Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ޖާބިރަށް ވޯޓު ދިނަސް މިއަށްވުރެ ރަނގަޅުވާނެ!

ސިޔާސީ މީހުން ދައްކާ ވާހަކަ މިހާރު އަޑުއަހާ ހިތް ވަރަށް ނުވެއެވެ. އިސްތިސްނާ އަކީ ހަމައެކަނި ޑީ.އާރް.ޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ދައްކަވާ ވާހަކަ އަޑު އަހަނީ މަޖާވުމުންނެވެ. އެއީ އެއްވެސް އޮއްޓަރެއް، ހަޤީގަތެއް ނެތް ވާހަކަތަކެއްކަން ޙުދު ޖާބިރަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ. ޖާބިރުގެ މަޤްސަދެއް ކަމަށް ލަފާ ކުރެވެނީ ރައްޔިތުން ހެއްވާލުމެވެ. އެހެން ސިޔާސީ ލީޑަރުން ހަދާ ދޮގާއި، ހިންގާ ކޮރަޕްޝަނުން ހިތަށް ތަދުވެފައިވާ ނިކަމެތި ރައްޔިތު މީހާގެ ހިތަށް ކުޑަވެސް ތަސައްލީއެއް ލިބެނީ ދޭތެރެ ދޭތެރެއިން ޖާބިރު ދައްކަވާ ސިޔާސީ ސަމާސާ އަދަބުގެ ރަންމުތްތަކުންނެވެ.

މީޑިއާއާ ވާހަކަ ދައްކަވަމުން އަންގާރަ ދުވަހު ޖާބިރު ވިދާޅުވީ ވެސް މިކަހަލަ ވާހަކައެކެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް އެހެން ޕާޓީތަކުން ބޮޑެތި ހަރަދުތައް ކޮށް، ކެމްޕޭން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ދިވެހި ރައްޔިތުން މާކުރީއްސުރެ ނިންމައިގެން ތިބީ އޭނާ ހޮވަން ކަމަށް ޖާބިރު ވިދާޅުވިއެވެ. އޭނާ ރައީސް ކަމަށް ހޮވިވަޑައިގަތުމުން ރާއްޖޭގައި ކެސިނޯ އަޅުއްވާނެ ކަމަށާއި، އެކަނިވެރި ފިރިހެނުން ދައުލަތުގެ ޚަރަދުގައި ބަލަހައްޓާނެ މަރުކަޒެއް ބިނާ ކުރައްވާނެ ކަމަށާއި، އެމަރުކަޒުގައި އެކަނިވެރި ފިރިހެނުންނަށް ޚިދުމަތް ދޭނީ ޒުވާން އަންހެން ކުދިން ކަމުގައި ޖާބިރު ކުރިން ވިދާޅުވެފައި ވެއެވެ.

ލާދީނިއްޔަތާއި ފާޙިޝް އަމަލު ކުރުމުގައި ހައްދުން ނެއްޓި، ލިވާތާއި ޒިނޭ އާއި ޑްރަގް އާއްމުވެފައިވާ ދިވެހި ރާއްޖޭގައި ޖާބިރުގެ މެނިފެސްޓޯ އަށް ވޯޓުލާނެ މީހުން ވަރަށް ގިނަވާނެ ކަމަށް ބެލެވެއެވެ. ދިވެހީންގެ ވަރަށް ގިނަ ބަޔަކު ބޭނުންވަނީ ކެސިނޯ އަޅައިގެން ބިރަކާ ނުލާ މަޖާކުރަން ވިއްޔާ އެވެ.

ޖާބިރުގެ ރަނިންގް މޭޓަކަށް ބިރަކާ ނުލާ މަޖާ ކުރުމުގެ ބާނީ، މުހައްމަދު ނަޝީދު، ލުމުން އެހެރީ ކާމިޔާބުގެ ހުރިހާ ރަހައެއް ހަމަވެފައެވެ. އެ ދެ ބޭފުޅުންނާ ޤައުމު ހަވާލުކޮށްފައި ދިވެހީން ދެން ނިދަން ދިޔައަސް އޯކޭވާނެއެވެ. ހޭލާއިރު ޤައުމުގައި އޮންނާނީ މީގެ އެތައް ޤަރުނެއް ކުރީން ރޯމްގައި ރަސްކަން ކުރެއްވި ޚުދުމުހްތާރު، ޖިންސީ ކަންކަމުގައި ހައްދުފަހަނަ އެޅި ރަސްކަލެއް ކަމުގައިވާ ކަލްގިއުލާގެ ވެރިކަން ފަދަ ވެރިކަމެކެވެ. ބިރަކާ ނުލައި ހެސްކިޔާފަ މަޖާ ކުރެވޭނެ ވެރިކަމެކެވެ.

ރާއްޖޭގެ ނޫސްތަކުން މިފަހަކަށް އައިސް ވަރަށް އާއްމުކޮށް ފެންނަ އެއް ސުރުހީއެއް އޮވެއެވެ. ކޮންމެވެސް "ޕެސްޓް"އެއްގެ ބޭންކް ސްޓޭޓްމެންޓެއްގެ ވާހަކަ އެވެ. އެ ޕެސްޓަކު ހައްޔަރު ކުރި ވާހަކަ ނުވަތަ ބަންދުން ދޫކޮށްލި ވާހަކައެވެ. މިއީ ކޮންމެވެސް ދިވެހި ލަވަކިއުންތެރިއެކެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އޭނާގެ ނަމަކީ އިސްމާއިލް އިފްހާމް މުހައްމަދެވެ. ނަމަވެސް ސުރުޙީ ތަކުން މުޅިންވެސް ފެންނަނީ ކޮންމެވެސް ޕެސްޓެއްގެ ވާހަކައެވެ. އެކަން ދެން ބޮޑު ޕެސްޓަކަށް ވެއްޖެ އެވެ. ބައްޔަކަށް ވެއްޖެ އެވެ. މަސްތުވާ ތަކެތީގެ މައްސަލަ ތަކުގައި މިހެން ހައްޔަރު ކުރާ މީހުން ފަންނާނުންގެ ވަނަން ބޭނުންކޮށްގެ ނޫސްތަކުގެ ފަލަ ސުރުޚީ ހެދުމުން އެފަދަ މީހުން އިތުރަށް މަޝްހޫރުވުން ނޫން ކަމެއް ނުވެއެވެ. މި ޕެސްޓެއްގެ ކިބައިން ނޫސްތައް ގައިމު ސަލާމަތްވާން ވެއްޖެއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރަށް އ.ދގެ އާއްމު މަޖުލީހުގެ ރައީސްކަން ލިބިވަޑައިގެން، އެއީ މާ މޮޅުކަމެއްކަން ދައްކަން ފަލަ ސުރުޚީ އަޅައަޅައި އުޅެނިކޮށް މަގާމުގެ މުއްދަތު ހަމަވެއްޖެއެވެ. މިއީ ބޮޑެތި ޤައުމުތަކުން ކުދި ޤައުމުތައް ހައްދަން ވެގެން ބޭނުންކުރާ، އެއްވެސް ބާރެއް ނޯންނަ، ރަމްޒީ މަޤާމެކެވެ. ބޮޑާވެ، ފޮނުއަރުވައި ނިމިގެން ބަލާލިއިރު ދައުރު ހަމަވެގެން މަޤާމް ގެއްލިއްޖެއެވެ. ދައުލަތުން އެތަކެއް މިލިއަން ރުފިޔާ ބޭކާރުވުން ފިޔަވައި މާބޮޑު ކަމެއް މިކަމަކުން ދިވެހީންނަކަށް ނުވެއެވެ. ޝާހިދަށް ކިތައްމެހާވެސް ފައިދާއެވެ. މީހުން އަޑުވެސް ނާހާ އެތައް ޤައުމަކުން ޝާހިދަށް އެވޯޑްތަކާއި ޝަރަފްތައް އަރުވައިފިއެވެ. ދިވެހި ރާއްޖެއިން ވެސް ނިޝާން އިއްޒުއްދީންގެ ޝަރަފް އަރުވައިފިއެވެ.

މިފަދަ ޝަރަފްތައް ޝާހިދަށް މިއެރުވީ ކޮންކަމެއް ކުރައްވައިގެންތޯއެވެ؟ ރާއްޖޭގެ ބަޖެޓާ ނުބައްދަލު ވަރަކަށް ދުނިޔޭގެ އެކި ޤައުމު ތަކުގައި އެމްބަސީތައް ހަދައި، އެއިން ކޮންމެ އެމްބަސީ އަކަށް ސިޔާސީ މީހުން ލައި، އެއިން ކޮންމެ މީހެއްގެ މުސާރައަށް މަހަކު ދެލައްކައެއްހާ ރުފިޔާ ދެއެވެ. މިއީ ނިޝާން އިއްޒުއްދީންގެ ޝަރަފް ޝާހިދަށް އަރުވަން ހަމަ ރަނގަޅު ސަބަބެކެވެ. ޝާހިދުގެ ދަރިކަލުން ވެސް ހިމެނޭ ގޮތަށް، އެތަކެއް ދިވެހި އައިލާތަކަކަށް މިލިއަނުން ލާރިގަނޑު އެބަ ލިބޭ ވިއްޔާ އެވެ. އެއީވެސް ޒާތެއްގެ ޤައުމީ ޚިދުމަތެކެވެ.

މެލޭޝިޔާ އެމްބަސީ އަށް ވެސް އަހަރަކު 35 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވެއެވެ. މިދިޔަ ވެރިކަމުގައި މެލޭޝިޔާގެ ދިވެހި އެމްބަސީގައި ތިބީ އެންމެ ފަސްވަރަކަށް މުއައްޒަފުން ކަމުގައި ވިއަސް މިހާރު ވިއްސަކަށް މުއައްޒަފުން ތިބެއެެވެ. މަހަކު ތިން މިލިއަން ރުފިޔާ އެތަނަށް ޚަރަދުވެއެވެ. މިއީ މިސާލަކަށް ދައުލަތުގެ ބޮޑު މުއައްސަސާއެއް ކަމުގައިވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޖެޓަށް ވުރެވެސް ބޮޑު ބަޖެޓެކެވެ. މިވަރަށް ހަަރަދުކުރިއަސް، ގިނަ އެމްބަސީ ތަކުގައި ކުރާ މަސައްކަތެއް ހަރާމެވެ. ސިޔާސީ މީހުންނަށް މަޤާމް ދިނުން ފިޔަވައި ދިވެހީންނަށް ހުރި ކަމެއް ނެތެވެ.

ޚާރިޖީ ވަޒީރު، ނިޝާނުލް އިއްޒުއްދީންގެ ވެރިޔާ، އަބްދުﷲ ޝާހިދުގެ މިހާރުގެ އެންމެ އިސް އަމާޒަކީ ދިވެހި އެމްބަސީއެއް އެމެރިކާގައި ޤާއިމް ކުރެއްވުމެވެ. އ.ދ އަށް ކަނޑައަޅާފައި ހުންނަ ދިވެހި އެމްބަސީއެއް ވެސް އެމެރިކާގައި ހުރެއެވެ. އެވަރަކުން އަދި ނުފުދެއެވެ. އެމެރިކާ އަށް ވަކި އެމްބަސީއެއް 2023ގެ ކުރީކޮޅު ހުޅުވާނެ ކަމަށް ނިޝާން އިއްޒުއްދީންގެ ވެރިޔާ ވިދާޅުވެފައި ވެއެވެ.

އަބްދުﷲ ޝާހިދާއި ވާދައަށް ރައީސް ސޯލިހުވެސް ބުރު ޖައްސަވަނީ އެވެ. ރައީސުލް ޖުމްހޫރިއްޔާ އެންމެ ފަހުން ލަންޑަނަށް ވަޑައިގަތީ އިނގިރޭސި ރާނީ "ފަސްދާނު" ލައްވާށެވެ. އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ވެސްޓް މިނިސްޓަރ އަބީ ފައްޅީގައި އޮތް ރާނީގެ ޖަނާޒާގައި ކްރިސްޓިއަން ދީނުގެ ލަވަ ކިޔައި، ބައިބުލްގެ ބައިތައް ކިޔައި، ފާދިރީންތައް ދީނީ ނަސޭހަތް ދިންއިރު 100% އިސްލާމީ ދިވެހި ޤައުމުގެ ވެރިޔާ، ރައީސް ސޯލިހު އާއި އަނބިކަނބަލުން އެފައްޅީގައި ތިއްބެވިއެވެ. ފާދިރީންގެ ނަސޭހަތާއި ބައިބުލްގެ އަޑު އައްސަވާށެވެ. ރާނީ އަށް ހެޔޮ ދުއާ ކުރައްވާށެވެ. އ.ދގެ އާއްމު މަޖުލީހުގެ ރައީސްކަން އެއް އަހަރުގެ މުއްދަތަށް ލިބިވަޑައިގަތުމުން އަބްދުﷲ ޝާހިދު ވެސް ނިއުޔޯކްގެ ފައްޅިއަކަށް ވަޑައިގަތް ގޮތަށެވެ. ރާނީ ވެސް "ފަސްދާނު" ލައިފިއެވެ. ސުވަރުގެ ވަޑައިގެންފިޔޭ ނުކީކަން ރަނގަޅެވެ.

ޝާހިދު ދުނިޔޭގެ އެކި ޤައުމުތަކުގައި އެމްބަސީ ހައްދަވައިގެން، މިލިއަނުން ތަޅައި ބުރުއްސަވަނީ އެވެ. ރައީސް ސޯލިހު މިލިއަނުން ހަރަދު ކުރައްވައި ކާފަރުންގެ ޖަނާޒާތަކަށް، ފައްޅިތަކަށް އުދުހިވަޑައިގަންނަވަނީ އެވެ. ރާއްޖޭގެ އިގްތިސޯދުގެ މައިނާރޭ ކިޔައި އުޅޭ މަސްވެރިކަމުގެ ސިނާއަތަށް ނިސްބަތްވާ ނިކަމެތި މަސްވެރިން ކޫއްޑޫއިން މަސް ނުކިރިގެން މަސްތައް ކުނިވެ ކަނޑަށް އަޅަނީ އެވެ. އެތައް ހާސް ރުފިޔާއެއްގެ ތެޔޮ އަންދައިގެން، ގުދާރު ބިންދައިގެން، އަވީގައި ތެލުލެވިގެން ބާނާ އެތައް ހާސް ޓަނެއްގެ މަސް ސަރުކާރުން ނުގަތުމުން ކުނިވެގެން ކަނޑަށް އަޅަނީ އެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނެއުޅެއެވެ. އެވެރިކަން މިހާރު އޮތީ ރައްޔިތުންގެ ކަރުގައި އޮޅި، ރައްޔިތު މީހާ އަށް ނޭވާ ނުލެވިގެން މަރުވާ ހިސާބުގައެވެ. ރައްޔިތު މީހާ އަކީ ހިމާރެވެ. ހިމާރަށް ސަވާރުވެ ތިބީ ވެރީންނެވެ. އެކަމަކު ވެރިކަން ފެށިގެން އަންނަނީ ހިމާރުގެ ކިބައިންޔޯލައެވެ.

މި ހުރިހާ ކަމެއް ހިނގާއިރު މިޤައުމުގައި ނައިބު ރައީސެކޭ ކިޔާ ބޭފުޅެއް ވެސް އެބަ ހުންނެވިއެވެ. އެމަނިކުފާނުގެ ކަމަކީ ރައީސް ސޯލިހު ވިދާޅުވާ ހަފްލާތަކަށް ނުވަތަ ތަންތަނަށް ވަޑައިގެން ޅެން ފަރިއްސަށް ފުދޭ ގޮތަށް ރީތި ސުރުޙީ އެޅުއްވުމެވެ. ހެޑްލައިން ހެއްދެވުމެވެ. ނައިބު ރައީސް އިހަކަށް ދުވަހު ވިދާޅުވިއެވެ. އެންމެ އިންޑަސްޓްރީ އަކަށް ބަރޯސާ ނުވެ ޑައިވަރސިފައި ކުރާށޭ އެވެ. މާ ގިނައިން ހަކުރު ނުކައި އާޓިފިޝަލް ސްވީޓްނަރ ކާށޭ، ނުވަތަ މާގިނައިން ކަންޏާ ސިނގު ބަނޑެއް ލައިފާނެއޭ ފަދަ ހެޑްލައިން ވެސް ހައްދަވަފާނެއެވެ. މަހަކު އެތައް މިލިއަން ރުފިޔާ އެއް ހަރަދުކޮށް، ގަނޑުވަރެއް އަރުވާފައި ހުންނަ ނައިބު ރައީސެކެވެ. ރައްޔިތު މީހާގެ ނަޒަރުން މިއީ ހަމަ ބޭކާރު އިސްރާފެކެވެ. ބޭނުމެއް ނެތް މަޤާމެކެވެ.

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ އެވެ. ލ. ގަމުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ އެވެ. ގޭންގް ތަކުން ފުލުހުންނަށް ހަމަލާ ދެނީ އެވެ. ކޮވިޑޭ ކިޔައިގެން ހިންގި ޖަރީމާއިން ކުދި ވިޔަފާރިތައް އިންދަ ޖައްސައިފިއެވެ. ފެނަކައިގެ ދަރަނި ބިލިއަން ރުފިޔާ އަށް ވުރެ މަތިވެއްޖެ އެވެ. އެމް.ޑަބްލިއު.އެސް.ސީ އަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދިނުމުން މަޝްރޫއުތައް ހުއްޓި، ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި، އެތައް ކުންފުންޏެއް އިންދަ ޖެހެނީ އެވެ. އަދިވެސް ޝާހިދު ހޭބޯނާރައި ބުރު ތަޅުއްވަނީ އެމެރިކާގައި އެމްބަސީ ނުހެއްދެވިގެންނެވެ. ދިވެހިން އަނގަޔާއި އަތާ ދިމާނުވެެގެން ހަނާވަނީ އެވެ. އެެޖެންޑާ-19 މިއޮތީ ރަނގަޅަށް ކަރަށް މެހިފައެވެ. އަދިވެސް ވީ މި މީހުންނަށް 2023 ގައި ވެރިކަން ދޭށެވެ. ޖާބިރަށް ވޯޓު ދިނުމެކޭ މިއެކޭ ވަކި ތަފާތެއް ނެތެވެ.