Support Us

އެއީ ހަސަދަތަ ނޫނީ ހަމަ އަނގަ ގަދައީތަ؟!

"އަނެއްކާވެސް ބަލިވެއިނީ؟ ހަގު ދަރިއަށް އަހަރެއް ނޫންތަ ވީ؟ ޖަޕާނު މަހަކަށްވުރެ ކުޅަދާނަ ދޯ؟ އެގާރަ ހަމަ ކުރަންވީތަ؟ ކިހިނެއްތަ ތި ހުރިހާ ކުދިން ބަލަނީ؟ ފިރިމީހާއަށް ލިބޭ މުސާރައިން ވޭތަ؟" މިއީ ދެ ކުދިންނަށްވުރެ އިތުރަށް ނުވަތަ ދަރިންގެ ހަގު އުމުރުގައި މައިމީހާ ބަލިވެ އިންނަ ނަމަ އާއްމުކޮށް ކުރިމަތިކުރުވާ ސުވާލުތަކެކެވެ. މަޖަލަކަށް ހަދައިފައި ރަހްމަތްތެރިންނާއި އާއިލާ މީހުންނާއި ދެކެފަރިތަ މީހުންވެސް މިފަދަ ބަސްތަކުން މުޚާތަބު ކޮށްލާނެވެ.

ކުދިން ގެންގުޅޭނީ ކިހިނެއްތޯއާއި ލިބޭ އާމްދަނީން ވާނެތޯ އާއި ވަޒީފާއަކަށް ދާނަމަ ދެން ވަޒީފާއަށްވެސް ދެވޭނެހޭ ވިސްނައިގެން އުޅޭނަމަ ތިހެން ނުވާނެތާއޭ ބުނެއެވެ. އަދި ޅަދަރިމައި މަންމަ ދެތިން ކުދިން ގޮވައިގެން އުޅޭނަމަ ދޮށީ ދަރިއާވެސް އަޅާލަނީއެއް ނޫނޭ ދެން ކުދިން ލިބިޖެއްނަމަ ދަރިންކޮޅު ވާނީ ބިކައޭ ހުރިހާ އުނދަގުލެއް ޖެހޭނީ އާއިލާއަކަށް ނޫންހޭ ފަދަ ބަދުބަސްތައް ރައްދުކޮށްލައެވެ.

މިފަދަ ކޮށި ވިސްނުމުގެ މީހުންނަށް ބުނެދެމެވެ. ދަރިންނަކީ ﷲ ދެއްވާ ނިޢްމަތެކެވެ. ކަނޑައެޅި ލިޔުއްވައިފައިވާ ރިޒްގަކާއެކު ކުއްޖާ ދުނިޔެއަށް އުފަންވާއިރު ގިނަ ކުދިން ހޯދައިގެން ކައިގެން ބޮއިގެން އުޅެވޭނެތޯ ސުވާލު ތިކުރަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ކުދިން ނުލިބިގެން ރެއާއިދުވާލު އެކަމަށް އެދި މަސައްކަތް ކުރާ ފަރާތްތައް ތިމާއަށް ނުފެންނަނީހެއްޔެވެ؟

ދަރިންނަކީ އަހަރެމެން ބޭނުން ވަގުތަކު އަދި ބޭނުންވާ އަދަދަކަށް ނުވަތަ ވަކި ޖިންސެއް ހާއްސަކޮށްގެން ހޯދޭ ބަޔަކަށް ވާނަމަ ކުދިން ނުލިބިގެން ކަރުނައަޅާ ލޯތަކާއި މާބަނޑުވުމަށްފަހު ބައިގެންދާ މައިންނާއި އުފަންވާ ވަގުތުވެސް ދުނިޔެއަށް އަލްވަދާއު ކިޔާ އެތައް ފުރާނައެއް ހެއްކެއްގެ ގޮތުގައި ނުފެންނަނީ ތިމާ ކަނުވީމަހެއްޔެވެ؟

ދެމަފިރިއެއްގެ އަތުގައި ކުދިން ގިނަވެގެން ތިބާގެ ޖީބުން ހަރަދުކުރަން ޖެހެނީ ހެއްޔެވެ؟ ގާތްގާތުގައި އެކުދިން ވިހައިގެން ތިބާއަށް ތަރުބިއްޔަތުގެ ދައުރެއް އަދާކުރަން އަންނާށޭ ބުނޭހެއްޔެވެ؟

ކުދިންގެ ޅަ އުމުރުގައި ދިމާވާ ތަކުލީފުތަކާއި ގޮންޖެހުން ތަކަކީވެސް ދެމަފިރިންނަށް ކުރިމަތިކުރުވާ ޢިމްތިޙާނުތަކެކެވެ. ﷲސުބްޙާނަހޫ ވަތަޢާލާ އެ ދެމަފިރިއަކަށް މިންވަރު ކުރެއްވި އަދަދަކަށް ކުދިން ލިބޭނެއެވެ. އެކުދިންގެ ރިޒުގުވެސްވަނީ ތިބާގެ ރިޒްގު ފަދައިން ލިޔެވި ނިމިފައެވެ.

ގިނަ ކުދިން ލިބުމަކީ ދެމަފިރިންނަށް ލިބޭ ނިޢްމަތަކަށް ވާއިރު ތިބާގެ ހިތުގައި އެކަމަށްޓަކައި ސުވާލު އުފެދުމަކީ ވިސްނުމުގެ ކޮށިކަން ނޫން ދެން ކޮންކަމެއްހެއްޔެވެ؟

ވިސްނާށެވެ. ގިނަ ކުދިން ލިބިގެން ކުރަންވީ އުފަލެވެ. އަހަރު ދެކޮޅު ވިހޭނަމަވެސް އެވެ. އެއީ ހެޔޮލަފާ، ސޯލިޙު ދަރިއަކު ދުނިއަށް ދޫކޮށްފައި ދެވިއްޖެނަމަ އުޚުރަވީ ހަޔާތުގައިވެސް ތިބާއަށް މަންފާ ކުރާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *