ޞިއްޙަތު ރަނގަޅު ކުރުމަށްޓަކައި އާދަކޮށް ކަސްރަތު ކުރުމަކީ ލޭގެ ޕްރެޝަރ މައްޗަށް ދިއުމުން ސަލާމަތްކޮށްދޭ ކަމެކެވެ. އެއީ ހަށިގަނޑުގެ ތެރޭގައި ފަސޭހަކަމާއެކު ލޭ ދައުރު ކުރަން ފެށުމުން އެކަމުގެ ސަބަބުން ހިތުގެ މަސައްކަތް ރަނގަޅު ވުމެވެ. އަދި ލޭނާރުތައް ދޫވެ ހަށިގަނޑަށް ލިބޭ އޮކްސިޖަން އިތުރުވެއެވެ.
ފަލަ މީހުން ބަރުދަން ލުއިކުރުމުންވެސް ލޭގެ ޕްރެޝަރ ރަނގަޅު ވެއެވެ. ހަށިގަނޑު ދުޅަހެޔޮ ރަނގަޅު މިންގަނޑެއްގައި ބެހެއްޓުމަށްޓަކައި އާދަކޮށް ކަސްރަތު ކުރުމާއި، ސަރުބީ މަދު ކާނާއާއި ފަލަމަޑީގެ އެކި ވައްތަރުތައް ކެއުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
ކަންތައްތަކާ ވިސްނާ، ކަންބޮޑުވެ، ހާސްވުމުންވެސް ލޭގެ ޕްރެޝަރ މައްޗަށް ދާގޮތްވެއެވެ. މިއީވެސް ޞިއްޙަތު ރަނގަޅު ކުރުމަށްޓަކައި އާދަކޮށް ކަސްރަތު ކުރަން ފެށުމުން ރަނގަޅު ކުރެވޭ ކަމެކެވެ. ޞިއްޙަތު ރަނގަޅު މީހެއް ނަމަ ލޭގެ ޕްރެޝަރ މައްޗަށްދިޔަ ކަމުގައިވީ ނަމަވެސް އެކަން ވަރަށް ފަސޭހައިން ރަނގަޅުވެއެވެ. އެހެން ނަމަވެސް ގިނަގިނައިން ލޭގެ ޕްރެޝަރ މައްޗަށް ދާނަމަ ހިތަށާއި ކިޑްނީއަށް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ފޯރާނެއެވެ. އަދި ހިތުގެ ނާރުތައް ފިތުން، ވާގިނެތުން ފަދަ ޙާލަތްތައް މެދުވެރިވެދާނެއެވެ.
ލޭގެ ޕްރެޝަރ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ޤަވާއިދުން ކަސްރަތު ކުރުމާއި، ހަށިގަނޑުގެ ފަލަމިނާއި ބަރުދަން ހިފެހެއްޓުމުގެ އިތުރުން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން، ކެފެއިން، ކޮފީ ފަދަ ތަކެތި ބޭނުން ކުރުން މަދުކުރުން، ލޮނު، ހަކުރު އަދި ސަރުބީ ހުންނަ ކާނާ ކެއުން މަދުކުރުން ފަދަ ކަންކަން ކުރުމަކީ ލޭގެ ޕްރެޝަރ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި ކުރުން ކޮންމެހެން މުހިންމު ކަންކަމެވެ.
ތަފާތު ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ހުރުމުގެ މައިގަނޑު އެއް އަސާސަކީ ހަމަ އަދިވެސް ހެލިފެލިވެ އުޅުން ގިނަކުރުމާއި ގަވާއިދުން ކަސްރަތު ކުރުމެވެ.