ނޫނެވެ. އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން ހާމަކުރައްވާކަށް ނޫނެވެ. ވެރިކަމުގެ ލައްޒަތުން އަރާމު ޙާޞިލު ކުރައްވާކަށް ނުމެނޫންމެއެވެ. އެހެނަސް ޢަދާލަތްތެރިކަން  މަތިވެރިކުރެއްވުމަށް ޓަކައެވެ. މީސްތަކުންނަށް ޢަދާލަތުގެ މުހިއްމުކަން އަންގަވާދެއްވާށެވެ. އެންމެން ވެސް ޢަދްލު އިންސާފު ޤާއިމުކުރާން ޖެހޭނެކަން ބަޔާންކޮށްދެއްވާށެވެ. ޙަޔާތުގެ ތަރާދަކީ ޢަދްލު އިންސާފު ކަމުގައި ވާތީއެވެ. މި ތަރާދުގެ ތިލަފަތަށް ބުރުލެއް އަތުވެއްޖެ ނަމަ ޙަޔާތަށް ގެއްލުން ލިބޭނެތީއެވެ. ޙަޔާތަށް މުޞީބާތަކާ ކުރިމަތި ވެދާނެތީއެވެ.

އެކަލޭގެފާނު މީސްތަކުންނަށް ޢަދްލުވެރި ވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އެކަލޭގެފާނު ހައްދަވައިފައި ވަނީ މި ކަމަށް ޓަކައި ކަމުގައިވާތީއެވެ. އެކަލޭގެފާނު ޢާލަމުތަކަށް ފޮނުއްވުނީ މި މަޤްޞަދަށް ޓަކައި ކަމަށް ވާތީއެވެ.

ޢަދްލުވެރިކަމުގެ ތަޞައްވުރު

ކީރިތި ރަސޫލާ ﷺ ޢަދްލުވެރިކަން ތަޞައްވުރުކޮށް ދެއްވާ ގޮތަށް ނިކަން ބަލާލަމާހެއްޔެވެ؟ އެއީ އިންސާނުންގެ ގައިގައި ހުންނާން ޖެހޭ މާތް ސިފައެކެވެ. އަދި އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޚުލުޤުފުޅުތަކުގެ ތެރޭގައި ހިމެނޭ ޚުލުޤުފުޅެކެވެ. އެއީ އެކަލާނގެ މާތް ޒާތުފުޅަށް ކަށަވެތި ކުރައްވައިފައިވާ މަންހަޖެއް ވެސްމެއެވެ. ﷲ ޢައްޒަ ވަ ޖައްލަ ޤުދްސީ ޙަދީސެއްގައި ވަޙީ ކުރެއްވިއެވެ. ((يَا عِبَادِي إنِّي حَرَّمْتُ الظُلْمَ عَلَى نَفْسِي وَجَعَلتُهُ بَيْنَكم مُحرَّمًا فَلَا تَظَالَمُوا- އޭ ތިމަންރަސްކަލާނގެ އަޅުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިމަންރަސްކަލާނގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި އެ ކަން ޙަރާންކަމެއް ކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރި ނުވާށެވެ!))

އެކަލާނގެ އެދިވޮޑިގަންނަވާ ކޮންމެ ކަމެއް ކުރައްވާ ރަސްކަލާނގެ އެކަލާނގެ މަތިވެރި ޒާތުފުޅަށް އަނިޔާވެރިކަން ޙަރާންކުރެއްވުމުން އަނިޔާވެރިކަމަކީ ބޮޑު ކުށެއްކަން އެނގިގެންދެއެވެ. މިހެންވެ އިންސާނިއްޔަތުގެ ރަސޫލާ އަނިޔާވެރިކަމާ ދުރުހެލިވުމަށް ގޮވައިލެއްވިއެވެ.

އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. ((اِتَّقًوا الظُلْمَ، فإنَّ الظُلْمَ ظُلُمَاتٌ يَوْمَ القِيَامَةِ- ތިޔަބައިމީހުން އަނިޔާވެރިކަމަށް ރައްކައުތެރިވާށެވެ! ފަހެ ހަމަކަށަވަރުން އަނިޔާވެރިކަމަކީ ޤިޔާމަތް ދުވަހުން އަނދިރިތަކެކެވެ."

ކީރިތި ރަސޫލާ ﷺ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((اتَّقِ دَعْوَةَ المَظْلُومِ؛ فَإنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ- ތިޔަބައިމީހުން އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ރައްކައުތެރިވާށެވެ! ފަހެ ހަމަކަށަވަރުން އޭނާގެ ދުޢާއާއި ﷲގެ ޙަޟްރަތާ ދެމެދުގައި ހުރަހެއް ނެތެވެ.))

މި މަޢުޟޫޢުގައި އިތުރަށް ޙަދީސް ކުރެއްވިއެވެ. ((وَدَعْوَةُ المَظْلُومِ، يَرْفَعُهَا اللهُ تَعَالَى فَوْقَ الغَمَامِ، وَتُفْتَحُ لَهَا أَبْوَابُ السَمَاءِ، وَيَقُولُ الرَبُّ تَبَارَكَ وَتَعَالَى: وَعِزَّتِي لَأَنْصُرَنَّكَ وَلَوْ بَعْدَ حِينٍ- އަނިޔާލިބިފައިވާ މީހާގެ ދުޢާ ﷲ ތަޢާލާ ވިލާތަކުގެ މައްޗަށް އުފުއްލަވާނެތެވެ. އަދި އެ ދުޢާގެ ކުރިމަތީގައި އުޑުގެ ދޮރުތައް ހުޅުވިގެންދާނެތެވެ. އަދި ﷲ ތަބާރަކަ ވަ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ޢިއްޒަތް ގަންދެއްވާ ވަޙީ ކުރައްވަމެވެ. ތަންކޮޅެއް ލަހުން ނަމަވެސް ތިމަން ރަސްކަލާނގެ ތިބާއަށް ނަޞްރުދެއްވާނަމެވެ!))

ކީރިތި ރަސޫލާ ﷺގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އަނިޔާއަކީ އަނިޔާވެރިޔާގެ ހެޔޮ ޢަމަލުތައް ކައި ހުސްކުރާނެ ކަމެކެވެ. އަލިފާން ދަރު ކައި ހުސްކުރާފަދައިންނެވެ.

ޤިޔާމަތް ދުވަހަކީ ޖަޒާ ލިބޭ ދުވަހެވެ. ޤިޞާޞު ހިފޭ ދުވަހެވެ.

ތިބާ ކުރާ ނުބައި ޢަމަލުތަކަށް ޖަޒާ ލިބޭ ދުވަހަށް ބައެއް މީހުން އެއީ "ތިބާގެ ޤިޔާމަތޭ"  ބުނެފާނެއެވެ. ތިބާގެ ކިބައިން ޤިޞާޞު ހިފޭ ދުވަސް އެއީ ތިބާގެ ޤިޔާމަތެވެ. ވީމާ ޤިޔާމަތަކީ މާ ދުރުގައިވާ ކަމެއް ނޫނެވެ.

ޤިޞާޞު ހިފޭ ދުވަހަށް ރައްކައުތެރިވުމަށް އިންޒާރު ދެއްވައި ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((اتَّقُوا الظُلمَ مَا اسْتَطَعْتُمْ فَإنَّ العَبْدَ يَجِيءُ بِالحَسَناتِ يَوْمَ القِيَامَةِ يَرَى أَنَّهَا سَتُنْجِيهِ فَمَا يَزَالُ عَبْدٌ يَقُومُ يَقُولُ: يا رَبِّ ظَلَمَنِي عبدُكَ مَظْلَمَةً، فيقولُ: أَتِمُّوا مِنْ حَسَناتِه، مَا يَزَالُ كَذَلِكَ حَتَّى مَا يَبْقَى لَهُ حَسَنَةً مِنَ الذُنُوبِ- ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވީ ވަރަކުން އަނިޔާވެރިކަމުން ރައްކައުތެރިވާށެވެ! ފަހެ ހަމަކަށަވަރުން އަޅާ ޤިޔާމަތް ދުވަހުން އޭނާގެ ހެޔޮ ޢަމަލުތަކާއިގެން އަންނާނެތެވެ. މި ހެޔޮ ޢަމަލުތައް ގިނަކަމުން އޭނާ ނަރަކައިން ނަޖާވާނެ ކަމަށް ހީކުރާނެތެވެ. އެހިނދު އަޅަކު ތެދުވެ ﷲއަށް ދަންނަވާން ފަށާނެތެވެ. މި އަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ އަޅާ މި އަޅާއަށް އަނޔާވެރިވުމަކުން އަނިޔާވެރިވެފައި ވެއެވެ. ފަހެ ﷲ ވަޙީ ކުރައްވާނެތެވެ. އޭނާގެ ހެޔޮ ޢަމަލުތަކުން މީނާއަށް ބަދަލު ދޭށެވެ. މި ގޮތަށް ބަދަލު ދެވެމުން ގޮސް އޭނާގެ ހެޔޮ ޢަމަލުތަކުން އެއްޗެއް ނެތުމުން މީނާގެ ފާފަތައް އުފުލަން ޖެހޭނެތެވެ.))

ކީރިތި ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގެ ތެރޭގައި އެއް ދުވަހަކު މިންބަރަށް އަރައިވަޑައިގެން މީސްތަކުން އެއްކުރައްވާ ދެއްވި ޚުޠުބާގައި އައިސްފައި ވެއެވެ. ((مَنْ كُنْتُ أَخَذْتُ لَهُ مَالًا فَهَذّا مَالِي فَلْيَسْتَقْدِ مِنْهُ، فَمَنْ كُنْتُ جَلَدْتُ لَهُ ظَهْرًا فَهَذّا ظَهْرِي فَلْيَسْتَقْدِ مِنْهُ – ތިމަންކަލޭގެފާނު މީހެއްގެ މުދަލުން އެއްޗެއް ނަންގަވައިފައިވާނަމަ މި ހުރީ ތިމަންކަލޭގެފާނުގެ މުދަލެވެ. އެމީހަކު އެއިން ބަދަލުނަގާ ހުށިކަމެވެ! ފަހެ، ތިމަންކަލޭގެފާނު މީހެއްގެ ބުރަކަށީގައި ޖައްސަވައިފައިވާނަމަ ފަހެ މި އޮތީ ތިމަންކަލޭގެފާނުގެ ބުރިކަށިފުޅެވެ. އެތަނުން އެކަމުގެ ބަދަލު ނަގާށެވެ!))

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.