Support Us

ކެޔޮގަނޑުގައި "ވަގާ" އަދި "ވަގަ ފެރެއިތާ" ޖަހައިފައި... ފޮޓޯތައް: ރިޒްނާ ޒަރީރު/ އެފް.ބީ

ވަގުންގެ އުނދަގޫ ބޮޑުވެގެން…

އެކި މީހުންނަށް ބޮޑުވާނީ އެކި ކަންކަމެވެ. ވަގުން ވަދެ ފިހާރަތަކުގެ ތިޖޫރިއާއި ގޭގެ އަލަމާރިއާއި ފޮށިތައް ފެޅުން އައްޑޫ ސިޓީގައި ވެސް އާންމުވެފައިވާއިރު މަރަދޫ ދަނޑުވެރިޔަކަށް ލޮލުފިޔަ ޖަހައިނުލެވިގެން އުޅެނީ އޭނާގެ ފަތްކެޔޮދަނޑު ވަގުންގެ ޝިކާރައަކަށް ވެގެންނެވެ. ކިތަންމެ ކޭލެއް ނުކުތަސް، އެންމެ ކެޔޮވަކެއްގެ ފޮނިމީރުކަން ވެސް އޭނާގެ ވެސް އަދި އޭނާގެ އާއިލާގެ މީހެއްގެ ވެސް ދުލުކުރިއަކު ނުލައެވެ.

ކެޔޮގަނޑު ކަނޑާ ވަގުންގެ އުނދަގޫ އިންތިހާއަށް ބޮޑުވުމުން އޭނާއަށް މޮޅު ފިކުރެއް އައެވެ; ހުރިހައި ކެޔޮވަކެއްގައި ނަން ޖަހާށެވެ. އޭރުން ކެޔޮގަނޑު ވިއްކާލަން ވަގުންނަށް އެހާ ފަސޭހަ ނުވާނެތީއެވެ. އެހެންވެ، އަތްފޯރާފަށުގައި އޮތް އެ ކެޔޮގަނޑުގެ، ވައްތަކުގައި ނަމެއް ޖަހަންވެގެން ވޮންޑަމާކެއް ހިފައިގެން ގޮސްފައި އޭނާގެ ޚިޔާލަށް އައީ މާމޮޅު ނަމެކެވެ. ހުރިހައި ކެޔޮވަކެއްގައި "ވަގު" ޖަހާށެވެ. އޭރުން ވަގުން ކެޔޮގަނޑު ވިއްކާލަން ތަނަކަށް ގެންދާއިރަށް އެއީ ވަގު ކެޔޮގަނޑެއްކަން ވަގުތުން އެނގޭނެތީއެވެ. އެހެންވެ ހުރިހައި ކެޔޮވަކެއްގައި "ވަގާ" (އައްޑޫ ބަހުރުވައިން ވަގު) ޖަހައިފިއެވެ. ސަތޭކަ ފަންސާހަށްވުރެ ގިނަ ވައް ހުރި، ހަރުވާން ތައްޔާރުވެފައި އޮތް އެ ކެޔޮގަނޑުގެ ކޮންމެ ވަކެއްގައި އޭނާ "ވަގާ" ޖެހިއެވެ. އަދި އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުން އެއް ވަކުގައި "ވަގަ ފެރެއިތާ" (ވަގު ފުރޭތަ) ވެސް ޖަހައިފިއެވެ.

ކެޔޮގަނޑުގައި "ވަގާ" އަދި "ވަގަ ފެރެއިތާ" ޖަހައިފައި… ފޮޓޯ: ރިޒްނާ ޒަރީރު/ އެފް.ބީ

މި ކެޔޮގަނޑަކީ މަރަދޫ ބޮޑުމަގުން ދާ ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހައިން ފެންނަ ގޮތަށް އޮތް ކެޔޮގަނޑެކެވެ. ފާރުބުރިމައްޗަށް އަރައި ކެޔޮގަނޑު ކަނޑާލާކަށް އެއީ މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މަރަދޫ ބޮޑުމަގުން ދާ ކޮންމެ މީހަކަށް ވެސް މި ކެޔޮގަނޑު ފެންނާނެ… ފޮޓޯ: ރިޒްނާ ޒަރީރު/ އެފް.ބީ

ކެޔޮވައްތަކުގައި "ވަގާ" ޖެހިފަހުން އަދި މިވީ އެއް ރެއެވެ. ކެޔޮގަނޑު އެބައޮތެވެ. މިހާރު ދޮންވާން ތައްޔާރުވަނީއެވެ. މިއީ ކާމިޔާބު "ފަންޑިތައަކަށް" ވެއްޖެ ނަމަ، އުފަލުގެ ކޮޅެއްވެސް ނެތެވެ. ދަނޑުވެރިޔާ ހުރީ ކުޅު ދިޔާވެފައެވެ. އެކަމަކު މި ކެޔޮގަނޑު ވެސް ރޯދިކުރައްވާނީ ކާކަށް ކަމެއް އަދި ނޭނގެއެވެ. ބަލަން ތިމެބާ ހިނގާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *