...

Support Us

އެމް.އެން.ޑީ.އެފްގެ ޕެރޭޑުގައި ހަތިޔާރުތަކާއި އުޅަނދުތައް ދައްކާލަނީ... -އަދިވެސް ފޮޓޯ: އެލިޒީ

އަސްކަރީ ޚިދުމަތާ ގުޅެންވީ ކީއްވެ؟ ސަބަބަކީ މިއީ

އަސްކަރީ ޚިދުމަތަކީ ވަރުގަދަ ޝަރަފުވެރި ޕްރޮފެޝަނެކެވެ. ތިބާ ބޭނުންވަނީ ހިތްވަރުގަދަ ސްޕެޝަލް ފޯސަސްގެ މެންބަރަކަށް ވާންހެއްޔެވެ؟ އަސްކަރީ ގޮތުން ކުޅަދާނަ މެރީންނަކަށް ވާން ހެއްޔެވެ؟ ގަދަ ކަނޑުތަކުގައި ކޯސްޓްގާޑުގައި އުޅެލާ ޢަޒުމްވަރުގަދަ މާލިމީއަކަށް ނުވަތަ ނެއްވަކަށް ނުވަތަ ކަލާސީނަކަށް ވާން ހެއްޔެވެ؟ އަނދަމުންދާ އަލިފާންގަނޑުގެ ތެރެއަށް ވަދެގެންދާ ހުށިޔާރު ފަޔަރ ފައިޓަރަކަށް ވާން ހެއްޔެވެ؟ ނޫނީ އަސްކަރިއްޔާގެ ހަނގުރާމައިގެ ބާރުތަކަށް ސަޕޯޓް ފޯރުކޮށްދޭ ލާމަސީލު ހުނަރުވެރި ޚިދުމަތްތެރިންގެ ތެރޭގައި މަސައްކަތް ކުރަންހެއްޔެވެ؟ މިއީ އަސްކަރިއްޔާއިން ނޫނީ ލިބޭނެ ފުރުސަތުތަކެއް ނޫނެވެ.

ތިރީގައި މި ވަނީ އަސްކަރީ ޚިދުމަތާ ގުޅެންވީ 15 ސަބަބެވެ.

  1. ތިމާގެ ޤައުމަށް ޚިދުމަތް ކުރުމަށް.

ދިވެހި ޤައުމާއި ރައްޔިތުންނާމެދު ލޯތްބެއް ނުވަތަ ވާޖިބެއް އޮތް ކަމުގެ އިޙްސާސް ކުރެވޭނަމަ އަސްކަރިއްޔާއާ ގުޅުމަކީ އެންމެ ރަނގަޅު ގޮތެވެ.

އަސްކަރިއްޔާގައި ޚިދުމަތްކުރުމުން ފަޚުރުވެރިކަމުގެ އިޙްސާސެއް ކުރެވޭނެއެވެ.

  1. ރީތި ދުޅަހެޔޮ ހަށިގަނޑެއް ލިބިގަތުމަށް.

ސިފައިންގެ އަސާސީ ތަމްރީނުން ފެށިގެން ތިބާގެ ޖިސްމާނީ ހަށިހެޔޮކަމަށް ހިތްވަރު ލިބިގެންދާނެއެވެ. އަސްކަރިއްޔާގައި ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތާ އެއްވަރަށް ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް ބާރުއަޅާނެއެވެ. ސިފައިންގެ މާހައުލަކީ ރީތި ދުޅަހެޔޮ ހަށިގަނޑެއް ލިބިގަތުމަށް ރަނުގެ ފުރުސަތެކެވެ.

  1. އަމިއްލަ ނަފުސު ތަރައްޤީ ކުރުމަށް.

އަސްކަރިއްޔާތަކަކީ މީހާގެ ނަފުސު ތަރައްޤީކުރުމަށް ވަރަށް ފަހި ގިނަ ފުރުސަތުތައް ލިބޭ ތަނެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމުގެ ގިނަ ފުރުސަތުތައް ލިބެއެވެ. މީގެތެރޭގައި ހިލޭ ލިބޭ ފުރުސަތުތައް ގިނައެވެ. އަސްކަރިއްޔާގައި ހަދާ ހުރިހާ ތަމްރީނުތަކެއްގައި އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ހަމަހަމަ އަދި ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވެއެވެ.

  1. އަމިއްލަ ނަފްސަށްވުރެ އެހެން މީހުންނަށް އިސްކަން ދިނުމަށް.

ގިނަ މީހުން ދުވަހުން ދުވަހަށް ދިރިއުޅުން ކުރިއަށް ގެންދަނީ އެ މީހަކަށް ވާނެ ފައިދާއަކަށް ބަލައިގެންނެވެ.

އަސްކަރިއްޔާއާ ގުޅުމުން ރަށާއި ޤައުމަށް އަދި ބައެއް ފަހަރު ބައިނަލް އަޤްވާމީ ދުނިޔޭގައި ވެސް ޚިދުމަތްކުރަން ފުރުސަތު ލިބެއެވެ. ޤައުމުގެ ސުލްޙައާއި ދުނިޔޭގެ ސުލްޙައިގައި ވެސް ހިއްސާވެވޭނެއެވެ.

  1. އެހެން މީހުންގެ އިޙްތިރާމާއި ލޯބި ހޯދުމަށް.

އެންމެން ވެސް ސިފައިންގެ ޚިދުމަތުގެ ވާހަކަ ދައްކައި ތަޢުރީފު ކުރެއެވެ. ސިފައިންގެ ޚިދުމަތަކީ ތަޢުރީފު ޙައްޤު ޚިދުމަތެވެ. އެއީ އެންމެންގެ އިޙުތިރާމާއި ލޯބި ލިބޭ މީހަކަށް ހަދައިދޭ ޚިދުމަތެކެވެ.

  1. އާއިލާގެ ޝަރަފަށް ޓަކައި.

ފަހަރެއްގައި ތިބާގެ ބައްޕަ ނުވަތަ މަންމަ ނުވަތަ އާއިލާގެ އެހެން ބޭފުޅަކު އަސްކަރިއްޔާގައި ޚިދުމަތްކޮށްފައި ވެދާނެއެވެ. ތިބާ ސިފައިންގެ ޚިދުމަތާ ގުޅުމަކީ ތިޔަ އާއިލާގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު އަދިވެސް ހުރި ކަމުގެ ދަލީލެކެވެ. އަދި އެ ބޭފުޅުންނާއި މުޅި އާއިލާ ފަޚުރުވެރިވާ ކަމުގެ އިހުސާސެއް ކުރެވޭނެ ކަމެކެވެ.

  1. ތަފާތު ފަންނުތަކުން ކުރިއަށް ދިއުމަށް.

އަސްކަރިއްޔާއިން ދަސްވެ ޢަމަލީ ތަޖުރިބާ ލިބެނީ ހަމައެކަނި އަސްކަރީ ކަންކަމުން ނޫނެވެ. އާންމު ދިރިއުޅުމާ ގުޅޭ އެތައް ކަމަކާއި އެތައް ރޮނގަކުން ކުރިއަށް ދެވެއެވެ. މިސާލަކަށް ސިފައިންގެ ޚިދުމަތުގެ ތެރެއިން ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި ޤާނޫނީ ޢިލްމުވެރިންނާއި ޕައިލެޓުންނާއި ނެވިންނާއި މާލިމީންނާއި ޑްރައިވަރުންނާއި އިންޖިނިއަރުން އުފެދެއެވެ.

ކޮންމެ ވަޒީފާއަކަށް ކުރިމަތިލިޔަސް އަސްކަރީ ތަޖުރިބާއެއް އޮތުމަކީ އާންމުކޮށް ވަޒީފާދޭ ފަރާތްތަކަށް އޮންނަ އިތުބާރަކާއި ޔަގީންކަމެކެވެ.

އަސްކަރީ ޚިދުމަތުގައި ބެކްގްރައުންޑެއް ލިބުމުން ލީޑަޝިޕްގެ ޤާބިލުކަމާއި މަސައްކަތުގެ ހަރުދަނާ އަޚްލާޤެއް ދައްކުވައިދެއެވެ.

  1. ދަތުރުފަތުރުކޮށް ތަޖުރިބާ ހޯދުމަށް.

އެކި ތަންތަނަށް ދަތުރުކޮށް ތަފާތު ސަގާފަތްތަކާއި އާދަކާދަތައް ތަޖުރިބާކޮށް ގިނަ ބަޔަކާ ފެނިދެނިވެ ރަހުމަތްތެރިވެ ގުޅުންތައް ފުޅާކުރުމަށް ސިފައިންގެ ވަންނާށެވެ.

ސިފައިންގެ ޚިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ޚިދުމަތަކެވެ. އަދި ތަމްރީނު ހޯދުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ފުރުސަތާއި ރާއްޖެ އަންނަ ބޭރުގެ ސިފައިންނާއެކު ތަމްރީނު ހެދުމުގެ ގިނަ ފުރުސަތުތައް ލިބޭނެވެ.

  1. ރަށުން ބޭރަށް ދާން ޝައުޤުވެތިވާ ނަމަ.

ކޮންމެ މީހަކު ވެސް އުފަން ރަށް ދެކެ ލޯބިވާނެއެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ ރަށުން ބޭރުގައި ޚިދުމަތް ކުރުމުގެ ޝައުޤުވެރިކަން އުފެދިއްޖެ ނަމަ އެންމެ އެކަށީގެން ތަނަކީ އަސްކަރިއްޔާއެވެ. ސްކޫލުން ނިމޭ ޒުވާން ކުދިން ރަށުތެރޭގައި އުޅޭ ވިޔާނުދާ ގުރޫޕްތަކާއެކު ގެއްލި ހަލާކުވެގެން ހިނގައިދާނެ ކަމުގެ ބިރު ހީވާނަމަ ސިފައިންގެ ޚިދުމަތާ އަވަހަށް ގުޅޭށެވެ.

  1. ޞިއްޙީ ފަރުވާގެ ޔަގީންކަން ހޯދުމަށް.

ޞިއްޙީ ފަރުވާއަކީ އެންމެ ބޮޑަށް ހޭދައެއް ކުރަންޖެހޭ ޚިދުމަތެވެ. ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ހިލޭ އަދި އެންމެ ރަނގަޅު ފެންވަރުގައި ފުރިހަމަ ޞިއްޙީ ކަވަރޭޖެއް ފޯރުކޮށްދެއެވެ.

  1. ފަހަށް ރައްކާކުރުމަށް

މުއްސަނދިވާން ޝައުޤުވެރިވާ މީހަކަށް އަސްކަރިއްޔާއަކީ ރަނގަޅު ޚިދުމަތަކަށް ނުވާނެއެވެ. ނަމަވެސް އަސްކަރިއްޔާއިން ލިބޭ އިނާޔަތްތަކާއި ޚިދުމަތްތައް ރަނގަޅުގޮތުގައި މެނޭޖްކުރެވިއްޖެ ނަމަ، އެއީ ފައިސާ ފަހަށް ރައްކާކުރުމަށް ލިބޭ ތަފާތު ފުރުސަތެކެވެ. ނުވަތަ އެއީ ހަމަޖެހިގެން ހަޔާތެއް އާރާސްތުކުރުމަށް ރަނުގެ ފުރުސަތެކެވެ.

  1. ދެގޮތެއް ނުވާ ރަޙުމަތްތެރިން ހޯދުމަށް.

ދިމާވާ ކޮންމެ ބޮޑުކަމެއްގައި އެންމެ ގާތުގައި ހުންނާނެ ވަފާތެރި ގާތް ރަޙުމަތްތެރިއަކު ބޭނުންނަމަ އަސްކަރީ ޚިދުމަތް ޚިޔާރުކުރާށެވެ. އަސްކަރީ ޚިދުމަތް އެ ގުޅުން ގުޅުވައިދެއެވެ. އަދި ދަމަހައްޓައިދެއެވެ. އަދި ބަދަހިކޮށްދެއެވެ.

އަސްކަރީ ހަޔާތުގައި ތަޙައްމަލުކުރާ ހުރިހާ ތަކުލީފެއްގެ އެއްކޮޅުގައި ކޮނޑު އަޅައިދޭނެ ރަހުމަތްތެރިން ތިބޭނެއެވެ.

  1. ޝަރަފުވެރިކަމާއެކު އަވަހަށް ރިޓަޔަރ ކުރުމަށް.

ސިފައިންގެ ޚިދުމަތާ ޅަ ޢުމުރުގައި ގުޅި، ބޭނުންނަމަ ޒުވާން ކަމުގައި ޝަރަފުވެރިކަމާއެކު ޚިދުމަތަކުން ރިޓަޔަރ ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އުމުރުން 18 އަހަރުގައި ސިފައިންގެ ޚިދުމަތަށް ވަދެވޭނެއެވެ. އަދި 20 އަހަރު ޚިދުމަތް ކުރުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެވޭނެއެވެ. މާނައަކީ ރިޓަޔަރމެންޓް ޕެންޝަނާއި ޞިއްޙީ ރަނގަޅު ކަވަރޭޖެއް ލިބި، ބޭނުންނަމަ 40 އަހަރު ފުރުމުގެ ކުރިން މުޅިން އެހެން ކެރިއަރެއް ފަށައިގަނެވޭނެއެވެ.

  1. ބޯހިޔާވަހިކަން ފަހިކުރުމަށް.

ސިފައިންގެ ޚިދުމަތަށް ވަންނަ ޒުވާން ކުދިންނަށް އަސްކަރީ މަރުކަޒުތަކުން ރަނގަޅު އެކަމަޑޭޝަނެއް ހަމަޖެހިގެން ދިއުމަކީ އެ ކުދިންނަށް ލިބޭ ރައްކާތެރި ކަމެކެވެ. އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ އަސްކަރިއްޔާތަކުގައި ދޫކުރާ ހައުސިން ލޯނުތަކާއި ސްކީމްތަކާއެކު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ސިފައިންނަށް އަތުން ލާރި އިތުރަށް ނުލައި ރަނގަޅު ފެންވަރުގެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ގަނެވެއެވެ.

ދިވެހިރާއްޖޭގައި ވެސް ދައުލަތުގެ ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުން ސިފައިންގެ ބޯހިޔާވަހިކަމަށް އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވައެވެ. އޭގެތެރޭގައި ޚިދުމަތުގައި ތިބޭއިރު ލިބޭ ބޯހިޔާވަހިކަމާއި ދާއިމީ ބޯހިޔާވަހިކަން ވެސް ހިމެނެއެވެ.

  1. އަސްކަރީ ވަރުގަދަ ފަހުލަވާނަކަށް ވުމަށް.

ސިފައިންގެ މީހެއްގެ ކިބައިން ފެންނާނީ އަސްކަރީ ވަރުގަދަ އަޚްލާޤެވެ. މަސައްކަތުގެ އަޚްލާޤާއި ވަފާތެރިކަމާއި އިޚްލާޞްތެރިކަމެވެ. އަސްކަރިއްޔާއިން ނިކުމެގެން ދިޔަޔަސް މި ސިފަތަކެއް ނުގެއްލޭނެއެވެ.

 

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.