...

Support Us

ފަސް ޝަރުޠެއް ފުރިހަމަކުރެވޭނެ ނަމަ…

އެއް ދުވަހަކު މީހަކު އިބްރާހިމް ބިން އަދުހަމްގެ އަރިހަށް ގޮސް ދެންނެވިއެވެ.

"އޭ އަބޫ އިސްހާޤު އެވެ. އަހަރެންނަކީ މެދުނުކެނޑި އަހަރެންގެ އަމިއްލަ ނަފްސަށް އަނިޔާވެރިވާ (ފާފަކުރާ) މީހަކީމެވެ. އަދި އަހަރެންގެ މިނުބައި އާދަތަކާ ދުރުހެލިވުމަށް އަހުރެންނަށް ދެވޭ ހުރިހާ ދައުވަތަކަށް އަހަރެން ފުރަގަސްދެމެވެ. އަހުރެން މިކަންކަމުން ސަލާމަތްވާނެ ގޮތެއް ވިދާޅުވެ ދެއްވަފާނަންތޯއެވެ؟

އެ ހިނދު އިބްރާހިމް ވިދާޅުވިއެވެ. "ތިބާއަށް ފަސް ޝަރުޠެއް ފުރިހަމަކުރެވޭނެ ނަމަ، ފާފަ ކުރުމަކުން ތިބާއަށް ދުވަހަކުވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދި ތިބާ ބޭނުން ވަރަކަށް ތިބާގެ އެދުންތަކައިގެން ކުރިޔަށްދާށެވެ."

އެމީހާ ހީނލާފައި ދެންނެވިއެވެ. "އެ ޝަރުތުތަކަކީ ކޮބައިތޯއެވެ؟"

އިބުރާހިމް ވިދާޅުވިއެވެ. "ފުރަތަމަ ކަމަކަށް ތިބާ، الله އަށް ނުކިޔަމަންތެރިވާން ބޭނުންނަމަ، ދެން އެކަލާނގެ ދެއްވާ ރިޒުޤުން ނުކާށެވެ."

އެމީހާ ދެންނެވިއެވެ. "ތިޔައީ ކޮން ކަހަލަ ޝަރުތެއްތޯއެވެ؟ އެކަލާނގެ ދެއްވާ ރިޒްޤު ނޫން ދެން އަހަރެން ކާނީ ކޮން އެއްޗެއްތޯއެވެ؟"

އިބުރާހިމް ވިދާޅުވިއެވެ. "އެކަލާނގެއަށް ނުކިޔަމަންތެރިވާ ހާލުގައި އެކަލާނގެ ދެއްވާ ރިޒުޤުން ކެއުން އެއީ ބުއްދި ހަމަޖެހޭ ކަމެއް ހެއްޔެވެ؟"

އެމީހާ ދެންނެވިއެވެ. "ނޫނެކެވެ. ދެވަނަ ޝަރުތަކީ ކޮބައިތޯއެވެ؟"

އިބުރާޙިމް ވިދާޅުވިއެވެ. "ދެވަނަ ކަމަކަށް، ތިބާ الله އަށް ނުކިޔަމަންތެރިވާން ބޭނުން ނަމަ، ދެން އެކަލާނގެ ބިމުގައި ނޫޅެ އެހެން ބިމަކަަށް ތިބާ ދާށެވެ."

އެމީހާ ދެންނެވިއެވެ. "އޭ އަބޫ އިސްހާޤް އެވެ. ތިޔައީ ފުރަތަމަ ޝަރުތަށްވުރެ ވެސް އުނދަގޫ ކަމެކެވެ. އިރުމަތިން ފެށިގެން ހުޅަނގާ ހަމަޔަށް ފެތުރިފައިވާ ހުރިހާ ބިންތަކަކީ އެކަލާނގެ ބިންތަކެވެ. އެހެންވީމާ ދެން އަހަރެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ ތިންވަނަ ޝަރުތު ވިދާޅުވެ ދެއްވާށެވެ."

އިބްރާހިމް ވިދާޅުވިއެވެ. "ތިބާ އެކަލާނގެ ރިޒުޤުން ކައިގެން އެކަލާނގެ ބިމުގައި އުޅެ އެކަލާނގެއަށް ނުކިޔަމަންތެރިވުމަށް ތިބާގެ ނަފްސު ބާރުއަޅާނަމަ، ކުޑަމިނުން އެކަލާނގެއަށް ނުފެންނަ ތަނެއް ހޯދައި، އެތަނެެއްގައި އެކަލާނގެއަށް ނުކިޔަމަންތެރިވާށެވެ."

އެހިނދު އެމީހާއަށް ބޭއިޚްތިޔާގައި ހަޅޭއްލަވައިގަނެވުނެވެ. އަދި ބުންޏެވެ. "އޭ އަބޫ އިސްޙާގެވެ. އިންސާނުންގެ ހިތުތެރޭގައިވާ ހުރިހާ ސިއްރުތަކެއްވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. ދެން އަހަރެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ހަތަރުވަނަ ޝަރުތަކީ ކޮބައިތޯއެވެ؟"

އޭނާ މާޔޫސްވެފައި އަހާލިއެވެ. އެހިނދު އިބުރާޙިމް ބުން އަދުޙަމް ވިދާޅުވިއެވެ. "ތިބާގެ ފުރާނަ ހިއްޕެވުމަށް މަރުގެ މަލާއިކަތާ ވަޑައިގަތުމުން ދަންނަވާށެވެ. އަހުރެން ތަޢުބާވެ ހެޔޮ ޢަމަލު ކުރުމަށް، އަހުރެންގެ އަޖަލު ފަސްކޮށްދެއްވާށެވެ."

އެމީހާ ދެންނެވިއެވެ. "އަބޫ އިސްޙާޤެވެ! ތިޔައީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟ އަހުރެންގެ އަޖަލު ޖެހުމުން މަލާއިކަތާ އަހަރެން ކުރާ އެއްވެސް އާދޭހެއް އަޑެއް ނާހާނެއެވެ."

އިބްރާހިމް ވިދާޅުވިއެވެ. "އެހެންވިއްޔާ، ތިބާ ތައުބާވުމަށްޓަކައި އަޖަލު ފަސްނުކުރެވޭ ނަމަ ދެން ސަލާމަތްވާނެ ކަމަށް ތިބާ އުންމީދު ކުރަނީ ކިހިނެއް ހެއްޔެވެ؟"

އެމީހާ ދެންނެވިއެވެ. "އެންމެ ރަނގަޅެވެ. ފަސްވަނަ ޝަރުޠަކީ ކޮބައިތޯއެވެ؟"

އިބްރާހިމް ވިދާޅުވިއެވެ. "ޤިޔާމަތް ދުވަހު ތިބާ ގެންގޮސް ނަރަކަޔަށް ވައްޓާލުމަށް އެތަނުގެ ބަނޑޭރިން އަންނައިރު، ތިބާ އެމީހުންނާއެކު ނުދާށެވެ."

ދެންފަހެ އެ މީހާ ބުންޏެވެ. "ހަމަ ޔަޤީނުންވެސް އެމީހުން އަހަރެން ދޫކޮށެއް ނުލާނެއެވެ!"

ދެން އެމީހާ ހަޅޭއްލަވައިގަތެވެ. އެހިނދު އިބްރާހިމް ވިދާޅުވިއެވެ. "ދެން ތިބާ ސަލާމަތްވާނެ ކަމަށް އުންމީދު ކުރަނީ ކިހިނެއް ހެއްޔެވެ؟"

އެމީހާ ދެންނެވިއެވެ. "އޭ އަބޫ އިސްޙާޤެވެ. ހުއްޓާލާށެވެ! ހުއްޓާލާށެވެ! ތިވަރު އަހަންނަށް ފުދެއެވެ. އަހަރެން اللهގެ ހަޟުރަތުން ތަޢުބާ ލެއްވުމަށް އެދެމެވެ."

އެއަށްފަހު އެމީހާ ތަޢުބާވެ، އޭނާގެ އުމުރުގެ ބާކީބައި ﷲ އަށް އަޅުކަންކުރުމުގައި ދެމިހުރުމަށް ޢަޒުމް ކަނޑައެޅިއެވެ.

މަސްދަރު: ސްޓޯރީސް އޮފް ރިޕެންޓެންސް (މުޙައްމަދު އަބްދުލް މުޣާވިރީ) / އިސްލާމިކް ކޭން ވެބްސައިޓް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.