ގައުމުގެ ބޮޑެތި ޣައްދާރުނަށް އަހުރެންގެ ގޭ ބޮޑުއަށިމަތީ
ދަޢުވަތުގެ ޖާފަތް އެތުރުމުން އަދު ހާދަހާއޭ ހިތްދަތީ
ގައުމާއި ދީނަށް ޙުރުމަތެއް ހިތުގައި ނުވާ ބަޔަކަށްޓަކައި
ޝައުގާއެކީގައި މަރުޙަބާ ކިޔަނީހެ ތިބެ ތިޔަ ފަސްމަތީ
އޭރުގެ އެ ކަންކަން ހިނގިގޮތާ މިއަދުގެ މި ޙާލަތު އައިގޮތާ
މޭރުން ނުވާތީހޭ ސަނާ ކިޔަމުން ދަނީ ބަލަ ކުރިމަތީ
އަދު މާބޮޑަށް ޒީނަތްވެގެން ކަންދެއްކުމަށް ސައްލާކުރަން
ލަދު ކުޑަކަމުގެ ހައްދެއްނެތޭ ތިބިއިރު މިގޭ އައިސް ދޮރުމަތީ
ގައުމެއްގެ އަބުރާ ޢިއްޒަތާ ވެއްޔާ މޮޑޭ އިރު ރާޔަތާ
ގައުމިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނެތީހޭ ހިތްމަތީ
އަހުރެންގެ ނަން ކިޔަމުން ދުލުން ކުރަނީ މަލާމާތޭ ހެމުން
ފަހުމެއް ނުވޭހޭ އަޑުއަހަން ތިބި އިރު ދިމާ ލޯ ކުރިމަތީ
އަހުރެންގެ ރޫޙަށް ޖެއްސުމާ ގޯނާ ކުރާއިރު ފާޅުގައި
އަހުރެންގެ ލޭ ހުރި އެކަކުވެސް ނެތްހޭ އުފަން ތިޔަ ބިންމަތީ