މަތިންދާ ބޯޓުތަކުގައި ކެބިން ކުރޫންނަށާއި އެޓެންޑެންޓުންގެ ގޮތުގައި ގިނައިން ފެންނަނީ ދެ ޖިންސްގެ ލޫޅާފަތި ޒުވާން ކުދިންނެވެ. ރީތި އަންހެން ކުދިންނަށް ޚާއްޞަ ވަޒީފާއެއް ކަމަށް ބެލެވޭ ވަރަށް އެއް ދުވަސްވަރެއްގައި މުޅި ދުނިޔޭގައި ވެސް އެ ވަޒީފާތަކުގައި އުޅުނީ މުޅީން ވެސް އަންހެން ކުދިންނެވެ. މިހާރު ގިނަ އެއަރލައިން ތަކުގައި އެއީ ދެ ޖިންސްގެ ޒުވާން ކުދިންގެ ވަޒީފާއެކެވެ. އެހެން ނަމަވެސް އެމެރިކަން އެއަރލައިންސް ތަފާތެވެ.
އެމެރިކަން އެއަރލައިންސްގެ ބޯޓުތަކުން އާންމުކޮށް ފެންނާނީ ސާޅީސް އަހަރަށްވުރެ މަތީގެ މީހުންނެވެ. ބަލާބެލުމަށް ބައެއް މީހުންނަށް ފަންސާސް އަހަރަށްވުރެ ވެސް މަތިވެދާނެހެން ހީވެއެވެ. މޭކަޕްކޮށްފައި އަދި ގަޔަށް ބާރު ޔުނީފޯމުގައި ތިއްބަސް މޫނުމަތީގެ ރޫތަކުންނާއި ހެލިފެލިވެ އުޅޭގޮތުން އެ މީހުންގެ އުމުރު ތަސައްވުރު ކޮށްދެއެވެ. އުމުރުން ދުވަސްވެފައި ތިއްބަސް އެ މީހުން އެ ފަންނުގައި ޕްރޮފެޝަނަލްކަން އެނގެއެވެ.
އެމެރިކާއަކީ ދުވަސްވިޔަސް ވަޒީފާ އަދާކުރާ ދެ ޖިންސްގެ މީހުން ވެސް ގިނަ ޤައުމެކެވެ. އަދި ވަޒީފާއަށް ކަމޭހިތާ މީހުންނާއި ޚިދުމަތް ދިނުމުގެ ރޫޙުގައި މަސައްކަތްކުރާ މީހުން ގިނަ ޤައުމެކެވެ. ދުވަސްވީ މީހުންނަށް ވެސް ފުރުސަތުތައް އޮތް ޤައުމެކެވެ. މަސައްކަތްތެރީންގެ ޙައްޤުތައް ޤާނޫނީ ގޮތުން ކަށަވަރު ކޮށްދިނުމުގެ އިތުރުން އެންމެންގެ މެދުގައި ވެސް މަސައްކަތްތެރީންނަށް ކަމޭހިތުމުގެ ސަގާފަތެއް އޮތް ޤައުމެކެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އެމެރިކަން އެއަރލައިންސްގެ ބޯޓުތަކުގައި އުމުރުން ދުވަސްވީ މީހުން އެޓެންޑެންޓުންގެ ގޮތުގައި އުޅޭ ސަބަބަކީ އެއީއެވެ.

އަނެއް ބަޔަކު ދެކޭގޮތުގައި އެއީ އެމެރިކަން އެއަރލައިންސްގެ ސިޔާސަތެކެވެ. ޚާއްޞަކޮށް އެތެރޭގެ އުދުހުންތަކުގައެވެ. އެމެރިކަން އެއަރލައިންސް ދެކެނީ ފްލައިޓް އެޓެންޑެންޓުންގެ ޚިދުމަތަކީ ވެސް ފަންނެއްގެ ގޮތުގައެވެ. ދުވަސްވީ ތަޖުރިބާކާރުންގެ ޚިދުމަތް އެ އެއަރލައިނަށް މުހިންމުވަނީ ބައިވަރު އިސްތިރާޖީ ސަބަބުތަކާއި ޤައުމީ މަސްލަހަތުތައް ހުރެގެންނެވެ. ރީތި، ޒުވާން އުމުރުއްސުރެ އެ ފަރާތްތަކުން ޤައުމަށް ކޮށްދިން ޚިދުމަތް އެ ޤައުމުގައި ބަލައިގަންނަނީއެވެ. އެ ފަންނުގެ ކޮލިފައިޑް، އުމުރުން ދުވަސްވީ މީހުންނަށް އެތެރޭގައި އުދުހޭ ބޯޓުތަކުން ފުރުސަތު ހުޅުވާލާފައި އޮންނަނީއެވެ.
މި މައްސަލައިގައި ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެމެރިކަން އެއަރލައިންސަކީ އެންމެ ފައިދާވާ އަދި އެއްވަރެއްގައި ޚިދުމަތާއި ފައިދާ ވެސް ހިފެހެއްޓުމުގެ ރިކޯޑް އޮތް ކުންފުންޏެއް ކަމަށެވެ. ރީތި ކުދިން ނަލަހައްދައިގެން ނުނެރުންސް އެ އެއަރލައިންގެ ސީޓުތައް ހުސްކޮށް ނުހުންނާނެ ކަމަށް އޭނާ ބުންޏެވެ.

"ކޮންމެ ބަޔަކު ޚިދުމަތް ދޭން ތިއްބަސް ޑިމާންޑް އެބައޮތް. ދުށިންތަ ތިޔަކުރި ދަތުރުތަކުގައި ހުސްކޮށް ހުރި އެންމެ ސީޓެއް ވެސް؟" ވާހަކަ ނިންމާލަމުން އޭނާ ކުރީ ސުވާލެކެވެ. ހުސްކޮށް ސީޓެއް ހުއްޓައި ދުށް ހަނދާނެއް އަޅުގަނޑު ނުވިއެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment