Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އެންމެ ކެރޭ، ވިޝަނަރީ ލީޑަރަށް ތައުރީފާއެކު ދެވަނަ ފުރުސަތެއް ހައްޤު

މީގެ ހައެއްކަ އަހަރު ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓަށް 51 އަހަރު ފުރުން ފާހަގަކުރުމަށް، 12 އޭޕްރިލް 2017 ވަނަ ދުވަހުގެ ރޭ ހުޅުލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވި ބަސް މިއަދު ހަނދާން ހުންނާނީ މަދު ބައެކެވެ.

"މި އެއާޕޯޓްގެ ތަރައްގީއަށް ގާތްގަނޑަކަށް އެއްބިލިއަން ޑޮލަރު ހަރަދުކުރެވިގެން މިދަނީ. ބަައިނަލްއަގުވާމީ ވިޔަފާރިތައް ގަބޫލުކުރާ، އިންޓަނޭޝަނަލް އެއާލައިންތަކަށް އިތުބާރު ލިބޭ ފަދަ ދެވަނަ ރަންވޭއެއް ބިނާކުރެވެމުން މިދަނީ. ކުރު ގޮތަކަށް ދަންނަވާ ނަމަ ދިވެހި ތާރީހުގައި އެންމެ ބޮޑު އެންމެ ބިޔަ މަޝްރޫއެއްގެ ގޮތުގައި ހިންގޭ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ޖަޒީރާ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު އިނޮވޭޓިވް މަޝްރޫއެއް ހިންގިފައެއް ނުވާނެ،" މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ސައީދުގެ އެވާހަކަ އަށް ފަސް އަހަރު ފުރި، 6 އޮކްޓޯބަރ 2022ގައި ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓްގެ އާ ރަންވޭ ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީންގެ ނަން ވިދާޅުނުވެވޭތޯ، އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު (އެމް.ޔޫ) މަނިކު ވަރަށް މަސައްކަތް ކުރެއްވި އެވެ! ދުރުވިސްނޭ މި ބިޔަ މަޝްރޫއުގެ ހަޤީޤީ ބާނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ވިދާޅެއް ނުވެއެވެ. އެމް.ޔޫ މަނިކު އެކަން ކުރެއްވިއެވެ. ޔާމީންގެ ނަން ވިދާޅުވާކަށް ކެރިވަޑައެއްނުގަތެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ނައިބު ރައީސް ފައިސަލް ނަސީމާއި އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު އަށް ވެސް ރައީސް ޔާމީނަށް ކުޑަމިނުން ޝުކުރުގެ ބަހެއް ވިދާޅުވާކަށް ވެސް ކެރިވަޑައެއްނުގަތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެލާނާ އެއާރޕޯރޓްގެ ދެވަނަ ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވީވެސް އެހެންވެގެން ކަމަށް ވެދާނެވެ. ދިވެހި ތާރީޚު ދުށް އެންމެ ބިޔަ މަޝްރޫއު އަކީ ރައީސް ޔާމީން ފެއްޓެވި ކަމަކަށް ވުމުން އެކަމުގެ ރިބަން ކަނޑުއްވާއިރު ރައީސް ޔާމީނުގެ ނަންފުޅު ފާހަގަނުކުރުމުގެ ފާޑުކިއުމުން ރެކިވަޑައިގަތުމުގެ ނިޔަތުގައެވެ. އެކަން ހަވާލު ކުރެއްވީ ނައިބު ރައީސާއި އެމް.ޔޫ މަނިކާ އެވެ. ރައްޔިތުން އެއްޗެހި ކިޔާނީ އެދެބޭފުޅުންނަށް ތާއެވެ.

ނަމަވެސް ހަޤީގަތަކީ ނައިބު ރައީސް ވިއަސް އަދި މަހުޖަނު އެމް.ޔޫ މަނިކު ކަމުގައި ވިއަސް އަދި ރައީސް ސޯލިހު ކަމުގައި ވިއަސް ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނުގެ ހުރިހާ ބޭފުޅުންނަކީ ވެސް ވަރަށް ޒާތީ، އަދި ޤައުމަށް ވުރެ ތިމާމެންގެ ސިޔާސީ ބޮޑާކަން އިސްކުރައްވާ ބައެއް ކަމެވެ. އާ ރަންވޭއާއެކު ހަތަރު ފިއުލް ފާމާއި، ކާގޯ ކޮމްޕްލެކްސް އާއި، އޭޕްރަން އަދި އާ ފެސެންޖަރު ޓާމިނަލާއި، ސީ ޕްލޭން ޓާމިނަލްގެ ފޮނިމީރުކަން ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަދި މުޅި އިގްތިސޯދަށް ކުރަން ފަށާފައިވާ އިރު ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަންޔޫބީލް ޖަލްސާގައި ރައީސް ޔާމިނަށް އެއްވެސް އެވޯޑެއް ނޭރުވިތާނގައި ޝުކުރުގެ ބަހެއް ވިދާޅުވާން ކެރިވަޑައިގަތް ބޭފުޅެވެސް ނެތެވެ.

ރައީސް ޔާމިންގެ ވެރިކަން 2018 ވަނަ އަހަރު ނިމުނު އިރު ރައްޖޭގެ މައި ދޮރާށި ތަަރައްޤީ ކުރަން އެއްބިލިއަން ޑޮލަރުގެ މަޝްރޫއު ފެއްޓެވުމުގެ އިތުރުން ވެރިކަމުގެ ފަސް އަހަރު ތެރޭގައި އަހަރަކަށް ދިހަ ރިސޯރޓް، ޖުމްލަ 50 ރިސޯރޓް ހުޅުއްވިއެވެ. ވެލާނާ އެއާރޕޯރޓާއި މާލެއާ ގުޅާލި (ސިނަމާލެ) ބްރިޖަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމަކާއި ބޮޑު ފަސޭހައެކެވެ. އެބްރިޖް ނެތް އިރު ކަނޑު ގަދަވެ މޫސުން ގޯސްވާ ދުވަސްތަކުގައި އެއާރޕޯރޓުގެ މުއައްޒަފުންނާއި ރިސޯރޓް ރެޕުންނާއި ފުރާ އެތައް ބަޔަކު ޖެހެނީ ގަދަ ކަނޑުގައި ކަނޑުމަގުން އެއާރޕޯރޓަށް ދާށެވެ.

އެހެން މީހެއްގެ ވިސްނުން ތޫނުކަމާއި ދުރު ވިސްނުމުގެ ސަބަބުން އެޅި ފްލެޓް ތަކަށް ކޮތަރު ކޮއްޓޭ ކިޔައިގެން ނަން ދީ، އެހެން މީހަކު ބްރިޖެއް އެޅީތީ އިންޑިއާއަށް ވިކިގެން ބްރިޖެއް އަޅުއްވަން މަސައްކަތް ކުރެއްވިއަސް ތައުރީފް ހައްޤުވާ ފަރާތަަކަށް ތައުރީފް އެރުވުމަކީ އެންމެ ތަހުޒީބް ގޮތެވެ. އެފަދަ ތަހުޒީބް ކަމެއް ރައީސް ސޯލިހުގެ ކިބައަކުންނެއް، އަދި މިސަރުކާރަކުންނެއްވެސް ނުފެނުނެވެ.

ރައީސް ޔާމީނަށް ޓޫރިޒަމްގެ ރަންޔޫބީލް އިނާމް ނުދެއްވައި، ކުރީގެ ރައީސް ނަޝީދަށް އެ އެވޯރޑް ދެއްވި އިރު ނަޝީދަކީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯރޓް ނުއަގުގައި އިންޑިއާގެ ޖީ.އެމް.އާރަށް ވިއްކަވާލެއްވި ބޭފުޅެކެވެ. އަދި ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު އިދިކޮޅުގައި ހުންނަވައިގެން ރާއްޖޭގެ ޓޫރިޒަމް ބޯއިކޮޓް ކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލެއްވި ބޭފުޅެކެވެ. ހަމަ އެހެންމެ ނަޝީދަކީ ސިނަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ފައްޓަން އުޅުނު ދުވަސްވަރު އެއީ ރާއްޖޭގައި ނުކުރެވޭވަރުގެ، ރާއްޖެއާ އެކަށީގެން ނުވާވަރުގެ ކަމެއް ކަމަށް ވިދާޅުވެ ހަޖޫ ޖައްސަވައިފައެވެ. ނަޝީދަށް ރަންޔޫބީލް އެވޯރޑް ދެއްވާފައި ޔާމީނަށް ނުދެއްވުމަކީ ސިޔާސީ އަދި އިގްތިސޯދީ ބޮޑު ޖަރީމާއެކެވެ. މީގެން ޒުވާން ޖީލަށް މިދައްކައިދެނީ ޤައުމަށް ހިދުމަތް ކުރުމަކީ މިޒަމާނުގައި ބޭކާރު ކަމެއް ކަމެވެ. ރީތި ބަހެއް ލިބެނީ ހަމައެކަނި ތިމާއާ ސިޔާސީ ގޮތުން ހިޔާލް އެއްގޮތް މީހުންނަށް އެކަނި ކަމެވެ.

ނަޝީދުގެ ވެރިކަމުގައި ޖީ.އެމް.އާރަށް ހުޅުލޭ އެއާރޕޯރޓް ނުއަގުގައި ވިއްކާލުމުން އެއެއާރޕޯރޓް އަލުން އަނބުރާ ދިވެހީންގެ ތަނަކަށް ހައްދަވައި އިންޑިއާގެ އިގްތިސޯދީ ދަންތުރައިން ރާއްޖެ ސަލާމަތް ކުރެއްވުމުގައި ވެސް އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ރައީސް ޔާމީނެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ޖީ.އެމް.އާރ އަތުން އެއާރޕޯރޓް އަތުލުމާ މެދު ސަރުކާރުތެރޭގައި މަޝްވަރާ ކުރެވުނު އިރު އޭރުގެ ކޯލިޝަންގައި ހިމެނިވަޑައިގަތް ޤާސިމް އިބްރާހިމާއި ޝެއިހް އިމްރާން ވެސް ޖީ.އެމް.އާރް އަތުން އެއާރޕޯރޓް އަތުލައްވަން ބާރު ނާޅުއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. މީގެ ދެތިން ދުވަސް ކުރިން، ޕީ.ޕީ.އެމް ޖަލްސާއެއްގައި ޔާމިން މިހެން ވިދާޅުވުމުން ޖުމްހޫރީ ޕާރޓީއިން ރައްދު ދީ، އެވާހަކަ ދޮގުކުރުމުން ހައިރާންވެ އެވެ. ސަބަބަކީ، ޖީ.އެމް.އާރ އަތުން އެއާރޕޯރޓް އަތުލަން ޤާސިމް ތާއީދު ކުރެއްވި ނަމަ މިއަދު އިންޑިއާ އައުޓް ކުރަން ވެސް ތާއީދު ކުރައްވާނެތީއެވެ. ނަމަވެސް ކޯލިޝަން ތެރެއިން ޤާސިމާއި ޝެއިހް އިމްރާން ވެސް އެ ތިއްބެވީ އިންޑިއާ އަށް ބާރު ދެއްވައިގެންނެވެ. އިންޑިއާ އައުޓް ނުކުރެވޭނެ ކަމަށް ވިދާޅުވެގެންނެވެ. އެހެންކަމުން ދިވެހީންގެ އެއާރޕޯރޓް ދިވެހީންގެ ތަނަކަށް އަލުން ހައްދަވައިދެއްވައި، އެއާރޕޯރޓް ތަރައްޤީ ކުރެއްވުމުގެ ބާނީ އަކީ ހަމަ ރައީސް ޔާމީންކަން ކަށަވަރެވެ.

ހުޅުލޭ އެއާރޕޯރޓްގެ އަސްލު ބާނީ އަކީ އެއާރޕޯރޓްގެ ނަން ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހިމް ނާސިރެވެ. ނާސިރަކީ ބިޔަ ބޮޑު އިނގިރޭސީންގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވައި، ކޮޅަށް ހުންނަވައި، އިނގިރޭސީންގެ ޖެއްސުންތަކާ އެކުގައިވެސް ރާއްޖޭގައި ބައިނަލްއަޤްވާމީ އެއާރޕޯރޓެއް ހެއްދެވި ވިޝަނަރީ އެވެ. ނާސިރު އިނގިރޭސީންނަށް ގޮންޖެއްސެވި ގޮތަށް ޔާމީން ގޮންޖެއްސެވީ އިނގިރޭސި ކޮމަންވެލްތަށެވެ. ކޮމަންވެލްތަށް ގޮންޖައްސަވައި، ބޭރު މީހުންގެ ދަށުނުވެ، އަޅުވެތި ނުވެވެސް ޤައުމު ތަރައްޤީ ކުރެވޭނެކަން ދެއްކެވީ ރައީސް ޔާމިނެވެ. މިހުރިހާ ގޮތަކުން ބަލާއިރު ދިވެހި ރާއްޖެ ދުށް އެންމެ ވަނަތީ، އެންމެ ވިޝަނަރީ ދެ ރައީސުންނަކީ އިބްރާހިމް ނާސިރާއި އަބްދުﷲ ޔާމިނެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ހަޤީޤީ ދެބާނީންނަކީ ވެސް އެ ދެ ރައީސުންނެވެ.

އިންޑިއާ އައުޓްގެ އަޑު ގަދަވެ، ލާދީނީ އަޑުތައް ގަަދަވެފައިވާ މިދުވަސްވަރު، ދިވެހި ރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގައެވެ. ބޭރުގެ ނުފޫޒުން ރާއްޖެ ސަލާމަތްކޮށް، އިންޑިއާ ފަސްޓްގެ ބަދަލުގައި މޯލްޑިވްސް ފަސްޓް ސިޔާސަތަކަށް ދިވެހި ރާއްޖޭގެ ހާރިޖީ، ދިފާއީ އަދި އިގްތިސޯދީ ސިޔާސަތު ބަދަލު ކުރެވޭނީ ނާސިރާއި ޔާމީން ފަދަ ވެރިއަކު ލިބިގެންނެވެ. އެހެން ޤައުމުތަކާއި ފައިހަމަކޮށްގެން ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނީ އަދިވެސް ހަމަ ރައީސް ޔާމީން އާއި ރައީސް ނާސިރު ފަދަ ވިޝަނަރީ، ގަޓް ހުރި، ކެރޭ ލީޑަރަކަށެވެ. ނާސިރު ފަދަ ވަތަނީ، ގަޓް ހުރި، ކެރޭ ލީޑަރަކަށް މިޤައުމު މިހާތަނަށް ދުށް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި މިސްޓޭކްތައް ވެސް ހެއްދެވިއެވެ. ނަމަވެސް ވަކި އަތަކަށް ނުޖެހޭ ދުރުމީ އަކުން ބަލައިފިނަމަ އެމަނިކުފާނުގެ ހިދުމަތްތަކަށް ތައުރީފް ހައްޤެވެ.

ދިވެހި ރާއްޖޭ ސަލާމަތުގެ އައްސޭރިއަކަށް އަދިވެސް ގެންދެވޭނީ އެފަދަ ވިޝަނަރީ، ކޭރޭ ލީޑަރަކަށް ކަން ޔަޤީނެވެ. އިބްރާހިމް ނާސިރު 2023 ވަނަ އަހަރުގެ ރިއާސީ އިންތީހާބްގައި ވާދަ ކުރައްވަން ދުނިޔޭގައި ހުންނެވި ނަމަ އަޅުގަނޑު ވޯޓު ދިނީހީ އެމަނިކުފާނަށެވެ. ނާސިރެއް ނެތެވެ. ދެން ހުރި ހަމައެކަނި އޯލްޓަނޭޓިވް އަކީ ރައީސް ޔާމީނެވެ. ދިވެހި ރާއްޖެ ދިވެހީންގެ ތަނެއްގެ ގޮތުގައި އޮވެގެން ތަަރައްޤީ ކުރަން އެދޭ ނަމަ ރައީސް ޔާމީނަށް ދެވަނަ ފުރުސަތެއް ހަމަ ހައްޤެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
62

One Response

  1. އާރާއި ބާރު ލިބިގެން ވެރިކަމެއް ނުކުރެވުނު. 2 ފަހަރު ކާފިޔު ހިންގި، އިދިކޮޅު އެންމެން ޖަލަށްލި، ޑިފެންސް މިންޓަރު ޖަލަށްލި، 2 ނައިބުރައިސުން ވަކިކުރި، 12 މެންބަރުން ވަކިކުރި، ކޮމަންވެލްތާ ގުޅުންކަނޑާލި، ދުވަސްވީ އެކުވެރިޔާ ޖަގިޔާ ނާޒިމު ޢުމުރަށް ޖަލަށްލި، ބަޑި ގުދަނުގެ ބަަޑިތައް ފަޅުރަށްރަށުން ފެނުނު. ކައުންސިލްތައް އަބަދު ސަސްޕެންޑު. މިވަރު ވީމާ ކޮން ވެރިކަމެއް؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *