ހާދަ ވަރުގަދަ ފައުޖު ފައުޖާ ކާބަފައިން ކުރިމަތިލިއޭ
ވާދަކޮށް ކެރިގެންނުކުމެ ނަޞްރާ ފަތަޙަވެސް ހޯދިއޭ
ހިތުތެރޭގައި ދީނަށާ ގައުމިއްޔަތަށް އޮތް ލޯތްބަކުން
ހަތުރުނަށް ފުރުޞަތުނުދީ ފައްސައި ފަހައި ފޮނުވާލިއޭ
ދެއްކި ގަދަފަދަ ހިތްވަރާ،ކެތްތެރިކަމާ ސާބިތުކަމާ
އެއްލުމުން ހަމަ ކޮންމެ ޞަފުޙާއެއް މިއަދުވެސް ހެކިދެއޭ
ދީބުގައި މަސަލަސްކަމާއި އަމާންކަމާ ގާއިމުކުރަން
ޖީބުގައި މާ ވަރުނެތަސް ރޫޙާއި ޖޯޝު އުފެއްދިއޭ
ރިވެތިކޮށް ފެއްސާ ރަތާއި ހުދާ އެކީ ވިހުރައިދެމުން
ދިވެހި ދިދައަށް އިޙްތިރާމާ ގަދަރު ހޯދައި ދެއްވިއޭ
އޭގެ ސަބަބުން ނޫންހެ މިނިވަންކަންމަތީ އަދު އުޅެވެނީ
ލޭގެ ހިނގުމާ ހިތުގެ ވިންދާ މިކަމުގައި އެއްބަސްވެއޭ
އަހަރެމެންގައި ވެސް އެ ހިތްވަރު ހުރިކަމަށް ޢަމަލާ ބަހުން
ފަހަތަކަށް ނުޖެހޭނަމޭ ބުނެ ދައްކުވައިދޭން ވާނެއޭ
އެންމެ މަތިވެރިވީ ޖިހާދޭ އޭ ޔަގީނުން ކަށަވަރޭ
އެންމެފަހު ނޭވާކޮޅަށް އުފުލަން ދިވެހި ދިދަ ވާނެއޭ