ދައުރު ވާއިރު ދުނިޔެ، އެކި އިރު އެކި އަޑުން ގުގުމާނެޔޭ
ކައުނުވެސް އެކި ކުލަތަކުން ފެވެމުން ފަނޑުވަމުންދާނެޔޭ
ޝައުގުވެރިވާ، ފޫހިކުރުވާ، ފަހަރުވެސް އަންނާނެޔޭ
މަޢުނަވީ އެތަކެއް ދަރެސް ހޯދައިފިނަމަ ލިބިދޭނެޔޭ
ހުއްޓަކަސް މާގާތުގައި ނުވެދާނެއޭ އެކުވެރިއަކަށް
ޙުއްޖަތެއްނޫން އެކުއުޅުންމީ ވާކަށެއް ތެދުވެރިއަކަށް
ރުއްސުމަށް ތަޢުރީފު ނުކުރިޔަކަސް ވެދާނޭ މިތުރަކަށް
ބުއްދިވެރިޔަކުނަމަ މިކަމުގައި ފިކުރުކޮށް ވިސްނާނެޔޭ
ކޮންމެ ފަހަރަކު ހިތްއެދޭ ހުރިހައިގޮތެއް ނުވިޔަސް ދިމާ
ކޮންމެ ކަމަކުން ފޭނުވާށޭ ނުތަނަވަސް ވިޔަކަސް އިމާ
ކޮންމެ ކަމަކަށް ޞަބުރުވެރިކަން އިސްކުރަންވާނޭ ތިމާ
އޮންނަ މީ ދުނިޔޭގެ ހަމަކަން ދަސްކުރަންވެސް ވާނެޔޭ
އެދުމަކަށް ދަހިވެތިވެގެން ނޫނީ އަތެއް ފިރުކައިނުލާ
ހެދުމަކުން މާރީތިކޮށް ޒީނަތްވެ ތިބެގެން ފޮރުވިލާ
މެދުވެރީންގެތެރޭ މި އުޅެނީ ކެހިވެރީންނޭ ފާރަލާ
ވެދުމަކަށް ބުނި ތެދުބަހެއްމީ އަޑު އަހާލަންވާނެޔޭ