Support Us

ކޮލަމް ގަލަން: އުމުރާނީ ތަރައްގީގެ މިންގަނޑު ގާނޫނަކުން ލާޒިމުކުރުން ނިހާޔަތަށް މުހިންމުވެފައި

އުމުރާނީ ތަރައްގީއަކީ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އިމާރާތް ކުރުމުގައްޔާއި މަގުތައް ހެދުމުގައި އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ. މީހުން ދިރިއުޅުމަށް ދޫކުރެވޭ ތަންތަނުގައި ޖާގައިގެ ދަތިކަމާއި އަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް ކިތަންމެ ކަމެއް ފުރިހަމަކުރުމަށް ބޭނުންވެއެވެ. އެ ހުރިހާ ދަތިތަކާއެކުވެސް ބޯހިޔާވެހިކަމުގެ ވޭތުވެދިޔަ މަޝްރޫޢުތަކަކީ ކުރީގެ ސަރުކާރުތަކުން ގެންނެވި ނުހަނު އަގުހުރި ޚިދުމަތްތަކެވެ. އޭގެ ތެރޭގައި ވެސް ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫ،މު ގެންނެވި ބޯހިޔާވެހިކަމުގެ މަޝްރޫޢުތަކަކީ ދިވެހި ރާއްޖޭގެ ނިސްބަތުން ވަރަށް ފާހަގަކޮށްލެވޭ އަގުބޮޑު މަޝްރޫޢުތަކެވެ. އެ މަޝްރޫޢުތަކަށް ބަލާލުމުން ތަރައްގީގެ ރީތި މަލަމަތި ފެނެއެވެ. އަދި އެމަނިކުފާނުގެ އުމުރާނީ ހެޔޮ ވިސްނުންފުޅުވެސް ފާހަގަވެއެވެ. ބޭނުންވަނީ އެފަދަ މަޝްރޫޢުތައް އިތުރަށް ހަރުދަނާކުރުމެވެ. އެކަމަށްޓަކައި ކުރަންޖެހެނީ ބޯހިޔާވެހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުމެވެ.

މިސާލަކަށް:

އެކެއް: އިމާރާތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ އިމާރަތެއްގައި މިނީޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއި އެ އިމާރާތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރާތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރާތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރާތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރޫނާރާ ފަދަ ތަނެއްގައި ޕަބްލިކު ކޮފީޝޮޕެއް ހިންގޭނެ ޖާގަ ހުރުމާއި ފަޔަރ ސާވިސްގެ ވަސީލަތްތައް ހުރުމާއި އިމާރާތުގެ ހުރި އެޕާޓުމެންޓުތަކުގެ ނިސްބަތަކުން ލިފިޓުތައް ހުރުމާއި އިމާރާތުގެ މެނޭޖުމެންޓު ހިންގޭނެ ތަނެއް ހުރުމާއި އިމާރާތުގެ ވަށައިގެން ގަސް އިންދާނެ ޕުލޭނެއް އޮތުމާއި އަދިވެސް އިތުރު ކަންކަމެވެ.

ދޭއް: އާއްމުންގެ ބޯހިޔާވެހިކަމަށް ފަންނީ އެހީތެރިކަމާއި މާލީ ހެއީތެރިކަން ދެވޭ ނިޒާމެއް ގާއިމުކުރުމެވެ. މިހާރުވެސް ގެދޮރުއެޅުމަށް ލޯނުގެ ނިޒާމެއް ވަނީ ތައާރަފުވެފަައެވެ. ނަމަވެސް ފަންނީ އެހީތެރިކަމުގެ އަތެއް ނެތެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖެތެރޭގެ މީހުން ދަރަނިވެރިވެގެން ނަގާ ލޯނުތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން އުނިވުމެވެ. އެހެންކަމުން ލުއި އަގެއްގައި އާއްމުންގެ ބޯހިޔާވެހިކަން ޕުލޭންކޮށްދީ މަޝްވަރާދެވޭނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުން މުހިންމެވެ. އެގޮތުން އެންމެ ފުރަތަމައަށް އެކަމަށް ބޭނުންވާ ތައުލީމަށް މަގުފަހިކޮށްދިނުމެވެ. އެއަށްފަހު އެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ޒުވާނުންނަށް ދިނުމެވެ.

ތިނެއް: އުމުރާނީ ތަރައްގީގެ ދެވަނަ ނަންބަރުގައި އަންނަނީ މަގުތައް ހެދުމެވެ. ދިވެހިރާއްޖޭގައި މަގުތައް މިހާރު ހަދާ ގޮތަކީ އަވަސްއަރުވާލައިގެން ކުރީގައި ހެދިފައި ހުރި މަގުތަކަށް އެހުރި ގޮތަކަށް ބަހައްޓައިގެން ތާރުއަޅައި އޮމާންކޮށްލުމެވެ. އަދި އާއްމުންގެ އަތަށް ދޫކޮށްލުމެވެ. ދެން އާއްމުން އޭގެ މަތީގައި ހިތުހުރި ގޮތަކަށް ދުއްވަންފެށުމުގެ ނަތީޖާއަކަށް ވަނީ މަގުމަތީގެ ހާދިސާތައް ގިނަވުމާއި ހިނގާބިގާ އުޅޭ މީހުންނަށް އަނިޔާލިބުމެވެ. އެހެންކަމުން ސިޔާސީ ބޭނުމަކަށްޓަކައި ވިޔަސް އަވަސް އަރުވައިލައިގެން މަގުތަކަށް ތާރުއަޅުމުގެ ބަދަލުގައި ދުނިޔޭގެ މަގުތައް ހަދާ އުސޫލުން މަގުތައް ހެދުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން މުހިންމެވެ. އަދި މަގުތައް ހެދުމުގެ މިންގަނޑު ގާނޫނަކުން އެކުލެވުމުގެ މުހިންކަންވެސް ބޮޑެވެ. އަދި މިކަމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ އެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކުން ލިބިގަތުން ވަރަށް ބުއްދިވެރިއެވެ. މަގެއް ހަދަނީ ނަމަ ކޮންމެހެންވެސް ކަށަވަރުކުރުރަން ޖެހޭ މުހިންމު ކަންތައްތަކެއް ހުންނާނެވެ. އެކަންތައް ބޮޑަށް އެނގޭނީ އެ ފަންނުގެ މީހުންނަށެވެ.

މަގަކަށް ތާރުއެޅުމުގެ ކުރީގައި މިސާލަކަށް: 

އެކެއް: މަގުގެ ޓުރެފިކު ނިޒާމު ޕުލޭންކުރުން.

ދޭއް: މަގުގެ ހިނގާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުން.

ތިނެއް: މަގުގެ ޕާކިން ޕުލޭންކުރުން.

ހަތަރެއް: މަގަށް ފެން ވެހޭ މިންވަރުގެ އަންދާސީ ދިރާއެއް ކޮށް އެ އަދަދުގެ ފެން ހިންދާނެ ގޮތް ޕުލޭންކުރުން.

ފަހެއް: މަގުގައި ގަސް އިންދާނެގޮތުގެ ޕުލޭންކުރުން.

ހަޔެއް: މަގުހެދުމުގެ މަސައްކަތް ތަޖުރިބާކާރު ކުންފުނިތަކަށް ދިނުން.

އިސްވެދިޔަ ފަދަ ކަންކަމާއި އަދި އިތުރަށް ވެސް ބޭނުންވާ ކަންތައްތައް ދިސާކޮށް ދަނެގަނެ ގާނޫނަކުން އެކަންކަން ލާޒިމުކުރެވިއްޖެ ނަމަ މިހާރު މަގުމަތީން ދިމާވާ ހިތާމަވެރި ހާދިސާތައް މެދުވެރިނުވުން ނުވަތަ މަދުވެދާނެކަމަށް ފެނެއެވެ.