Support Us

(ކ-ވ) ޗާލްސް 3 ވަނަ، ޗާލްސް 2 ވަނަ އަދި ޗާލްސް 1 ވަނަ

ރަސްގެފާނު ޗާލްސް (ތިންވަނަ): އެއްވަނަ އާއި ދެވަނަ ކޮބާ؟

އިނގިރޭސިވިލާތުގެ އާ ރަސްގެފާނުގެ ނަންފުޅަކަށް ޚިޔާރުކުރެއްވި "ޗާލްސް" މި ނަންފުޅަކީ ބޯ ކަނޑާލުމާއި ދާޚިލީ ހަނގުރާމަތަކާއި އަޅުވެތިކަމުގައި ހޭދަކުރެއްވި އަހަރުތަކާއ، ޣައިރު ޤާނޫނީ ދަރިންތަކުން ފުރިފައިވާ ޝާހީ ތާރީޚެއް ލިބިފައިވާ ނަންފުޅެކެވެ.

ރަސްގެފާނު ޗާލްސް (ތިންވަނަ) އަށް އެމަނިކުފާނުގެ ރަސްކަމުގެ ރަސްމީ ނަންފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ އެހެން ނަންފުޅެއް ކަމަށްވާ "ޖޯޖު" ވެސް ޚިޔާރުކުރެއްވެން އޮތެވެ. އެކަމަކު ރަސްގެފާނު ޗާލްސް ތިންވަނަ މިވަނީ "ޗާލްސް" މި ނަންފުޅު އިޚްތިޔާރުކުރައްވާފައެވެ. މީލާދުން 17 ވަނަ ގަރުނުގައި "ޗާލްސް" މި ނަންފުޅު ބޭނުންކުރެއްވި ދެ ރަސްކަލުންނަކީ ވެސް ޝާހީ ތާރީޚުގައި އާދަޔާ ޚިލާފު ދެ ބޭފުޅުންނެވެ.

ޗާލްސް 1 ވަނަ (1625-1649)

ޗާލްސް (1ވަނަ) އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ އަވަހާރަކޮށްލެވުނު ގޮތުންނެވެ. ޚިޔާނާތުގެ ކުށުގެ ޝަރީޢަތް ހިންގުމަށްފަހު 1649 ވަނަ އަހަރު ލަންޑަންގެ ޕެލަސް އޮފް ވައިޓްހޯލްގެ ބޭރުގައި އާންމުންގެ ކުރިމަތީގައި ބޯ ކަނޑާލައިފައިވާތީއެވެ. މި ބިރުވެރި ނިންމުމުން ވެސް އެނގެނީ ޗާލްސް އެއްވަނަ އަކީ މަގުބޫލު ރަސްކަލެއް ނޫންކަމެވެ.

ޗާލްސް އެއްވަނައިގެ ރަސްކަމުގައި ޤާނޫނުތަކަށް ތަބާވުމުން ދުރުވެވަޑައިގެންނެވިއެވެ. އޭނާ ޤަބޫލު ކުރެއްވި ގޮތުގައި ރަސްކަމަކީ ހެއްދެވި ފަރާތުން ދެއްވި ކަމެކެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ ޕާލަމެންޓުން ހަދާ ދުނިޔެވީ ޤާނޫނުތަކަށް ތަބާވާކަށް އެމަނިކުފާނަކަށް ނުޖެހޭނެއެވެ. އެ މައްސަލައިގައި އެންމެ ފަހުން ޕާލަމެންޓް އުވާލެއްވުމުން ޕާލަމެންޓާ ނުލައި 11 އަހަރު ވަންދެން ރަސްކަންކުރެއްވިއެވެ. އަދި 1640 ވަނަ އަހަރު ޗާލްސް އެއްވަނަ އާ ފައްޅިތަކުގެ އިމާމުންނާ ވެސް ޚިޔާލު ތަފާތުވިއެވެ. އަލުން ޕާލަމެންޓް އެކުލަވާލަން މަޖުބޫރުވީއިރު ރަސްގެފާނާއި ޕާލިމެންޓާ އޮތް ގުޅުންތައް ވަނީ ރަނގަޅު ނުކުރެވޭ ވަރަށް ރޫޅިފައެވެ. އެއާއެކު 1642 ވަނަ އަހަރު ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމަތަކުގެ ސިލްސިލާއަކަށް އިނގިރޭސިވިލާތް ވެއްޓުނެވެ. އޭގެ ހަތް އަހަރު ފަހުން ޗާލްސް އަވަހާރަކޮށްލިއެވެ. މިހާރު ވެސް ޗާލްސް އެއްވަނައިގެ މަރުގެ އަމުރުގެ ނަކަލެއް ޕެލަސް އޮފް ވެސްޓްމިންސްޓަރގައި ހުންނަ ސޮވަރިންގެ ރޯބިން ރޫމްގައި ތަޅުވާފައި އޮވެއެވެ.

ޗާލްސް ދެވަނަ (1660-1685)

ޗާލްސް (2ވަނަ) މަޝްހޫރުވެފައިވަނީ "މެރީ މޮނާކް"ގެ ނަންފުޅުންނެވެ. ސަބަބަކީ އެ ރަސްގެފާނުގެ ފަޚުރުވެރި ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތެވެ. ޕާޓީކުރެއްވުމަށް ލޯބިކުރެއްވުމާއި ތިމާގެ ބޭފުޅުންނާއެކު ވެސް ބޭއްވި ނަހަމަ ގުޅުންތަކުގެ ސަބަބުންނެވެ. އެ ވިޔާނުދާ ވަހުޝީ ރަސްކަމުގައި ޗާލްސް ދެވަނައަށް އެތައް ލޯބިވެރިންނަކާއި ޣައިރު ޝަރުޢީ އެތައް ދަރިންނެއް ލިބިވަޑައިގެންނެވިއެވެ.

ޗާލްސް އެއްވަނައިގެ ބޯކަނޑާލުމަށްފަހު ރަސްކަން އުވާލައި، ޗާލްސް ދެވަނައަށް 10 އަހަރަށްވުރެ ގިނަ ދުވަހު އަޅުވެތިކަމުގައި ހޭދަކުރަވަން ޖެހިވަޑައިގެންނެވިއެވެ. އެ ދުވަސްވަރު އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން ދިޔައީ އޮލިވަރ ކްރޮމްވެލް އާއި ޕިއުރިޓަނިކަލް ޕާލަމެންޓެއްގެ ދަށުންނެވެ. ތިއޭޓަރުތައް ބަންދުކޮށް ދީނީ އީދުތައް ފާހަގަކުރުން ހަނިކުރިއެވެ.

ކްރޮމްވެލްގެ އަވަހާރަވުމަށްފަހު 1660 ވަނަ އަހަރު އިނގިރޭސިވިލާތާއި ސްކޮޓްލޭންޑް އަދި އަޔަރލޭންޑްގެ ރަސްގެފާނަށް ޗާލްސް ދެވަނަ ވެގެން ދިޔައީ ރަސްކަމުގެ ނިޒާމު އަލުން އާރާސްތުކުރައްވަމުންނެވެ. އެ ދުވަސްވަރު ޗާލްސް ވަނީ ތިއޭޓަރުތައް އަލުން ހުޅުވައި، ކްރޮމްވެލްގެ ވެރިކަމުގައި ދޫކޮށްލާފައިވާ ގިނަ ސަގާފީ ކުޅިވަރުތައް އަލުން އަނބުރާ ގެނެސްފައެވެ. ކްރޮމްވެލްގެ ދުވަސްތައް ނިމިއްޖެކަން އިތުރަށް ސާފުކޮށްދިނުމަށްޓަކައި، ޗާލްސް ދެވަނަ ވަނީ ކްރޮމްވެލްގެ ވަޅުލާފައިވާ ހަށިގަނޑު ކޮނެ، ތަޅުވައި، ބޯ ކަނޑާލާފައެވެ. އެވަރަކުން އަދި ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެންމެފަހުން ކްރޮމްވެލްގެ ބޯ ލަންޑަންގެ ވެސްޓްމިންސްޓަރ ހޯލްގެ ބޭރުގައި ހުރި ސްޕައިކެއްގައި ބެހެއްޓިއެވެ.

އިނގިރޭސިވިލާތުގެ ރަސްކަމުގެ ތާރީޚަށް ބަލާއިރު "ޗާލްސް" ގެ ނަންފުޅަކީ އާދައިގެ ނަންފުޅެއް ނޫނެވެ. އެއަށްވުރެ މާ ކުލަގަދަ ތާރީޚެއް ލިބިފައިވާ ނަންފުޅެކެވެ.

ހަވާލާ:

ލިންޑްސޭ ލޯވް (2022). ކިންގް ޗާލްސް 3 އިޒް ނައު އޮން ދަ ތްރޯން– ބަޓް ހޫ ވާ ކިންގ ޗާލްސް 1 އެންޑް ކިންގް ޗާލްސް 2؟ ޓްޑޭ.ކޮމް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *