Support Us

ކޮލަމް ތަޖޫގެ ދުލުން

ކަތީބާ ނުކުޅޭށެވެ.

ކަތީބަކީ ރަށުގައި ކީއްކުރި ކާކުކަން ފަހަރުގައި ކަލޭ ހަނދާން ނެތުނީ ކަމަށް ވެދާނެއެވެ. ކުޑައައިސަގެ ރުއްގަނޑުން ވަގުރުކު އަޅައިގެން ކަތީބު ކުރިމައްޗަށް ގެންދިޔަ ދުވަހު ބިރުން އޮފީސްތެރެއަށް ކަލޭ ހީސް ދުއްވާލީ މަގޭ ކުރިމަތީގައި ނޫން ހެއްޔެވެ؟ އޮފީހުގެ މަސައްކަތު މީހާ ލޯ ބޮޑުކޮށްލިޔަސް އޭރު އަހަރުން ބިރުން ފިތްކެނޑޭދޯ އެވެ؟

އެހެން އެވަނީ "ބިރުދައްކާފައި" ތިބޭތީއޭ ކަލޭ ބުނެފާނެއެވެ. އެގޮތް މިހާރަކަށް ނުފެތޭނޭ ވެސް ކަލޭ ބުނެފާނެއެވެ. މިހާރަށް ކަމުދަނީ ކެރުމާއި ބިރު ފަހަނަޅައި ދިއުމޭ ވެސް ކަލޭ ބުނާނެކަން މަށަށް ޔަގީނެވެ.

ބިރު ފަހަނަޅަައި ދިޔައީމައި ވާގޮތް އެބަ ފެނޭނޫން ހެއްޔެވެ؟ ކަލޭތީ ރަށު ކައުންސިލްގެ ރައީސްއެވެ. ކަލޭ ދެކެ ލޯބިވާ، ކަލެއަށް އިހުތިރާމް ކުރާ މީހަކު މިރަށަކު ނެތެވެ. އަދި އަމްދުން މި ރަށުގައި ކަލޭގެ ބާރެއް ނެތެވެ. މަ ހަމަ މިހެން ބުނާއިރަށް ކަރުން ނާރުނަގާފައި ކަލޭ ބުނަން އޮންނާނީ ރަށުގެ އުތުރު ކޮޅުގައި ޕާޓީގެ ޖަގަހައެއް ރައްޔިތުންގެ ނުގަބޫލުގައި އަޅައި، ކަލޭގެ ބާރު ދައްކާލި ވާހަކަ އެވެ. އެއީކީ އަދި ބާރު ހުރުމެއް ވެސް ނޫނެވެ. އެއީ ކަލޭގެ މޮޅު ކަމެއް ވެސް ނޫނެވެ. އެއީ ކަލެއާއި ކަލޭގެ ޕާޓީގެ ނޭއްގާނީ ކަމެވެ. ރައްޔިތުންގެ ރުހުމާއެކު ދެ ފިލާކޮޅު އެއްކޮށްލާފައި މޮހޮރެއް ޖަހާލެވުނަސް އެއީ ގަނޑުވަރެއް އެޅުން ކަހަލައެވެ. ކަތީބުން އެ ޒަމާނުގައި ދެމި ބޮކިފަތި ދަމާލަނީ ރައްޔިތުންގެ ހިތުގަޔާ އެކުގައެވެ.

ކަތީބުން އެ ޒަމާނުގައި ކުރި ބުރަ މަސައްކަތާއި ނެގި ޒިންމާގެ ކުރު ލިސްޓެއް މަ ކިޔާލަދެން ހެއްޔެވެ؟ ދެކަންފަތް ހުޅުވައިގެން އަޑުއަހާލަ ބަލާށެވެ. ހަފުތާއެއް ހުސްވާއިރު ތިން ހަތަރު ފަހަރު ކަތީބު ނުވަންނަ ގެއެއް މިރަށަކު ނުހުންނާނެއެވެ. ވިހާ މީހާ ވިހާނީ ކަތީބުގެ އަތްމައްޗަށެވެ. މަރުވާ މީހާ މަރުވާނީ ކަތީބު އުނގުގައި ބޯއަޅައިގެން އޮވެއެވެ. ދެމީހަކު ދެވިޔަސް ވަރިކުރިއަސް އެ ދެމެދުގައި ވެސް ހިނގާނީ ކަތީބެވެ. ސްކޫލް ކުދިން ނިދަންވާ ގަޑިއާއި މޫދަށް އެރެންވާ ދުވަސް ވެސް އެނގޭނީ އޭނާއަށެވެ. ދަންވަރު ދަމު ހިނގާ ޕެޓްރޯލްކޮށް ރަށުތެރެ ބަލަހައްޓާނީ ވެސް އޭނާއެވެ. ރަށުގެ ލަފާފުރާ ބެލެހެއްޓުމާއި ފެންތަށި ކިޔަވައިދިނުމާއި ރުއްގަހުގެ ހިސާބު ބެލެހެއްޓުމަކީ ވެސް ކަތީބުގެ ޒިންމާގެ ތެރެއިން ހިނގާ ކަންކަމެވެ. ރަށު އޮފީހުގެ ދިދަވެސް ގިނަ ދުވަސް ދުވަހު ނަގާނީ އޭނާގެ ދެއަތުންނެވެ.

ވީއިރު ކަލޭ ތިގޮނޑީގައި އިނދެގެން ބޮޑު ތަސްބީހައަކަށް ހަދައިގެން، "ކަތީބޭ ކަތީބޭ" ނުކިޔާށެވެ. އަތުން ފައިން ކަމެއް ކުރަން ނޭގޭހާލު ތި އަނގަމަތީ އަދި އެއް މާސްކު އަޅާ އަނގަ ބަންދުކޮށްގެން އިނދެބަލާށެވެ. އެހެން މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްބަލާށެވެ. ކޮއްކޯއެވެ. ކަތީބު ހުކުރަށް ދާން ގައިގައި ވަށާލީ އަތަރުގެ ވަހާ ހަމައަށް ވެސް ކަލޭ އަންނަން އަދި 20 އަހަރު ނަގާނެ އެވެ. "ކަތީބާ ނުކުޅޭށެވެ."