...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޕީ.ޕީ.އެމާއި ރައީސް ޔާމީނަށް އެކަނި ރައީސް ސޯލިހު އައުޓްކުރެވޭނެބާ؟

ދެބިލިއަން ރުފިޔާ އަކީ ކުޑަ އަދަދެއް ނޫނެވެ. އިންޑިއާގެ އެކްޒިމް ބޭންކުން އެ އަދަދަށް ލޯނު ނަގައިގެން ހަނިމާދޫ އެއާރޕޯރޓް ތަރައްޤީ ކުރަން އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ މި މަޝްރޫއުގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސޯދަށް އިންޤިލާބީ ކުރިއެރުން އަންނާނެ ކަމަށެވެ. ދެބިލިއަންގެ ތެރެއިން ސަރުކާރުގެ ބޮޑުންގެ އެކައުންޓަށް ބައިއެޅުމުން އައި އިންޤިލާބްގެ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެއީ މިހާރު އާ ވާހަކައެއް ނޫނެވެ.

ރާއްޖޭގައި އެންމެ އިންސާނީ ވަސީލަތް ގިނަ، އަދި ތަރައްޤީގެ ފުރުސަތު އެންމެ ބޮޑު އެއް ސަރަހައްދު ކަމުގައިވާ އައްޑޫގެ ގަން އެއާރޕޯރޓް ވާނުވާގައި ބާއްވާފައި ހަނިމާދޫ އަށް ދެބިލިއަން ރުފިޔާ އޮއްސާލަނީ ދިވެހި ރާއްޖެ އަށް އިންޤިލާބީ ކުރިއެރުން ގެންނާކަށް ނޫނެވެ. އެއީ އިންޑިއާ އިން ލޯނު ނަގައިގެން، އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްގެން، އިންޑިއާގެ ކުރިމަގުގެ ރޭވުންތަކަށް މަގުފަހިކުރަން ހަދާ އެއާރޕޯޓެކެވެ. ރާއްޖޭގެ ބޮޑުންނަށް މި މަޝްރޫއިން ބޮޑެތި ބައި އެޅުނަސް ދިވެހި ރައްޔިތުންގެ މުނި-މުނި ކާފަ/މާމަ ދަރީންގެ ބޮލުގައި ބިލިއަނުން ދަރަނި އަޅުވާފައި ދެބިލިއަން އިންވެސްޓް އެކުރަނީ ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ނޫނެވެ.

އިންޑިއާގެ ނުފޫޒު މިޤައުމަށް ފެތުރެމުން މިދާ ރޭޓަށް ބަލާއިރު 2023ގައި ސަރުކާރަށް ބަދަލެއް ނައިސްފި ނަމަ މިޤައުމު އިގްތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން އިންޑިއާގެ ސްޓޭޓަކަށްވެ ނިމިދާނެއެވެ. އެކަން ހުއްޓުވެން އޮތީ އިންޑިއާ އައުޓް ކޮށްގެންނެވެ. އިންޑިއާ އައުޓް ކުރެވޭނީ އެހެން ސަރުކާރެއް އައިސްގެންނެވެ. އެކަމަށް އޮތް އެންމެ ފަހު، އަދި ހަމައެކަނި ފުރުސަތަކީ 2023ގެ ރިއާސީ އިންތިހާބެވެ.

ރިއާސީ އިންތިހާބްގައި ވާދަކުރައްވާނެކަން ޤާސިމް އިބްރާހިމާއި އުމަރު ނަސީރާއި އަބްދުﷲ ޖާބިރާއި ސަންޓްރެވެލް އަހްމަދު ސިޔާމާއި ޑރ. މުހައްމަދު މުނައްވަރާއި ކާނަލް ނާޒިމާއި، ރައީސް މުހަމްމަދު ނަޝީދު ވިދާޅުވެފައި ވިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ވާދައެއް ދެވިދާނެ ކަމަށް އަދިވެސް ފެންނަން އޮތް ޕާޓީ އަކީ އިދިކޮޅު ޕީ.ޕީ.އެމް އެވެ. ކާނަލް ނާޒިމްގެ އެމް.އެން.ޕީގެ ކޮންގެރްސް ނިންމި ޖަލްސާގައި މެހްމާނެއްގެ ގޮތުން ރައީސް ނަޝީދު ބައިވެރިވެވަޑައިގަތުމުން ކާނަލް ނާޒިމްގެ ރަނިން މޭޓަކަށް ނަޝީދު ވެދާނެ ކަމަށް ވެސް ބައެއް މީހުން ވާހަކަ ދެއްކިއެވެ. އެއީ ވެސް ހަމަ ވެދާނެ ކަމަކެވެ. ނަމަވެސް ރައީސް ސޯލިހަށް ހަމަ އެންމެ ބޮޑު ވާދައެއް އަދިވެސް ދެއްވޭނީ ޕީ.ޕީ.އެމް އަށް ކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.

މައްސަލަ އަކީ އެންމެ ބޮޑު ވާދައެއް ދެވޭނީ ޕީ.ޕީ.އެމް އަށް ކަމުގައި ވިއަސް ޕީ.ޕީ.އެމް އެކަނި ނިކުމެގެން ރައީސް ސޯލިހު ބަލި ކުރުމަކީ ފަސޭހަ ކަމަކަށް ނުވުމެވެ. އަދި ވަކިން ހާއްސަކޮށް، ޕީ.ޕީ.އެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގެ ދައުވާތައް ކުރިއަށް ހުރިއިރު އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އައިސް، ރިއާސީ އިންތިހާބްގައި ވާދަނުކުރެއްވޭ ގޮތް ވެއްޖެ ނަމަ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނެ ކެންޑިޑޭޓަކާ މެދު އެ ޕާޓީ ތެރޭގައި ޚިޔާލް ތަފާތުވެފައިވާ އިރު ޔާމީނަށް ނުވަތަ ޕީ.ޕީ.އެމަށް އެކަނި ރައީސް ސޯލިހު ބަލިކުރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ފެނެއެވެ. ޔާމީން ރައީސް ކަމުގައި ހުންނަވައި 2018 ވަނަ އަހަރުގެ އިންތިހާބުން ނާކާމިޔާބު ލިބިވަޑައިގެންފައިވާއިރު މިހާރު އިދިކޮޅުގައި ހުންނަވައިގެން، ގިނިކަންޏާ ނިކުމެވަޑައިގެން އެ.މް.ޑީ.ޕީ ބަލިކުރެވޭނެ ކަމަކަށް ނުފެނެއެވެ. އެކަން ކުރެވޭނެ ކަމަށް ފެންނަނީ ކޮންމެވެސް ސިފައެއްގައި ކޯލިޝަނެއް ހަަދއިގެން ނުވަތަ އިތުރު ބަޔަކާ ގުޅިގެންނެވެ.

ދެކެވޭ ތަފާތު ވާހަކަތަކަށް ބަލާއިރު ރައީސް ޔާމީނަށް ޖަލު ހުކުމެއް އައިސްގެން އިންތިހާބްގައި ވާދަ ނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ އެ ޕާޓީގެ ފަރާތުން ރިއާސީ ޓިކެޓް ހޯދުމުގެ ކުރީ ސަފުގައި ހުންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި މާވަށު ދައިރާގެ މަޖުލިސް މެމްބަރ (ފިނިފެންމާ) މުހައްމަދު ސައީދެވެ. މި ދެ ބޭފުޅުންގެ ތެރެއިން ޔާމީނާއި މެޑަމް ފާތުންގެ ސަޕޯޓް ބޮޑަށް އޮތީ ފިނިފެންމާ ސައީދަށް ކަމަށް ބައެއް މީޑިއާ ތަކުން ބުނެފައި ވިއަސް ސައީދަކީ އެވަރުގެ ބޮޑު ޕާޓީއެއް ގޮވައިގެން ރައީސް ސޯލިހު ޖަހާލައިފައި ކާމިޔާބު ހޯއްދެވޭ ވަރުގެ ޝަހްސިއްޔަތާއި ޤާބިލްކަން ހުރި ބޭފުޅެއް ކަމަކަށް ނުފެނެއެވެ. މާލޭ ސިޓީގެ މޭޔަރުކަމުގެ ވާދަވެރި އިންތިހާބުގައި ޑރ. މުއިއްޒު އަމަލު ކުރެއްވި ގޮތަށާއި، ކާމިޔާބު ހޯއްދެވި ގޮތަށް ބަލާއިރު ޑރ. މުއިއްޒަކީ ސައީދަށް ވުރެ، ލީޑަޝިޕާއި ޝަހުސިއްޔަތު ހުރި ބޭފުޅެއް ކަމަށް ފެނެއެވެ. އެހެންވެ ވަކި ކޮޅަކަށް ނުޖެހި ތިބި ރައްޔިތުންގެ ވޯޓަށް ބަލާއިރު ސައީދަށް ވުރެ ޑރ. މުއިއްޒަށް ވޯޓުލާން ގިނަ ބަޔަކަށް ފަސޭހަވާނެ ކަމަށް ވެސް ފެނެއެވެ.

ޑރ. މުއިއްޒަކީ އަރަބި އިސްލާމީ ތައުލީމްގެ ބެކްގްރައުންޑެއް ވެސް ކޮންމެވެސް ވަރަކަށް ހުރި، އަދި ސިވިލް އިންޖިނިއަރިންއާއި ޕްލޭނިންގެ ތަޖުރިބާ ހުރި، ސިޔާސީ ގޮތުން ކާމިޔާބު ހޯއްދަވާފައިވާ ބޭފުޅެކެވެ. އެހެންވެ ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭ ނަމަ ޕީ.ޕީ.އެމަށް ކާމިޔާބު ހޯއްދަވައިދެއްވިދާނެ ކަމަށް އެންމެ ބޮޑަށް ފެންނަ ފަރާތަކީ ޑރ. މުއިއްޒެވެ.

ދެން އޮތް ވާހަކަ އަކީ އެހެން އެއްވެސް ފަރާތަކާ ނުގުޅި، އެހެން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހަދައި، ގިނިކަންޏާ ޕީ.ޕީ.އެމް ގޮވައިގެން ނިކުމެ ޑރ. މުއިއްޒަށް ވެސް ރައީސް ސޯލިހު ބަލިކުރެވިދާނެ ތޯއެވެ؟ ޕީ.ޕީ.އެމް އަށާއި ރައީސް ޔާމީނަށް ވެސް އެންމެ ރަނގަޅު ވާނީ، އަދި އިންޑިއާ އައުޓް ކުރެވޭނީ، އަދި ދިވެހި ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ވާނީ ޔާމީން ވާދަ ކުރެއްވިއަސް އަދި ޑރ. މުއިއްޒު ވާދަ ކުރެއްވިއަސް ކޮންމެވެސް ބަޔަކާ ކޯލިޝަން ހެދުމެވެ. އެގޮތުން ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އާއި އުމަރު ނަސީރުގެ ޑީ.އެން.އޭ އާއި ސަން ސިޔާމްގެ އެމް.ޑީ.އޭ އަކީ ހަމަ ގުޅެން ވަރަށް ރަނގަޅު ތިން ޕާޓީ ކަމުގައި ފެނެއެވެ.

ކޯލީޝަނެއް ނުހަަދައި، އެހެން އެއްވެސް ބަޔަކާ ނުގުޅި، އިދިކޮޅު ޕާޓީއަކަށް 2023 ނުހޯދޭނެކަން ކަށަވަރެވެ. ހޯދިދާނެކަމުގެ އުއްމީދުގައި ކުރިއަށް ގޮސް އެކަން ނުވެއްޖެ ނަމަ އެ ނެގުނީ ވަރަށް ބޮޑު ރިސްކެކެވެ. އެ ހިސާބުން ހުރިހާ ކާމިޔާބެއް އެ ލިބުނީ އިންޑިއާއަށެވެ. އިންޑިއާ އައުޓް އެ ހިސާބުން ނިމުނީ އެވެ. އިންޑިއާގެ ބަޔަކަށް ރާއްޖެ ވެ ނިމުނީ އެވެ. އެހެންކަމުން ރައީސް ޔާމީނާއި ޕީ.ޕީ.އެމުން ގޮތްދޫކޮށް، އިލްހާމް ބުނާހެން "ރިއަލިޓީ އަށް ވިސްނައި،" ކޮންމެވެސް ބަޔަކާ ގުޅެންޖެހެއެވެ. އެހެންނުވެއްޖެ ނަމަ ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑު ގެއްލި، އަމިއްލަ ވަތަންވެސް ގެއްލޭނެއެވެ.

މޮޅެތި ސިޔާސީ މީހުންނަކީ ހަމައެކަނި ބޯހަރު ލީޑަރުންނެއް ނޫނެވެ. ބޯހަރުކަމާ އެކުވެސް މުހިއްމު ދަނޑިވަޅުގައި ދޫދެއްވާ ލީޑަރުންނެވެ. މިވަގުތަކީ ޕީ.ޕީ.އެމަށް އެފަދަ ދަނޑިވަޅެކެވެ. ގޮތެއް ނިންމުމުގެ އެންމެ ބޮޑު ބާރެއް އޮތީ ހަމަ ރައީސް ޔާމީންގެ އަތްޕުޅު މަތީގައެވެ. މިއީ ޤައުމެއްގެ ކުރިމަގު ކަނޑައެލުމުގައި ލީޑަރަކު ހުއްޓިވަޑައިގެން ހުންނަވާނެ އެންމެ މުހިއްމު އެއް ހަތަރު އަނގޮޅިއެވެ. ރަނގަޅަށް ގޮތެއް ނިންމަވާށެވެ.