Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ނަޝީދާއި ބަރުލަމާނީ އަދި ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވި ބިޔަ އިލްޒާމް!

ރައީސް މުހައްމަދު ނަޝީދު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސަކީ ކަމަކުން ރެކިވަޑައިގަންނަވަން، ދެބޯގެރި ދުއްވަވަން ބޭއްވެވި ޑްރާމާއެކެވެ. ބަރުލަމާނީ ނިޒާމަކީ އޭގެ ޒާތުގައި، ދައުލަތެއް ހިންގަން، ރިއާސީ ނިޒާމަށް ވުރެ މާރަނގަޅު ނިޒާމެކެވެ. ނަމަވެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ކަމުނުދާ މުހިއްމު ދެ ސަބަބެއް ވެއެވެ.

ފުރަތަމަ ސަބަބަކީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ދެމެހެއްޓުމާއި ސަރުކާރު ވައްޓާލުމުގެ ހުރިހާ ބާރެއް މަޖުލިސް މެމްބަރުންގެ އަތުގައި ވާއިރު، ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގައި ތިބި ވަރަށް ގިނަ މެމްބަރުންނަކީ މާބޮޑު ތައުލީމެއް ނެތް، ޖާހިލު، ކޮރަޕްޓް ބަޔަކަށް ވުމެވެ. އެފަދަ ބަޔަކަށް ޤައުމުގެ އެވަރުގެ ބޮޑު ބާރެއް ދީފިނަމަ މަޖުލިސް ވާނީ އެންމެ ބޮޑު އަގެއް ކިޔާ ބަޔަކަށް މެމްބަރުން ވިއްކާ ސްޓޮކް އެކްސްޗޭންޖަކަށެވެ. މެމްބަރުން އިރުއިރުކޮޅާ ޕާޓީ ބަދަލުކުރާނެއެވެ. އިރުއިރުކޮޅާ ސަރުކާރު ވެއްޓޭނެއެވެ. މިހާރު ވާވަރަށް ވެސް ސަރުކާރު ޒިއްމާދާރު ނުކުރެވޭނެއެވެ. މެމްބަރުންނަކީ ރައްޔިތުން ހޮވާ ބަޔަކަށް ވިއަސް، ހޮވުމަށް ފަހު އެ މެމްބަރުން މަޤާމުން ވަކިކުރެވޭނެ، ނޫންނަމަ ޒިއްމާދާރު ކުރެވޭނެ އެއްވެސް ގޮތެއް ރައްޔިތުންނަކަށް ނޯވެއެވެ. އެއީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ކަމުނުދާ ފުރަތަމަ އަދި އެންމެ ބޮޑު ސަބަބެވެ.

ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ކަމުނުދާ ދެވަނަ ސަބަބަކީ މި ނިޒާމް ނުގެނެވިގެން ރެވިތެޔޮލައިގެން އެނބުރޭ ގިތެލެއްހެން އެނބުރެނީ އެންމެ ބޭފުޅެއް ކަމަށް ވުމެވެ. އެއީ ރައީސް ނަޝީދެވެ. އެ ބޭފުޅާގެ ސިޔާސީ ހަޔާތަށް ބަލާއިރު މިހާތަނަށް ކުރެއްވި ހުރިހާ ކަމެއް ކުރައްވާފައި ވަނީ އަމިއްލަ ސިޔާސީ ހަޔާތް ޕްރޮމޯޓް ކުރެއްވުމަށް، ޑްރާމާ ކުޅުއްވުމަށެވެ. ޖަލަށް ވެންނެވީ ވެސް ހަމަ ވެރިކަން ހޯއްދެވުމުގެ ދުރު ރާސްތާގެ ރޭވުމަކުން ވެލާނާގެއިން ކަރުދާސްކޮޅެއް ނަންގަވައިގެން ގަސްތުގައި ކަމަށް ވެދާނެއެވެ. ޝަރީއަތަށް ހާޒިރު ކުރާނަމަ ބިންމައްޗަށް ވެއްޓިވަޑައިގެން ފުލުހުންނާ އެކު ބަނޑު މުސާރައަށް ބައްދަވައެވެ. ކޯޓަށް ހާޒިރުކުރަން ޖެހެނީ 100 ކިލޯގެ ހަނޑޫ ބަސްތާއެއްހެން، ބިޔަ ހަތަރު މީހުން ކިހިލި ޖަހައިގެން ގަދަކަމުންނެވެ. އެއްޖިންސުން ގުޅުން ހިނގުމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ޤައުމުގެ ވަލީއުލް އަމްރު އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމުތު އެޅުއްވެވިއެވެ.

ރައީސް ނަޝީދު ބަރުލަމާނީ ޕްރޮމޯޓް ކުރެއްވުމަކީ ބަރުލަމާނީ އަށް ނޫނެކޭ ބުނަންޖެހޭ މުހިއްމު ދެވަނަ ސަބަބެވެ. އައިސްކްރީމަކީ ފޮނި އެއްޗެއް ކަމަށް ނަޝީދު ވިދާޅުވިއަސް ރައްޔިތުން އެ އައިސްކްރީމް ކެއުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާންޖެހޭނެއެވެ. ނަޝީދުގެ ސިޔާސީ މާޒީއަށް ބަލާއިރު މުޅިންވެސް ދައްކަވާފައި ހުރީ "ބޯންދޭން ޖެހޭނެ ކަމަށާއި، ބޯންވާނެ ކަމަށާއި، ހަމައިން ނެއްޓޭންޖެހޭ ވަގުތު އަންނާނެ ކަމަށާއި، ބިރަކާނުލާ މަޖާކުރުމުގެ" ވާހަކައެވެ. ބަރުލަމާނީ ނުގެނެވިގެން މި އުޅުއްވަނީ ނުބޮވިގެން، އެ ވިދާޅުވާ ގޮތަށް މަޖާ ނުކުރެއްވިގެން ކަމަށް ވެދާނެއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން މިވަގުތު އެންމެ ބޭނުންވާނެ އެއްބަޔަކީ ނަޝީދުގެ އިތުރުން އިންޑިއާ ކަމަށް ފެނެއެވެ. މިހާރަށް ވުރެވެސް ބޮޑަށް އިންޑިއާ ކޮޅަށް ރާއްޖެ ޖައްސައި، މަޖުލިސް ގަނެލައިގެން ރާއްޖެއަކީ އިންޑިއާގެ ބަޔަކަށް ހެދުމުގެ ފުރުސަތު ފަހިކުރުމަކީ އިންޑިއާގެ މަގްސަދަކަށް ވެދާނެއެވެ. މަޖުލިސްގެ މެޖޯރިޓީ ގަނެލެވޭ ބަޔަކަށް އެއިރުން ރާއްޖެ ގަނެލެވޭނެއެވެ. ނަޝީދަކީ އިންޑިއާ އިން މިކަމަށް ފޮނުވައިފައި ހުރި އެޖެންޓަކަށް ވެސް ހަމަ ވެދާނެއެވެ. އެހެންކަމުން މި ދެ ނުކުތާ އަށް ބަލާއިރު ދިވެހިން މިވަގުތު ބަރުލަމާނީ އަށް ބުނަން ޖެހެނީ ހަމަ ނޫނެކޭ އެވެ!

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ހައްޔަރު ކުރުމުން، އިނގިރޭސިވިލާތުގައި ހުންނަވާފައި، ދިވެހި ޤައުމުގެ ވަލީއުލް އަމްރުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމުތު އަޅުއްވާފައި، އެކަމުން ރެކިވަޑައިގަތުމަށް ރާއްޖެ ވަޑައިގެން، ބަރުލަމާނީގެ ދެބޯގެރި ދުއްވެވިއަސް ނަޝީދުގެ އެބަހުގެ ޒިއްމާއިން އެހާ ފަސޭހައިން ބަރީއަވެވަޑައެއް ނުގެންނެވޭނެއެވެ.

މިކަމުގައި އޮތީ ދެ ގޮތެކެވެ. އެއްގޮތަކީ ނަޝީދު އެ ހެއްދެވީ ތެދުފުޅެކެވެ. މާނައަކީ ރައީސް ސޯލިހު ޒިނޭކުރައްވާ ފޮޓޯ ނަޝީދު އަތްޕުޅުގައި އެބަހުއްޓެވެ. އެހެން ކަމަށް ވާނަމަ ރައީސް ސޯލިހަކީ އިސްލާމީ މިޤައުމުގެ ވަލީއުލް އަމްރަކަށް އެންމެ ސިކުންތަކަށް ވެސް ހުންނަވަން އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އެބޭފުޅާ އަޒުލްކޮށް، މަޤާމުން ދުރުކޮށް، ޝަރީއަތުން ހައްދު ޤާއިމްކުރަން ޖެހޭނެއެވެ. ދެވަނަ ގޮތަކީ ނަޝީދުގެ ކޮއްކޯފުޅު ޖަލަށް ލުމުން އެކަމުން ފޯކަސް ގެއްލުވާލައި، ރައީސް ސޯލިހުގެ ސަރުކާރަށް ޕްރެޝަރު ކުރެއްވުމުގެ ގޮތުން ޒިނޭގެ އިލްޒާމާ އެކު ނަޝީދު އިތުރުފުޅު ހެއްދެވީ އެވެ. އެހެން ކަމަށް ވާނަކަމަ އިސްލާމީ ޤައުމެއްގެ ވަލީއުލް އަމްރުގެ އިސްތަށިފުޅުގައި އެވަރުގެ ބޮޑު ދޮގު އިލްޒާމެއް އަޅުއްވާފައި، ބަހުގެ މަފްހޫމް ނޫސްވެރިން އޮލުވާލީ ކަމަށް ވިދާޅުވެ، ޒިންމާއިން ރެކިވަޑައިގަތުމަށް އުޅުއްވިއަސް އެކަން އެހެން ވިޔަދެވިގެން ނުވާނެއެވެ. އެ ޝަރީއަތްކޮށް އަނގަހައްދު ޖަހަންޖެހޭނެއެވެ.

ރޯމާ ދުވާލު، ވަރަށް ސާފުކޮށް، ފާޅުގައި، ރައީސް ސޯލިހަށް ޒިނޭގެ ތުހުމަތު ކުރައްވައި، ސަރީޙަ ބަހުން އެތައް އެއްޗެއް ލިއުއްވުމަށް ފަހު އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ނަޝީދު މަސައްކަތް ކުރެއްވީ އެމަނިކުފާނު ވިދާޅުވި އެއްޗެއްގެ މަފްހޫމް ދިވެހި ނޫސްވެރިން އޮޅުވާލައިގެން ހެޑްލައިން ހެދީ ކަމަށް ދައްކަވާށެވެ. ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ބިޔަ، ބޮޑު އިލްޒާމެއް އެޅުއްވުމަށްފަހު އެކަމުން ރެކިވަޑައިގަންނަވަން ދެން އިލްޒާމް އެޅުއްވެވީ ދިވެހި ނޫސްވެރީންގެ ބޮލުގައެވެ. ނަޝީދުގެ ސިޔާސީ ރަންޑިކަން ކުރިއަށް ގެންދެވުމަށްޓަކައި ގުރުބާން ނުކުރައްވާނެ ހަމަ އެކަކުވެސް ނުހުނާނެކަން މިހާރު ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ.

ނަޝީދު ވިސްނަވާ ގޮތުން ދިވެހީންނަށް ސަލާމަތްކަން އޮތީ ދޮން މީހުން އުޅޭގޮތަށް އުޅެގެންނެވެ. އިންޑިއާ އެއްކޮޅަށް އެހާ ބުރަވެެގެން އެ އުޅުއްވަނީ އިންޑިއާ މީހުން ދޮންވެގެނެއްނޫނެވެ. އެއީ އިނގިރޭސި ވީލާތާއި އެމެރިކާގެ ދޮން މީހުން ބުނެގެން ކުޅުއްވާ ޖިއޯ-ޕޮލިޓިކަލް ރާޒުވާ ކުޅިގަނޑެކެވެ. މިކަމުން ސާބިތުވަނީ ނަޝީދަކީ ދޮން މީހުންގެ އެޖެންޓެއް ކަމެވެ. ނަޝީދުގެ ނަޒަރުގައި ސަލާމަތްވާން އޮތީ ދޮން މީހުން އުޅޭހެން، ބޮއެގެން، ހިނދުކޮޅު އައިސްގެން، ވީކެންޑުގައި ބިރަކާނުލާ މަޖާކޮށްގެންނެވެ. ބަރުލަމާނީ ނުގެނެވިގެން އެ އުޅުއްވަނީ މަޖުލިހުގެ ކޮންޓްރޯލް ނަންގަވައި، ބޮޑު ވަޒީރުކަން ހޯއްދަވައި، ދޮން މީހުން ބުނާހެން މިޤައުމު ބަދަލު ކޮށްލެއްވުމަށެވެ.

ރައީސް ސޯލިހު ހުންނެވީ އިންޑިއާ ދެކެ ބިރުފުޅުން، ނަޝީދާ އެކު ޑީލް ހައްދަވައިގެން ޒިނޭގެ މި ތުހުމަތު ކާޕެޓް ދަށަށް ކައްސަވާލައްވާފައި، ރައްޔިތުން މޮޔައިން ކަމަށް ދެކެވަޑައިގެން ކަމުގައި ވަނީނަމަ އެއީ އިބޫ އާއި ފައްޔާޒާއި އިންޑިއާ އާއި ނަޝީދަށް ވެސް އެޅުއްވޭނެ ސިޔާސީ ވަރަށް ބޮޑު ޅައެއްޗަކަށް ވާނެއެވެ. ރާއްޖޭގެ ސިޔާސީ ހަޔާތަށް ތަސައްލީއެއް އޮތީ އަމިއްލަފުޅަށް "ރާއްޖޭގެ މަންޑޭލާ"ގެ ޓެގް އަޅުއްވައިގެން އުޅުއްވާ ނަޝީދުގެ ސިޔާސީ ކެހިވެރިކަމުން މި ޤައުމު ސަލާމަތްވީ ދުވަހަކުންނެވެ.

މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ސޯލިހު މި ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން މިވަގުތު ފެނިވަޑައިނުގަންނަވާ ކަމަށާއި، އެކަން ކުރާނަމަ ކުރަން ޖެހެނީ އަވަސް އަރުވާނުލައި، ރައްޔިތުންނާ އެކު ފުޅާކޮށް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެމް.ޑީ.ޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ހުށަހަޅުއްވަން ތައްޔާރުވެފައިވާ ޤަރާރު އަނބުރާ ގެންދެވުމަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ. މިއީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކޯޅުމަށް އިތުރުވީ ބޮޅެކެވެ. އަދި ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮއްސި، ޕާޓީ ތެރޭގައި ވެސް ނަޝީދު ބާކީވެއްޖެ ކަމުގެ ހެއްކެކެވެ. އެމް.ޑީ.ޕީ ތެރޭގައި ރައީސް ނަޝީދަށް އެންމެ ބޮޑަށް ސަނާ ކިޔައި ނަޝީދު ދިފާއު ކުރެއްވި، އިމްތިއާޒް ފަހުމީ އާއި ބޮންޑާ ފަދަ މެމްބަރުންވެސް މިހާރު ނަޝީދުގެ ސިޔާސީ ހިސާބު ގޯސްކަން ޤަބޫލް ކުރައްވައި ނަޝީދާ ފެޔަށް ޖެހިވަޑައިގެންފި ކަމަށް ފެނެއެވެ. ނަޝީދުގެ ފޯނު ފޭރިގެން ކަމަށް ނަޝީދު ވިދާޅުވި ހިސާބުންނާއި ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވި ޒިނޭގެ އިލްޒާމް، އަދި އިއްޔެ އެ ދެއްވި ޕްރެސް ކޮންފަރެންސަށް ފަހު ރައީސް ނަޝީދުގެ ސިޔާސީ ތަރި އެއްކޮށް އޮއްސުނީ ކަމަށް ޤަބޫލް ކުރުމުގެ ޖާގަ އެބައޮތެވެ.