ވަރުގަދަވި ރަސްގެ ވެރިކަން ސިންގާސަނާ ވެ މާޒީ
ފުރޮޅުނު ޒަމާނަކުން އައު މޮޅުކަން ސަފުން ފެނޭހޭ؟
"ކުރަސީޑިމޯ" މިހައިރުގެ ގޭއެދުރު ފޮތަކު އޮތަކަސް
ކުރެވޭ މަމެންގެ ކަންކަމު ބަދަލެއް ވަކިން ފެނޭހޭ؟
ކަރުދާހު ލިޔެވި ތާވަލު ގަޑިތައް އޮފީހު ހުއްޓަސް
ވެރިކަމު ތިބޭ މޮޅުން އަދު "ކަލް ދޯބަޖޭ" ނުވޭހޭ؟
ކަރުނާރުނެގި ސިޔާސީން ހަމަހަމަ ކަމޭ ގޮވައިފައި
ވަރުވަރުގެ ޔާރުނާފަނޑި ސޭޓުން އެކީ ނުކައިހޭ؟
ކަރައިން ކިޔެވި މިތައް ބޯ ކަންކަން ބަލަން ނެރުނުމުން
ކަރުގޭވަ ކުދިކަތުން މަގުތަކު ފަނިއެޅުން ނެތުނުހޭ؟
ވަރުވަރުގެ ޗާލު ޑިގުރީ އަގަކައި ނުލައި ދިނަސްވެސް
ހަރުބޯ ކުދިން އެޔާނުވެ އަސްދަނޑި ބަލަން ނުދޭހޭ؟
ކުރިޔަށް ނެރެން ދިވެހިބަސް މަތިފަޑިމަތިން ގޮވާއިރު
ޗަރުކޭހު މާރުކޭޓުން ވިކެނީ ފުރެއްދެ ލަވަހޭ؟
ދެރަވަރުގެ މައް އެ "ހުވަފެން"، "ޙިލްމޭ" ބުނީމަ އަސްތާ
ވެރިޅެން ކަލޯގެ ބަނޑުގައި އޮވެ އަލިމަހަށް ނުވޭހޭ؟
"ވަރުދެއްގެ މީރު ޚުޝްބޫ ގުލްމޯހަރީގެ ރަންގީ"
ވަރުނެތްކޮޅުގެ ފަށުއިކަމު އަދިވެސް ނިކަން ބެލޭހޭ؟