ތަކުބީރު ތަހުލީލުގެ އަޑުން ގުގުމާލަނީ ޢީދުލްފިޠުރު
ތަކުރީމުގައި ތަކުރާރުވާ ހެޔޮހާ ދުޢާޔާ ގިނަ ޒިކުރު
ފާއިތުވެ ދިޔަ މާތް މައްސަރުން ރޫޙަށް ލިބުނު މަތިވެރި ޣިޒާ
ގާއިމުވެ ހެޔޮމަގުގައި ތިބެން ބާރެއްކަމަށްވީ މާ އިތުރު
ޝައްވާލު މަސްފެށުމާއެކީ އުދަރެސް އަލުން ޒީނަތްވެލާ
ޖައްވާ ފަޒާ ރޯޝަންކުރީ ދައްކާލި މޫނުން އަލި ގަމަރު
ފަތުރައިފި ހުވަދުގެ މީރުވަސް އައުމާއެކީ ފިޠުރުގެ ދުވަސް
މަތުރައިފި އެވަހުން ކައުނުވެސް ދައްކައިފި އޭގައި ހުރި އަސަރު
ގިނިތައް ނިވާލާ ހިތްތަކުން ޞުލްޙައިގެ ދަންމަރު ދިއްލަމުން
ފިނިކަން މެޔަށް ލިބި ދީފިޔޭ ނިޢުމަތްތަކަށް ކުރުމަށް ޝުކުރު
ޢީދުގެ ސަލާމްކުރަމުން ބަހާ ހަދިޔާތަކުން މުޖުތަމަޢުގައި
ޢީދުގެ އުފާ މާބޮޑުތަނުން ދާނީ ވެގެން ގުނަވެވި އިތުރު
މުސްލިމް އަޚުންނާ އުޚުތުނާ މަތިވެރިވި ދީނުގެ ހަމަތަކުން
ވިސްނާށެވީ ކުރުމަށް އުފާ ޢީދުގެތެރޭ ކުރަމުން ފިކުރު