Support Us

މާޔޫސްވުމެއް ނެތެވެ.

އަހަރެންގެ ހިތް ދަސްކޮށްފިޔޭ ކަޅުއަނދިރި ދަންވަރު އަލިކުރާން
އޮހޮރޭ ލޮލުގެ ހިތިކަރުނައިން އުފަލުގެ ބަގީޗާ ފަރިކުރާން
ޢާލަމްތަކުގެ ރައްބުލްޢުލާއޭ ބެލެނިވެރި މާތް ބާރަކީ
މާޔޫސްވުމެއް އޮންނާނެހޭ؟ ޢަޒުމޭ އޮތީ ސާބިތުކުރާން

ފެންތިއްކަކުން ލޭ ތިއްކަކުން ގިސްލައި ރޮމުން އައި އައުމުގާ
ފިންޏާއި ގިންޏާ މަޑު ތެމާ، ޠޫފާނުތަކުގެ މި ދަތުރުގާ
ދެއްވާ ރިޒުޤު ފަހި މަދަދުގާ ހިންދެމިލުމޭ މާޒީއަކީ
މާޔޫސްވުމެއް އޮންނާނެހޭ ޢަޒުމޭ އޮތީ ސާބިތުކުރާން

އޭ ކަރުނަޔާ ފޫދޭށެ މާތް ނިޢުމަތްތަކުގެ ޒިކުރާމަތީ
ރޭވެއްޖެ ނަމަ އަލިވާނެޔޭ ފަތިހެއްގެ މޫރިތިކަންމަތީ
ހޭވެރިކުރާ މީ އިމްތިޙާނޭ ފާސްވުމޭ އުންމީދަކީ
މާޔޫސްވުމެއް އޮންނާނެހޭ ޢަޒުމޭ އޮތީ ސާބިތުކުރާން

އަނެކުންގެ މައްޗަށް އޮތް ނަސީބެއް އަމުދަކުން ހަމަ ނުބަލަމޭ
ނުނިޔަތްލުމެއް ނުރުހުންވުމެއް މި ހިތަކު ހިލައި ނުމެ ބާއްވަމޭ
އުނިކަންވިޔަސް ހާސް ނިޢުމަތޭ ގުނިދާ އަޅާގެ ޙަޔާތަކީ
މާޔޫސްވުމެއް އޮންނާނެހޭ ޢަޒުމޭ އޮތީ ސާބިތުކުރާން

ރައްބީގެ ދީލަތިވަންތަކަން އުދަރެސްތަކަށްވުރެ ތަނަވަހޭ
ރަައްބީގެ އޯގާވަންތަކަން ވާރޭ ފަދައިން މި ބިމަށް އޮހޭ
ހިތްވެސް ނަފުސު ވެސް ރޫޙު ވެސް ދިރިދާ މިއީ އީމާނަކީ
މާޔޫސްވުމެއް އޮންނާނެހޭ ޢަޒުމޭ އޮތީ ސާބިތުކުރާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *