Support Us

ކާމިޔާބީގެ ތަނބުތައް: ދެބަސްވެ އަރާރުން ނުވުން

ﷲ ސުބްޙާނަހޫ ވަ ތަޢާލާ އެކަލާނގެ މުޙްކަމު ފޮތުގައި ވަޙީ ކުރެއްވިއެވެ. ((وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ[1] – އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.))

މި އާޔަތުގައި މާތް ﷲ މުސްލިމުންނަށް ކުރައްވައިފައިވާ އަމުރުފުޅަކީ އެމީހުންގެ ޙަޔާތަށް ވަރަށް މުހިއްމު އަމުރުފުޅެކެވެ. މި ބަސްފުޅު އައިސްފައިވަނީ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ބައްދަލުވާ ވަގުތު  ސާބިތުވެ ތިބުމަށް އަމުރު ކުރެއްވި ބަސްފުޅާ ވިދިގެންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެ ބަސްފުޅުގައި ވަނީ ((يَا أَيُّهَا الذِينَ آمَنُوا إذا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللهَ كَثِيرًا لَعَلكُمْ تُفْلِحُونَ [2]– އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافرންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ)).

އަލްއަންފާލު ސޫރަތުގެ 46ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަ ތަޢާލާ މުއުމިނުންނަށް އަމުރުކުރައްވައިފައި މި ވަނީ ﷲއަށާއި ރަސޫލާއަށް ފުރިހަމައަށް ކިޔަމަންގަތުމަށެވެ. މި ބަސްފުޅުގެ ތެރޭގައި ޙާކިމާއަށް ކިޔަމަންވުން ވެސް ހިމެނެއެވެ. ﷲއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ޙާކިމާއަށް ކިޔަމަންގަތުން ވާޖިބުވާނެއެވެ.

ﷲއަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމަށް އެންގެވުމަށްފަހު ދެން ބަޔާންކޮށް ދެއްވައިފައި ވަނީ މުސްލިމުންގެ ޢިއްޒަތާއި ކަރާމަތާއި އުންމަތް ރައްކައުތެރިކުމަށް ބޭނުންވާ މަންހަޖެވެ. އެކަލާނގެ މި އާޔަތުގައި މުސްލިމުންނަށް އުނގަންނައިދެއްވައިފައި މި ވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ފިޤްހެވެ. މި އާޔަތުގައި އެކަލާނގެ މުއުމިނުންނަށް  އަމުރު ކުރައްވައިފައި މި ވަނީ އަރާރުން ނުވުމަށެވެ. އަރާރުންވުމުގެ ސަބަބުން ނާކާމިޔާބާ ކުރިމަތިލާން ޖެހިދާނެތީއެވެ. އިސްލާމީ އުންމަތާ ކުރިމަތިވި ކޮންމެ މުޞީބަތެއްގެ ސަބަބަކީ އަރާރުމާއި ދެބަސްވުމެވެ.

  • މުސްލިމުންގެ މެދުގައި އުފެދުނު އެންމެ ފުރަތަމަ ދެބަސްވުމަކީ ޢުޘްމާނުގެފާނު އަވަހާރަކޮށްލުމާ ވިދިގެން އުންމަތުގެ ދަރީން މެދުގައި އުފެދުނު ދެބަސްވުމާއި އަރާރުމެވެ. މި ފިތުނައިގެ ތެރޭގައި ޞަޙާބީންގެ ތެރެއިން ޢިލްމުވެރި ބޮޑެތި ޞަޙާބީންތަކެއް އަވަހާރަކޮށްލައިގެންދިޔައެވެ. ރާޝިދު ޚިލާފަތު ނެތިގެން ދިޔައެވެ. ވާރުތައިން ވެރިކަން ލިބޭ ޚުދުމުޚްތާރު ރަސްކަމަކަށް އިސްލާމީ އުންމަތުގެ ވެރިކަން ބަދަލުވެގެން ދިޔައެވެ. މިކަމާ ވިދިގެން މުސްލިމުންގެ ސަފުތައް ބައިބައިވެގެން ދިޔައެވެ. އިސްލާންދީނަށް ޙަސަދަވެރިވާ އެތައް ޢަނާޞިރުތަކެއް މުސްލިމުންގެ ސަފުތަކުގެ ތެރެއަށް ވަދެ މުސްލިމުންގެ ވަރުގަދަ ބިނާގައި ރެނދުތައް އަޅުވައި މުސްލިމުން ޕާޓީތަކަކަށް ބަހައިލިއެވެ. މުސްލިމުންގެ މާއްދީ، ޢަސްކަރީ، ފިކްރީ ހަކަތަތައް މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވޭ އެއްޗަކަށް  ބަދަލުކޮށްލިއެވެ. ނަތީޖާއަކަށް ވީ  ދީނީ އަރާރުންތަކެއްގެ ހުޅުގަނޑު ވަރުގަދައަށް ރޯވެ މި އަލިފާނުގެ ދިލައިގައި މުސްލިމުން މޯޅިވަމުން ދިޔުމެވެ. ޚަވާރިޖުންނާއި ރަވާފިޟުންނާއި މުރްޖިއާއިންނާއި ޖުހަނިއްޔާއިންނާއި މުޢުތަޒިލާއިންފަދަ ޖަމާޢަތްތައް އުފެދި މުސްލިމުން ބައިބައިކޮށް ހާސްކޮށް ކަންބޮޑު ކުރުވިއެވެ. [3]
  • މި އަރާރުންތަކުގެ ސަބަބުން ދެބަސްވުމުގެ ރޫޙު ފުންވަމުން ދިޔައެވެ. މި ކަމުގެ ސަބަބުން އުންމަތުގައި ތަފާތު ޒަޢާމަތްތައް އުފެދިގެން ދިޔައެވެ. އުންމަތް ފަޅިފަޅިވިއެވެ. ހިޖްރައިން 4 ވަނަ ސައްތައާ ހަމައަށް ދިޔައިރު އިސްލާމީ އުންމަތުގައި ތިން ޚަލީފާއިން ތިއްބެވިއެވެ. ބަޣްދާދުގައި ޢައްބާސީ ދައުލަތެވެ. މިޞްރުގައި ފާޠިމީ ދައުލަތެވެ. އަންދަލްސްގައި އުމަވީ ދައުލަތެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ޚިލާފަތާމެދު އޮތް އިތުބާރު ގެއްލިގެން ދިޔައެވެ. އެއަށްފަހު މި ޚިލާފަތުގެ ހައިބަތާއި ޤަދަރު ވެއްޓިގެން ދިޔައެވެ. ނަތީޖާއަކަށްވީ އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކުރުމުގެ ޖޯޝް ޢަދުއްވުން ކިބައިގައި އުފެދި އެ ކަމަށް ތެދުވުމެވެ.
  • މުސްލިމުންގެ މެދުގައި މި އުފެދުނު ދާޚިލީ އަރާރުމުގެ ނަތީޖާއަކީ އިސްލާމީ ފުތޫޙާތުތައް ހުއްޓުމެވެ. އަންދަލްސް ކުދިކުދި ހަތުރުވެރި ދައުލަތްތަކަކަށް ބައިބައިވުމެވެ. އެންމެ ފަހުން އަންދަލްސްގައި އޮތް އިސްލާމީ ދައުލަތް ނެތިގެން ދިޔުމެވެ. އެތައް ލައްކަ މުސްލިމުންނެއް ކަތިލެވިގެން ދިޔުމެވެ.
  • މުސްލިމުންގެ މެދުގައި ދެބަސްވުންތައް ގިނަވެ އަރާރުންތައް ބޮޑުވުމުގެ ނަތީޖާއަކަށްވީ ޢުޘްމާނީ ޚިލާފަތު ވެއްޓި އިސްލާމީ ޤައުމުތައް ކުދިކުދި ދައުލަތްތަކަކަށް ބައިބައިވެގެން ގޮސް މުސްލިމުންގެ ބިންތަކަށް ހުޅަނގުގެ އިސްތިޢުމާރު ވެރިވެގަތުމެވެ.
  • މުސްލިމުންނަށް ފަލަސްޠީނު ގެއްލިގެން ދިޔައީ މި އަރާރުމުގެ ސަބަބުންނެވެ. އިންޑިއާއާއި ޗައިނާއާއި އަފްޣާނިސްތާނާއި އިންޑޮނޭޝިޔާއާއި އިރުމަތީ ޔޫރަޕްގައި މުސްލިމުން ބަލިކަށިވެ ނިކަމެތިވެގެން ދިޔައީ މި އަރާރުންތަކުގެ ސަބަބުންނެވެ.ސޮވިއެޓް ޔުނިއަނުން އިރުމަތީ ޔޫރަޕްގެ އިސްލާމީ ޤައުމުތައް އަޅުވެތި ކުރިއިރު ހުޅަނގުގެ އިސްތިޢުމާރީ ޤައުމުތަކުން އެފްރިކާގެ ޤައުމުތަކާއި އޭޝިޔާގެ އިސްލާމީ ޤައުމުތައް ފޮތފޮތިކޮށް ކުދިކުދި ޤައުމުތަކަކަށް ހެދިއެވެ.
  • ޔޫރަޕްގެ އިސްތިޢުމާރުން ޢަރަބި ޤައުމުތައް ކުދިކުދި ދައުލަތްތަކަކަށް ފަޅިފަޅިކޮށްލިއެވެ.
  • އެމެރިކާއާއި ޔޫރްޕްގެ ޤައުމުތަކުގެ ތެރެއިން އެމެރިކާއާ އެމެރިކާގެ ބައިވެރީން އިސްލާމީ ޤައުމުތަކުގެ ތެރޭގައި މަޒްހަބީ ފިތުނަ އުފައްދައި މުސްލިމުންގެ ތަފާތު މަޒްހަބުތަކުގެ މެދުގައި ފިތުނަވެރިކަމުގެ އަލިފާން ރޯކުރިއެވެ. މި ކަމުގައި އެންމެ ރަނގަޅު މިސާލަކީ ޢިރާޤެވެ. މި ފިތުނައިގެ އަލިފާނުގައި އެ ޤައުމު މިއަދު ދަނީ އަނދަމުންނެވެ.
  • މިއަދު ސޫރިޔާއާއި ލުބްނާނާއި ޞޫމާލާއި ޔަމަނާއި ސޫދާނާއި ލީބިޔާގައި ހިނގަމުންދާ ފިތުނައަކީ ވެސް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ނުބައި ރޭވުމުގެ ދަށުން ރޯކޮށްފައިވާ ފިތުނަތަކެކެވެ.

ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ބަސްފުޅު ((يَا أَيُّهَا الذِينَ آمَنُوا إذا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللهَ كَثِيرًا لَعَلكُمْ تُفْلِحُونَ* وَأَطِيعُوا اللهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللهَ مَعَ الصَّابِرِينَ- الأنفال 45-46- މާނައަކީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (كافر ންގެ ހަނގުރާމަވެރި) ބަޔަކާ ބައްދަލުވެއްޖެނަމަ ސާބިތުވެ ތިބޭހުށިކަމެވެ! އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެއަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.)) ރަނގަޅަށް ދެނެގަނެ އެއާ އެއްގޮތަށް މުސްލިމުންނަށް ޢަމަލު ކުރެވުނުނަމަ މުސްލިމުންގެ ޙާލަތު ތަފާތުވާނެކަން ކަށަވަރެވެ.

  • ދެބަސްވެ އަރާރުންވުމުގެ ނަތީޖާއަކީ މުސްލިމުން ނިކަމެތިވުމެވެ. މުސްލިމުންގެ ދައުލަތް ވެއްޓި ނެތިގެން ދިޔުމެވެ. މިއަދު އިތުރަށް މި އަރާރުންތައް ފުޅައުވެގެން ދިޔަ ނުދިނުމަށް ޓަކައި މުސްލިމުންނަށް ދެބަސްވުމުގެ ފިޤްހު އުނގެނެން އެބަޖެހެއެވެ. އެއްބަނޑުއެއްބަފައިކަމުގެ މާޙައުލެއްގައި އެކުގައި އުޅެން ދަސްކުރަން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ތަޢުލީމީ މަންހަޖު އިޞްލާޙުކޮށް އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ދަމަހައްޓަން އެބަ ޖެހެއެވެ. މި މަންހަޖު އެއްބަނޑުއެއްބަފައިކަމާއި އިސްލާމީ ލޯބި ދަސްކޮށްދޭ މަންހަޖަކަށް ހަދަން އެބަޖެހެއެވެ.

 

[1]  – الأنفال : 46

[2]  –  الأنفال : 45

[3]  –  حاضر العالم الإسلامي وقضاياه المعاصرة، جميل المصري (ص47)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *